ކަރާގެ އިތުރުން ކަރާގެ އޮށަކީ ވެސް ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެއް

ފުޑް

ކަރާގެ އޮށްތައް އުކާލަން ހެޔޮނުވާނެ

ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ މާއްދާތަކަކުން ކަރާގެ އޮށްތައް ވަނީ މުއްސަނދިވެފައި
18 އޭޕްރީލު 2023

ރޯދަމަސް ނިމެނީ އެވެ. ކަރައަށް ވުރެ އާންމު މޭވާއެއް އަހަރެމެންނަށް މި ރޯދަމަހު، ހާއްސަކޮށް މިހާ އަވިގަދަ ދުވަސްވަރެއްގައި، ނޯންނާނެ އެވެ. އެކަމަކު މި މޭވާގެ އެންމެ މުހިންމު ބަޔާ މެދު ގިނަ މީހުންނަށް ސަމާލުކަން ނުދެވި އޮވެދާނެ އެވެ.

އޭގެ އޮށެވެ. އެއީ ސިއްހަތަށް އެތައް ފައިދާއަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކަރާގެ އޮށްތައް އުކާލަން ހެޔޮނުވާނެ އެވެ. ހިތްހަމަޖެހިލައިގެން ކާންވީ އެވެ. ހަފަންވީ އެވެ.

ތިރީގައި އެވަނީ ކަރާގެ އޮށްތަކުން ލިބެން ހުރި ފައިދާތަކެވެ. ހިތުގެ ސިއްހަތުން ފެށިގެން ދިފާއީ ނިޒާމާ ހަމައަށް ވެސް އޭގެ ރަނގަޅު އަސަރު އެހުރީ ކޮށްކޮށެވެ.

ހިތަށް ލިބޭ ފައިދާ

ކަރާގެ އޮށްތައް ވަނީ މެގްނީޒިއަމްއިން ފުރިފަ އެވެ. މިއީ ހިތުގެ ސިއްހަތު ރަނގަޅަށް ދަމަހައްޓައިދޭން އެހީތެރިވާ ބާވަތެކެވެ. ހިތުގެ ވިންދުގެ ވަޒަން ރަނގަޅަށް ބަހައްޓައިދީ، ބްލަޑް ޕްރެޝަރު ރަނގަޅު ހަމާގައި ކުރިއަށް ގެންދަން މެގްނީޒިއަމް މުހިންމު ރޯލެއް އަދާކުރެ އެވެ.

ދިފާއީ ނިޒާމު

ކަރާގެ އޮށުގައި ޒިންކްގެ ބައި ވެސް ގިނަ އެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމަށް މުހިންމު އެއްޗަކަށް ޒިންކް ވެ އެވެ. ބައްޔަކުން ދިފާއުވާން ނުވަތަ ހަށިގަނޑުގައި އެހެން ކޮންމެވެސް މައްސަލައެއް ދިމާވާ ނަމަ އިމިޔުން ސެލްތައް ހޭލައްވާލައި، ހަރަކާތްކުރުވަން ޖެހެ އެވެ. ޒިންކްގެ ޒިންމާއަކީ އެ އެވެ. އެހެންކަމުން ކަރާގެ އޮށުން ލިބޭ ޒިންކް، އަހަރެމެންގެ ދިފާއީ ނިޒާމް ރަނގަޅުކޮށްލަދެ އެވެ.

ހަޖަމްކުރަން އެހީތެރިއެއް

ބަނޑު ހަރުވުމަކީ ދިވެހިންގެ ވެސް އާންމު މައްސަލައެކެވެ. ގިނަ މީހުންނަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބާގެ ބައި އެތެރެއެއް ނުކުރެވެ އެވެ. އެހެންވެ ހަޖަމްކުރުމުގައި ތަފާތު މައްސަލަތައް ދިމާވެ އެވެ. ކަރާގެ އޮށަކީ، އެ މައްސަލައަށް ވެސް އޮތް ރަނގަޅު ހައްލެކެވެ. އެ އޮށުގައި ފައިބާ އާއި އަންސެޗުރޭޓެޑް ފެޓްސް ހިމެނެ އެވެ. މި ދެ ބައިން އެހީތެރިވެދެނީ ފަސޭހަކަމާ އެކު ބޮޑުކަމުދާށެވެ.

ހަންގަނޑާއި އިސްތަށިގަނޑުގެ ރީތިކަން

ރީތި ހަންގަނޑެއް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ހަމައެހެން ރަނގަޅު އިސްތަށިގަނޑަކަށް އަބަދުމެ މި ތިބެވެނީ އެދިއެދި އެވެ. އެކަމަށް އޮތް އެއް ފަރުވާއަކީ ވެސް ކަރާގެ އޮށެވެ. އޭގައި ޕްރޮޓީނުން މުއްސަނދިކަން ބޮޑެވެ. އޭގެ އިތުރުން މުހިންމު ފެޓީ އެސިޑްތައް ވެސް ހިމެނެ އެވެ. އެހެންކަމުން ކަރާ އޮށް ކައިގެން ހަންގަނޑުގެ ސިއްހަތު ރަނގަޅުކުރެވެ އެވެ. އިސްތަށިގަނޑަށް މުހިންމު މާއްދާތަކެއް ލިއްބައިދެވެ އެވެ.

ކަށީގެ ރައްކާތެރިކަމަށް

ކަށިތައް ވަރުގަދަ ކުރަން ބޭނުން ނަމަ އެންމެ މުހިންމީ ކެލްސިއަމް އެވެ. ކަރާގެ އޮށުގައި ކެލްސިއަމް ގިނަ އެވެ. ހަމައެކަނި ކައްޓަކަށް ނޫނެވެ. މަސްތަކަށް ވެސް ކެލްސިއަމް މުހިންމެވެ. ނާރުތަކަށް ވެސް މުހިންމެވެ.

ކަރާގެ އޮށްތައް ރޮލާ ވެސް އަހަރެމެން ކަމެވެ. ނޫނީ ހަނާ ވެސް ކުރެވިދާނެ އެވެ. ހަނާކޮށް، ހިމުން ވެސް ކޮށްލެވިދާނެ އެވެ. އޭރުން ސެލެޑް ނޫނީ ބަތްގަނޑު ތެރެއަށް އަޅައިގެން ބޭނުންކޮށްލަންވީ އެވެ.

ގިނަ ދިވެހިންނަށް ކަރާ އޮށް ރޮލާ ކާން އުނދަގުލެއް ނުވާނެ އެވެ. ބައެއް މީހުންނަށް މީރީ ވެސް ކަރާ ފަނީގައި އޮށް ވެސް ހުރެގެންނެވެ.

މިހާ ފައިދާ ބޮޑު އެއްޗެއް އުކާލަންވީ ކީއްކުރަން ހެއްޔެވެ؟ ކަރާ ފޮތިކޮށްލާފައި، އެ އޮށްތައް ނަގަން އެހާ މަސައްކަތްކޮށްފައި، ހަށިގަނޑުގެ ފައިދާއަށް ބޭނުންނުކޮށް ކުނިވަށިގަނޑަށް އަޅާލާކަށް ނުވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް