މިދިއަ ރޯދަމަހު މާލޭގެ މިސްކިތެއްގައި މީހަކު ޤުރުއާން ކިޔަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ދީން

އަހަރެމެންނަށް އޮތީ ޤުރުއާނާ ވީހާވެސް ބޮޑަކަށް ކައިރިވުން

ގިނައިން ޤުރުއާން ކިޔެވުމަކީ ތިމާގެ އީމާންތެރިކަން ބޮޑުވެ، ހިތް އުފާކޮށްދޭނެ ކަމެއް

ކީރިތި ޤުރުއާނަކީ މާތްﷲގެ ކަލާމްފުޅެވެ. ސަމާވީ ފޮތެއްގެ ގޮތުގައި ބިމަށް ފޮނުއްވި އެންމެ ފަހުގެ ދުސްތޫރެވެ. ވަލުޖަނަވާރާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، ހިލަގަލާފަރުބަދަ އާއި، އިރުހަނދާ ތަރިތަކާއި، މިނޫން ވެސް އެންމެހާ މަހުލޫގާތްތަކާ މެދު އިންސާނާ ބަހައްޓަން ޖެހޭ ގުޅުން ކަނޑައަޅާ ބަޔަންކޮށްފައިވާ ގުދުރަތީ ގާނޫނެވެ. އިންސާނިއްޔަތަށް ބޭނުންވާ އަމާންކަމާއި އޮމާންކަމާއި ސުލްހަމަސަލަސްކަމަށް އެ ފޮތް މަގު ދައްކަ އެވެ. މުއުމިނުންނަށްޓަކައި އޭގައި ޝިފާއެއްވެ އެވެ. އީމާނުގެ އަހުލުވެރިންނަށް އުފާވެރިކަމުގެ ހަބަރު ދެއްވަ އެވެ. ކާފިރުވި މީހުންނަށް ވައީދުގެ އިންޒާރު ކުރައްވަ އެވެ. އެހެންކަމުން ކީރިތި ޤުރުއާނަށް ލޯބިކުރުމަކީ އީމާންކަމުގެ އަލާމާތެކެވެ. އަދި އެ ފޮތަށް ރުޅިއެރުމީ ކާފިރުކަމެވެ.

ކީރިތި ޤުރުއާނަކީ އިތުރު އެއްވެސް މަހްލޫގެއްގެ ހިއްސާއެއް ނެތް، އިލާހީ ރިސާލަތެވެ. އެންމެހާ މަހްލޫގުންގެ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ހާލިގުގެ ފަރާތުން އެ މަހްލޫގުންނަށް ފޮނުއްވި މަގުޗާޓެކެވެ. އެއް މަހްލޫގެއްގެ ހައްގު ކަނޑައެޅުމުގައި އެހެން އެއްވެސް މަހްލޫގަކަށް އުނިކަމެއް ނާންނާނެ ގޮތަށް ރާއްވަވާފައިވާ ގަވާއިދުތަކެކެވެ. މަތިވެރި އިލާހެއްގެ ކިބައިން ނޫނީ މިހާ ފުރިހަމަ ގޮތެއްގައި އެއްވެސް އުސޫލުތަކެއް ކަނޑައެއް ނޭޅޭނެ އެވެ. އެހެންނޫނީ ފެންނަން ހުންނާނީ ފުށުއެރުންތަކާއި، އެއްކަމެއް އަނެއް ކަމަކާ ނުބައްދަލު އެތައް ކަމެކެވެ. މި ވާހަކަ ބަޔާން ކުރައްވައި އެ ފޮތުގައި ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވަނީ "ފަހެ، ޤުރުއާނާ މެދު އެއުރެން ވިސްނައި ފިކުރުނުކުރަނީ ހެއްޔެވެ؟ އެ ޤުރުއާނަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީ ނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

ޤުރުއާނުން އެންމެ އަކުރެއް ކިޔެވިޔަސް އެއަށް ސަވާބު ލިބޭނެ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)

"އަދި ޤުރުއާން ކިޔަވާ ހިނދު ތިޔަބައި މީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައި މީހުންނަށް ރަހުމަތްލެއްވުމަށްޓަކަ އެވެ."

މާތްﷲގެ ވަހީ ބަސްފުޅެއް

ކީރިތި ޤުރުއާނުގައި އަންގަވާފައި އެވާ ފަދައިން އެއްވެސް ހިލާފެއް އެ ފޮތުގެ އެއްވެސް ހިސާބަކުން ފެންނަށް ނެތުން އެކަންޏެއް ނޫނެވެ. އަދި ކިޔެއް، އެ ފޮތުގައި ބަޔާންކުރާ އެއްވެސް ކަމަކާ ދުނިޔެ ހިނގުމުގެ ނިޒާމާ ވެސް ފުށުއެރުމެއް ނުވަނީ އެވެ. އިންސާނީ ތަބީއަތުގެ އަސްލާ ވެސް ހިލާފުކަމެއް ނުފެންނަނީ އެވެ. ޒަމާނީ އިލްމީ ހޯދުންތަކުން ނުކުންނަ އެކިއެކި ނަތީޖާތަކާއި ކަންކަމުގެ ހަގީގަތްތަކުގެ ވާހަކަ ހަމަ އެގޮތަށް ރަނުންރަނަށް ބަޔާންވެގެން ވާތީ އެބަ ފެނެ އެވެ. މިކަންކަމުން ތާޒާވެ އާރޯވަނީ އީމާންތެރި ހިތްތަކުގެ ތަގުވާ އެވެ. ނިފާގުގެ ހިތްތަކަށް ބަލިމަޑުކަން އިތުރުވެ ޝައްކުގެ މަގަށް ވެއްޓިދެ އެވެ.

ކީރިތި ޤުރުއާން ކިޔަވާ ހިނދު ކަނުލާ އަޑުއެހުމަކީ، އޭގެ ސަބަބުން އެމީހަކަށް މާތްﷲ ރަހުމަތް ލައްވާނެކަމެކެވެ. އަރަބި ބަސް ނޭނގުމުގެ ސަބަބުން އާޔަތްތަކުގެ މާނަ ނޭނގުނު ކަމުގައިވިޔަސް މެއެވެ. މި ކަން ބަޔާންކުރައްވައި އެނގެވި ބަސްފުޅުގެ މާނާގައި ވަނީ އަންނަނިވި ފަދައިންނެވެ.

"އަދި ޤުރުއާން ކިޔަވާ ހިނދު ތިޔަބައި މީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައި މީހުންނަށް ރަހުމަތްލެއްވުމަށްޓަކަ އެވެ."

ކީރިތި ޤުރުއާނަކީ މާޒީވެދިޔަ ޒަމާންތަކުގެ ވާހަކަ އެންމެ ސައްހަ ގޮތުގައި ކިޔައިދޭ ފޮތެވެ. އެންމެ އިބުރަތްތެރި ރިވެތި ވާހަކަ ބަޔާންވެފައި އޮތީ އެ ފޮތުގަ އެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ:

"އެންމެ ރިވެތި ވާހަކަތައް، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ."

ވިސްނާ މީހުންނަށް މަންފާދެނިވި މުހިންމު ފިލާވަޅުތަކެއް އޭގައި ކިޔައިދެ އެވެ. އޭގެ ސަބަބުން އީމާންކަމުގެ ހިތްތަކަށް ތާޒާކަން ގެނުވަ އެވެ.

ކީރިތި ޤުރުއާނުގެ އެންމެ ހިތްގައިމު ކަމަކީ އެފޮތުން ކިޔަވާ ކޮންމެ އަކުރަކަށް އަޖުރު ލިބޭ ގޮތަށް އޮންނަ އޮތުމެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ނިޔަތުގައި ކިޔަވައިފި ކޮންމެ އަކުރަކަށް 10 ސަވާބު އެމީހެއްގެ އަމަލުނާމާގައި ލިޔުއްވާނެ ކަމަށް ސައްހަ ހަދީސްގައިވެ އެވެ. އެކަން ބަޔާންކުރެއްވި ހަދީސްފުޅުގެ މާނައިގައި ވަނީ އަންނަނިވި ފަދައިންނެވެ.

"ﷲގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ހެޔޮކަމެއްވެ އެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަ ހެޔޮކަން ފަދަ އެވެ. އެއީ އެންމެ އަކުރެއް ކަމުގައި ތިމަން ކަލޭގެފާނު ވިދާޅެއްނުވަމު އެވެ. އެހެނެއް ކަމަކު 'އަލިފު' އަކީ އަކުރެކެވެ. 'ލާމު' އަކީ އަކުރެކެވެ. އަދި 'މީމު' އަކީ ވެސް އަކުރެކެވެ." (ރަވާހު ތިރިމިޒީ)

ޤުރުއާން ކިޔެވުމުގެ ދަރުމަ އާއި ސަވާބުގެ ގިނަކަން ނިކަންދެކޭށެވެ! މުއުމިނު އަޅާއަށް ދަރުމަ އާއި އަޖުރު ފަސޭހައިން ލިބޭނެ މަގެއް ﷲ އެވަނީ ލައްވައިފަ އެވެ. ޤުރުއާނާ ކައިރިވެ އުޅުނު ވަރަކަށް އެމީހެއްގެ އީމާންތެރިކަން ތާޒާވެ އެވެ. އަދި ޤުރުއާނާ ދުރުވެ އޭގެ ހުކުމްތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ތިބާގެ ހަވާނަފުސަކީ އިލާހުކަމުގައި ހިފައިފި މީހާގެ ޝަކުވާ ﷲގެ ހަޒްރަތުގައި ގިޔާމަތްދުވަހުން މާތް ރަސޫލާ ކުރައްވާނެތެވެ. އެކަން ވަނީ ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފަ އެވެ. އެ އާޔަތުގެ މާނައީ: "ރަސޫލާ ވިދާޅުވި އެވެ. (އެބަހީ ގިޔާމަތްދުވަހުން ވިދާޅުވާނެތެވެ.) އޭ އަޅުގެ ވެރިރަސްކަނލާކޮ! ހަމަކަށަވަރުން، ތިމަން އަޅާގެ ގައުމުގެ މީހުން، މި ޤުރުއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއް ކަމުގައި ހަދައިފޫ އެވެ."

އަޅަމެންނަކީ އެފަދަ ޝަކުވާއެއް ރައްދުވާ ބަޔަކަ މުގައިނުލައްވާނދޭވެ!

ވީމާ ޤުރުއާނަށް އިހުތިމާމުކުރާށެވެ. އެ ފޮތާ ގާތްވެ އުޅޭށެވެ. ޤުރުއާނާ ތިމާ ބަހައްޓާނެ ގާތްކަމާއި އުޅޭނެ ދުރުމިން އިހްތިޔާރުކުރާނީ ކޮންމެ މީހަކު ވެސް އަމިއްލައަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް