ކޮންމެ އުމުރެއްގައި ވެސް ހިތުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭން ސިއްހީ ތަޖުރިބާކާރުން ލަފާދޭ

ސިއްހަތު

ގޯސް ކޮލެސްޓްރޯލްއާ އެކު ގިނަ ދުވަސް ވުން، ދުންފަތުގެ އިސްތިއުމާލްކުރުމެކޭ އެއްވަރު

20 އޮކްޓޯބަރު 2021

ގޯސް ކޮލެސްޓްރޯލް - އެލްޑީއެލް - ދިގު މުއްދަތަށް ހަށިގަނޑު ތެރޭގައި ހުރުމަކީ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމުން ލިބޭ ކަހަލަ ސިއްހީ ބޮޑު ގެއްލުމެއް ކަމަށް، އާ ދިރާސާއަކުން ދައްކައިފި އެވެ.

އެލްޑީއެލްގެ ސަބަބުން ހިތަށް ލޭ ފޮނުވައިދޭ ލޭނާރުތައް ބެދި، ހާޓް އެޓޭކް ކަހަލަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހެ އެވެ. އާ ހޯދުމުން އެނގުނީ އެލްޑީއެލްއާ އެކު ގިނަ ދުވަހު އުޅުމަކީ އޭގެ ނުރައްކާ، ދުންފަތުގެ އިސްތިއުމާލްކުރުމެކޭ އެއްގޮތަށް، ބޮޑުވާ ކަމެއް ކަމަށެވެ.

އެލްޑީއެލްގެ މިންވަރު މަތިކަން ނޭނގި އެތައް އަހަރެއް ވެ ދެ އެވެ. އެކަން ގިނަ މީހުންނަށް ރޭކާލަނީ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުންނެވެ. 

ފަހުގެ ދިރާސާގައި ސައިންސްވެރިން ވަނީ 18،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި އެކި މުއްދަތުގައި އެ މީހުން ހެދި އެލްޑީއެލްގެ ޓެސްޓްތައް ވެސް ހިމެނެ އެވެ. އެގޮތުން އެ މީހުންގެ ސިއްހީ ހާލަތު 16 އަހަރުގެ މުއްދަތަކަށް ބެލުނެވެ.

ދިރާސާއިން އެނގުނީ އެލްޑީއެލްގެ މިންވަރު މަތީގައި ހުރެގެން ގިނަ ދުވަސް ވާ ވަރަކަށް -- އެއީ ޒުވާން އިރު ކަމަށް ވިޔަސް އަދި މެދު އުމުރުގެ ދުވަސްތައް ކަމަށް ވިޔަސް -- ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ކަމެވެ.

ކޮލެސްޓްރޯލް ލެވެލް މަތިވުމަކީ ހިތުގެ ބަލިތަކަށް ހުށައަޅައިދޭ ކަމެއް

އެލްޑީއެލްގެ މިންވަރު ދަށްކޮށް ތިބޭ މީހުންނަށް ވުރެ އެ ނިސްބަތް މަތީ މީހުންނަށް ހިތުގެ ބަލިތަކާ ކުރިމަތިވުމުގެ ފުރުސަތު، ދިރާސާއިން ދެއްކި ގޮތުގައި، %57 އަށް ބޮޑުވެ އެވެ.

އެމެރިކާ ކަހަލަ ގައުމުތަކުގައި މިހާރު ގެންގުޅޭ މިންގަނޑުން ބަލާ ނަމަ އުމުރުން 40 އަހަރަށް ވުރެ ދަށުގެ މީހުންގެ އެލްޑިއެލްގެ މިންވަރު 190 އަށް ވުރެ މަތި ނަމަ ކޮލެސްޓްރޯލް ދަށްކުރާ ބޭސް ބޭނުންކުރަން ލަފާދެ އެވެ. އެކަމަކު ސައިންސްވެރިން ބުނާ ގޮތުގައި ހިތުގެ މައްސަލަތައް އެއަށް ވުރެ މާ ދަށް މިންވަރަކުން ވެސް ކުރިމަތިވެދާނެ އެވެ. (އެލްޑީއެލްގެ މިންވަރު 100 އަށް ވުރެ ދަށްވުން ބަލަނީ ރަނގަޅު މިންގަނޑެއްގެ ގޮތުގަ އެވެ.)

"އަހަރެމެންގެ ހިސާބުތަކުން މި އެނގުނީ 100 އަށް ވުރެ ދަށް ވިޔަސް ނުރައްކާ ފެށިދާނެކަން،" ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ކޮލަމްބިއާ ޔުނިވަސިޓީގެ މެޑިކަލް ސައިންސެސްގެ ޕްރޮފެސަރު ޔީޔީ ޒަންގް ވިދާޅުވި އެވެ.

"އެކަމަކު އޭގެ މާނައަކީ އެލްޑީއެލްގެ މިންވަރު 100 ގައި ހުރި 40 އަހަރުން ދަށުގެ މީހުން ބޭސް ބޭނުންކުރަން ފަށަންވިއްޔެކޭ ނޫން. އުމުރާއި އެލްޑީއެލް ހުންނަން ޖެހޭ އެންމެ ރަނގަޅު ނިސްބަތާ ބެހޭ އިތުރު ދިރާސާތައް އެބަ ބޭނުންވޭ."

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ހިތުގެ ބަލިތަކާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ ޑރ. ތަމާރާ ހޯވިޗު ވިދާޅުވި ގޮތުގައި ކޮލެސްޓްރޯލް ދަށްކުރާ ބޭސް ބޭނުންކުރުމުގެ އާންމު ގައިޑްލައިންގެ އަމާޒަކީ އުމުރުން ދުވަސްވީ މީހުންނެވެ. ސަބަބަކީ އުމުރުން ދުވަސްވާ ވަރަކަށް ހިތުގެ މައްސަލަތަކުގެ ނުރައްކާ ބޮޑުވުމެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މީގައި އޮތް ހައްލަކީ ކޮލެސްޓްރޯލް ލެވެލް ދަށްކުރަން އަބަދުވެސް މަސައްކަތްކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް