ޖަސްޓިން ބީބާ

ޖަސްޓިން ބީބާ

ޖަސްޓިން ބީބާގެ މޫނުގެ އެއް ފަޅި ވާގިނެތިއްޖެ

ބީބާ ބުނީ ހާލު ރަނގަޅު ވަންދެން އަރާމުކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ ކަމަށް
12 ޖޫން 2022

ބައްޔެއްގެ ސަބަބުން އޭނާގެ މޫނުގެ އެއް ފަޅި ވާގިނެތިފައިވާ ކަމަށް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ބުނެފި އެވެ.

އިންސްޓަގްރާމް ވީޑިއޯއެއްގައި ވާހަކަދައްކަމުން ބީބާ ވަނީ އޭނާގެ މޫނުގެ އެއް ފަޅި މަސައްކަތް ނުކުރާކަން ދައްކާލައިފަ އެވެ. ބީބާގެ އެއް ލޮލުން އެސްފިޔަ ނުޖެހޭއިރު އެ ފަރާތުން ތުންފަތް ވެސް ހަރަކާތެއް ނުކުރެ އެވެ. 

ބީބާ ބުނިގޮތުގައި އޭނާއަށް އެ ގޮތަށް ދިމާވީ 'ރަމްސޭ ހަންޓް ސިންޑްރޯމް'ގެ ސަބަބުންނެވެ. އެ ބައްޔަކީ ޝިންގަލްސް ޖެހިގެން، ކަންފަތް ކައިރީގައި ހުންނަ މޫނުގެ ނާރަށް އަސަރު ފޯރާ ހާލަތެވެ. ޝިންގަލްސް ޖެހެނީ ކުރިން ފާނަބަސަންދު ޖެހުމަށް ފަހު ހަށިގަނޑުން ނުފިލާ ހުންނަ ވައިރަސް ފަހުން ހަރަކާތްތެރިވާން ފެށުމުންނެވެ.

މޫނުގެ އެއް ފަޅި ވާގިނެތިފައިވާކަން ބީބާ ހާމަކުރި އިރު، ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްގެންދާ އޭނާގެ 'ޖަސްޓިސް ވޯލްޑް ޓުއާ'ގެ ތިން ޝޯއެއް ފަސްކުރިކަން މިދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފަ އެވެ.

ބީބާ ބުނީ ޝޯތައް ކެންސަލް ކުރަން ޖެހުމުން ރުޅިގަދަ ވިޔަސް ކުރާނެ ކަމެއް ނެތް ކަމަށާއި މި ވަގުތު އޭނާގެ ހާލަތު އެ ކަމަށް ތަން ނުދޭ ކަމަށެވެ. އަދި ހެޔޮ ދުއާކޮށްދިނުމަށް ފޭނުންގެ ކިބައިން އެދޭ ކަމަށް ވެސް ބުންޏެވެ.

ބީބާ ބުނީ މުޅިން ރަނގަޅު ވަންދެން އަރާމުކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ ކަމަށެވެ.

ރަމްސޭ ހަންޓް ސިންޑްރޯމް މެދުވެރިވާ ގިނަ މީހުންނަށް ކުރިމަތިވަނީ ވަގުތީ އަލާމާތްތަކެކެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ދާއިމީ ކަމަކަށް ވެގެންދެ އެވެ.

މިދިޔަ މާޗް މަހު ބީބާގެ އަންހެނުން ހެއިލީ ބީބާގެ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ހެއިލީ ބުނެފައިވާ ގޮތުގައި އޭނާއަށް ސްޓްރޯކެއް ޖެހުނީ އެވެ. އަދި އޭނާގެ ހިތުގައި އިން ލޯވަޅެއް ބައްދަން އޮޕަރޭޝަންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް