ވާހަކަ: މައިދައިތަ

ވާހަކަ

ވާހަކަ: މައިދައިތަ - ފުރަތަމަ ބައި

ކައިވެންޏަށް ފަހު އެ ލިބޭ އާ އާއިލާ ވާނީ ކޮން ކަހަލަ އާއިލާއަކަށްތޯ ވިސްނެ އެވެ. ލިބޭނީ ކޮން ކަހަލަ މައިދައިތައެއް ކަމެއް ނޭނގޭތީ ހާސްވެ އެވެ.
12 ޑިސެމްބަރު 2024

ކައިވެންޏޭ ބުނާ އިރަށް ބައެއް މީހުން ހިތްބިރުގަނެ އެވެ. ކައިވެނި ކުރުމުން ނަގަން ޖެހޭ ޒިންމާތައް ގިނަކަމުންނެވެ. ކައިވެންޏަށް ފަހު ދެން ވާނެ ގޮތެއް ނޭނގޭތީ އެވެ. ހަޔާތުގެ ބައިވެރިޔާގެ އަސްލު ނޭނގޭތީ އެވެ. ރައްޓެހިވެގެން ކިތަންމެ ދުވަހަކު އުޅުނަސް ކައިވެންޏަށް ފަހު މީހުންގެ ހަގީގަތް އެނގެން ފަށަ އެވެ. މައިދައިތަމެންނާއި އަލަށް ގުޅުނު އާއިލާއިން ތިމާ ބަލައިނުގަނެފާނެތީ އެވެ. މީހާ ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިޔަސް މިކަހަލަ ބިރު ފިލައިގެންނެއް ނުދެ އެވެ. އަހަރެންނަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އަހަރެންގެ ނަމަކީ އަހުނާ އެވެ. އުމުރުން 25 އަހަރު ވެއްޖެ އެވެ. ދިރިއުޅެނީ ފިރިމީހާ އާއި އޭނަގެ އާއިލާއާ އެކު ހުޅުމާލޭގަ އެވެ. ކައިވެންޏަށް އެއް އަހަރު ވީ އިރު އަހަރެން މާބަނޑު ވި އެވެ. މާބަނޑު ވުމުން މީހާއަށް ތަފާތު އިހުސާސްތަކެއް ކުރިމަތި ކުރުވަ އެވެ. ބައެއް ފަހަރު ކަމަކާ ނުލައި ރުޅިއަތުވެދާނެ އެވެ. އަނެއް ބައި ފަހަރު ކަމަކާނުލައި ރޮވިދާނެ އެވެ. މިކަހަލަ މަސްހުނި އިހުސާސްތަކެއް އަހަރެންނަށް ވެސް ކުރެވެ އެވެ.

އަހަރެންގެ އުމުރުން އެންމެ 19 އަހަރުގައި ކައިވެނި ކުރީމެވެ. މަންމަމެން އޭރު އަހަރެންގެ ކައިވެންޏާ މެދު އެހާ ގަބޫލެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ނުރުހުމުގައި ވިޔަސް އަހަރެން ހުރީ ނިޒާރުއާ އިންނަން ތައްޔާރު ވެގެންނެވެ. މަންމަމެން ނުގަބޫލުވި މައިގަނޑު ދެ ސަބަބެއް އޮތެވެ. އެއް ސަބަބަކީ އަހަރެންގެ އުމުރު ހަގުކަމުންނެވެ. އަނެއް ކަމަކީ ނިޒާރަކީ އަހަރެންނަށް ވުރެ 10 އަހަރު ދޮށީ މީހެކެވެ. މަންމަމެން ބުނާ ގޮތުން އެހާ ދޮށީ މީހަކާ އިނުމުގެ ބޭނުމެއް ނެތެވެ. އިނދެގެން އުފަލުގައެއް ނޫޅެވޭނެ އެވެ. ނަމަވެސް މިވީ ހައެއްކަ އަހަރު ތެރޭގައި އަހަރެން ސާބިތުކޮށްދިނީ އެއީ ދޮގެއް ކަމެވެ. ނިޒާރު އާއި އޭނަގެ އާއިލާ މީހުން އަހަރެންނަށް ވަރަށް ހެޔޮވެފައި ރަނގަޅެވެ. މައިދައިތަ އާއި ބަފައިބެ ވެސް އެހާ ރަނގަޅެވެ.

ހުޅުމާލޭގެ ތިން ކޮޓަރީ އެޕާޓްމެންޓްގައި އުޅެނީ އަހަރެންނާއި ނިޒާރު އާއި އޭނަގެ ކޮއްކޮ ނީނާ އާއި އެ ދެބެއިންގެ މައިންބަފައިންނެވެ. އަހަރެން މާބަނޑުކަން އެނގުނު ދުވަހުން ފެށިގެން މައިދައިތަގެ ހެޔޮކަން ދެގުނައަށް އިތުރުވެގެން ދިޔަ އެވެ. ގަޑިންގަޑިއަށް ކައިތޯ ބަލަ އެވެ. އަހަރެންނަށް ބޭސް ކާން ހަނދާންކޮށްދެ އެވެ. ގޭތެރޭގެ އެއްވެސް ކަމެއް އަހަރެން ލައްވާ ނުކުރުވަ އެވެ. އަބަދުވެސް ބުނަނީ އަރާމު ކުރުމަށެވެ. ނިޒާރުއާ އެއްކޮށް ބޭރަށް ގޮސްލާ ހިނގާލަން ދިޔުމަށެވެ. ބަނޑުގައިވާ ދަރިފުޅަށް ރަނގަޅުވާހާ ހުރިހާ ގޮތެއް މައިދައިތަ ކިޔާދެމުން ދިޔަ އެވެ. އެ ހުރިހާ ގޮތަކަށް އަހަރެން ދިޔައީ އަމަލު ކުރަމުންނެވެ. ބުނިއްޔާ ބުނި ކަމެއް ކުރަމުންނެވެ. މައިދައިތަގެ އިތުރުން ނީނާ ވެސްް އަހަރެންނަށް ވަރަށް ރަނގަޅެވެ. މަންމަމެންނަށް އެ މަންޒަރު ފެނުމުން އެކަމާ ވަރަށް އުފާވި އެވެ.

ދުވަހެއް ދުވަހަކަށް މައިދައިތަގެ ހެޔޮކަން އިތުރު ވަމުން ދިޔަ އެވެ. އަހަރެން ބައެއް ފަހަރު ހިތަށް އަރަ އެވެ. މިއީ ހުވަފެނެއްބާވަ އެވެ؟ މިހާ ރަނގަޅު މީހުން ވެސް ދުނިޔޭގައި އުޅޭ ހެއްޔެވެ؟ ބަރާބަރަށް ނަމާދުކޮށް، އަބަދުވެސް މަރިޔަމް ސޫރަތް ކިޔެވުމަށް ނަސޭހަތްދިނެވެ. ހަގީގަތުގައި ބުނަންޏާ މަންމައަށް ވުރެ ވެސް މައިދައިތަ މާ ރަނގަޅުވި އެވެ. ތަފާތު ވައްތަރުގެ މޭވާ އާއި ތަރުކާރީ އާއި ބުއިންތައް އަހަރެންނަށް ގެނެސްދެ އެވެ. ބައެއް ފަހަރު މޭ ނުބައިކޮށްފައި ހުއްޓަސް އަހަރެން ކެތްކޮށްލައިގެން އެ އެއްޗެއް ބޭނުން ކުރަމެވެ. އެއީ މައިދައިތަ ނުރުހިދާނެތީ އެވެ. އަހަރެންނާ މެދު ހިތްހަމަނުޖެހިދާނެތީ އެވެ.

"ދަރިފުޅާ! އެއްވެސް ކަމަކާ ހިތްހަމަނުޖެހިފައި ނުހުންނާތި. މިހާރު ވިހަން އެންމެ މަހަކަށް ވީ. އަބަދުވެސް ވަރަށް ބަލައިގެން އުޅެންވާނީ. އޭރުން ބަނޑުގައި އޮތް ދަރިފުޅަށް ރަނގަޅުވާނީ،" މައިދައިތަ ބުންޏެވެ.

"މަންމާ. އަހަރެން ކޮން ކަމަކާ ހިތްހަމަނުޖެހެންވީ؟ މަންމަމެން އެންމެން ވެސް ނުލާހިކު ރަނގަޅު. އަނެއްކާ އިރާދަ ކުރެއްވީތީ ދަރިފުޅުގެ ސިއްހަތުގެ ވެސް ރަނގަޅު ކަމަށް ޑޮކްޓަރު ބުނީ،" އަހަރެން ބުނީމެވެ.

ދުވަސް ކައިރިވަމުން އައިސް އަހަރެން ވިހެ އެވެ. ވިހެއީ ފިރިހެން ކުއްޖެކެވެ. ސިއްހަތު ރަނގަޅު ރޫފަ ރަނގަޅު ކުއްޖެކެވެ. މައިދައިތަގެ ލޮލުން ވިދަމުން ދިޔައީ އުފާވެރިކަމެވެ. ނިޒާރު ވެސް ހުރީ އެހާ އުފާވެފަ އެވެ.

"މިއޮތީ ހަމަ ފައްކާ ނިޒާރު. ނިޒާރު ވިހޭ އިރު ވެސް އޮތީ މިހެން،" މައިދައިތަ ބުނި އަޑު އިވުނެވެ.

ވިހައިގެން ގެއަށް ބަދަލުވީމެވެ. އެ ހިސާބުން ބައެއް ކަންކަން ބަދަލުވާހެން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ހާއްސަކޮށް މައިދައިތަ ކިބައިންނެވެ. އަހަރެންނަށް ކުރިން ސަމާލުކަން ދިން ވަރަކަށް ނުދިނެވެ. ވިހައި ގަދަ ވާންދެން ވެސް އަހަރެންނަށް އެހީތެރިކަމެއް ނުދެ އެވެ. އަބަދުވެސް އުޅެނީ ދަރިފުޅު ގޮވައިގެންނެވެ. އަހަރެން އަތަށް ދެނީ ބުއްދޭން އެކަންޏެވެ. ދެން ބުނަނީ އަރާމު ކުރުމަށެވެ. ގިނަ ރޭރޭ ނިންދަވަން ވެސް ގެންދަނީ މަންމަ ކޮޓަރިއަށެވެ. އެއީ އަހަރެންނާއި ނިޒާރުއަށް ނިދި ނުލިބިދާނެތީ ކަމުގައި ބުނެ އެވެ. އަހަރެންނަށް އެ ގޮތް ކަމަކުނުދިޔަ އެވެ.

"ނިޒާރު. މަންމަ ކިހިނެއްތަ އެ އުޅެނީ؟" އަހަރެން އަހައިލީމެވެ.

"ކިހިނެއްވީ؟" ގަޔަށް ޓީޝާޓެއް ހެޔޮވަރުކޮށްލަމުން ނިޒާރު ބުންޏެވެ.

"ނީލް އަބަދު މަންމަ ކޮޓަރިއަށް ގެންގޮސްގެން. ނީލް ފެންވަރުވާ ހަދަނީ ވެސް މަންމަ. އަހަރެންނަށް މިހާރު އެ ކަންކަން ކުރެވޭނެއޭ،" ޝަކުވާގެ ރާގެއްގައި އަހަރެން ބުނީމެވެ.

"ބަލަ އެއީ އަހޫއަށް ހެލްޕް ވާންވެގެންނޭ. އަހޫ އަދި ވިހާ ގަދައެއް ނުވޭ. އަދި މި އުޅެނީ އެންމެ މަހެއް ވެސް ނުވެގެން. އެހެން މީހުން ޝަކުވާ ކުރަނީ މައިދައިތަމެން ހެލްޕް ނުވާތީ. އަހޫއަށް ތި އުނދަގޫ ވަނީ މަންމަމެން އެހީތެރިވާތީ،" ނިޒާރު ބުންޏެވެ. ހަގީގަތުގައި އެވާ ގޮތެއް ނިޒާރުއަކަށް ނުވިސްނެ އެވެ. އަހަރެންނަށް ވިސްނުނީ އެހެންނެވެ. ނިޒާރުއަކީ ގިނަ ވަގުތު ބޭރުގައި އުޅޭ މީހެކެވެ. މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭ މީހެކެވެ. ގޭތެރޭގައި ވަނީ ކީއްކަމެއް އޭނައަކަށް ނޭނގޭނެ އެވެ.

"އެކަމަކު ވެސް ހެޔޮ. އަހަރެންގެ ދަރިފުޅު ބޭނުންވަނީ އަހަރެން އަމިއްލައަށް ބަލަން. އެހީތެރިކަމެއް ބޭނުންވެއްޖިއްޔާ އަހަރެން އަމިއްލައަށް ބުނާނަމޭ،" އަހަރެން ބުނީމެވެ.

"ތީގެ ތެރެއަށް އަހަރެން ނުވައްދާ. ތިއީ މަންމަ އާއި އަހޫގެ ކަމެއް. އެހެން ނޫނަސް އެއީ ނީލްގެ މާމައޭ. އަނެއްކާ އަލަށް މާމަ އެކީ. ދެން މަންމަ ވެސް ކިހާ އުފާވާނެ. އަހޫއަށް އެހާ ލުއި ކޮށްދޭތީ އެކަމާ އުފާކޮށްބަލަ،" އެހެން ބުނެފައި ނިޒާރު ނުކުމެގެން ދިޔަ އެވެ.

ޝަކުވާ ކުރާކަށް އަހަރެން ވެސް ބޭނުމެއް ނޫނެވެ. ޒުވާބު ކުރާކަށް ވެސް ބޭނުމެއް ނޫނެވެ. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭގައި ވެސް ކުނިޖެހޭނެ އެވެ. ނަމަވެސް ހައްލު ނުކުރެވޭ ވަރުގެ މައްސަލަތައް ޖެހިގެން ނުވާނެ އެވެ. ވިހައިގެން އެ އަންނަ ދުވަސްވަރަކީ މީހާ ނަފުސާނީ ގޮތުން ވަރަށް ބަލިކަށިކޮށްލާ ދުވަސްވަރެކެވެ. އެހެން މީހުންނާ ދޭތެރޭ ދެކޭ ގޮތާއި ވިސްނާ ގޮތް ވެސް ބަދަލު ވެގެން ދެ އެވެ. ކަންކަންކަމާ މެދު ތިމާގެ ހިޔާލު ތަފާތުވުންތައް ވެސް އިތުރު ވެގެން ދެ އެވެ. ވިސްނަން ނުޖެހޭ ވަރަށް ވިސްނެ އެވެ. ބައެއް ފަހަރު ވަރަށް ގަދައަށް ރޮވެ އެވެ. އަނެއް ބައި ފަހަރު ވަރަށް ހިތްހަމަޖެހެ އެވެ. އެކަނިވެލަން ބޭނުންވެދާނެ އެވެ. ބޭރަށް ގޮސްލަން ބޭނުންވެދާނެ އެވެ. ހާސްވެ ކަންބޮޑުވެދާނެ އެވެ. ދެން މިހެން ގޮސް ވަރަށް ގިނަ ކަންކަން ދިމާވާ ދުވަސް ވަރެކެވެ. ބައެއް މީހުންނަށް އެކަމުން އަރައި ގަނެވެނީ އެކެއް ނުވަތަ ދެ އަހަރުންނެވެ. އަހަރެންނަށް މި މައުލޫމާތުތައް އެނގުނީ މިފަދަ ފޮތްތަކާއި ލިޔުންތައް ކިޔުމުންނެވެ. އަމިއްލަ މައުލޫމާތަށް އަހަރެން ވަރަށް ގިނައިން ފޮތް ކިޔައި އުޅުނީމެވެ.

އެއް ދުވަހެއްގެ މެންދުރެވެ. އަހަރެން އޮތީ ދަރިފުޅު ނިންދަވާށެވެ. މާ ގިނަ އިރެއް ނުވެ އަހަރެންނަށް ވެސް ލޯޖެހިލި އެވެ. ދަރިފުޅަށް ވެސް ނިދުނެވެ. އެ ވަގުތު ކޮޓަރިއަށް މީހަކު ވަންހެން ހީވެގެން ލޯ ހުޅުވާލެވުނެވެ. އެނދު ކައިރީގައި ހުރީ މައިދައިތަ އެވެ. އަހަރެން ހިތަށް އެރިއެވެ. އެ އައީ ދަރިފުޅު ބަލަ އެވެ.

"ގެނޭ މަންމަ ކޮޓަރީގައި ބާއްވަން. އަހުނާ ނިދާލާ. ނިޒާރު ބުނި އަހުނާ ވަރަށް މަދުންނޭ ރޭގަނޑު ވެސް ނިދަނީ." އަހަރެންނަށް ނިދޭނެ ހެއްޔެވެ؟ ދަރިފުޅަށް ބުއްދީ ނިމޭ އިރު މަންމަ ހުންނަނީ ބަލާ އައިހެވެ. ގޮވައިގެން ދާ އިރު ހީވަނީ ހިތުން އެތިކޮޅެއް ވީދާލައިގެން ގެންދާހެންނެވެ.

މައިދައިތަ ދަރިފުޅު ނަގާފައި އުރާލި އެވެ. އަދި ހިނގައިގަތެވެ.

"މަންމާ!" އަހަރެންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. "ނީލް ގެނޭ."

"ކީކޭ؟" ހިތްހަމަނުޖެހިފައި މައިދައިތަ ބުންޏެވެ. "ހާދަ އެހެން ގޮތަކަށް އަހުނާ ތި ވާހަކަ ދައްކަނީ."

"އަހަރެން ބޭނުމެއް ނޫނޭ މިހެން ވާހަކަ ދައްކާކަށް. އެކަމަކު މި ގަޑީގައި ނީލް މިތާ ބާއްވާލާ." އަހަރެން އެހެން ބުނުމުން މައިދައިތަ ބަލަހައްޓައިގެން ހުރީ އެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަނީއެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް