ވާހަކަ: މިތުރާ މަގޭ
އެނބުރި ގޮސް ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލައިފަ އެވެ. ހޫރައިން ދޮރުގައި ޓަކިޖަހަން ފެށި އެވެ. އެކަމަކު އެތެރެއިން ރީޝްގެ ހިލަމެއް ނުވި އެވެ. ހޫރައިން ހާސްވެއްޖެ އެވެ. އެ ގަޑީގައި ގޮސް ދައްތައަށް އުނދަގޫ ކުރާކަށް ނުކެރޭނެ އެވެ. މާޔޫސްވެގެން އޭނަ އަނެއްކާވެސް ގޮސް ވަނީ ބަދިގެއަށެވެ. ދަބަސް އެއް ގޮނޑީގައި ބަހައްޓާފައި އަނެއް ގޮނޑީގައި އިށީނދެ ފޮތެއް ނަގައި ނިއުޅާލުމަށް ފަހު މޭޒުމަތީ ބޭއްވި އެވެ.
ކިޔަވާށޭ ކިޔާފައި ގޮސް މިރޭ ވެސް އެތައް ވަގުތެއް ބޭކާރު ކުރެވިއްޖެ އެވެ. އަނބުރާ މި ލިބުނީ އެ ވަގުތު ކަމަށް ވެދާނެ އެވެ. ހޫރައިން ނިންމީ އެ ވަގުތުކޮޅު ބޭކާރުވެގެން ދިޔަ ނުދީ ފިލާވަޅު ދަސްކުރުމަށެވެ.
އާދައިގެ މަތިން ހަމްރާއު ގެއަށް އައިސް ވަންއިރު ގޭތެރެ އޮތީ ހިމޭންވެފަ އެވެ. ޓީވީ ރެކްމަތީ ހުރި ބޯތައްޓެއް ކަހަލަ އެއްޗެއްގެ ތެރެއަށް ތަޅުދަނޑި ލާފައި ބަދިގެއާ ދިމާއަށް ދަނިކޮށް ދިއްލާފައި ހުއްޓާ ފެނިއްޖެ އެވެ. ހަމްރާއުއަށް ހުއްޓެވުނެވެ. އާންމުކޮށް އެ ގަޑި އަކީ އެކަކު ވެސް ބަދިގެ ދިއްލައިގެން ބަދިގޭގައި އުޅޭ ވަގުތެއް ނޫނެވެ. ކޮންމެވެސް މީހަކު ނިއްވާލަން ހަނދާން ނެތިފައި ހުރީ ކަމަށް ވެދާނެއޭ ހިތަށް އެރި އެވެ.
އަނެއްކާވެސް ހިނގައިގެންފައި ގޮސް ވަންއިރު އެތެރޭގައި މީހަކު އެބަ އިނެވެ. ފުރަގަސްދީގެން މޭޒުމައްޗަށް ބޯ ތިރިކޮށްލައިގެން އިނުމުން ކާކު ކަމެއް އެ ހިސާބަކުން އަދި ނޭނގުނެވެ.
ހަމްރާއު ގޮސް މޭޒުގެ ކޮޅާ ވާގޮތަށް ފާރުކައިރީ ބަހައްޓާފައި ހުންނަ ފްރިޖް ކައިރިއަށް ހުއްޓުނެވެ.
ހޫރައިން އޮތީ ފޮތުގައި މޫނުގެ އެއްފަޅި ޖައްސައިގެން ނިދާފަ އެވެ. ކައިރީގައި ޕާހަކާއި ޖެހިގެން ހުރި ގޮނޑީގައި ހޫރައިންގެ ފޮތް ދަބަސް ހުއްޓެވެ. ހަމްރާއުއަށް އަތް ހިއްލައިލުމަށް ފަހު ގަޑިއަށް ނަޒަރެއް ދެވުނެވެ. ގަޑިން މިހާރު އެކެއް ޖަހަން ދަނީ އެވެ.
ދަބަސް މޭޒުމަތީ ބާއްވާފައި ހަމްރާއު ފްރިޖުން ފެން ފުޅިއެއް ނަގައިގެން ގޮސް ހުއްޓުނީ ކަބަޑުތައް ކައިރިއަށެވެ. ފެންބޯ ތަށްޓެއް ނަގައިގެން އައިސް މޭޒު ދޮށުގައި އިށީނދެލީ ކާތަށިތައް އަތުރާފައި މަތިއަޅާފައި ހުރި ހިސާބުގަ އެވެ. ބިއްލޫރި ތަށްޓަށް ފެން އަޅާފައި ބެހެއްޓުމަށް ފަހު މެޓްމަތީ ބަންޑުން ބާއްވާފައި އޮތް ތަށި ނަގައި އުއްޑުން ބެހެއްޓުމަށް ފަހު ކާއެއްޗެހި އަޅާފައި ހުރި ތަށިތަކުގެ މަތި ނަގަން ފެށި އެވެ.
ކާން އިނދެގެން އޭނަ ދޭތެރެއަކުން ހޫރައިންއަށް ބަލައިލަ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ހޫރައިން އޮންނަނީ ފުން ނިދީގަ އެވެ.
ނިމިގެން ދާން އުޅެފައި ހަމްރާއު ފަސްޖެހުނެވެ. އެ ގަޑީގައި ހޫރައިން ނިދާފައި އޮއްވާ އެގޮތަށް ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. ހޫރައިންއަކީ ޒުވާން އަންހެންކުއްޖެކެވެ. ގޭގައި އޭނަގެ އިތުރުން ވެސް ފިރިހެނުން އުޅެ އެވެ. މީހެއްގެ ހިތް ނިޔަތް ގޯސްވާނީ ކިހިނެއް ކޮން އިރަކުކަން އެކަކަށް ވެސް ނޭނގެ އެވެ.
ހޫރައިންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑި ކައިރިއަށް ހުއްޓިފައި އޭނަ މޭޒުމަތީ މަޑުމަޑުން ޖަހާލި އެވެ. ހިލަމެއް ނުވެގެން ދެން ތަންކޮޅެއް ބާރަށެވެ. ސިއްސައިގެން ގޮސް ހޫރައިން ތެދުވެ އިށީނދެއްޖެ އެވެ. ކުރިމަތިން ހަމްރާއު ފެނުމުން އޭނަ އަދި އިތުރަށް ސިހުނެވެ.
"ވަޓް ހެޕެން؟" ހޫރައިންއަށް އަހައިލެވުނެވެ.
"ކޮޓަރިއަށް ދާންވީނު ނިދަން،" ހަމްރާއު އެ މޫނަށް ނުބަލަން ވެގެން ދުރު ބަލައިލި އެވެ.
ހޫރައިން ހަނދާންވީ ދެނެވެ. އޭނަ އެތަނުގައި މަޑުކުރީ ކޮޓަރިއަށް ނުވަދެވިގެންނެވެ. ކޮޓަރި ތަޅުލައިގެން ރީޝް ވީ އެތެރޭގަ އެވެ. އެކަމަކު އެ ވާހަކަ ހަމްރާއު ކައިރީ ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އެއް ގެއެއްގައި އުޅުނަސް އެ ދެ މީހުންނަކީ ދެ ބީރައްޓެހިންނެވެ. އެ ގަޑީ އޭނައަށް ގޮވާ ހޭލެއްވީތީ ވެސް ހޫރައިން ހައިރާންވި އެވެ.
ހަމްރާއު ހޫރައިންގެ ޖަވާބަކަށް އިންތިޒާރެއް ނުކުރެ އެވެ. ދަބަސް ހިފައިގެން އެތަނުން ނިކުންނަން ހިނގައިގެންފި އެވެ. ހޫރައިން އެ ވަގުތު ބޯޖަހައިލިހެން އޭނައަށް ހީވި އެވެ. ނިކުތްއިރު ގޮނޑި ދަމާލައިފައި ތެދުވި އަޑު ވެސް އިވުނެވެ. އެކަމަކު އޭނަ ގޮސް ކޮޓަރިއާ ހަމަވީއިރު ވެސް ނުއެއް ނިކުތެވެ.
ފެން ބޮނީ ކަންނޭނގެއޭ ހިތަށްއެރި އެވެ. ނޫނީ ކޮންމެވެސް އެއްޗެއް ކަނީ އެވެ.
ހަމްރާއު އިރުކޮޅަކު މަޑުކުރި އެވެ. އެ އަންހެންކުއްޖާގެ ރައްކާތެރިކަން ޔަގީންކުރަން އޭނަގެ ހިތް އެބަ މަޖުބޫރުކުރެ އެވެ.
ހޫރައިންގެ ހަބަރެއް ނުވުމުން ހަމްރާއު އަނެއްކާވެސް ގޮސް ބަދިގެއަށް ބޯދިއްކޮށްލި އެވެ.
ހޫރައިން ގޮނޑީގައި އެބަ އިނެވެ. ފެން ބޮނީއެއް އަދި ކަނީއެއް ވެސް ނޫނެވެ.
"ކީއްވެ އެތެރެއަށް ނުގޮސް ތި އިނީ؟" ހަމްރާއު ސުވާލުކޮށްލި އެވެ.
ހޫރައިން އެނބުރި ބަލާލައިފި އެވެ. އޭނައަށް ހައިރާންކަމުގައި ބަލަން އިނދެވުނީ އެވެ. އެކަމަކު ހަމްރާއު ހީވަނީ އޭނަގެ ޖަވާބު އަހާފައި ނޫނީ އެތަނުން ނުދާންވެގެން ހުރި ހެންނެވެ. ހޫރައިން އަނެއް ފަރާތަށް މޫނު އަނބުރައިލި އެވެ.
"ހޭލާ ކިޔަވަން އިންނަން ބޭނުމިއްޔާ ކޮޓަރިއަށް ދޭ!" ހަމްރާއުގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.
ހޫރައިން ކަންބޮޑުވި އެވެ. ހަމްރާއު އެ ބުނީ ތެދެކެވެ. ކިޔަވަން ބޭނުމިއްޔާ ހޭލާ އިނުން ރަނގަޅީ ކޮޓަރީގަ އެވެ. ބަދިގެއަކީ ގޭގެ އެހެން މީހުން ވެސް ފަހަރެއްގައި ހޭލައިގެން އައުން އެކަށީގެންވާ ތަނެކެވެ. އެވަގުތު އޭނަ ނިދާފައި އޮއްވާ ހަމްރާއު ނޫން މީހަކު ނައިކަން އެއީ އޭނަގެ ނަސީބު ކަންނޭނގެ އެވެ. ރިޒްވާންބެ އާއި ހަމްރާއު ފިޔަވައި ދެން އެ ގޭގައި އުޅޭ ފިރިހެނުންނަކަށް އޭނަގެ އިތުބާރެއް ނެތެވެ. އިމްރާންއަކީ ރިޒްވާންގެ އެއްބަނޑުގައި ހުންނަ ހަމައެކަނި ފިރިހެނެވެ. ދެން އުޅޭނީ އަލީޝާގެ ފިރިމީހާ ފަޒަލް އެވެ.
"ކޮޓަރި ތަޅުލާފަ،" ހޫރައިން އެންމެފަހުން ބުނެލި އެވެ. އޭނައަށް ލަދުން އިސްޖަހައިލެވުނެވެ.
"ކޮބާ ރީޝް؟" ހަމްރާއު އިތުރަށް އެހި އެވެ.
ހޫރައިން އެއަށް ޖަވާބެއް ނުދިނުމުން ހަމްރާއުއަށް ވިސްނުނެވެ. ރީޝްއާ މައްސަލައެއް ޖެހިގެން ރީޝް ހޫރައިން ނުލާ ކޮޓަރި ތަޅުލީ އެވެ.
"އާދޭ އަހަންނާ އެކު،" ހަމްރާއު އެދުނެވެ.
ހޫރައިން ދެކޮޅެއް ނަހަދަ އެވެ. ބޯޖަހާލައިފައި އޭނަ މޭޒުމަތީ އޮތް ފޮތް ދަބަހަށް ލައިގެން ދަބަސް ހިފައިގެން ތެދުވެއްޖެ އެވެ. ހަމްރާއުގެ ފަހަތުން އައިސް އޭނަ ހުއްޓުނީ ތަންކޮޅެއް ދުރުގަ އެވެ.
ހަމްރާއު ނިކަން ބާރަށް ދެފަހަރަކު ޓަކި ޖަހާލައިފައި ރީޝްގެ ނަމުން ގޮވާލުމުން ދޮރު ހުޅުވައިފި އެވެ. ހޫރައިން ލަދުގަތީ ރީޝް ހުރި ގޮތް ފެނިފަ އެވެ. ނިލަންލާ ކުރު ސޯޓާއި ބަނޑު ފެންނަ ޓީޝާޓްކޮޅާ އެކު އިސްތަށިގަނޑު ހާވާލައިފަ އެވެ. ނިންޖާއިގެން ރީޝްއަށް ލޯ ހުޅުވައިގެން ހުރެވެނީ ކިރިޔާ އެވެ.
"ހޫރައިން ވަދޭ އެތެރެއަށް!" ހަމްރާއު ރީޝްއަށް ނުބަލަންވެގެން ބަލައިލީ ހޫރައިން އަށެވެ.
ހޫރައިން ބޯޖަހާލައިފައި އެތެރެއަށް ވަނުމާ އެކު އޭނަ ފަސްދީފައި ހިނގައިގަތެވެ.
އެތެރެއަށް ވަން ގޮތަށް ރީޝް އަނެއްކާވެސް ވެއްޓިގަތީ އެނދަށެވެ. އައިސްފައިހުރި ނިދީގެ ސަބަބުން އެއްވެސް އެއްޗެއް ބުނާނެ ހިތްވަރު ނެތީ ކަހަލަ އެވެ. އޭރު ހޫރައިން ދަބަސް ބަހައްޓާފައި އައިސް އެނދުގައި އިނެވެ. ރީޝްގެ ފަރާތުން އެއްވެސް ރައްދެއް ނައުމުން އޭނަ ވެސް އެތާ އިނދެލާފައި ތެދުވެ ހެދުން ބަދަލުކޮށްގެން ނިދަން އޮށޯވެއްޖެ އެވެ.
***
ކޮޓަރިތެރޭގައި ހަމްރާއު ހުރީ ފެންވަރައިގެން ނިކުމެ ހެއާ ޑްރަޔާއަކުން ބޮލުން ފެން ހިއްކާށެވެ. އުނަގަނޑުގައި ތުވާއްޔެވެ. ފޯނަށް މެސެޖެއް އައުމުން ނަގައި ބަލާލައިފައި ހަމްރާއު ފޯނު އޮފް ކޮށްލި އެވެ. ފެންހިއްކާ ނިމުމުން ހެއާ ޑްރަޔާ ވެސް ބާއްވާފައި ގޮސް އެނދުގެ މަގަތުގައި ހުއްޓުނެވެ. ހަމްރާއުގެ އަނބިމީހާ ރައިނާ އޮތީ ބޯ ރަޖާތެރެއަށް ވަދެ ނިދާށެވެ.
ވާރޭ ވެހުނަސް ގަދައަށް އޭސީ ޖައްސައިގެން ނޫނީ ރައިނާއަކަށް ނުނިދޭނެ އެވެ. އެކަމަކު ހީކަރުވާތީ އޮންނާނީ ރަޖާ އޮޅައިގެންނެވެ.
"ހީ ފިލުވައިދޭންވީތަ؟" ހަމްރާއު ރަޖާގަނޑު އެއް ފަރާތުން ހިއްލާލައިފައި އެތެރެއަށް ވަނެވެ.
"ދެން ނޫން... އަހަރެން ވަރަށް ނިދިއައިސްފައޭ މި އޮތީ،" ރައިނާއަށް އުނދަގޫވެގެން ހަމްރާއުއާ ދުރަށް ދާން މަސައްކަތް ކުރަމުން ޖަވާބުދިނެވެ.
ހަމްރާއުއަށް މަޖާވެގެން ހިނިގަނޑެއް ޖަހައިލި އެވެ. އޭނަ ކުރިއަށްވުރެ ބޮޑަށް ކައިރިވެލާފައި ރައިނާ އެ ދެ އަތުގެ ތެރޭ ހައްޔަރުކޮށްލި އެވެ.
"މޫޑެއް ނެތޭ ހަމްރާއު. ލެޓް މީ ސްލީޕް،" ރައިނާ ގާތަށް ރުޅިއައިސްގެން ހަމްރާއުގެ ކޮނޑުގައި ތަޅައިގަތެވެ.
"ނިދާލާ!" ހަމްރާއު ބަލި ގަބޫލުކޮށްގެން ދުރުގައި އިށީނެވެ. ރަޖާ ތެރެއިން އެއް ބައި ނިކުމެފައި އޮތް ތުވާލި ފެނުމުން އެ ގެނެސް އުނަގަނޑުގެ ދެފަރާތުން ކައިރިކޮށްލާފައި ތެދުވެއްޖެ އެވެ.
ރައިނާ ނިދަން އޮތްއިރު ފެންނަން އޮތީ ހަމައެކަނި ނިތްކުރިން ތަންކޮޅެކެވެ. ހަމްރާއު އެދިމާއަށް ބަލައިލާފައި ހިނިތުންވުމަކާ އެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލުމަށް ފަހު ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. ނިދާ ހަރުވާޅެއް ލައިގެން އޭނަ ގޮސް އިށީނދެލީ އެއްފަރާތެއްގައި ހުރި އެލް އަކުރެއްގެ ބައްޓަމަށްވާ ސޯފާގަ އެވެ. ކުރިމަތީ ހުރި މޭޒުގެ ތިރީގައި ބަރިއަކަށް ބަހައްޓާފައިވާ ފޮތްތަކުން ފޮތެއް ނަގައިފި އެވެ. ރޭގަނޑު ފޮތް ކިޔަން ފަސޭހައަކަށް ގެންގުޅޭ ކުޑަކުޑަ ލައިޓު ވެސް ފޮތްތައް ކައިރީ އޮތެވެ. ހަމްރާއު އެ ލައިޓު ނަގައި ހުޅުވައިލި ސަފްހާގައި ހަރުކޮށްލުމަށް ފަހު ދިއްލައިލި އެވެ. ތަން ފާހަގަކުރަން ލާފައި އޮތް އެތިކޮޅު ނަގައި މޭޒުމަތީ ބާއްވާފައި ސޯފާގެ އަރިމަތީ ބުރަކަށި ޖައްސާލައި ދިގަށް ދެފައި ދަމާލައިފި އެވެ.
ދުވަސްކޮޅެއް ވަންދެން ރީޝް ހޫރައިންއާ ރުޅިން އުޅުނެވެ. ހަމައެކަނި ވާހަކަދައްކަނީ ގޭ މީހުން ކުރިމަތީގަ އެވެ. އެ ވެސް އެ މީހުންނަށް އެ ދެ މީހުންގެ ގުޅުން ރަނގަޅު ނޫންކަމުގެ ޝައްކެއް ވެދާނެތީ އެވެ. އެއްގޮތަކުން ފަސޭހައޭ ހިތަށް އެރި އެވެ. ރީޝް އިރުއިރުކޮޅާ އައިސް އައިޒިކްގެ ވާހަކަ ދެއްކުން ހުއްޓުނެވެ. އެކަމަކު އެއް ކޮޓަރިއެއްގައި އުޅޭ ކުއްޖަކު ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލުމުން ހޫރައިންއަށް އުނދަގޫވި އެވެ. އެކުވެރިކޮށް ދެ ކުދިން އުޅޭއިރު އަމިއްލަ އިހްސާސްތައް ވެސް އެކަކު އަނެކަކަށް ކިޔައިދެ އެވެ. ހޫރައިންގެ ބައްޕަގެ ވާހަކަ ވެސް ކިޔައިދިނީ ހަމައެކަނި ރީޝް އަށެވެ.
"މިއަދު އަހަރެން ލައިބްރަރީއަށް ވަދެލަން ޖެހޭނެ. ރީޝް މަޑުކޮށްދޭނަންތަ އަހަންނާ އެކު އަންނަން،" ސުކޫލަށް ދާން ކޮޓަރިން ނިކުތް ގަޑީގައި ހޫރައިން އެހި އެވެ.
"ޝަރުތެއްގެ މަތިން،" ރީޝް ހުރީ އެފަދަ ފުރުސަތަކަށް އެދިއެދި ފަދަ އެވެ.
"އެއީ ކޮން ޝަރުތެއް؟" ހޫރައިން ކުޑަކޮށް ހާސްވި އެވެ.
ރީޝް ޖަވާބު ނުދީ ގޮސް އެ މަގުން ދިޔަ އިތުރު ކުއްޖަކާ ވާހަކަ އަޅުވާލައިފި އެވެ. ހޫރައިންއަށް ޖެހުނީ މުޅި ދުވަހު އޭގެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ.
***
ސުކޫލް ޔުނީފޯމާ އެކު ދެ އަންހެންކުދިން ގޮސް ވަނީ ކުޑަވަރެއްގެ ކެފޭއަކަށެވެ. މެންދުރުގެ އެ ގަޑީގައި ހިނގާފައި އެހާ ދުރަށް އައުމުން ދެ ކުދިން ވެސް ތިބީ ދާހިއްލައިފަ އެވެ. ރީޝް ހޫނުވެގެން ޓައީ މޮހާލައިފައި ލީ ދަބަހަށެވެ. ހޫރައިން ހުރީ އަތުން މޫނަށް ވިހޭށެވެ. އެކުވެރިޔާ ދެއްކި މަގުން ގޮސް އޭނަ އިށީނދެލީ ދެފަރާތުގައި ސޯފާޖަހާފައިވާ މޭޒެއްގެ ކައިރީގަ އެވެ. އަރިމަތީގައިވާ ބިއްލޫރިގަނޑުން މަގުމަތީ ދުއްވާފައިދާ އުޅަނދުތަކާއި ހިނގާބިނގާވާ މީހުން ފެނެ އެވެ.
ރީޝް ކުރި ޝަރުތުގެ މަތިން އޭނައާ އެކު އެކުވެރިޔަކާ ބައްދަލުކުރަން ހޫރައިން އައީ ރީޝް ރުއްސަންވެގެންނެވެ. އަބަދު ރުޅިހަދާލައިގެން އުޅޭކަށް އޭނައަކަށް ވެސް ފަސޭހައެއް ނޫނެވެ.
މޭޒުމަތީ ބާއްވާފައި އޮތް މެނޫ ކިޔަން ހޫރައިން އިންއިރު ރީޝް އެ ގަޑީގައި ވެސް ފޯނަށް ބަލަން އިނީ ހިނިއައިސްފަ އެވެ.
"ހައި!" ކައިރިން ފިރިހެނަކު ވާހަކަދެއްކި އަޑަށް ދެ އަންހެންކުދިން ބަލައިލި އެވެ.
ކުރިމަތީ ހުރީ އިސްކޮޅުން ދިގު ޒުވާން ފިރިހެނެކެވެ. އިސްތަށިގަނޑު ދިގުކޮށްފައި ފަހަތަށް އައްސާލައިފަ އެވެ. ބޯކޮށް ބަހައްޓާފައި ހުރި ތުނބުޅި މަތިމަހުގައި ވެސް އެ މީހުންނަށްވުރެ ދޮށީ ވާނީ ދެތިން އަހަރުކަން ފާހަގަވެ އެވެ. ލައިގެން ހުރީ ގޮޅި ޖެހި ގަމީހަކާއި ޖިންސެކެވެ. އަތުގައި ސްމާޓް ގަޑިއެއްގެ އިތުރުން ކަޅުކުލައިގެ ދެތިންހަތަރު އެއްޗެއް އޮތެވެ. ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލީގައި ދެ އަނގޮޓި އޮތެވެ.
"ހައި،" ރީޝް ހިނިއައިސްފައި އިށީންނަން ތަން ދެއްކީ އޭނަ އިން ސޯފާއިންނެވެ.
ޒުވާނާ ރީޝްގެ ކައިރީގައި އިށީނދެފައި ހޫރައިންއަށް ވެސް ބަލައިލި އެވެ.
"ޝީޒް މައި ރޫމް މޭޓް ހޫރައިން،" ރީޝް ތައާރަފްކޮށްދިނެވެ.
"އައްޔަ،" ޒުވާނާ އަމިއްލަ ތައާރަފްދިނެވެ.
ޒުވާނާ ހައި ޖަހާލައިފައި ސަމާލުކަން އަނބުރައިލީ ރީޝް އަށެވެ. މޭޒުގައި އެއް އަތުގެ އުޅަނބޮށި ވިއްދާލައިގެން ވީހާވެސް ބޮޑަށް ރީޝްއާ ދިމާއަށް އޭނަ އެނބުރުނެވެ. ހޫރައިން އަވަހަށް މެނޫ ބާއްވާފައި ފޯނު ނަގައިގެން ބަލަން ފެށި އެވެ.
ވެއިޓަރު އައިސް އޯޑަރު ނަގައިގެން ދިއުމާއެކު އެ ދެ މީހުން އަނެއްކާވެސް އެކަކު އަނެކަކާ ވާހަކަދައްކަން ފަށައިފި އެވެ. ހޫރައިންއަކީ އެތާ އިން މީހެއްކަމެއް ވެސް ހަނދާން ނެތް ކަހަލަ އެވެ. ހޫރައިންއަށް ރަނގަޅީ ވެސް އެ ގޮތެވެ. އެކަމަކު ކުރިމަތީ ދެ މީހުން ތިބިކަމުގެ އުނދަގޫ އޭނައަށް ވި އެވެ. ދެ މީހުންގެ ވާހަކައިން ހީވަނީ ފޯނުން ގިނަ ދުވަސްތަކަކު ވާހަކަ ދައްކާފައި އަލަށް ބައްދަލުކޮށްގެން އުޅޭހެންނެވެ.
ކައި ނިމިގެން ފުރަތަމަ ތެދުވެގެން ދިޔައީ އެ ޒުވާނާ އެވެ. އޭގެ އިރުކޮޅެއް ފަހުން ރީޝް ވެސް ފާހާނާއަށޭ ކިޔާފައި އެ ދިމާއަށް ހިނގައްޖެ އެވެ. ގަޑި ބަލާލަ ބަލާލާ ހޫރައިންއަށް އިނދެވުނީ ގެއަށް ނުދެވިފަ އެވެ. އެހެން އިންދާ އައްޔަ ކުރީގައި އައިސް ރީޝް އިން ތަނުގައި އިށީނދެއްޖެ އެވެ.
"ކޮބާ ރީޝް؟" ހޫރައިން އައްޔަކުރެން އެހި އެވެ.
އައްޔަ ކޮނޑު އަރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.
ހޫރައިން އަދި ކުރިއަށްވުރެ ކަންބޮޑުވި އެވެ. އޭނަ ރީޝް ދިޔަ ދިމާއަށް ދާން އުޅެނިކޮށް އެ ދިމާއަށް އައި އިތުރު މީހަކު ފެނިފައި ފުންމައިގެން ތެދުވެވިއްޖެ އެވެ.
(ނުނިމޭ)
ކޮމެންޓް (1)
ނިމުނީ؟