ރޮބޯމޭން ދަ މޫވީ ޕްރިމިއާގެ ތެރެއިން (ފޮޓޯ/އަބްދުﷲ ޔަޝާއު)

ރޮބޯމޭން

'ރޮބޯމޭން' ފިލްމު ބޮޑެތި މީހުންނަށް ވެސް ކަމުހިނގައްޖެ

ރޮބޯމޭން ފިލްމު މި މަހުގެ 5އާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ
2 އޮކްޓޯބަރު 2024

ސްކޫލް ބަންދާ ދިމާކޮށް ކުޑަކުދިންނަށް ލިބުނު އެންމެ އުފާވެރި ހަބަރަކީ އެ ކުދިން ހީރޯ، ރޮބޯމޭންގެ ފިލްމު 'ރޮބޯމޭން – ދަ މޫވީ' އޮލިމްޕަސް ސިނަމާގައި އެޅުވުމެވެ. ޒަމާންތަކަކަށް ފަހު ކުޑަކުދިންނަށް ވެސް އޮލިމްޕަހަށް ގޮސް، ސިނަމާގައި ފިލްމެއް ބަލާލަން ދާން ފުރުސަތު ލިބުނީ މި ފިލްމާ އެކު އެވެ.

މިދިޔަ މަހުގެ 26ގައި  ފިލްމު ރިލީޒްކުރުމާ އެކު ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ކުރިން ބެލެވުނު ގޮތާ ހިލާފަށް ކުޑަކުދިންނެކޭ އެއްވަރަށް ބޮޑެތި މީހުންނަށް ވެސް މި ފިލްމު ކަމުދިއުމެވެ.

ރައްޓެހިން ގްރޫޕް ހަދާފައި އޮލިމްޕަހަށް މި ފިލްމު ބަލަންދާ މަންޒަރު އޮލިމްޕަސް ސިނަމާ ކައިރިން އެބަ ފެނެ އެވެ. މި ފިލްމަކީ ހަމައެކަނި ކުޑަކުދިންގެ ފިލްމެކޭ މިހާރު ބުނެވޭކަށް ނެތެވެ. 'ރޮބޯމޭން – ދަ މޫވީ' އަކީ ބޮޑެތި މީހުންގެ ވެސް ފިލްމެކެވެ. އަދި ރޮބޯމޭންއަށް ބޮޑެތި މީހުންގެ މެދުގައި ވެސް އޮތް މަގްބޫލުކަން ވަރަށް ސާފުކޮށް އެބަ ފެނިގެންދެ އެވެ.

ރޮބޯމޭން ފިލްމަކީ ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޯކޭޒް އިންކް އަދި މީޑިއާނެޓްގެ ވީޑިއޯކްލަބް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ބަލަން ދިޔަ މީހުން ދަނީ ފިލްމަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. ހާއްސަކޮށް ރޮބޯމޭންއާ އެކު މި ފިލްމުގެ މައި ރޯލުން ފެނިގެންދާ އަމީލިއާ އަދި މިޝާގެ އެކްޓިން އާއި ނެށުމުގެ ހުނަރުތައް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ފިލްމުގައި މުޖުތަމައަށް ވަރަށް ފުރިހަމަ މެސެޖުތަޖެއް ވެސް ވަނީ ދޫކޮށްލައިފަ އެވެ. ހާއްސަކޮށް، އާއިލީ ގުޅުންތަކުގެ މުހިންމުކަން ވަރަށް ފުރިހަމައަށް ވަނީ ގެނެސްދީފަ އެވެ.

މި ފިލްމު ބަލާލުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވެސް ވަނީ ފިޔަވަތި ހިޔާގައި ތިބޭ ކުޑަކުދިންނާ އެކު މިދޔަ ހޯމަ ދުވަހު އޮލިމްޕަހަށް ވަޑައިގެންފަ އެވެ.

ރޮބޯމޭން ފިލްމު މި މަހުގެ 5އާ ހަމައަށް އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ އެވެ. ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ޓިކެޓު ލިބޭނެ އެވެ.

ފިލްމު މިހާރު ދަނީ ބައެއް ރަށްރަށުގައި އެޅުވުމަށް ވެސް ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް