'ރޮބޯމޭން - ދަ މޫވީ'ގެ ޕޯސްޓަރު ދައްކާލަން ބޭއްވި ހަފްލާ. (ފޮޓޯ/މީޑިއާނެޓް)
ރޮބޯމޭންގެ ސްކޫލް ޗުއްޓީ ހަދިޔާއަށް ތައްޔާރުތަ؟
އޮލިމްޕަސް ސިނަމާގައި ދިވެހިން ގަޔާވާ ފަދަ ބޮޑެތި މީހުންނަށް ހާއްސަ ލޯބީގެ ނޫނީ ބިރުވެރި ގިނަ ފިލްމުތަކެއް އަންނަނީ އަބަދު ވެސް ދައްކަމުންނެވެ. ނަމަވެސް ކުޑަކުދިންނަށް ހާއްސަ ފިލްމެއް އެންމެ ފަހުން އެޅުވި ދުވަހެއް ހަނދާނަކަށް ނާދެއެވެ.
މިފަހަރު މިއޮތީ ކުޑަކުދިންވެސް އޮލިމްޕަސް ސިނަމާއަށް ގޮސް ފިލްމެއް ބަލާލަން ފުރުސަތު ލިބިފަ އެވެ. އެއީ އެ ކުދިންގެ ސްކޫލް ބަންދާއި ދިމާކޮށެވެ.
މިއީ ކުޑަކުދިންގެ މެދުގައި އެންމެ މަގްބޫލު އެއް ކެރެކްޓާ، ރޮބޯމޭންގެ ފަރާތުން ދޫކޮށްލާ ހާއްސަ ހަދިޔާއެކޭ ވެސް ބުނެވިދާނެ އެވެ.
'ރޮބޯމޭން – ދަ މޫވީ' އޮލިމްޕަސް ސްކްރީނުގައި އަޅުވާ ދުވަސް މިވަނީ މިހާރު ވަރަށް ކައިރިވެފަ އެވެ. މި މަހުގެ 26 ވާ ބުރާސްފަތި ދުވަހު މި ފިލްމުގެ ފުރަތަމަ ޝޯ އޮލިމްޕަސް ސްކްރީނުގައި ދައްކާއިރު، މިއީ ސްކޫލުތައް ޗުއްޓީއަށް ބަންދުވާ ދުވަހެވެ.
މި މަހުގެ 26 އިން އަންނަ މަހުގެ 5އާ ހަމައަށް މި ފިލްމު އޮލިމްޕަސް ސްކްރީނުގައި އަޅުވާނެ އެވެ. މި ފިލްމަކީ ކުޑަކުދިންނަށް ހާއްސަ ފިލްމަކަށްވާތީ ފިލްމު އަޅުވާނީ މެންދުރު ފަހު އެވެ. ފިލްމުގެ ޓިކެޓު ބޭނުންވާ ފަރާތްތަކުން 7656000އަށް ގުޅައިގެން ޓިކެޓު ހޯދޭނެ އެވެ.
ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ ސްކޫލު ބަންދު ތެރޭގައި ކަމަށް ވާތީ، މިއީ ރަށްރަށުން މާލެއަށް ދަތުރުކުރާ ގިނަ ކުޑަކުދިންނަށް މި ފިލްމު އޮލިމްޕަހުގައި ބަލާލުމަށް ލިބޭނެ ފުރުސަތެއް ވެސްމެ އެވެ.
މީގެ އިތުރުން، ފިލްމު ޕްރޮޑިއުސްކުރާ ފަރާތުންވަނީ އޮލިމްޕަސް ސްކްރީނުގެ އިތުރުން ރަށްރަށުގައި މި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، މިކަމަށް ޝައުގުވެރިވާ ރަށްރަށުން 7777968އަށް ގުޅައިގެން އެ މައުލޫމާތު ސާފު ކުރެވޭނެ އެވެ.
'ރޮބޯމޭން – ދަ މޫވީ' މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމަށް ވެގެންދާނެ އެވެ. މި ފިލްމަކީ އޯކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.
ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަން ވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށް ފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުންވެސް ފެނިގެންދާނެ އެވެ.