ވާހަކަ: ތަރުބިއްޔަތު

ވާހަކަ

ވާހަކަ: ތަރުބިއްޔަތު - ހަތްވަނަ ބައި

23 ސެޕްޓެމްބަރު 2024

އެޕިސޯޑް 7

"މަންމާ، މިރެއަކު ނޫން،" އެހެން ބުނުމާއެކު ޝާނާ ބިންމައްޗަށް ވެއްޓުނެވެ.

"ޝާނާ!" އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ކައިރީގައި އިނދެގެން ދަރިފުޅަށް ގޮވީމެވެ. ޝާނާ ލޮލެއް ނުހުޅުވިއެވެ. ފެން ތައްޓެއް ހިފައިގެން އައިސް މޫނަށް ފެން ފޮދެއް ޖަހާލީމެވެ. މަޑުމަޑުން ޝާނާ ލޯ ހުޅުވާލިއެވެ.

"މަންމާ،" މެށިފައިވާ އަޑަކުން ޝާނާ ގޮވާލިއެވެ. އަހަރެންގެ ދެ ލޮލުން ކަރުނަ ހިލުނެވެ.

"ކިހިނެއްތަ ވީ؟ ކީއްވެތަ ދަރިފުޅު ކުއްލިއަކަށް އަނބުރައިގަތީ؟" އަހަރެންނަށް ބުނީމެވެ.

"ނޭނގެ. މި އުޅޭ އަތީމެން ފާޑެއްގެ ޑްރިންކެއް ދިނީ،" ވާހަކަ ދެއްކި އިރު ޝާނާގެ އަޑުގައި ވަނީ ވަރުބަލިކަމެވެ. ތެދުވެގެން ތަންތަނުގައި ހިފަހައްޓަމުން ފާހާނާއާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެހީތެރިވުމުގައި އަހަރެން އޭނަގެ ހަށިގަނޑުގައި އަތްލުމުން، އަތް ފޮޅުވައިލިއެވެ. ދެން އިވުނީ ފާހާނާއަށް ވަދެ ހޮޑުލާ އަޑެވެ. ދޮރުގައި ޓަކި ޖެހުމުން ވެސް ދޮރެއް ނުހުޅުވިއެވެ. އަހަރެން ހުރީ ކަންބޮޑުވެފައެވެ.

"ދަރިފުޅާ! ކިހިނެއްތަ ތި ވަނީ؟" ފާހާނާއިން ނުކުތުމުން އަހަރެން އަހާލީމެވެ.

"ކަމެއް ވެއްޖެތަ؟ އަހަރެން ވަރަށް ވަރުބަލި. ނިދަން މި އުޅެނީ. ދެން އުނދަގޫނުކޮށް މަންމަ ވެސް މިތަނުން ދޭބަލަ،" އެނދަށް ވެއްޓިގަންނަމުން ޝާނާ ބުންޏެވެ.

"އޭތް! އެއްކަލަ ލަތީފް އިންނަން އަހައިފި،" ޝާނާއާއި އަތީކާ ތިބީ އަތިރިމަތީގައި ހުރި ގޮނޑިއެއްގައެވެ. "ބޭނުންވަނީ މަށާ ކައިވެނި ކުރާށޯ."

"ކައިވެންޏޭ؟ ކަލެއާ؟" ހިނިގަނޑެއް ޖަހާލަމުން އަތީކާ ބުންޏެވެ.

"މަށަށް އެނގޭ ކަލޭ ވަރަށް ހޭނެކަން. އެކަމަކު އޭނަ ވަރަށް ސީރިއަސްކޮށް އެހީ. ވަރަށް މުއްސަނދި މީހެކޭ،" ޝާނާ ބުންޏެވެ.

"އަސްލުތަ؟ އެހެންވިއްޔާ ތި އޮތީ ރަންބިސް އަޅާ ކުކުޅެއް އަތުޖެހިފަ. ދޫވިޔަ ނުދޭތި،" މަޖާވެފައި އަތީކާ ބުންޏެވެ.

"އޭނައާ ކައިވެނި ކުރެވިއްޖިއްޔާ ދިރިއުޅުން ކިހާ ސަޅިވާނެ. އަހަރުމެން ބޭނުން ގޮތަކަށް އުޅެންވީ. ބޭނުން އެއްޗެއް ލިބޭނެ. އަތަށް ފަޔަށް ނޯކަރުން ތިބޭނެ. ކާރާއި މުދަލާއި ފައިސާ އޮންނާނެ،" އުފާވެފައި ޝާނާ ބުންޏެވެ. "މަ މިހިތަށް އަރަނީ އާއެކޭ ބުނަންވީއޭ."

"ކީއްކުރަން ލަސް ކުރަނީ؟ ގުޅާފައި ޔެސް ބުނެބަލަ،" އަތީކާ ބުންޏެވެ.

ޝާނާ ފޯނު ނެގިއެވެ. ދެވަނަ ސިކުންތުގައި ބޭއްވިއެވެ. ހިޔާލު ބަދަލުވީއެވެ. އަދި މާ އަވަހެވެ. ޖަވާބެއް ދޭނީ ދެތިން ދުވަސް ފަހުންނޭ ހިތަށް އެރިއެވެ.

"އެކަމަކު ކަލޭ ކައިވެނި ކުރަން ތި އުޅެނީ. ވަރަށް ވިސްނައިގެން ތިކަން ކުރާތި. ތިއީ ވަރަށް ބޮޑު ކަމެއް. ހީވޭތަ މިހެން މިނިވަންކޮށް އުޅެވޭނެހެން؟ އެހެން ނޫނަސް އަހަރުމެން އަދި ވަރަށް ޔަންގެއްނު؟" އަތީކާ ބުންޏެވެ.

"ބުނަން. މަ ކުރަން ނިންމައިފި ކަމެއް ލަހެއް ނުކުރާނަން. ދިރިއުޅުމަކީ ވެސް އެއް ފަހަރު ލިބޭ އެއްޗެއް. މާދަން ނޫން ކަމެއް ނޭނގެ މަރުވާނީ. އެހެންވީމަ ސަޅިކޮށް އުޅެވެން އޮތް ދުވަހު އުޅުނިއްޔާ މާ ރަނގަޅު ވާނެ. އަނެއްކޮޅުން ކޮންމެ ރެއަކު މަންމައާ މި ކުރާ ޒުވާބުތަކާ ވެސް ދުރަށް ދެވޭނެ. އަބަދު މަންމަ ގާތު ފައިސާއަށް ކިޔާކަށް ވެސް ނުޖެހޭނެ. މަ އެ ހުރިހާ ކަމަކާ ވިސްނާފައި އާއެކޭ ބުނަން ހިތަށް އެރީ،" ޝާނާ ވިސްނަމުން ބުންޏެވެ.

ފުރަތަމަ ފަހަރަށް ލަތީފްގެ ވާހަކަ ޝާނާ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން ބޭނުންވީ އޭނައާ ބައްދަލު ކުރާށެވެ. ނަމަވެސް އެކަމަށް ޝާނާ އިންކާރު ކުރިއެވެ. ކީއްވެ ކަމެއް ނުވިސްނުނެވެ. ޝާނާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންކަން ނިންމާށެވެ. އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. ވެގެން އުޅެނީ އަނެއްކާ އަހަރެން ލަދުގަންނަ ކަހަލަ ކަމެއްބާވައޭ ވެސް ހިތަށް އެރިއެވެ. އެކަމާ ސީދާކޮށް ޝާނާއާ އަހަރެން ސުވާލު ކުރުމުން އިންކާރު ކުރިއެވެ. އަދި ވަރަށް ރުޅިއައިސްގެން އެއްޗެހި ވެސް ކިޔެވެ. ޝާނާ އެއްޗެހި ކިޔާ ކޮންމެ ފަހަރަކު އެކަނި އިނދެގެން ރޮވެއެވެ. ދިރިއުޅުމާއި ހާލަތާ މެދު ވިސްނާލެވެއެވެ. އުނިވަނީ ކޮން ކަމެއްތޯ ހިތަށް އަރައެވެ. ޝާނާއަށް ދެން އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ ހިތަށް އަރައެވެ. ނުކޮށްދެވި ހުރީ ކޮންކޮން ކަންކަމެއްތޯ ސުވާލު އުފެދެއެވެ. ޝާނާ ކިތަންމެ އެއްޗެހި ކިޔަސް އަހަރެންގެ ހިތުގައި އޭނައަށްޓަކައި ވަނީ ލޯތްބެވެ. ކުލުނާއި އޯގާތެރިކަމެވެ.

ޝާނާ އާއި ލަތީފްގެ ކައިވެނި ކުރެވުނެވެ. އުފާވެރި މާހައުލެކެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ޝާނާ ފިޔަވައެވެ. އޭނާ ހުރީ އެ މާހައުލުން ދުރަށް ދާން ބޭނުންވެފައެވެ. ހީވާ ކަހަލައެވެ. މި ވަދެވުނީ ކޮން ކަހަލަ ގޯޅިއަކަށް ހެއްޔެވެ؟ ހަނިކަމުން މީހާ ފިތޭ ވަރުވެއެވެ. އެނބުރި ފަހަތް ބަލާލުމުން ފެންނަނީ ބެދިފައިވާ މަންޒަރެވެ. މިނިވަންކަމާއެކުގައި އުދުހިފައި އުޅުނު ދޫންޏެއް ކޮއްޓަކަށްލައި ބަންދު ކުރެވޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެއީ އަދި ކައިވެނީގެ ހަފުލާގައި ކުރެވެމުން ދިޔަ އިހުސާސެވެ. ޝާނާ ހިތަށް އެރިއެވެ. ފަހުން ވާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

ދެ މީހުން ވެސް ކައިވެނި ކުރީ ދެ މަގުސަދެއްގައެވެ. ލަތީފް ބޭނުންވީ ޝާނާއާ އެއްކޮށް ރީތި ދިރިއުޅުމެއް އުޅޭށެވެ. ދަރިން ހޯދައިގެން ހިތްހަމަޖެހުމުގައި ދުވަސްތައް ހޭދަ ކުރާށެވެ. ނަމަވެސް ޝާނާގެ ވިސްނުން އެއާ ހާސްބައި ތަފާތެވެ. ޝާނާ ބޭނުންވީ ކުރިން ވެސް އުޅުނުހެން އުޅޭށެވެ. ޕާޓީ ކުރުމާއި ރައްޓެހިންނާއެކުގައި މަޖާ ކުރުމާއި ރިޒޯޓްތަކަށް ދިޔުމުގައި ދުވަސްތައް ހޭދަ ކުރާށެވެ. ކޮންމެ މީހަކު ވެސް ހީކުރީ ކައިވެންޏަށް ފަހު ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވާނެ ކަމަށެވެ. އެ މީހަކު ހީކުރީ އެ މީހަކު އެންމެ ބޭނުންވާ ގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ.

ގަޑިން ރޭގަނޑު އެގާރަ ޖެހީއެވެ. ޝާނާ އިނީ ކޮޓަރީގައެވެ. ލަތީފްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދިޔައެވެ. ރުޅި އައިސްގެން މީހާ ކުދިކުދިވަނީއެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަނީ ލަތީފެވެ.

"ލަތީ! ތިއީ އަށެއް ޖަހާ އިރު އަހަރެން ބަލާ އަންނަން ބުނި މީހާ. އަތީކާއާ އެކުގައި ޕާޓީއަކަށް ދާން އަހަރެން ބުނެފައި އޮންނާނީ. ހަނދާން ނެތުނީއޭ ނުބުނާތި،" ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ޝާނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ވާހަކަ ދެއްކީ ވަރަށް ބާރަށެވެ.

"އޭނަ ގާތު ބުނި ނަމަ މިހާރު އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ. ކުރިން އުޅުނުހެން ދެން ނޫޅެވޭނޭ. ގޭގައި އެހެން ކަންކަން ވެސް އޮވެއޭ،" ވިސްނައިދޭ ރާގެއްގައި ލަތީފް ބުންޏެވެ.

"ލަތީ! މި ދުވަސް ދެކޭކަށް ނޫން އަހަރެން ކައިވެނި ކުރީކީ،" ޝާނާ ބުންޏެވެ.

"އަހަރުމެން ކައިވެނި ކުރީ އެކަކު އަނެކަކު ދެކެ ލޯބިވާތީ. އެކުގައި ލޯބި ލައިފެއް އުޅެންވެގެން. އެހެންނު؟" ލޯތްބާއެކު ލަތީފް ބުންޏެވެ.

"އާނ. އެކަމަކު އެހެންނެއް ނޫނޭ މި ވަނީ. އަހަރެން ބޭނުންވަނީ ވަރަށް ސަޅި ލައިފެއް. މިކަހަލަ ލައިފެއް ނޫނޭ،" ހިތްހަމަނުޖެހިފައި ޝާނާ ބުންޏެވެ.

"އަހަރުމެން ލައިފް ސަޅިއެއްނު. އެކަކު އަނެކަކަށް ކެއާ ކުރޭ، ލޯބިވޭ. ފައިސާ އެބަހުރި. އަނެއްކާ ދުވާލާއި ރޭގަނޑު އަހަރެން މި މަސައްކަތް ކުރަނީ ރަނގަޅު މުސްތަގުބަލެއް އަހަރުމެން ދެ މީހުންނަށް ލިބޭތޯ،" ލަތީފް ބުންޏެވެ. "މިއަށް ވުރެ ވަކި ރަނގަޅު ލައިފެއް ލިބޭނެތަ؟"

"އާނ. ކައިވެނީގެ ކުރިން އަހަރުމެން އުޅުނީ އެންމެ ސަޅިކޮށް. މިހާރު މިއީ ދިރިއުޅުމެއްތަ؟ އޭރު އަހަރުމެން އުޅުނީ ހިޔާލެއް ފިކުރެއްނެތި މަޖާ ކުރުމުގައި. އެކަހަލަ ލައިފެކޭ މިހާރު ވެސް މަ ބޭނުންވަނީ،" ޝާނާ ބުންޏެވެ.

"ޕާޓީ ކުރުމުގައި މުޅި އުމުރު ހޭދައެއް ނުކުރެވޭނެއެއްނު. ވިސްނާލަބަލަ. އަހަރުމެން މި އުޅޭހެން ކޮންމެ ކޮންމެ މީހަކަށް ނޫޅެވޭނެ. މި ދިރިއުޅުމުގައި ޝާނާއަށް މަދުވަނީ ކޯއްޗެއް؟ އުނިވަނީ ކޮން ކަމެއް؟" ލަތީފް ބުންޏެވެ.

"ވިސްނާކަށް އަހަރެން ބޭނުމެއް ނުވެއޭ. އަހަރެންނަށް އެނގޭހާ ވެސް އެއްޗަކީ އަހަރެން މި އިންނަނީ ދުވާލުދާ ހަތަރުދަމު ޖަލެއްގައި ބަންދުވެފައިކަން. ދެން ލަތީގެ މަންމަގެ ކަމަކީ އަބަދު އަހަރެންނަށް ވިސްނައިދިނުން. ޒުވާބު ނުކުރާށޭ، ގޭތެރޭގެ ކަންކަމުގައި ބައިވެރިވާށޭ، ތިއީ އަންހެންކުއްޖެކޭ. ބަލަ އަހަރެންނަށް ވެސް އެ ވަރު ވިސްނެއޭ. ނޭނގިގެން އުޅެނީ ލަތީ އާއި ލަތީގެ ފެމެލީއަށް. އަހަރެން މަންމަ ބުނެގެން ނުހުއްޓި ކަންކަން މިއަދު ލަތީމެން ބުނެގެން ހުއްޓާލަން ޖެހޭތަ؟ ކަންކަމަށް މަޖުބޫރު ކުރަންޏާ އަހަރެން ވަރަށް ފޫހިވޭ އިނގޭ. ލަތީ ތި ހުރީ ކުރީގައި މަށާ އެއްކޮށް އުޅުނު މަޖާ ގޮތް ހަނދާން ނެތިފައި،" ޝާނާ ވާހަކަ ދައްކަމުން ދިޔައެވެ.

"ޝާނާ އިށީނދެބަލަ މިތާ. ހަމަޖެހިބަލަ. ވަގުތާއި ހާލަތާ އެއްގޮތަށް މީހާ ބަދަލުވާން ޖެހޭނެ. އިސްކަން ދޭ ކަންކަމާއި ކުރަން ޖެހޭ ކަންކަން ވެސް ބަދަލު ކުރަން ޖެހޭނެ. އަދި ބުނަން، އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ. އަބަދުވެސް އަހަރެން ބޭނުންވަނީ ޝާނާ އުފަލުގައި ހުންނަން. އަހަރުމެންގެ ލޯބިލޯބި ދަރިން ތިބެން. އެ އުފާވެރިކަން ޝާނާ ބޭނުންތަ؟" ލަތީފް ކުރީ ބޮޑު ސުވާލެކެވެ.

ޝާނާއަށް އެއަކަށް ޖަވާބެއް ނުދެވުނެވެ. އޭގެ ދެތިން ހަފުތާ ފަހުން ޝާނާ ޑޮކްޓަރަށް ދައްކަން ދިޔައެވެ. މާ ބޮޑަށް ބޯ އަނބުރާތީއެވެ. ދިޔައީ އަތީކާއާ އެކުގައެވެ.

"ޑޮކްޓަރު، ނުބުނާތި އަހަރެން ބަލިވެ އިނިއްޔޭ!" ނޭވާ ހިފަހައްޓާލަމުން ޝާނާ ބުންޏެވެ.

"އެ ކީއްވެ؟ ޝާނާ ދަރިއަކު ބޭނުމެއް ނޫންތަ؟" ޑޮކްޓަރު އަހާލިއެވެ.

"އާނ. އަހަރެން ބޭނުމެއް ނޫން އެ ވަރުގެ ބޮޑު ޒިންމާއެއް ބޮލުގައި އެޅޭކަށް،" ފޫހިވެފައި ޝާނާ ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް