ވާހަކަ: ތަރުބިއްޔަތު

ވާހަކަ

ވާހަކަ: ތަރުބިއްޔަތު - ފަސްވަނަ ބައި

16 ސެޕްޓެމްބަރު 2024

އެޕިސޯޑް 5

"ފައިހާ ދެވަނަ ފަހަރަށް ކައިވެންޏެއް ކުރަން ހިޔާލެއް ނުކުރަންތަ؟" ވަރަށް ނޫން ގޮތަކަށް ހައްވައްތަ އަހާލިއެވެ.

ހައްވައްތަ ކުއްލިއަކަށް އެހެން ބުނުމުން ބުނާނެ އެއްޗެއް އަހަރެންގެ ދުލުކުރިއަކަށް ނައެވެ. ހަގީގަތުގައި އެއީ އަހަރެން ވިސްނާފައި އޮތް ކަމެއް ނޫނެވެ. އަދި ކުރަން ބޭނުން ކަމެއް ވެސް ނޫނެވެ. އެންމެ ކަންތައް ބޮޑު ވަނީ ޝާނާއާ މެދުގައެވެ. އޭނަގެ އުޅުމާއި ކަންކަން ހުންނަ ގޮތުން އެ ނޫން ހިޔާލެއް އަހަރެންނަކަށް ނުކުރެވެއެވެ. އަމިއްލަ ނަފުސާ މެދު ވިސްނާލާނެ ޖާގައެއްގެ ބޮލު ތެރޭގައި ނުހުރެއެވެ. އަހަރެން އިސްޖަހާލީމެވެ. އެކަމުން ހައްވައްތައަށް ނެގުނީ ކޮން މާނައެއް ކަމެއް ނޭނގެއެވެ.

"އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ. ހިތަށް އެރީ އެ ސުވާލު ކޮށްލާނަމޭ،" އޯގާތެރިކަމާއެކު ހައްވައްތަ ބުންޏެވެ.

ގޭގައި އިނދެގެން މަޑުމަޑުން ފަހަން ފެށީމެވެ. ހީވެސް ނުކުރާހާ ހަލުވިމިނުގައި އެކަން ކުރިއަރަމުން ދިޔައެވެ. ފުރަތަމަ ފަހައިދޭން ފެށީ އަވައްޓެރިންނަށެވެ. ލިބާހާއި ދިގުހެދުމެވެ. ޕާކިސްތާނު ހެދުމާއި ކުޑަކުދިންގެ ހެދުމެވެ. އީދު ދުވަހު ވެސް އަހަރެން ހުރީ އަތުބުރު ނޭނގޭހާ އަވަސް ކޮށްލާފައެވެ. ނަމަވެސް މިކަން ކުރުމަކުން ޝާނާއަށް ދޭން ޖެހޭ ސަމާލު ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ ވެސް އެއްގޮތަށް އޭނާގެ ކަންކަން ރަނގަޅަށް ބަލަމުން އަހަރެން ދިޔައީމެވެ. މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް އަހަރެންނަށް ވެދެމުން ދިޔައީ ހައްވައްތައެވެ. ބަލަބަލާ ހުއްޓައި އަހަރެއް ފާއިތުވެގެން ދިޔައެވެ. ކޮންމެ ކަމަކީ ވެސް ކުރަން ކެރޭ ނަމަ މަންފާ އާއި ފައިދާ ނެރެވޭނެ ކަންކަމެވެ. ބޭނުންވަނީ ކެތްތެރިކަމާއި ހިތްވަރާއި ކެރުމެވެ.

ދުވަހެއްގެ ހެނދުނެވެ. އަހަރެން އިނީ ފަހާފޮށި ކައިރީގައެވެ. މީހަކު ސަލާން ގޮވާލި އަޑަށް އަހަރެން ބަލާލީމެވެ.

"ފައިހާ، ކަލޭ ދަރި ނުބެލެންޏާ ކުދިން ބަލަހައްޓާ ތަނަކަށް ގެންދަންވީނު،" އެއީ ހަސީނާގެ އަޑެވެ. ހައްވައްތަގެ ވަރަށް ގާތް އެކުވެރިއެކެވެ. ހަސީނާ ދިރިއުޅެނީ މިގޭ ކުރިމަތީ ހުންނަ ގޭގައެވެ.

"ކިހިނެއްތަ ވީ؟" ގޮނޑިން ތެދުވެފައި އަހަރެން އަހާލީމެވެ.

"މި ކުއްޖާ ލޮލަށް ވެލި ޖެހީ. ބަލާބަލަ މަގޭ ދަރި ދެލޯ. މި ދެން ކިހާ ބޮޑުވެއްޖެ ކަމެއް. ތި ކުއްޖާއާ ހެދި އެހެން ކުދިންނަށް ކުޅެލެވެނީއެއް ނޫން. އަބަދު ކޮންމެވެސް ކުއްޖަކަށް އަނިޔާއެއް ދޭނެ. ނުވަތަ ޖެއްސުމެއް ކުރާނެ. އެހެންނު ވާނީ. މީނަ މި އިންނަނީ ދުވާލާއި ރޭގަނޑު މި ފަހާފޮށިގަނޑު ކައިރީ. ދެން ކިހިނެއް ދަރި އުޅޭ ނޫޅޭ ތަނެއް އެނގޭނީ؟" ހަސީނާ އެއް ފައްޗަކަށް އަމުނާލިއެވެ. އަހަރެން ހިތަށް އަރާނެ އެއްޗަކަށް އެންމެ ފަހަރަކު ވެސް ވިސްނާނުލައެވެ.

"ހާދަ އަޑުގަދަކޮށްލައިގެން މި އުޅެނީ. އަނެއްކާ ކިހިނެއްވީ؟" ކޮޓަރިން ނުކުމެފައި ހައްވައްތަ އެހިއެވެ.

"މިއުޅެނީ މިހިރަ ފައިހާގެ ދަރިއާ ހެދި އުނދަގުލަކަށް ވެގެން. ކޮންމެ ދުވަހަކު ކޮންމެވެސް ކުއްޖަކަށް ގޯނާއެއް ކުރާނެ."

"ކުޑަކުދިން ކުޅެން އުޅޭ އިރު ކަންކަން ވެސް ވާނެ. އޭގެ މާނައަކީ ތިހެން އައިސް އެއްޗެހި ގޮވާށެކޭ ނޫން. މިއަދު ޝާނާ އަތުން ކަމެއް ވިއްޔާ މާދަން ވާނީ ހަސީނާގެ ދަރިފުޅު އަތުން،" ހައްވައްތަ ބުންޏެވެ. އަހަރެންގެ ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައް އެތެރެއަށް ހިންދާލީމެވެ.

"ހޫނ. އަދި މީނައަށް ވެސް ކަމުދާނީ އެ ޝާނާ. ހިނގާ ދާން ދަރިފުޅާ،" ވަރަށް ބާރަށް ހިނގައިގަންނަމުން ހަސީނާ ބުންޏެވެ.

"ފައިހާ އަޅާނުލާ. އެނގެއެއްނު ހަސީނާގެ ގޮތް،" އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ހައްވައްތަ ބުންޏެވެ.

ބައެއް މީހުން ބުނެލާ އެންމެ ޖުމުލައަކުން ވެސް މީހުންގެ ހިތުގައި ނުފިލާ ރިހުމެއް ލައްވާލައެވެ. އެއީ ދުރު މީހެއް ނުވަތަ ގާތް މީހެއް ވިޔަސް ވެހެވެ. ހާއްސަކޮށް ތިމާގެ ދަރިންނާ ބެހޭ ގޮތުން ފާޑުފާޑުގެ އެއްޗެހި ކިޔާ ނަމަ އެ ބަސްތައް ހިތުގައި ކަނޑައި ބިންވަޅު ނެގެއެވެ. ކިތަންމެ ފަހަރަކު ހިތް ބުނެއެވެ. އެ މީހަކަށް މައާފެއް ނުކުރާނަމެވެ. ނަމަވެސް ދެވަނަ ފަހަރު ވިސްނުން ބަދަލު ވެސް ވެދެއެވެ. ދަރިންނާ ބެހޭ ގޮތުން މީހުން ބުނާ އެއްޗެއްސަށް ރައްދު ދިނުމަކީ އަހަރެން ދެކޭ ގޮތުގައި ކުރަން ޖެހޭ ކަމެކެވެ. ނުކުރާ ނަމަ ދެން އެ މީހަކު ކުރާނީ އެއަށް ވުރެ ބޮޑު ކަމެކެވެ. ދެން އަޅުވާނީ އިލްޒާމެވެ. ކުއްޖާ ކުރާ ކަމަކުން މީހަކަށް ގެއްލުންވުމަކީ އަހަރެން ވެސް އެދޭ ކަމެއް ނޫނެވެ. ނަމަވެސް މައިންބަފައިންގެ އިހުމާލުން ވާ ކަންކަމޭ ބުނާ ނަމަ އަހަރެން ވަރަށް ދެރަވެއެވެ.

މީހަކަށް ނޭނގުނު ކަމުގައި ވިޔަސް ޝާނާ ތަރުބިއްޔަތު ކުރުމުގައި އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް އެބަ ކުރަމެވެ. ރަނގަޅު ގޮތާއި ނުބައި ގޮތް އޭނަގެ އުމުރާ ގުޅޭ ގޮތަށް ބުނެދެމެވެ. ނަސޭހަތް ދެމެވެ. ވިސްނާދެމެވެ. ނަމަވެސް ފޫ ނެތް ފަޔަށް ފެން ފުރުމެކޭ އެއް ވަރެވެ. ޝާނާ ބޮޑުވަމުން ދިޔަ ވަރަކަށް ދިޔައީ ބޯހަރުކަން އިތުރު ވަމުންނެވެ. ގޮތްދޫނުކުރުމާއި އަހަރެންނާ ދިމާލަށް ބޭނުން އެއްޗެއް ބުނުން ދިޔައީ އާންމު ކަމަކަށް ވަމުންނެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދޭން ޖެހެއެވެ. ސުކޫލުގައި ކުއްޖަކު ގެންގުޅޭ އެންމެ އަގުބޮޑު އެތި ޝާނާގެ އަތުގައި އޮންނަން ޖެހެއެވެ. ނުގަނެދީފިއްޔާ އެއީ އޭނަ ދެކެ އަހަރެން ލޯބި ނުވަނީއެވެ. ގޮތްގޮތް އެނގި ފުރާވަރަށް އެޅި އިރު ވެސް ޝާނާގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެންގެ ބޮލުގެރިހުން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ގިނަ ވަގުތުތަކުގައި ޝާނާ އުޅެނީ ގެއިން ބޭރުގައެވެ. ދަނީ ކޮންތަނަކަށްތޯ ސުވާލު ކުރުމުން ގިނަ ފަހަރަށް އެއްޗެއް ނުބުނާނެއެވެ. ނުވަތަ އަހަރެންނާ ބެހޭ ކަމެއް ނޫނޭ ބުނާނެއެވެ. އެ ވަރުން ވެސް އަހަރެން ކެތްތެރިވީމެވެ. މި ނޫން ދުވަހެއް އަދި ފެންނާނެ ކަމުގައި އުންމީދު ކުރީމެވެ.

"ބުނެފީމެއްނު މަށަށް ފޯނެއް ގަނެދޭށޭ. ދިވެހި ބަހުން ބުނީމަ ވެސް ނޭނގޭތަ؟" ޝާނާ ބުންޏެވެ.

"ދަރިފުޅާ، އަށާރަ އަހަރު ވީމަ ގަނެދޭނަމޭ. ދެން އޮތީ އެންމެ އަހަރެއްނު. ސުކޫލުން ވެސް މަނާ ކަމެއްނު އެއީ،" އަހަރެން ބުނީމެވެ.

"އެކަމަކާ މަންމަ ވިސްނާނެ ކަމެއް ނެތް. މިއަދުން މިއަދަށް އަހަރެންނަށް ފޯނެއް ގަނެދީ. އަހަރެންގެ ހުރިހާ ރައްޓެހިން ވެސް ފޯނު ގެންގުޅޭ. އެ މީހުން ކުރިމަތީ މަ ހުންނަނީ ލަދުން ހަލާކު ވާވަރު ވެފައި،" ފޫހިވެފައި ޝާނާ ބުންޏެވެ.

"ދަރިފުޅާ! ޅަ ކުދިންހެން ބޮޑާހޭކުން ހުއްޓާލާނީ ކޮން ދުވަހަކުން؟"

"މިއަދު، މި ވަގުތު. ފޯނެއް ނުގަނެދީފިއްޔާ މަންމަ ފަހުން ދެރަވާ ވަރުގެ ކަމެއް މަށަށް ކުރެވޭނީ،" ކޮޓަރީގެ ދޮރު ވަރަށް ބާރަށް ލައްޕަމުން ޝާނާ ބުންޏެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެލޯ މަރާލެވުނެވެ.

ދަރިންގެ ބޭނުންތައް ފުއްދައިނުދެވޭ ހިސާބަށް ކަންކަން ދިޔުމަކީ އެދެވޭ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ވަގުތަކާއި އުމުރެއް ވާނެއެވެ. އެ ވަރު ބައެއް ކުދިންނަށް ނުވިސްނެނީ ކީއްވެބާވައެވެ؟ ދަރިންގެ ބޯހަރުކަން އިންތިހާއަށް ދިޔުމުން މަޖުބޫރުވެފައިވާ މައިންބަފައިން ޖެހެނީ އިސްޖަހާށެވެ. ނޫން ނަމަ ދަރިން ކޮންމެ ފަދަ ކަމެއް ކޮށްފާނެ ކަމުގެ ބިރު ހިތުތެރޭގައި އަށަގަންނަމުން ދެއެވެ. އެކަމަކު ބުނާހާ ހުރިހާ ކަމެއް ކޮށްދިނުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟

އަހަރެން ބޭނުންވި ފަދަ ދަރިއަކަށް ޝާނާ ނުވުމަކީ އަހަރެންގެ ނުކުޅެދުންތެރިކަން ހެއްޔެވެ؟ ތަރުބިއްޔަތު ކުރުމުގައި ކޮން ކަމެއް އުނިވީ ހެއްޔެވެ؟ އަހަރެންގެ ހުރިހާ ކަމެއް ގުރުބާން ކޮށްފައި ވެސް ޝާނާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެވޭތޯ ބެލީމެވެ. ޝާނާ ބޭނުންވާ ކޮންމެ އެއްޗެއް ގަނެނުދެވުނަސް ގިނަ އެއްޗެހި ގަނެދީ އެދޭހާ އެދުމެއް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާކޮށްދެވޭތޯ ވެސް ބެލީމެވެ. ނަމަވެސް މިއަދު އަހަރެންނަކީ ޝާނާއަށް އެއްވެސް މީހެއް ނޫނެވެ. ޝާނާ އެންމެ ފޫހިވާ މީހާއެވެ. އުފަން މައިމީހާއެއް ކަމަކު އަހަރެންނަށް ކުރަން ޖެހޭ އެއްވެސް އިހުތިރާމެއް، ގަދަރެއް ނުކުރެއެވެ. ކޮންމެ ވެސް ދުވަހަކުން އޭނައަށް ވިސްނޭނެ ކަމުގައި އުންމީދު ކުރަމެވެ.

"އަހަރެންނަށް ވިސްނިއްޖެ ތި ބުނަން އުޅޭ އެއްޗެއް،" މުއާޒް ބުންޏެވެ.

"މިހާތަނަށް އަހަރެން ބުނަން އުޅެ ނުބުނެ ހުންނަ ކޮންމެ އެއްޗެއް ކޮންމެ މީހަކަށް ވެސް ވިސްނޭނެ،" ޝާނާ ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް