'ފުރޭތަ' މިއީ ރާއްޖޭގެ މިހާރުގެ ކުށުގެ ވެށި ދައްކުވައިދޭ ފިލްމެއް

މީޑިއާނެޓް

'ފުރޭތަ' މީޑިއާނެޓް ވީޑިއޯކްލަބަށް ބުރާސްފަތިދުވަހު

މިއީ ބަދަލުހިފުމުގެ އެކްޝަން ފިލްމެއް. އޮލިމްޕަހުގައި ފިލްމު ބެލި ގިނަ ބަޔަކު މި ފިލްމުގެ ވާހަކައަށް ތައުރީފުކުރި
26 މޭ 2024

ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު ނެރުނު ފިލްމު 'ފުރޭތަ' މީޑިއާ ނެޓު ވީޑިއޯކްލަބުން އަންނަ ބުރާސްފަތިދުވަހު ފެންނަން ފަށާނެ އެވެ.

މިއީ އެންމެ ފަހުގެ އަމިއްލަ އުފެއްދުންތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ވީޑިއޯކްލަބުން ކުރާ މަސައްކަތުގެ ބައެކެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބަދަލުހިފުމުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ތަޅާފޮޅުން ވެސް ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކައަށް އޮލިމްޕަހުގައި ފިލްމު ބެލި ގިނަ ބަޔަކު ތައުރީފުކުރި އެވެ.

ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިލޮގް ލިއުނީ އަހުމަދު ތޮލާލް އެވެ. ފިލްމުގައި ފެންނަ ތަރިންގެ އެކްޓިންގެ މޮޅުކަމަށް ވެސް ބެލުންތެރިންގެ ތައުރީފު ލިބުނެވެ.

މި ފިލްމުގައި ފެންނަނީ ރާއްޖޭގެ މިހާރުގެ ހާލަތެވެ. ކުށުގެ ވެށި އޮތް ގޮތުގެ ސަބަބުން ކުށްތައް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތެވެ. އެ މަސައްކަތަށް އެހީތެރިވެދޭ އާންމުންގެ މީހަކަށް ގޭންގުތަކުން ކުރިމަތި ކުރުވާ އިންޒާރުތަކާއި ބިރު ދެއްކުންތަކާއި ގަތުލުތަކެވެ. އިންސާފަށް އެދި ކުރަން ޖެހިފައި އޮތް އުނދަގޫ ދަތުރެވެ. އެންމެ ފަހުން ބަދަލު ހިފަން މަޖުބޫރުވެ ކުރެވޭ މަސައްކަތެވެ.

ފިލްމުގެ ލިޑް ރޯލް ކުޅެނީ ފިލްމީ ދާއިރާގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ ތަރި އަބްދުﷲ ޝަރަފް އެވެ. މި ފިލްމުގެ މަންޒަރުތައް އެންމެ ފުރިހަމައަށް ގެނެސްދިނުމުގައި އޭނާގެ އެކްޓިން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ރަވީ ފާރޫގުގެ އެކްޓިން ވެސް މޮޅެވެ. ފިލްމުގެ ތެޅުންތައް ގެނެސްދިނުމުގެ މައިގަނޑު ފަންނުވެރިޔަކީ ވެސް ރަވި އެވެ. މީގެ އިތުރުން މުހައްމަދު މަނިކު، އަހްމަދު ސައީދު، އާދަމް ރިޒްވީ، އައިމިނަތު އަސީލާ، ސޫޒަން އަދި ކުޑަކުއްޖެއްގެ ރޯލު އަދާކުރި އަހްމަދު ނީލްގެ އެކްޓިން ވެސް ފާހަގަކޮށްލެވެ އެވެ.

ސިނަމާގައި ހޯދި ކާމިޔާބީއަށް ފަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް މި ފިލްމު ރިލީޒްކުރާއިރު މިއީ ވީޑިއޯކްލަބްގެ ހިދުމަތް އިތުރަށް ފުޅާވަމުން އަންނަ އަހަރެކެވެ.

މި ހިދުމަތް މެދުވެރިކޮށް ދިވެހިންނާ ހަމައަށް ފަހުގެ ރީތި ދިވެހި އުފެއްދުންތައް އަންނަނީ ގެނެސްދެމުންނެވެެ.

އެގޮތުން ލޯބީގެ ފިލްމު 'ނޮވެމްބަރު'، ތްރިލާ ފިލްމު 'ނީނާ'، ބިރުވެރި ފިލްމު 'ކަޅަކި' އަދި ސައިކޮލޮޖިކަލް ތްރިލާ 'ބަވަތި' ވީޑިއޯކްލަބުން ރިލީޒްކޮށްފަ އެވެ.

ވީޑިއޯކްލަބްގެ އެހެން ކޮންޓެންޓްތަކާ އެއްގޮތަށް 'ފުރޭތަ' ވެސް ޓީވީ އާއި މޯބައިލް ސްކްރީނުތަކުން ފެންނާނެ އެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެމްއެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީންނާއި އެމްއެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް މޯބައިލް ސްކްރީންތަކުން ބަލައިލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް