އިލަސްޓްރޭޝަން: މޫސާ މަމްދޫހު

ވާހަކަ

ރަސްގަތުލު – 12 ވަނަ ބައި

15 އޭޕްރީލު 2024
6

ކުލަ ބަދަލުކުރަމުން ދިޔަ މާސިންގާ ބޯވަދިލަމަހަކަށް ފާރަލަމުން ގޮސް ވަސޫކީ ފިލައި އޮތީ ތޫނުމުރަކައިގެ ބޯ ޖަންގައްޔެއްގަ އެވެ. އެއީ ރީނދުލާއި ފިޔާތޮށިކުލަތައް އޭގެ ފިތްޖެހި ގޮފިތަކަށް ފޭދި އިސްކޮޅުން މައްޗަށް އަރައި މުޅި ހިސާބުގަނޑަށް ފެތުރިފައިވީ އަލިފާންމުރަކައިގެ ހާއްޔެކެވެ. ވަސޫކީ ބަލަހައްޓައިގެން އޮތީ މުރަކައިގެ އެ ގޮފިތަކުގެ މައްޗަށް އަރައި ތިބި ހުލިހުލިކަކުނިތައް ޝިކާރަކޮށް ކަމުން ގެންދިޔަ މާދިލަމަހަށެވެ.

އެއީ މީގެ ކުރިން އޭނާ ދުވަހަކުވެސް ލޯދެކެފައިނުވާ ވަރުގެ ބޮޑު ބޯވަދިލަމަހެކެވެ. ކަފިހިއަހެއްގެ ރޮނގު ކުރެހުންތަކާއި ފުއްލާބޮލީގެ ލައްތައް އޭގެ ބުރަކަށިމަތިން ގޮސް ފިޔަގަނޑާއި ފައިތަކަށް ފޭދި ފެތުރި ރެދަން ވިދުވަރުން ވިދައި ބަބުޅަމުން ގެންދިޔަ ހިތްގައިމުކަމެކެވެ.

އެ ވައްތަރުގެ ބޯވަދިލަމަހަކީ ކުމާރީންގެ މި ދުނިޔޭގައި މިހާރު ތަދު އެއްޗެކެވެ. އަދި އެންމެ އަގުބޮޑު، އެންމެ މީރު މަހެވެ. ނަމަވެސް އޭގެ ދިލަމަހެއް ޝިކާރަކުރުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ.

ވިހައިން ތޫނުކޮށް، ޝާހީ ކުރެހުން އެޅި ލޮންސިއެއް ވަގުވަގަށް ބުރަކަށިމަތިން ދަމައިގެން ވަސޫކީ ކުރިއަށް އެޅި ފިޔަވަޅާއެކު ބޯވަދިލަމަހަށް އޭނާގެ ހިލަން ވަގުތުން ވެއްޖެ އެވެ. އެއާއެކު މުޅި އެތަނަށް އޮލަ ދުންގަނޑެއް ދޫކޮށްލާފައި، ދުނިން ދޫކޮށްލި ތީރެއްހެން މައްޗަށް އަރައިގެން ގޮސް އެ ބިޔަ ބޯވަދިލަމަސް އޭގެ އެތައް ގުނައެއް ކުޑަވެއްޖެ އެވެ.

އޮލަ ދުންގަނޑު މަޑުމަޑުން މުޅި ހިސާބުގަނޑަށް ފެތުރި ބޯމަތިން ސާފުވުމާ އެކު ވަސޫކީގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ އެ ދިލަމަހުގެ ބެބުޅުމެވެ. ނަމަވެސް އެ މަސް، މިހާރު ދަތުރުކުރަމުން އެ ގެންދަނީ ވަސޫކީގެ ލޮންސި އަށް ކުޅަދާނަވެގެންވާ ރާސްތާއަށް ވުރެ މާ މަތިންނެވެ.

އެތައް ސަތޭކަ ފޫޓެއް މަތިން ބަރުހެލިގޮތަކަށް އުދުހެމުން، މަޑު ނޫ ކުލަ އާއި ފެހި ކުލަ އާއި ދަނބުކުލައިގެ ދަޅަތައް އަރުވަމުން ދިޔަ ރޮނގު ކުރެހުންތަކާއި ލައްތަކުގެ އަޖާއިބުގައި ޖެހިފައި ވަނިކޮށް ވަސޫކީގެ ސަމާލުކަން ޖަހައިގަތީ މާ ދުރު ނޫން ހިސާބަކުން ކުއްލިއަކަށް އިވުނު ގަދަ އަޑުފަށްގަނޑަކާ އެކު އަރައިގެން އައި ލޮޅުންގަނޑެކެވެ.

ހީވީ އޭނާ ފާރަލަމުން ދިޔަ ބޯވަދިލަމަހަށް ވުރެ އެތައް ގުނައެއް ބޮޑު ނުރައްކަލެއް ވިލާތައް ތޮރުފަމުން ގޮސް މުރަކައިގެ މި ޖަންގަލީގެ މެދަށް އަނގަވަތަށް ވެއްޓުނުހެންނެވެ.

ކަފަވިލާގަނޑެއްގެ ތެރެއަށް ވަދެ އެ ބޯވަދިލަމަސް ގެއްލުމާ އެކު ވަސޫކީ ނިކަން ފަރިތަކަމާ އެކު ނަލަ ރާގެއް ތުނބުން ފުމެލި އެވެ. އެއާއެކު އެންދެރި ގަހެއްގެ ބުޑާ ދިމާލުން ނުކުމެގެން އައިސް އޭނާގެ ގާތަށް ތިރިވެ، މައިތިރިވެ ހަމަޖެހިލީ ހުދުކުލައިގެ ބޮޑު ލައްގަނޑެއް ބުރަކަށިމަތިން ގޮސް ދެ ފިޔަގަނޑުގެ ކޮޅަށް ފޭދިފައިވީ ސިންގާ އެންމަޑިއެކެވެ. ބުރަކަށީގައި ހަރުކޮށްފައިވީ ބަކަރި ހަމުގެ އުރައަށް ލޮންސި ޖަހާލައިގެން ގޮސް ވަސޫކީ އަރައި ހަމަޖެހިލީ އެ އެންމަޑީގެ ބުރަކަށިމަތީގަ އެވެ. އަދި ވައިކަފަމުން ކުއްލިއަކަށް އުދުއްސައިގަތެވެ.

ދުރުން ފެންނަމުން ދިޔަ ހިރަފުހުގެ ދުންގަނޑު މުޅި ހިސާބުގަނޑަށް ފެތުރި އެ ދިމާލުގައި ނިއުޅެމުން ދިޔަ މަންޒަރު ލޮލަށް ސާފުވިއިރު ވަސޫކީ އޭނާގެ އެންމަޑީގައި ގޮސް މަޑުކޮށްލައިގެން އޮތީ އެންދެރި ވާދީގެ އުސްބިމުގެ ހިޔަލުގަ އެވެ. ނުވަތަ އެތަނަށް ވެރިވެ އޮތް ހިޔަނިގަނޑުގެ ތެރޭގައި ފިލަ އެވެ.  

ކުރިމަތީގައި އޮތީ އަޑިގުޑަން މުރަކައިގެ ވާދީއެކެވެ. އަދި އެތަނަށް ވެއްޓި ހޭރެމުން ދިޔަ ބޮޑު މަހެއް ނޮޅައިގެން ކަމުން ގެންދިޔައީ ދެ ބޯ ލީ ގަންޑާބެރުންޑާއެކެވެ. ލޯ ކުރިމަތިން ފައުޅުވި މަންޒަރަށް ދަމައިގަތް ޝައުގުވެރިކަމުގައި ވަސޫކީ ދުރުމީއެއް ނަގައި ހުޅުވާލި އެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ކޮރުމުރަކައިގެ ގަސްތަކުގެ ތެރެއިން މަރަށްފުރާނަޔަށް ހެލެމުން ދިޔަ ދެ މީހެކެވެ. އެއީ ދޭވްރީ އާއި އާމިރުއައްޔޫބީ އެވެ.

ދޭވްރީ ފެނުމާއެކު އެއީ ކާކުކަން އެނގި ވަސޫކީގެ ހަތަރެސްފައި ފިނިވެގަތެވެ. އެވަގުތު ނަރުނަގޫމަޑިއެއްގައި އައި ޕޫރާޅީއަކު އެ ދެ މީހުން ޖަހައިގެން ގޮސް ވިލާތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ. ކެކިގަތް ލެޔާއެކު މުށުތެރެއަށްލީ ދުރުމީގަނޑު ބަނޑިއަރުވައި އަތުކޮޅަށް ހޫރާލުމަށް ފަހު ފުންމައިގެން ގޮސް ވަސޫކީ އެރީ އޭނާގެ އެންމަޑިޔަށެވެ. އަދި ވައްވައްޖަހައިގަތުމާ އެކު އެ ސޮރު އޭނާ ގޮވައިގެން އެތަނުން ފެއްސި ހިނދުކޮޅެއްގެ ތެރޭގައި ލޮލަށް ގެއްލިއްޖެ އެވެ.

ވަސޫކީ އަކީ ކުމާރީންގެ ތަހުތަށް އަރައި އިން އޯވިޔާ ގޮސްވާމީގެ އެންމެ އިސް ސެނާޕަތީ ގާއިދެވެ. މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން އޯވިޔާ އަށް ތަހުތު ކަށަވަރުކޮށްދިން ހަނގުރާމައިގައި ވެސް އޭނާގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. އޭނާގެ އެންމެ ވަފާތެރި އަދި އެންމެ ކުޅަދާނަ ގާއިދެވެ.

ދޭވްރީގެ ހަބަރު ހިފައިގެން ގޮސް ވަސޫކީ ވަނީ ތަހުތުގެ އެންމެ އެތެރެކޮއިލަށެވެ. އެކަމަކު އޭރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ސައްލާގެ މަޖިލިސް ފަށައިފި އެވެ. ދޭވްރީގެ ހަބަރު އޮތީ އެތެރެކޮއިލަށް ފޯރައިފަ އެވެ. އަދި އެ ނުރައްކަލާ ކުރިމަތިލުމަށް ކުމާރީންގެ ސެނާޕަތީ ޖަލްސާ ފަށައިގެން ކުރިއަށް ދަނީ އެވެ.

ރިހިގަނޑުވަރު ތެރެއަށް ވަދެގެން ގޮސް ވަސޫކީ މަޑުކޮށްލީ ގޮސްވާމީގެ އަރިހުގަ އެވެ. ގޮސްވާމީ އޭނާގެ ސެނާޕަތީ ގާއިދާ ދިމާލަށް ބަލައި ބޯޖަހައިލީ އެންމެ ފުރިހަމަ ޔަގީންކަމުގަ އެވެ. ވަސޫކީގެ ސަމާލުކަން ގޮސް ހުއްޓިފައި ހުރީ ގޮސްވާމީގެ ބަނޑަށެވެ. ހަ މަހުގެ އެ ބަނޑު ތެރޭގައި އޮތް ފުރާނަ ލޮލަށް އަދި ނުފެނުނަސް އޭނާއާ ބައްދަލުކުރަން ފާވަމުންދާ ބިރުވެރިކަމާއި މުސީބާތްތައް މިހާރު ވެސް ވަސޫކީގެ ލޯ މައްޗަށް ސިފަވެގެން އަންނާތީ އެވެ.

ކުމާރީންގެ މި ސުވަރުގެ އަކީ އަބަދުވެސް އަންހެނުންގެ ދުނިޔެއެކެވެ. އަންހެނުންގެ ތަހުތެކެވެ. އަންހެނުންގެ އާރާއި ބާރާއި ލެޔާއި ހިތާއި ހިތުގެ ގުޅުމެކެވެ. ކައުނަވީ ވަގުތުގެ ބުރު ފެށުނީއްސުރެން ފެށިގެން އަންހެނުންގެ އާދަޔާހިލާފު ނަސްލަކުން ރަނިކަންކުރަމުން އައި ތަހުތެކެވެ. އަދި އެ ތަހުތުގައި މިހާރު އިން ގޮސްވާމީގެ ބަނޑުގައި އަންހެން ދަރިއަކު ގަރުބަގެންފައި އެ ވަނީ އެތައް ސަތޭކަ އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހު އެވެ.

ބޯދާ ފަތްފުށްތަކުގައި ލިޔެފައިވާ ގޮތުން ނަމަ މި ކައުނަވީ ޢާލަމުގެ އެންމެ ފުރަތަމަ ފާރަވެރިންނަކީ ވެސް ކުމާރީންނެވެ. އަދި އެތައް ހާސް އަހަރެއް އެމީހުން ކަޑައްތުކުރީ އެ ފުރިހަމަ ފާރަވެރިންގެ ގޮތުގަ އެވެ. އެ މީހުންގެ މި ދުނިޔޭގައި އޮތީ ސުލްހަމަސަލަސްކަމާއި އަރާމާއި އުފާވެރިކަމާއި ލޯތްބެވެ. ޕިޝާޗާއިންގެ ގޮތުގައި މުޅި ކައުނަށް ފެތުރެމުން ދިޔަ އާދަޔާހިލާފު ނަސްލަކަށް ނިސްބަތްވީ ގޮތްނޭނގޭ ފިރިހެނުންތަކެއް ގޮސް އެމީހުންގެ އިމުގައި ޓަކިދޭން ފެށުމާ ހަމަ އަށެވެ.

ޕިޝާޗާއިންނަކީ ސިފަ އިން ހުތުރު، މުޑުދާރު ފިރިހެން ނަސްލެކެވެ. ގަދަ ރަތް ކުލައިން ދިއްލޭ ދެ ލޮލާ އެކު ރޭގަނޑުގެ ކަނު އަނިދިރިކަމުގެ ތެރެއިން ފާވެގެން އައި ބިރުވެރިކަމެކެވެ. ހިތާއި ސިކުނޑި އާއި ހިއްސުތައް މެދުވެރިކޮށް އެހެން ނަސްލުތަކާއި ދިރޭ ޖަނަވާރުތަކާއި ސޫފިތަކަށް ވެރިވެ ސަވާރުވެގަތުމުގެ ގާބިލުކަން ލިބިފައިވާ ނާމާންވި ބާރެކެވެ. ބޭނުން ސިފައަކަށް ބަދަލުވުމުގެ ކުޅަދާނަކަމާއި ލޯ މައްޗަށް ގެއްލި ވަންހަނާވެގަތުމުގެ އުކުޅުތައް އެންމެ މަތީ ދަރަޖައިގައި ދަސްކޮށްފައިވާ އާދަޔާހިލާފު ބާރެކެވެ. އަދި ކުމާރީންގެ ލެޔަށް ފެންބޮވައިގެންފައިވީ ނުރައްކާތެރި ނަސްލެކެވެ.

ކުމާރީންގެ އިމަށް އެމީހުން ގޮސް ވަނީ ހާލުގައިޖެހިފައިވީ ނިކަމެތީންތަކެއްގެ ގޮތުގަ އެވެ. އެކަމަކު ސިފަ އިން އާދަޔާހިލާފަށް ރިވެތި ފިރިހެނުންތަކެއްގެ ގޮތުގަ އެވެ. އެންމެ ފުރަތަމަ ވަރަށް އާދައިގެ ހައެއްކަ ފިރިހެނުންނެވެ. އެއަށް ފަހު މަޑުމަޑުން ގޮސް އެމީހުންގެ އަދަދު އިތުރުވެ މިކަމެއް ބޮއްސުންލައިގެން ދިޔައިރު ކުމާރީންގެ ވަރަށް ގިނަ އަންހެނުން ޕިޝާޗާއިންނަށް ބަދަލުވެއްޖެ އެވެ. އަދި ޕިޝާޗާއިންނާ ގުޅިގެން އެމީހުން ދިޔައީ ކުމާރީން ޝިކާރަކޮށް އެމީހުންގެ ލޭ ބޮއެ ހުސްކުރަމުން ސުލްހައިގެ އެ ސުވަރުގެ ނަރަކަގެއަކަށް ބަދަލުކުރަމުންނެވެ.

ނަމަވެސް އާދަޔާހިލާފު ބާރުތަކެއް ލިބިފައިވީ ނަސްލަކީ ހަމައެކަނި ޕިޝާޗާއިންނެއް ނޫނެވެ. އެތައް ހާސް އަހަރުތަކެއް ވަންދެން ކައުނީ ބެލެނިވެރިންގެ ގޮތުގައިވީ ކުމާރީންގެ ބާރުތައް ގޮސް އެންމެފަހުން ޕިޝާޗާއިންނާ އަރައި ހަމަކުރިކުރުން ވެގެންދިޔައީ އެ ނަސްލު އެކުގައި ނެތިނިމިގެން ދިއުން ކަހަލަ ކަމަކަށެވެ.

ދޭވްރީ އަށް އާމިރުއައްޔޫބީ ފެނުނީ އޭގެ އެތައް ސަތޭކަ އަހަރެއް ފަހުންނެވެ. ކުމާރީންގެ ދުނިޔެ އިން ބޭރުކޮށް ކުމާރީންގެ ބާރުތަކަށް ފިލައިގެން ސަރަންދީބު ފަރުބަދައިގެ އަނދިރި ހޮހޮޅައެއްގެ ތެރޭގައި ދިރިއުޅެމުން ދަނިކޮށެވެ. ދެ މީހުން އެއްތަންކުރި ސަރަންދީބު ފަރުބަދައިގެ ގަނޑުވަރަކީ އެއީ އެވެ. އާމިރުއައްޔޫބީ އަކީ ޕިޝާޗާއިންގެ ނަސްލަށް ނިސްބަތްވާ އަސްލެއްކަން ދޭވްރީ އަށް ކަށަވަރުވިއިރު ދޭވްރީގެ ލެއިން އޭނާގެ ބަނޑު އޮތީ ފުރާލައިފި އެވެ.

ނަމަވެސް ދޭވްރީ އެނބުރި އައީ ކުރިއަށް ވުރެ މާ ވަރުގަދަ އަޒުމެއްގަ އެވެ. އަދި ޕިޝާޗާއިންގެ ބައެއް އާދަޔާހިލާފު ބާރުތަކާއި ސިފަތަކުން ޖަރީވެގެންނެވެ. ސަރަންދީބުން ފުރައިގެން ޕަޅަންދީޕާއޭ ކިޔުނު ޖަޒީރާ ރަށްތަކަކާ ދިމާލަށް އާމިރުއައްޔޫބީއާ އެކު ދޭވްރީ ފުރީ ކުމާރީންގެ ބިކުރުވެރި ލޭގެ ނަސްލެއް އޭގެ ޖަޒީރާއެއްގައި ފައްކާވަމުންދާ ކަމުގެ އިހުސާސް އާމިރުއައްޔޫބީ އަށް ކުރެވެން ފެށުމުންނެވެ.

އެކަމަކު ޕަޅަންދީޕާގެ މަލިކައްޑޫއާ ދެމެދު ސަތޭކަ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް ދޭވްރީ އާއި އާމިރުއައްޔޫބީގެ އެ ހުވަފެން ހަގީގަތަކަށް ނުވި އެވެ. އެންމެފަހުން އުއްމީދުގެ ހުޅުކޮޅެއް ދިއްލުނީ ޕަޅަންދީޕާގެ ކުޑަކުޑަ ޖަޒީރާއެއްގައި ދިރިއުޅެމުން ދިޔަ ގިރާވަރޭ ކިޔުނު ނަސްލެއްގެ ތެރެއިންނެވެ. އޭރު ދޭވްރީ އުޅެނީ މާލޭގެ ރަސްގަނޑުވަރުގެ ވަލީއަހުދު އާމިރުއައްޔޫބީއާ ހިތާވެގެންނެވެ. އަދި ސަރަންދީބުގެ ހޮހޮޅައިން ގޮވައިގެން ގެނައި ޕިޝާޗާ، އާމިރުއައްޔޫބީގެ ސިފަ އަށް ބަދަލުވީ އެ ހިސާބުންނެވެ.

** ** **

ފުޅައަޅައި ކުނިވެފައި އޮތަސް ތާރަތަކުރު އެ ޖިފުޓިގަނޑުގެ ތެރެއަށް ދޫކޮށްލާފައި ދާކަށް ކަޅުސޮރުގެ ހިތަކަށް ކެތެއް ނުވި އެވެ. މި އުޑުދަށުގައި ކަޅުސޮރަށް ހުރިހާ އެއްޗެއް ދަސްކޮށްދިން މުދައްރިސަކީ އެ ތާރަތަކުރެވެ. އަދި ފައިދަށުން ބިންގަނޑު ދަމައިގެންދިޔަ ކޮންމެ ފަހަރަކު އޭނާ ސަލާމަތްކޮށް އަމާން އޮމާން ހިޔަލަކަށް އޭނާ އަބަދުވެސް ގެންގޮސްދިން ބުއްދިވެރިޔަކީ ވެސް އެ ތާރަތަކުރެވެ. ދިރިއުޅުމުގައި ކުރިއަށް ދާނެ ހުރިހާ މަގެއް އޭނާ އަށް ކޮށައިދިން ފަލްސަފާވެރިޔަކީ ވެސް އެ ތާރަތަކުރެވެ. އަދި ހިތުގައި ފޮރުވައިގެން ގެންގުޅުނު އެންމެ ބޮޑު ސިއްރު ވެސް ފެންމެޓައެއްހެން ޖަހައިގެން ގޮސް އަމިއްލަ އަންހެން ދަރީގެ އަތް ކަޅުސޮރަށް ހިބަކޮށް ދިން ދީލަތި ހިތަކީ ވެސް ހަމަ އެ ތާރަތަކުރެވެ.

މުޅަ މަސްގަނޑަކަށް ބަދަލުވެ ފުޅައަޅައި ކުނިވެ ސިފަ ގެއްލިފައިވިޔަސް ކަޅުސޮރުގެ ހިތުން ތާރަތަކުރަށް ދީފައި ވަނީ އެންމެ މަތީ ދަރަޖައިގެ އިހުތިރާމާއި ގަދަރާއި ލޯތްބެވެ.

ތާރަތަކުރުގެ އެ ހަށިގަނޑު ދޮވެ ސާފުކޮށް، ފަސްކަފުންކޮށް ނިމުނުއިރު ކަޅުސޮރުގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ އޮހޮރެނީ އެވެ. ބަޑިފަޅައިގެން ގޮސް އެންމެފަހުން އޭނާ އަށް ރޮވިއްޖެ އެވެ. ހިތްފަޅައިގެން ގޮސް ތާރަތަކުރުގެ ގަބުރުގައި އޮޅުލައި ބައްދައިގަނެވިއްޖެ އެވެ.

"އަހަރެންގެ ހަށިގަނޑު ނެތި ނިމިދިޔަޔަސް ކަލޭ ނުރޮއްޗެވެ."

"ފުޅައަޅައިގެން ގޮސް ފަނިފަކުސާ އަށް ބަދަލުވިޔަސް ކަލޭ ނުރޮއްޗެވެ."

"ނެތި ނިމިދާނީ މި ހަށިގަނޑެވެ. ކަޅުސޮރާ ކަލޭ ނުރޮއްޗެވެ."

ތާރަތަކުރު އެންމެފަހުން ދިން ނަސޭހަތް މަތިން ހަނދާންވެ ކަޅުސޮރަށް އަނެއްކާވެސް ރޮވިއްޖެ އެވެ. ކަށްވަޅުގެ ތެރޭގައި އޮތް ތާރަތަކުރާ ދިމާލަށް ބަލަހައްޓައިގެން އިނދެ އެތައް އިރެއްވީ ފަހުން އެތަނުން ތެދުވެ، އެންމެފަހުން ފަސްޖަހައި އެ ގަބުރު ފޮރުވައިފި އެވެ.

ގިރާވަރަށް އެނބުރި ދިއުމަށް ކަޅުސޮރު ގޮސް ނިރޮޅު ބޮއްކުރާ އަށް އެރިއިރު އިރުއޮއްސެނީ އެވެ. ނަކަޗާފުށީގެ މެދުން އަރައިގެން ދިއްލި ފަޒާގެ ތެރެއަށް ވަދެފައިވީ ރެދަންއަލި ދޯދިގަނޑެއް އޭނާގެ ލޮލުގައި އަޅައިގަތީ ފަލިޖަހަމުން ގޮސް ކަނޑަށް ނުކުތްތަނުންނެވެ. އެއާ އެކު ދެނަކާދެނެއްނެތި އޭނާ ފަލިޖަހައިގަތީ ނަކަޗާފުއްޓަށް އެނބުރި ދިއުމަށެވެ.

މީރުފެނުގެ ކޯރު ތެރެއަށް ވަދެގެން ގޮސް ބޮއްކުރާގަނޑު ބީއްސާލާފައި ރަށު ތެރެއަށް އަރައިގެން ދުވެފައި ގޮސް ރެދަންއަލީގެ ދޯދިގަނޑާ އަރައި ހަމަވިއިރު އެ އަލި ނުކުމެފައިވީ ވަޅު ތެރޭގައި އޮތް ރިހިފެންގަނޑު ކެކިގެން ބަންޑުންވަނީ އެވެ. އިރުކޮޅެއް ނުވެ ސަކީނާ އާއި ބަކުރު އެ ފެންގަނޑުގެ ތެރެއިން ދައްކާލައިފި އެވެ. އަދި ކަޅުސޮރު ދިއްކޮށްލި އަތުގައި ހިފައި އެ ދެ މީހުން ވެސް ވަޅުތެރެއިން މައްޗަށް އަރައިފި އެވެ.

އިރުއޮއްސި އަނދިރިވީ އިރު ވެސް އެމީހުން ތިބީ ނަކަޗާފުށީގަ އެވެ. ބަކުރުގެ ބަނޑުގައި ހެދިފައިވީ ޒަހަމް ފަހައި ބަންދުކޮށް ތާރަތަކުރުގެ މަހާނަ ކައިރީގަ އެވެ. އެކަމަކު އެމީހުން ވަށާލާފައިވީ ހިތާމަ އަށް ވުރެ ބޮޑު ސުވާލެއް އޭރު ވަނީ އެމީހުންގެ އިމަށް ހާޒިރުވެފަ އެވެ. އެއީ ކުމާރީންގެ ސުވަރުގެ އަށް ދިއުމަށް ގުރުބާންކުރަން ޖެހޭ މީހަކާ މެދުގައި ގޮތް ނިންމުމުގެ ސުވާލެވެ.

މި ސުވާލު ބޮލަށް ލައިގެން ގޮސް އެންމެފަހުން ތިން މީހުން އެރީ ތާރަތަކުރުގެ ނިރޮޅު ބޮއްކުރާއަށެވެ. ފަލިޖަހަމުން ގޮސް ރަސްމާލެ އަށް ގާތްކޮށް ގަނޑުވަރު ތެރެއަށް އެތެރެވިއިރު މެންދަމުން އަލިވެ ތިނެއް ޖަހަނީ އެވެ.  

ހިމޭން ފަނޑުކަމެއްގެ ތެރޭގައި ގަނޑުވަރު އޮތީ ނިދައި މަރުވެފަ އެވެ. ފާރަވެރިން ރަށުބިޑި ބޮއެ ޝަރާބުގެ އަނގަތަޅަން އެމީހުންގެ އައްޑާތަކުގައި ތިއްބެވެ. ނަމަވެސް މި ގަނޑުވަރު ތެރޭގައި މީހަކަށް ހިލަން ނުވާނޭހެން އެނބުރި ބުރު ޖެހުމަކީ ކަޅުސޮރަށް ހަމަ އެއްވެސް ކަމެއް ނޫނެވެ. އަނެއްކޮޅުން އެމީހުން ގޮވައިގެން އެ ގެންދަނީ ބަކުރުގެ ކިބައިގައިވީ ސަންޕާގެ ހިއްސުތަކާއި ބާރެވެ.

އެމީހުން ވަނީ އާމިރުއައްޔޫބީގެ ސިއްރު ކޮޓަރިކޮޅަށެވެ. އެތަން ހާވައި އެފުށްމިފުށަށް ޖަހާލުމަށް ފަހު ބަކުރު ގޮސް ނެގީ ޕަޕައިރަސް ކަރުދާހުގައި ކުރަހާފައިވާ ޗާޓެކެވެ. އެކަމަކު އެއީ ނަކަޗާފުށީގެ ޗާޓެއް ނޫނެވެ. އެއީ ކުމާރީންގެ ސުވަރުގޭގެ ސިއްރު ދޮރުތައް ފާހަގަކޮށްފައިވާ ޗާޓެކެވެ. ބޯދާ ޕަޅަންދީޕާ ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ފޮރުވިފައިވާ އެ ދޮރުތައް ފާހަގަކޮށްފައިވާ ޗާޓެކެވެ.

އެ ޗާޓުތަކުގައި ފާހަގަ ޖަހާފައި ވަނީ ސުވާދީވާގެ ޑްރަދީވާ ފަޅާއި ސަތުދުންމަތީ ހުދުފަރާއި ގިރާވަރުގެ ބޮޑުފަޅުގަ އެވެ. އެ ތިން ފަޅުގެ އެކި ހިސާބުތަކުން ކުމާރީންގެ ދޮރުތައް ހުޅުވޭ ކަމަށް ބުނެ ފާހަގަތައް ޖަހާފައިވެ އެވެ. އަދި އެ ދޮރުތައް ފައުޅުވެ ހުޅުވިގެން އަންނަ ވަގުތުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެ ވަގުތުތައް އެކި ފަރުތަކާއި ފަޅުތަކާއި އެކި ހިސާބުތަކުގައި ތަފާތެވެ.

ސަކީނާ އާއި ކަޅުސޮރު ގޮވައިގެން ބަކުރު ދުއްވައިގަތެވެ. ބޮއްކުރާގައި ފަލިޖަހަމުން ގޮސް އެމީހުން ނަގިލި ވައްޓާލީ ގިރާވަރުގެ ބޮޑު ފަޅުގައި ކުމާރީންގެ ސުވަރުގެ އަށް ދޮރު ހުޅުވޭ ހިސާބަށެވެ. އެއީ ދޭވްރީ އާއި އާމިރުއައްޔޫބީ ސަންޕާ ގުރުބާންކޮށް ކުމާރީންގެ ސުވަރުގެ އަށް ވަނުމަށް ފުންމާލި ހިސާބެވެ. އެއަށް ފަހު އެ ތިން މީހުންނާ އަނެއްކާވެސް އަރައި ހަމަކުރީ ހިތަށް އުނދަގޫކުރަމުން ގެންދިޔަ ސުވާލެވެ.

"ކަތިލާނީ ކާކު ހެއްޔެވެ؟"

ބަކުރުގެ ދެ ލޯ ފެންކަޅިވެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. ސަންޕާގެ ޖަޒުބާތުތަކުން ބަކުރު އުތުރިއަރައިގަތެވެ. އެވަގުތު ސަކީނާ ފުންމައިގެން ގޮސް އޭނާގެ ކޮއްކޮގެ ހިއްސުތަކުގައި ބައްދައިގަތެވެ.

އެކަމަކު ސަންޕާގެ ހިއްސުތައް ބަކުރުގެ އެ ހަށިގަނޑު ތެރޭގައި ދެމެމުން ދިޔަޔަސް ބަކުރަކީ ކުމާރީންގެ ދުނިޔެ އަށް ގުރުބާންކުރެވޭނެ އިހުތިޔާރެއް ނޫނެވެ. ކަޅުސޮރަކީ ވެސް އިހުތިޔާރެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައިވީ ހަމައެކަނި އިހުތިޔާރަކީ ސަކީނާ އެވެ. އަދި އެ އިހުތިޔާރާ މެދުގައި ގޮތެއް ނިންމުމަށް ދެން މާކަ ގިނަ ވަގުތެއް ވެސް ނެތެވެ.

ރެދަންލައި ފަޅު އެއްކޮށް ދިއްލިއްޖެ އެވެ. ނަމަވެސް ސަކީނާ ދޫކޮށްލާކަށް ސަންޕާގެ ހިއްސުތަކާއި ބާރުތައް ބޭނުމެއް ނުވި އެވެ. ބަކުރު ދުރުކުރަން ޖެހުނީ ގަދަކަމުންނެވެ. އެއަށް ފަހު ކަޅުސޮރުގެ އުނަގަނޑުގައި ހަރުކޮށްފައިވީ ހަންޖަރު ދަމައިގަތްގަތުމާ އެކު ސަކީނާގެ ކަރުގައި އަޅައި ވައިނޮޅި ބުރިކޮށް އޭނާގެ މޭގައި އަތް އަޅައި ބޮއްކުރާއިން ބޭރަށް ކޮއްޕާލި އެވެ.

ބަކުރު ރޮއި ހޭރިގަތެވެ. އަދި ސަކީނާގެ ހަށިގަނޑު ގޮސް ލޮނުގަނޑުގައި ޖެހުމުގެ ކުރިން އޭނާ ފަހަތުން ގޮސް ބަކުރު ވެސް ބޮއްކުރައިން ފުންމާލި އެވެ. ހަދާނެ ގޮތް ހުސްވެ ކަޅުސޮރު ހާސްވެ ތެޅިގަތެވެ. ރެދަން ދަޅައިން ދިއްލި ލޮނުގަނޑު ކެކިގަތެވެ. އަދި ބޮއްކުރާގަނޑާ އެކުގައި އަޑިއަށް ދަމައި ޖަހައިގަތީ ހަމަ ކުއްލިއަކަށެވެ.

** ** **

އާމިރުއައްޔޫބީ އޮތީ އޭނާގެ އަށިމަތީގައި ޖައްސާލައިގެންނެވެ. މިހާރު ހީވަނީ ނޫކަށިފުރައިގެ ރީތިކަމެއް ހެންނެވެ. ދެ ލޯ ވަނީ ވިދައި ބަބުޅާ ރަތްކުލައަކުން ދިއްލިފަ އެވެ. އަދި އޭނާގެ އެތެރެހަށީގައި ދެމެމުންދަނީ މިއިން ޒަމާނަކު ވެސް ތަޖުރިބާކޮށްފައި ނުވާ ކަހަލަ ފޯރި އަކާއި ޖޯޝެކެވެ. ކުމާރީންގެ ލެޔާ އެކު އާމިރުއައްޔޫބީގެ ހުރިހާ ބައްޔެއް ފަސޭހަވީ އެވެ. އޭނާގެ މުޅި ހަށިގަނޑު އާރޯވެ ކުރިތައް ފަޅަނީ އެވެ. އަދި ދޭވްރީ އަށް ވައުދުވެފައިވީ ކަންކަން ފުއްދުމުގެ ވަގުތު އައިސް ޖެހެނީ އެވެ.

ކުމާރީންގެ ބިކުރުވެރި އެގާރަ އަންހެން ކުދިންގެ ލޭ ބޮއެ ބަނޑުފުރާލައިގެން ދޭވްރީގެ ކިއްލާއިން ބޭރަށް އާމިރުއައްޔޫބީ ނުކުތީ އިރުގެ އަލިކަން ގެއްލި ހިސާބުގަނޑު އެއްކޮށް އަނދިރިވުމުންނެވެ. ބޭރަށް ނުކުމެ މައްޗަށް ބަލައިލުމުން ފެންނަނީ ރެދަންދަޅައިން ދިއްލިފައިވާ ފަޒާއެކެވެ. ތަރިތަކެއް ނެތެވެ. ބޮޑުމަސްތަކާއި ކޯމަސްތައް އައިނުތަކުން ފުމެމުން ކަފަވިލާތަކުގެ ތެރެއަށް ވަދެ ދަޅަ ވިދުވަރު އަރުވަމުން ގެއްލެމުންދާތަނެވެ. މާ މަތިން ބަރުހެލި ގޮތަކަށް ދައުރުކުރަމުންދާ ބޯވަދިލަމަސްތަކާއި ވިދައިބަބުޅަމުންދާ ފަނިފަކުސާތަކާ އެކު ހީވަނީ ކާއިނާތުގައިވީ މަޑިކިލަނބުގެ ދެ މަގު ދެ ފަރާތުން އައިސް އެތަނަށް ފައްތަރުވެފައިވާހެންނެވެ.

ކުމާރީންގެ ދުނިޔޭގައިވީ އަޖާއިބުކަމަށް ގެއްލިފައިވީ އާމިރުއައްޔޫބީއާ ދިމާލަށް ބަލަހައްޓައިގެން ދޭވްރީ އިނީ ނަރުނަގޫ މަޑިއެއްގެ ބުރަކަށިމަތީގަ އެވެ. ދޭވްރީ ފެނުމާ އެކު އާމިރުއައްޔޫބީ ގޮސް އެރީ އެ މަޑީގެ ބުރަކައްޓަށެވެ. ދޭވްރީގެ ގައިގައި ނިކަން ބާރަށް ބައްދައި އޭނާގެ ލޭގައިވީ ހޫނުކަމުގެ މަސްތުގައި ބަނދެވިގަތެވެ.

ނަރުނަގޫ މަޑީގައި އުދުހެމުން ގޮސް ދޭވްރީ އާއި އާމިރުއައްޔޫބީ ތިރިކުރީ ހަނަފަސްކަން ފެތުރިފައިވީ ސަރާސަރު ވާދީއަކަށެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ކުމާރީންނާއި ޕިޝާޗާއިންނާ ދެމެދު ކުރިމަތިލުން ހިނގި މައިދާނެވެ. އަދި އެ ކުރިމަތިލުމުގައި މަރައި ހުސްކުރި ޕިޝާޗާއިން ވަޅުލާފައިވީ ގަބުރުގެ ވާދީ އެވެ.

ދޭވްރީ ދޫކޮށްލާފައި އާމިރުއައްޔޫބީ ފޭބީ ތިރިއަށެވެ. އެއަށް ފަހު މަޑުމަޑުން ކުރިއަށް ހިނގަމުން ގޮސް އޭނާ މަޑުކޮށްލީ އެ ވާދީގެ މެދަކާ ހިސާބުގަ އެވެ. އެއަށް ފަހު އެނބުރި ބަލައިލީ ނަރުނަގޫމަޑީގެ ބުރަކަށިމަތީގައި އިން ދޭވްރީއާ ދިމާލަށެވެ. ދޭވްރީގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ޖަޒުބާތުތައް އުތުރިއަރައިގަތުމުން އޭނާ ބިންމައްޗަށް ފުންމާލި އެވެ.

އެއާއެކު އެ ބިންގަނޑުގައިވީ ލޮޅުން ދޭވްރީގެ ހަތަރެސްފައިގައި ވެސް ބައްދައިގަތެވެ. އެ ބިންގަނޑަށް އަރަމުން ދިޔަ ލޮޅުންތަކާ އެކު މުޅި އެ ވާދީގެ ފަސްގަނޑުގައި ރެނދުލަމުން އެ ރެނދުތަކުގެ ދޭތެރެއިން ރަތްކުލައިގެ އަލިކަމެއް ދިޔައީ ފައުޅުވަމުންނެވެ. އިރުކޮޅެއް ނުވެ އެ ބިންގަނޑު ފަޅާލާފައި އެތަން މިތަނުން ދިގު ކެހެރިލީ ސިފަ ހުތުރު ހައިވާނުންހެން ހީވާ ގަބުރުތައް ނުކުންނަން ފަށައިފި އެވެ. އެއީ ކުމާރީންގެ ބޮޑުހަނގުރާމާގައި ނައްތާލި ޕިޝާޗާއިންގެ ނަސްލެވެ.

ބިންގަނޑު ފަޅާލާފައި އެތަންމިތަނުން ނުކުތް ޕިޝާޗާ ގަބުރޭތަތަކާ އެކު އެ ވާދީ މިހާރު އެ އޮތީ ފުރާލައިފަ އެވެ. ގަބުރޭތަ ޕިޝާޗާއިން ގޮސް އާމިރުއައްޔޫބީގެ ފައި ދަށަށް ވެއްޓި ސަޖިދަޖަހަނީ އެވެ. އަދި ކިޔެވެލީގެ ހުތުރު އަޑުފަށްގަނޑަކުން މުޅި އެ ވާދީ އެކުގައި ގުގުމަން ފަށައިގަތެވެ. އަދި އެ މީހުންގެ ލޯތައް ރަތްކުލައިން ދިއްލި އަލިވިދުވަރުތަކެއްގެ ގޮތުގައި އެކަތި އަނެކައްޗާ ގުޅެމުން ގޮސް ފަޒާގެ ތެރެއަށް އެ ވިދުވަރުތައް އަރައިގެން ގޮސް އުޑުވިލާތަކުގެ އެތަންމިތަނުގައި އެ ވިދުވަރުގެ ވަކިތައް ހިއްޕާލައިފި އެވެ.

އާމިރުއައްޔޫބީގެ އަމުރަށް ހުރިހާ ގަބުރުތައް ހޭލައި ހަނގުރާމައިގެ މައިދާނަށް ހާޒިރުވުމުގެ ވަގުތު ޖެހުނީ އެވެ. އަދި އެއީ ހަމައެކަނި ޕިޝާޗާއިންގެ މައްޗަށް ފުމެލެވުނު ތާޅަފިއްޔެއް ނޫނެވެ. ކައުނީ މި ވުޖޫގައިވީ އެހެން ގުރަހަތަކާއި ތަރިތަކުގައި ބަންދުވެފައިވީ ގަބުރުތައް ވެސް ކުމާރީންގެ މި ދުނިޔެއަށް އައުމަށް ދެވުނު ދައުވަތެކެވެ. ދޭވްރީ އަށް ވަފާތެރި ކައުނަވީ ލަޝްކަރެއް އެކުލަވައިލުމަށް ގޮވައިލެވުނު ފުރިހަމަވެގެންވީ ގޮވައިލެވުމެކެވެ.

ފަޅި ސިކުންތެއްގެ ތެރޭގައި އަލި އަހަރު ކަޑައްތުކޮށް ގުރަހައިގެ ތަރުތީބު ތޮރުފަމުން ދިޔަ އާމިރުއައްޔޫބީގެ އެ އަލިވިދުވަރު ގޮސް ބަނާޓުގަލާ އަށް ފޯރިއިރު ޗަމަރާ އޮތީ އޭނާގެ ބިންގަރާހުގައި ކުނިވެ ފުޅައަޅައިފަ އެވެ. ނަމަވެސް ގުރަހައިގެ ތަރިތައް ކަޑައްތުކުރި އެ ރަތް އަލިވިދުވަރު ގޮސް އޭނާގެ ހަށިގަނޑަށް ވަނުމާ އެކު ޗަމަރާ ވެސް އަލުން ދިރިގެން ތެދުވެއްޖެ އެވެ. ހުޅުވާލި ދެ ލޯ، ރަތް ކުލައިން ދިއްލިއްޖެ އެވެ.

ޗަމަރާ އަކީ ދޭވްރީގެ މި ލަޝްކަރުގައި ސެނާޕަތީ ގާއިދެއްގެ ދަރަޖައިގައި ބައިވެރިކުރަން ކަނޑައެޅި ނިމިފައިވާ އެންމެ ހާއްސަ ޕޫރާޅީއެކެވެ.

** ** **

ކަޅުސޮރަށް ހޭލެވުނީ އޭނާގެ މޫނުމަތިން ކިރުކަކުނި ދުވާހެން ހީވެގެންނެވެ. ފުންމައިގެ ތެދުވެ ދެ އަތުން މޫނުގައި ތަޅައި ފޮޅައިގަތުމުން ކަކުނިތައް ދުވެ ފިލައިފި އެވެ. ހޮރުހޮރުތަކަށް ވަދެ ގެއްލިއްޖެ އެވެ. އެއީ ބީއްސާވެލީގެ އަޑިގުޑަން ވާދީއެކެވެ. އެ ވެލިފުށްތަކުގައި ވަނީ ފިނިފެންމަލުގެ މަޑުފިޔާތޮށި ކުލައެކެވެ. އަދި ރަތްދަކަ އަވީގައި އެ މުޅި ވާދީ އިން އޮފުއަރައި ވިދައި ބަބުޅަނީ އެވެ.

ގަދަކޮށް އަނދަމުން ދިޔަ އިރާ ދިމާލަށް ކަޅިއެއް އެއްލައިލިތަނުން ކަޅުސޮރުގެ ލޮލުގައި އަޅައިގަތީ ވައިގެ ތެރޭގައި ދައުރުވަމުން ދިޔަ ނިރޮޅު ބޮއްކުރާއެކެވެ. އެއީ ކެކިގަތް ލޮނުގަނޑުގެ ތެރެއަށް އޭނާއާ އެކުގައި ޖަހައިގަތް ތާރަތަކުރުގެ ބޮއްކުރާ އެވެ. އެ ބޮއްކުރާ މިހާރު އެ ދަނީ ވައިރޯޅިތަކާ އެކު ވައިގެ ތެރޭގައި އެނބުރެމުން ހޫރެމުންނެވެ. ހީވަނީ ލޮލަށް ނުފެންނަ އޮއިގަނޑެއްގެ ބާރުގައި ޖެހި ބެހެމުންދާހެންނެވެ.   

ވަށައިގެން ހޯދާލުމުން ކަޅުސޮރުގެ ލޮލުގައި ދެން އަޅައިގަތީ ތަންކޮޅެއް ދުރަށް ވެއްޓި، އަނގަވަތަށް ޖެހިފައި އޮތް އަންހެނެކެވެ. ދުވެފައި ގޮސް އޭނާއާ އަރައި ހަމަވުމާ އެކު އެއީ ކާކުކަން ކަޅުސޮރަށް ޔަގީންވެއްޖެ އެވެ. އެއީ އޭނާގެ ހިތް ހިބައިން ހަދިޔާކޮށްފައިވީ ސަންޕާ އެވެ.

ސަންޕާގެ ހިއްސުތައް އެންމެފަހުން އޭނާގެ ހަށިގަނޑަށް ރުޖޫއަވީ އެވެ. ނަމަވެސް ސަންޕާގެ ހެޔެއް ނެތެވެ.

އޭނާގެ ގައިގައި ކަޅުސޮރަށް ބައްދައިގަނެވުނީ ބޭއިހުތިޔާރުގަ އެވެ. ކަޅުސޮރަށް އެވަގުތު ހީވީ އޭނާގެ ކަރަށް ތޫނު ކައްޓެއް މީހަކު ހަރާލިހެންނެވެ. އެއީ އަނގައިންފުމޭ އޮނުބަޑިއަކުން މީހަކު ދިން ނުރައްކާތެރި ހަމަލާއެކެވެ. އެ ހަމަލާ އެރުމާ އެކު ކަޅުސޮރު ވަގުތުން ހޭނެތިގެން ވެއްޓިއްޖެ އެވެ. އޭރު ވައިގެ ތެރެއިން ވިލާތައް ކަފަމުން ރިޔައު ކޮށިކުރަމުން އަންނަ ކަތިމައްޔާލީ ހުދުކުލައިގެ ދޯންޏެއް ދުރުން ފެނެ އެވެ. މަޑު ވައިރޯޅިއެއްހެން އައިސް އެ ދޯނި ބީއްސާލީ ބީއްސާވެލީގެ އަޑިގުޑަން ވާދީއަށެވެ.

ދޯނިން ފައިބައިގެން އައީ ދެބައި އުމުރުގެ އަންހެނެކެވެ. ފުމޭބަޑިއަކުން ހަމަލާ ދީ ކަޅުސޮރުގެ ހޭވެރިކަން ޖަހައިގަތް އަންހެން މީހާ އެވެ. އެއަށް ފަހު އެ ދެ މީހުން ޖަހައިގެން ގޮސް ދޯންޏަށް އަރުވައިގެން ރިޔައު ކޮށިކުރަމުން ގޮސް އޭނާގެ ދޯނި އަނެއްކާވެސް އުދުއްސައިގަތެވެ.

އެ ދޯނީގައި އޭނާ ދަތުރުކުރަނީ ވިލާތަކަށް ވުރެ މަތިންނެވެ. އެއީ ގޮސްވާމީގެ ތަހުތަށް ވަފާތެރި ޖާސޫސުންގެ ލޯތަކަށް ފިލައިގެން އުޅުމަށެވެ. އެކަމަކު ވިލާތަކަށް ވުރެ މަތީގައި ވަނީ އަދި މާ ބޮޑު ނުރައްކަލެކެވެ. ގަންޑާބެރުންޑާތަކުގެ ހާލިތަކެވެ. ނަމަވެސް ވިލާތަކުގެ މަތީގައި ހެދިފައިވާ މުރަކަވިނައިގެ އެ ހާލިތަކުގައި ދިރިއުޅެން މި އަންހެން މީހާ ވަނީ ދަސްކޮށްފަ އެވެ. އަދި ގަންޑާބެރުންޑާތަކާ މުއާމަލާތްކުރުމުގެ އުކުޅުތައް ވެސް އޭނާ ވަނީ ދަސްކޮށްފަ އެވެ. އެ ސޮރުމެންގެ ހާލީގެ ހޮރުތަކުން ހިމާޔަތް ހޯދާނެ ގޮތް އޭނާ ވަނީ ދަސްކޮށްފަ އެވެ.

ރިޔައުގަނޑު ކޮށިކުރަމުން ގޮސް ހުދުކުލައިގެ ދޯނި ބަނދަރުޖެހީ މުރަކަވިނައިގެ ހޮހޮޅައެއްގެ ބޭރުގަ އެވެ. ކަޅުސޮރުގެ ހިއްސުތައް އޭނާގެ ހަތަރެސްފައިގައި ބައްދައިގަތީ އިރުގަނޑެއްވީ ފަހުންނެވެ. ފުންމައިގެން ތެދުވިއިރު މުޅި ތަނަށް ވެރިވެފައި އޮތީ ދުއްލިސާ ބައްތިއެއްގެ ފަނޑު އަލިކަމެކެވެ. ކައިރީގައި ސަންޕާ އޮތެވެ. އެކަމަކު އޭނާގެ ހެޔެއް އަދިވެސް ނެތެވެ. ހީވަނީ މަރުވެ ހަރުވެފައި އޮތް ހެންނެވެ.

ސަންޕާގެ މޫނަށް ގެއްލިފައި ހުއްޓައި ކަޅުސޮރު ސިހިގެން ދިޔައީ ހޮހޮޅައިގެ އެތެރެއިން މީހެއްގެ ހިލަންވެގެންނެވެ. އެއާއެކު ފުންމައިގެން ތެދުވެ އުނަގަނޑުން ހަންޖަރު ދަމައި އޭނާ ހުސިޔާރުވެގަތެވެ. އެތެރޭގައި އޮތް އަނދިރިގަނޑުގެ ތެރެއިން ނުކުމެގެން އައީ އޭނާ އާއި ސަންޕާ މި ހޮހޮޅައަށް ގެނައި އަންހެން މީހާ އެވެ.

އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. އަދި ބައްތީގެ އަލި އެ މޫނަށް އެޅުމާ އެކު އެއީ ކާކުކަން ކަޅުސޮރަށް ޔަގީންވެއްޖެ އެވެ.

"ދޮލަނގާ."

ބޭއިހުތިޔާރުގައި ކަޅުސޮރަށް ބުނެލެވުނީ އެ ހިސާބަށެވެ. އޭނާގެ ތަލިން ކުޅުހިކިއްޖެ އެވެ.

އެޑިޓަރުގެ ނޯޓް:

'ރަސްގަތުލު'ގެ ފުރަތަމަ ސީޒަން ނިމުމަކަށް އައީ އެވެ.

ކޮމެންޓް (6)

ރެކިފުތު

16 އޭޕްރީލު 2024
މީ އެޔެއް މިޔެއް ނޭނގޭ ހާސަރުތަކެއް. ވާހަކަތައް ހުންނަންވާނީ ކިޔާ މީހާގެ ސިކުނޑިއަށް އުނދަގުލަކަށް ނުވާގޮތައް
7 4

ނަދީމްގެ ފޭން އެއް

16 އޭޕްރީލު 2024
ވައި ނަދީމް. ވައި. ދެ ނިއު ކެރެކްޓާރ އެއް އެޕިސޯޑްއަށް މަހާލާފަ ޕްލަސް ވިލަންގެ ސަހުޝުވެސް ހަމަ ސޭމް އެޕިސޯޑްއަށް ކޮށްޕާލާފަ. ދިސް އެޕިސޯޑް ކުޑް ހޭވް ބީން 3 އެޕިސޯޑްސް. ޕްލޮޓް ސަޅިއޭ އެކަމު ގަންނަވާ އަޅާފާހެން ހީވަނީ. ދެޓް ޕިސާޗާ ތިންގް ލީމަ އެޕިސޯޑް ފުރިގެން ބަންޑުން ވެފަ އެއޮތީ. ކައިންޑަ ޑިސަޕޮއިންޓެޑް. އެކަމަކު ބުނަން ނަދީމް އަށް ކުރާ އިތުބާރު ސޯރޓަ ލޮސްޓް ވެފަ އިނދެފަ ވާހާކައިގަ ވާނެ ގޮތް މި އެޕިސޯޑްގަ ބުނެދީފަ އިނީމަ ތަންކޮޅެއް ބޮލަށް ލުއި ވެއްޖެ. ޝުކުރު ގުޒާރް ފޯ ދިސް ބިޔުޓިފުލް ތިންގް.
4 1

ާައިވަކް

15 އޭޕްރީލު 2024
އަވަހަށް ފަށާ ސީޒަން 2
2 0

ސަންގުފަރީދު

15 އޭޕްރީލު 2024
ހޭފުޅު ޚަލާސް ވެފައި އޮތް ކަޅުސޮރު ހޭހައްޓައް އައީ ގަގުނަސް ދޫންޏެއްގެ މަސްތީ މިޔުޒިކީ ރާގުގެ އަޑަށެވެ. އޭރު އޭނާގެ އަނބިމީހާ ޚޫރުސީދޮއްލަތު ދަނީ ކަޅުސޮރުގެ މަޚުމަލުގެ ފޭރަމުގައި އަތަރު ލަމުންނެވެ. ކަޅުސޮރުގެ ރަސްތާޖު އޮފުދާރު ކުރަމުންނެވެ. އެތަކެއް ގުރަހަލި ތަކެއް ދުރުގައި ވާ ނަސްލަކާއެކު އޮންނަ ސިއްރު ބައްދަލުވުމަކަށް ތައްޔާރު ވަނީއެވެ. ކުމާރީންގެ ސުވަރުގެއަށް ދެވޭ ދޮރުގެ ސިއްރުތަށް ދިރާސާކޮށް އެފަދަ ދޮރު ތަކެއް ތާރަ ތަކުރުގެ އައުލާދަށް ނިސްބަތްވާ ސައިންސްވެރިން އުފައްދާފައިވަނީ 177 އަހަރު ކުރިންނެވެ. ނޫ އައްޔެއްގެ މި ދޮރު ތަކުން ސިކުންތެއްގެ ތެރޭގައި އެތައްހާސް ގުރަހަލިތަށް ހުރަސްކޮށް އެތަކެއް ހަޟާރާތްތަކާއި ބައްދަލު ކުރެވެ އެވެ. ކަޅުސޮރުގެ ރަސްކަމުގެ 190 އަހަރުތެާރޭގައ ވަނީ މީ ދޮރުތަށް ބޭނުންކޮށްގެން އެތަކެއް ނަސްލަކާއި ހަޟާރާތްތަކެއް ކަޅުސޮރުގެ އަތްދަށަށް ގެނައިސްފައެވެ. މިއަދު ބައްދަލު ކުރަން ހަމަޖެހިފައި އޮތީ ކަޅުސޮރަށް ބައިއަތު ހިފައިފައިވާ ނަސްލަކާ އެވެ. ނޫ އަލީގެ ތެރޭގައި އިން ރަސް ތަޚުތެއްގައި އެއިނީ އެ ހަަޟާރާތުގެ ޖުމްހޫރީ ވެރިކަމުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އެވެ.
2 2

ސަނައްޓޭ

15 އޭޕްރީލު 2024
އެވެޓަރ ދަ ވޭ އޮފް ވޯޓަރ އިން އިންސްޕަޔާވެގެން ލިޔެފަ އޮތް ހާސަރުގަނޑެއް. އެކަމަކު ބުނަން ނަދީމޫ ކަލޭ ހަމަ ވަރަށް މޮޅު. ތި ވަރެއް ނެތް
8 3

ނަދިމްއައްޔޫބީ

15 އޭޕްރީލު 2024
ރަސް މާލެ 2124 ގަ އޮންނާނީ މިހެންތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް