ނިއުމާގެ އެންމެ ބޮޑު ޑިސެޕޮއިންޓްމަންޓާއި ނުހިފެހެއްޓުނު އިހުސާސް
މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރި 'ނިވައިރޯޅި' އާ އެކު ދިވެހި ސިނަމާގެ ރިހި ސްކްރީނުން ރިޓަޔާކުރި ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ހަޔާތުގެ އެންމެ ބޮޑު ޑިސެޕޮއިންޓްމަންޓަކީ 'ނިވައިރޯޅި' އެވެ. އޭނާގެ އަމިއްލަ ޖީބުން 1.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ޕްރޮޑިއުސްކޮށް، ލީޑް ރޯލު ކުޅުނު އެ ފިލްމަކީ ނިއުމާގެ އެއް ވަނަ ހޮވުން ވެސް މެ އެވެ.
ނަމަވެސް ނިއުމާ ކިޔައިދިން ގޮތުން ނަމަ އޭނާގެ 23 އަހަރު ވީ ފިލްމީ ހަޔާތުގައި ތަޖުރިބާކޮށްފައި ނުވާ ވަރުގެ ބޮޑު ތުރާލަކީ ވެސް 'ނިވައިރޯޅި' އެވެ.
ދައުރުގެ 'ސްޓާރިން' ޝޯގައި ވާހަކަ ދައްކަމުން ގޮސް އެ ޖަޒުބާތުތައް ނުހިފެހެއްޓުނުއިރު ފިލްމީ ދާއިރާއިން އޭނާއަށް ނުލިބުނު ލޯތްބާއި އިހުތިރާމުގެ ވާހަކައިން ވެސް ހިތްފަޅައިގެންދާ ކަހަލަ އިހުސާސުތަކެއް ބޭރުވި އެވެ. ނިއުމާ ކިޔައިދިން ގޮތުން ނަމަ، އޭނާއަށް ހައްގު މިންވަރު ފިލްމީ ދާއިރާއިން ކަށަވަރުކޮށްނުދިންއިރު އެންމެ ފަހުން އިހުސާސުވާން ފެށީ ބާކީކޮށް ބޭރުކޮށްލި ކަމެވެ.
"އަޅުގަނޑު އަމިއްލަ މަސައްކަތުން މި ހިސާބަށް އައީ. އަމިއްލަ މީހާގެ މަސައްކަތާ މެދު ވަރަށް ފަހުރުވެރިވޭ. އެކަމަކު އާދޭ ބައެއް ހިދުކޮޅުތައް، ފިލްމީ މަސައްކަތުގައި އެގޮތަށް އުޅުނުއިރު، ހަނދާން ނައްތާލަން އުނދަގޫ ބައެއް ތަޖުރިބާތައް އެބަހުރި ކުރެވިފައި، ބައެއް މީހުން ބުނެފައި ހުރި އެއްޗެހި،" ނިއުމާ ކިޔައިދިނެވެ.
"މިސާލަކަށް، މި ސްކިން ކަންތައް ފެށިގެން އައިސް ކޮންމެވެސް ހިސާބަކުން އައި އަމިއްލަ އަށް އަޅުގަނޑަށް އިހުސާސްވާން ފެށި އަޅުގަނޑު މިހިރީ ފިލްމީ ދާއިރާގައި ވަރަށް ބޮޑަށް ބާކީވެފައޭ."
ނިއުމާ ބުނީ އޭނާ ފިލްމީ ދާއިރާގައި ބާކީވެ، އޭނާގެ ހަމުގައިވީ މައްސަލަ އެހެން މީހުންނަށް އުނދަގުލަކަށްވިކަމުގެ އިހުސާސްވާން ފެށީ ޝޫޓިންތަކުގައި އޭނާއާ މެދު ގެންގުޅެން ފެށި ތަފާތުކުރުމަކާ ހެދި ކަމަށެވެ.
"ބާކީއޭ މި ބުނަނީ، މިސާލަކަށް މޭކަޕްކުރާއިރު ވެސް، އާންމުކޮށް މޭކަޕްކުރާއިރު ކޮންމެ މީހަކަށް ވަކި ސްޕޮންޖެއް ބޭނުމެއް ނުކުރާނެ. އެކަމަކު އަޅުގަނޑުގެ ސްކިންގެ މައްސަލަ ބޮޑުވެ ފާޅުވާން ފެށީމަ އަޅުގަނޑަށް ހާއްސަ ވަކި ސްޕޮންޖެއް ބޭނުންކުރަން ފެށީ،" ވިޓިލައިގޯއާ އެކު ފިލްމީ ދާއިރާއިން ތަޖުރިބާކުރަން ޖެހުނު ތަފާތުކުރުންތައް ކިޔައިދެމުން ނިއުމާ ބުންޏެވެ.
"ދެން އަޅުގަނޑު ހިތަށް އެރީ އަޅުގަނޑާ ހެދި އެހެން މީހުންނަށް އުނދަގޫ ވަނީއޭ. އެހެންވީމަ އެއީ ވެސް ސަބަބެއް އަޅުގަނޑު ފިލްމީ ދާއިރާއިން ރިޓަޔާކުރަން ބޭނުންވި."
ނިއުމާ ބުނީ އޭނާގެ އެކްޓިން ކެރިއަރު މިގޮތަށް ހުއްޓުމަކަށް ގެންނަން މަޖުބޫރުވީ ފިލްމީ ދާއިރާގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއި އަމިއްލަ ޒާތީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ހެދި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދަރިފުޅު ޒޯޔާއަށް ވަގުތު ހުސްކުރަން ބޭނުންވުމަކީ އޭނާގެ ފިލްމީ ހަޔާތުގެ ފަރުދާ ކަހާލައި ޕްރޮޑިއުސަރެއްގެ ގޮތުގައި މި ދަތުރު ފަށަން ނިންމި މައިގަނޑު ސަބަބު ކަމަށެވެ.
ނިއުމާ އޭނާގެ ފިލްމީ ހަޔާތުގެ މި ދަތުރު ފެށީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެ ހިސާބުން ފަށައިގެން 23 އަހަރުގެ ދިގު މުއްދަތެއް ފިލްމީ ދާއިރާގެ އެންމެ މަތީ ފަޑީގައި ހޭދަކުރިއިރު އޭނާ ވަނީ މިހާތަނަށް 50 ފީޗާ ފިލްމުން ފެނިފަ އެވެ. 'ސްޓާރިން' ގެ މި ހާއްސަ އިންޓަވިއުގައި ނިއުމާގެ ކެރިއަރުގެ އާދަޔާހިލާފު ވާހަކަތައް ކިޔައިދެމުން ގޮސް އޭނާ ދެން ހޮވާލީ އޭނާގެ ފިލްމީ ހަޔާތުން އެންމެ ފާހަގަކޮށްލަން ބޭނުންވާ ޕާސަނަލް ފެވަރިޓް ފަސް ފިލްމެވެ.
އެގޮތުން މި ލިސްޓުގެ ފަސް ވަނާގައި ހިމެނީ މަޝްހޫރު ދިވެހި ފިލްމު 'ފަތިސްހަނދުވަރު' އެވެ. އެ ފިލްމު ކުޅުނުއިރު ނިއުމާގެ އުމުރުން 19 އަހަރެވެ. އަދި އޭރުގެ ސުޕަސްޓާރު ރީކޯ މޫސައާ އެކު ނިއުމާ އެ ފިލްމު ކުޅެން ނުކުތުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި ނުރުހުން ވެސް ފާޅުކުރި އެވެ. ވަރަށް ގިނަ މީހުން ބުނީ ނިއުމާ ކަހަލަ އާ މޫނަކަށް ތަފާތެއް ނުދެއްކޭނެ ކަމަށެވެ. އޭނާގެ ހުނަރަށް އެންމެން ވެސް ކޮށްލީ ސުވާލެކެވެ.
ނަމަވެސް 'ފަތިސްހަނދުވަރު' ގެ އައިކަނިކް ރޯލް، ޒޫނާގެ ކެރެކްޓާއަށް ވަދެ ނިއުމާ ގެނައީ ފިލްމީ ދާއިރާއަށް އިންގިލާބެކެވެ. އޭގެ ފަހުން އެކްޓިން އިން ރިޓަޔާކުރުމާ ހަމައަށް ނިއުމާ އަކީ އަބަދުވެސް ފިލްމީ ދާއިރާގެ އެންމެ މޮޅު ބަތަލާ އެވެ. އެންމެ ގިނަ ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ފިލްމުތައް ހިޓުވެ ފައިދާވުމުގެ ދެގޮތެއްނުވި ސަބަބެކެވެ.
އެކަމަކު ނިއުމާގެ ހިތުގައި ވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ މި އެވެ. ނިއުމާގެ ހިތާއި ރޫހު ފިލްމީ ދާއިރާ އަށް އެވަރަށް ގުރުބާންކުރިއިރު ފިލްމީ ދާއިރާއިން އޭނާއަށް ދިނީ ކޮން މަގާމަކާއި ލޯތްބަކާއި އިހުތިރާމެއްތޯ އެވެ؟
ކޮމެންޓް (5)
ޑަބިޔާމޭން
ޖައިޝަން
ޔުުުނެލް
ޟަމމ
ޜާއިދު