އިލަސްޓްރޭޝަން: މޫސާ މަމްދޫހު
ބަނަފުސާ މަލުގެ ތެރޭގައި ބަކުރު އޮތީ ހިރިނުލެވިފައެވެ. ކަޅުސޮރުގެ ވަޅިން ދިން ހަމަލާގައި އޭނާގެ ގޮހޮރު އޮތީ ފޫވެއްޓިފައެވެ. ދަނބުކުލައިގެ މާތަކުން ފުރާލާފައިވީ އެ ދާން ބަކުރުގެ ލެއިން ކަޅިވަނީ އެވެ. އިރު ވެސް އޮއްސެނީއެވެ.
ބަލަން ނުހުރެ، އޭނާ އޮތް ތަނަށް ދޫކޮށްލާފައި ކަޅުސޮރު ދުއްވައިގަތީ މާ ދުރުން ފެންނަން ހުރި ފަންޖިފުޓިއަކާ ދިމާލަށެވެ. އެ ދިމާލުން އަންހެނެއްގެ ރުއިމުގެ އަޑު އިވިގެންނެވެ. މިއީ ނަކަޗާފުށި ނޫންކަން އޭނާއަށް ޔަގީނެވެ. މުންޑުގަނޑު އަރުވާ ޖަހައި އަތަށް ވަޅި ހެޔޮވަރުކުރަމުން ގޮސް އޭނާ އެ ޖިފުޓީގެ ފެންޑާއަށް ވަނީ ވަރަށް ހުސިޔާރުވެގެންނެވެ.
އެކަމަކު އެތަނުގައިވީ ހުރިހާ ދިރުމަކާއި ބާރަކަށް އޭނާގެ ހިލަންވާ ކަހަލައެވެ. ކަޅުސޮރަށް އެ ޖިފުޓީގެ މަޖިލިސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަހަލަ އެވެ.
ޖިފުޓީގެ ފެންޑާގައި އެލުވާފައި އޮތް ފުޅި ބައްތި ކަޅުސޮރުގެ އެ ފިޔަވަޅާ އެކު ވަގުތުން ނިވިއްޖެއެވެ. ފުޅި ބައްތީގެ އަލީގައި ޝިކާރައަށް ނުކުމެ ފެންޑާ ތެރެއަށް ޖަމާވެ ތިބި ބޮއްތައް އެތަން ދޫކޮށް ދުވެ ފުމެން ފަށައިފިއެވެ. އަދި އެތެރެއިން އިވެމުން ދިޔަ އަންހެން މީހާގެ ރުއިމުގެ އަޑު ވެސް ވަގުތުން ކެނޑިއްޖެއެވެ.
ރަތްވިލާގެ ދަޅަތަކާ އެކު މުޅި ދުނިޔެމަތި ހީވަނީ ކުޅަދާނަ ކުރެހުންތެރިޔަކު ކުލަޖައްސަމުން ދިޔަ ހިތްގައިމު މަންޒަރެއް ހެންނެވެ. އެކަމަކު މަޑުމަޑުން ދައުރުވަމުން ސިފަ އާއި ކުލަތައް ބަދަލުވަމުން ހިޔަނިތަކަށް ބަދަލުވަމުންދާ ވިލާތަކުގެ ތެރެއިން ހީވަނީ ފުރޭތައެއް ނުކުމެގެން އަންނަން އުޅޭހެންނެވެ.
ވަށައިގެން ބޯކޮށް ހެދިފައިވީ ގަސްތަކުގެ ތެރެއިން އަލިފާންކޮކާތައް އުދުހިގަތުމާ އެކު ޖިފުޓީގެ ދޮރު ހުޅުވާލާފައި ކަޅުސޮރު ވަނީ އެތެރެއަށެވެ. އުށްބައްތީގެ އަލިން ދިއްލާފައި އޮތް ބިންގަރާހުން އަރުވަމުން ދިޔަ ދަޅަތަކާ އެކު ޖިފުޓި ތެރެއަށް ވެރިވެފައި އޮތީ ދިރޭ ފަނޑު އަލިކަމެކެވެ. މީހެއްގެ އެއްވެސް އަޑެއް ބަޑެއް މިހާރަކު އެތަނަކުން ނުއިވެ އެވެ.
ބިންގަރާސް ތެރެއަށް ކަޅުސޮރު ފޭބީ ކުރިއަށް ވުރެ ހުސިޔާރުވެގެންނެވެ. ސިޑިމަތީގައި ދެމެމުން ދުވަމުން ދިޔަ ނަންނުގަތިތަކަށް ފަރުވާތެރިވެގެންނެވެ. މުޅި ބިންގަރާސް ތެރެ ފުރާލާފައި އޮތީ ބޮކާއި ނަންނުގައްޗާއި ފައިދިގު މަކުނުތަކުންނެވެ.
އުށްބައްތިތަކުން ދިއްލާފައި އޮތީ ބިންގަރާހުގެ މެދުގައި ހުރި ހިރިގަލުގެ ކުރެހުން އެޅި އަށްޓެކެވެ. ހިރިގަލުގައި ކަނޑައި ނަގާފައިވާ އެ ކުރެހުންތަކުގެ ތެރެއިން ދެމެމުން ދިޔަ ލޭތައް އަށީގެ ހަތަރު ފަރާތުން ގޮސް އޮހޮރެނީ އެވެ.
އެތަނުގައި މީހަކު ނެތެވެ. ވަށައިގެން ބަލައި ރަނގަޅަށް ހޯދާލުމަށް ފަހު އަތުގައި އޮތް ރިހިކުލައިގެ ހަންޖަރު ކަޅުސޮރު ލީ އޭނާގެ އުނަގަނޑުގައި ހަރުކޮށްފައި އޮތް އުރައަށެވެ. އަދި ފުންމައިގެން ގޮސް ނެގީ އަށިމަތީގައި އަތުރާފައި ހުރި ވަޅިތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު ދެ ވަޅި އެވެ. ދެ އަތަށް ދެ ވަޅި ހެޔޮވަރުކޮށް އަނެއްކާވެސް ވަށައިގެން ހޯދައި ބަލައިލިއެވެ.
އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބިންގަރާހަށް ފޭބުމަށް ހަދާފައިވީ ހިރިގަލުގެ ސިޑީގެ އެންމެ މަތީގައި މަޑުކޮށްލައިގެން ހުރި މީހެކެވެ. އުށްބައްތީގެ އަލީގައި އޭނާގެ މޫނު ވަރަށް ރީއްޗަށް އޭރު ކަޅުސޮރަށް ފެނެއެވެ. އެއީ ގިރާވަރު ލިބާހެއް ލައިގެން ހުރި ފިރިހެނެކެވެ.
ވަޅިތައް އަތަށް ހެޔޮވަރުކޮށް އެއްވެސް ޖެހިލުމެއް ނެތި ކަޅުސޮރު އެ ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް ފަހަތަށް އެޅި ފިޔަވަޅާ އެކު އެމީހާ އެ ދިމާލުން ވައްޓާލީ ބިންގަރާހުގެ ދަގަނޑު ދޮރުފަތެވެ. އެ ބަރު ދޮރުފަތް ވެއްޓިގެން އައިސް ޖެހުނު ވަގުތު އެނބުރިގަތް ހިރަފުހުގެ ރޯޅިގަނޑު ދިޔައީ އަށިމަތީގައި ހުރި ބައެއް އުށްބައްތިތަކުން އޭގެ ހުޅުކޮޅު ވެސް ޖަހައިގެންނެވެ.
ލޮލަށް ހިރަފުސް އަރައިގެން ގޮސް ވެއްޓުނު ގޮތަށް އޮވެފައި ފުންމައިގެން ތެދުވެ ގޮސް ކަޅުސޮރު ހިފާލީ ބިންގަރާހުގެ އެ ބަރު ދޮރުގައެވެ. ނަމަވެސް އެ ދޮރު ހަލާކުކޮށްލައިގެން ނުކުންނާނެ ބާރެއް އޭނާގެ އަތާއި މުލައްދަނޑީގައެއް ނެތެވެ.
މަޑުމަޑުން ތިރިއަށް ފައިބައިގެން ގޮސް ކަޅުސޮރު މަޑުކޮށްލީ އަށިމަތީގައި ނުނިވި ހުރި ހަމައެކަނި އުށްބައްތި ކައިރީގައެވެ. ނަންނުގައްޗާއި ބޮކާއި ފައިދިގުމަކުނުތައް އުށްބައްތީގެ އެ ފަނޑު އަލިކަމުގައި ގޮސް ހިރިގަލުގެ ފާރު ތެރެއަށް ވަދެ ގެއްލެނީ އެވެ.
އަށިމަތީގައި ހުރި އުށްބައްތި ނިވި އެ ބިންގަރާސް ތެރެއަށް ވެރިވި އަނދިރިކަމުގެ ތެރެއަށް ކަޅުސޮރު ގެނބިގަތީ އޭގެ އިރުގަނޑެއްވީ ފަހުންނެވެ. އޭނާގެ ހިތް ނިކަން ބާރަށް ތެޅިގަތީ ސޫފިތައް ވަދެގެން ގޮސް ގެއްލުނު ހިރިގަލުގެ ފާރުގައި ހެދިފައިވީ ލޯވަޅުތަކެއްގެ ތެރެއިން އަލި ދޯދިތަކެއް ފައުޅުވާން ފެށުމުންނެވެ. އަދި އިރުކޮޅެއް ނުވެ އެ ފާރާ އެކު މުޅި އެ ބިންގަރާހުގެ ހަތަރު ފާރުގައި ރެދަންލައި މަޑުނޫފެހި ކުލައަކުން ދިއްލެން ފަށައިފިއެވެ.
ކަޅުސޮރަށް ހުރެވުނީ ހަދާނެ ގޮތް ހުސްވެ ހުއްޓުން އަރައިފައެވެ. އެހެން ހުއްޓައި ކުރިމަތީގައި ހުރި ފާރު ތެރެއިން ނުކުމެގެން އައިތަން ފެނުނީ ރެދަންއަޅައި ވިދައި ބަބުޅަމުން ދިޔަ އަންހެނެކެވެ. އެއީ ކަޅުސޮރުގެ ހިތް ހިބައިން ދީފައިވީ ސަންޕާގެ ސޫރައިގައިވީ އަންހެނެކެވެ.
ނަމަވެސް ފާރު ތެރެއިން ދެމިގެން އައިސް ކަޅުސޮރުގެ ކުރިމަތީގައި ހުއްޓިލުމާ އެކު އެ އަންހެން މީހާގެ ސިފަ ބަދަލުވީ ބަކުރަށެވެ. އެއީ ކަޅުސޮރުގެ ހަމަލާގައި ޒަހަމްކޮށް ވައްޓާލި ބަކުރެވެ. އެކަމަކު އެ ހަށިގަނޑުގެ ތެރޭގައި ވަނީ ސަންޕާގެ ހިއްސުތަކާއި ބާރެވެ.
ބަކުރަށް ހީވީ އޭނާގެ ލޯކުރިމަތިން ސިހުރުގެ ކުޅިވަރެއް ފައުޅުވިހެންނެވެ. ވަޅިތަކުގައި ހިފައި ބާރުކޮށް ކަޅުސޮރު ހަޅޭލަވައިގަތެވެ. އެވަގުތު އަނެއްކާވެސް ޚަބަރު ހުސްވެގެން ބަކުރު ވެއްޓިއްޖެއެވެ.
** ** **
މަލީޝާ ކޮނޑަށް ލައިގެން ގޮސް ޗަމަރާ ފޭބީ މީރުފެނުގެ ބޮޑު ކުޅިއަށެވެ. ރަތް ހަނދު އަރައި ފުރިހަމަވީ އެވެ. ޗަމަރާ އިންތިޒާރުކުރަމުން އައި ވަގުތު އެންމެ ފަހުން އޭނާއާ އަރައި ހަމަކުރީ އެވެ. ކޮނޑަށް ލައިގެން ގެނައި މަލީޝާ ފެންގަނޑު ތެރެއަށް ދޫކޮށްލުމަށް ފަހު އޭނާ އުރައިން ދަމައިގަތީ ވަޅިއެކެވެ.
ހިއްސުތައް ކުއްލިއަކަށް ހޭލައި ނޭވާހާސްވެ މަލީޝާ މަރަށް ތެޅިގަތެވެ. އޭނާގެ އަރުތެރެއިން ދެމިގެން އައި ނަންނުގަތި އަނގަ ތެރޭގައިވީ ބަނަފުސާމަލުގެ ތެރޭގައި ތާށިވެއްޖެއެވެ. އަދި ކަންވާރު ރޮދިން ފަހާފައިވާ އެ އަނގަ ތެރެއިން ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް އެ ސޫތްޕަކަށް ނެތެވެ. އެ ސޫތްޕާ އެއްވަރަކަށް މަލީޝާ ވެސް ދިޔައީ ހަލުވިކަމާ އެކު މަރަށް ތެޅެމުންނެވެ.
ވަޅި އަތަށް ހެޔޮވަރުކޮށްލުމަށް ފަހު މަލީޝާގެ ކަރުގައި އަނެއް އަތުން ހިފައި ޗަމަރާ އޭނާ ކޮށްޕާލީ ފެންގަނޑުގެ ތެރެއަށެވެ. އަދި އެ އަންހެން ކުއްޖާގެ ނޭވާ ހުސްވުމުގެ ކުރިން އޭނާގެ މެޔަށް ހަރާލީ އަތުގައި އޮތް ތޫނު ވަޅިއެވެ.
ބަޑިތަޅުވަމުން ގެންދިޔަ މަލީޝާގެ ހަތަރެސްފައި ހުއްޓި ހިމޭންވުމުން ޗަމަރާ އެ ހަށިގަނޑުން ދޫކޮށްލިއެވެ. ލޭގެ ކުލަ ފޭދިފައިވީ ހަނދު ބޯމައްޗަށް އަރަމުން ދިޔައިރު މީރު ފެނުގެ އެ ކޯރުގައި ދެމެމުން ދިޔަ މަލީޝާގެ ލޭ ހީވަނީ ދިރޭ ކަޅު ހިޔަނިގަނޑެއް ހެންނެވެ.
ޗަމަރާ މަޑުކޮށްލައިގެން ހުރީ ޑްރަދީވާގެ ފަޅުތެރެއިން އޭނާ ހޮވި ސިހުރުވެރި އަންހެން މީހާ ވައުދުވެފައިވީ ކުމާރީންގެ ސުވަރުގޭގެ ދޮރުތައް އެ ފެންގަނޑުގެ މެދުން ހުޅުވެންދެކަށެވެ. ނަމަވެސް އެ ގުރުބާނުގެ ލޭތައް ދެމި ހުސްވިއިރު ވެސް އެ ކަތިލުން ގުރުބާނަކަށް ބަދަލު ނުވިއެވެ. ޗަމަރާގެ ލޭ ކެކިގަތީ އެ ހިސާބުންނެވެ.
މަލީޝާގެ ހަށިގަނޑު ފެންގަނޑު ތެރެއަށް ދޫކޮށްލާފައި ގޮސް އެއްގަމަށް އަރައި ލައިގެން ހުރި ލިބާސްގަނޑު ބާލައި ހޫރާލުމަށް ފަހު އޭނާ ހިނގައިގަތީ އެ ސިހުރުވެރި އަންހެން މީހާ ބަންދުކޮށްފައި އޮތް ބިންގަރާހަށް ދިއުމަށެވެ. އެއީ ކަޅުސޮރު ބަންދުވެފައިވީ ޖިފުޓީގެ ބިންގަރާހާ މާ ދުރުގައި އަދި މާ އަޑީގައި ގާއިމުކޮށްފައިވާ ބިންގަރާހެކެވެ. ޑްރަދީވާގެ ފަޅުތެރެއިން ހޮވި އަންހެން މީހާ އެ ބިންގަރާހުގައި ބަންދުކޮށްގެން ޗަމަރާ ގެންގުޅޭތާ ވީ ދުވަހެއް ބުނަން އެނގޭ މީހަކު ނެތެވެ.
ބިންގަރާހުގެ ދޮރުގަނޑު ނަގައި ހުޅުވާލުމަށް ފަހު ޗަމަރާ ފޭބީ އެތެރެއަށެވެ. އެތަން އޮތީ އުށްބައްތީގެ އަލިން ދިއްލައިފައެވެ. އަދި އެތަނުގެ ކަނަށް ވަދެ ބޮނދައި އެ އިނީ ކުމާރީންގެ ސުވަރުގެއަށް ދާނޭ ގޮތް ޗަމަރާއަށް ކިޔައިދިން މުޑުދާރު ސިހުރުވެރިޔާއެވެ. ކުމާރީންގެ ސުވަރުގޭގައިވީ ދޮރުތައް ހުޅުވާނެ ސިއްރުތަކާއި އުކުޅުތައް ޗަމަރާއަށް ކިޔައިދިން ސިހުރުވެރިޔާ އެވެ. ޑްރަދީވާގެ ފަޅުތެރޭގައި އުފެދި އެނބުރެމުން ދިޔަ އޮއިގަނޑެއްގެ ތެރެއިން މީގެ އެތައް އަހަރެއް ކުރިން ޗަމަރާއަށް ފެނުނު އަންހެން މީހާ އެވެ.
ނަމަވެސް އެއީ ޗަމަރާ ހީކުރާ ކަހަލަ ސިހުރުވެރި އަންހެނެއް ނޫނެވެ. އެކަމަކު އޭނާގެ ނިބޫއެކެވެ. އޭނާއާ އެއްމާބަނޑު، އޭނާގެ ދައްތަ ސަކީނާ އެވެ. އަދި ޗަމަރާއަށް ނޭނގޭ ހަގީގަތަކީ މިއެވެ. ކުމާރީންގެ ދުނިޔެއަށް ވަނުމަށް ގުރުބާންކުރަން ޖެހެނީ ގިރާވަރުގެ އަންހެން ދަރިއެއް ނޫނެވެ. ކުމާރީންގެ ދުނިޔެއަށް ނިސްބަތްވާ ދޮލަނގާމަރިޔަނބުގެ އައުލާދެކެވެ.
ފުންމައިގެން ގޮސް ޗަމަރާ ހިފީ ސަކީނާގެ ދިގު އިސްތަށިގަނޑުގައެވެ. އެވަގުތު ޗަމަރާގެ މެޔަށް އޭނާ ހަރާލީ ތޫނުކޮށް ފަރިކުރަމުން ގެންދިޔަ ހަތާގަނޑެކެވެ.
** ** **
އާމިރުއައްޔޫބީގެ މުރަކަ ގަނޑުވަރުގެ ސިއްރު ކޮޓަރިކޮޅު ދިއްލައި ދޮންކޮށްލާފައި އޮތީ ސަމޭދާން އުށްބައްތީގެ އަލިންނެވެ. ސަންޕާ އޮތީ އެ ކޮޓަރީގެ މެދުގައި ހުރި ހިރިގަލުގެ އަށިމަތީގައި ހިމޭންވެ ހުއްޓިފައެވެ. އުނުއޮރިޔާމުންނެވެ. އޭނާގެ ދެ ލޯ ހުޅުވައިގެން ދޭވްރީ އާއި އާމިރުއައްޔޫބީގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ނުވަތަ އެއީ ދޭވްރީ އާއި އާމިރުއައްޔޫބީއަށް ހީވާ ގޮތެކެވެ.
ރަންކުލައިގެ ކުރަފަތެއް ނަގައި ހުޅުވާލުމަށް ފަހު ދޭވްރީ ގޮސް މަޑުކޮށްލީ ސަންޕާގެ ރީތި އެ މޫނު ރީއްޗަށް ފެންނަ ހިސާބުގައެވެ. އޭނާގެ ދެ ލޮލުން ދެމެމުން ދިޔަ ކަރުނައާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ކުރަފަތުގެ ތޫނު ތިލަ ގެންގޮސް ޖައްސާލީ ލަގޮނޑިވަޅުގައެވެ. އެ ތިލައިގެ ގަނޑުފިނިކަން ސަންޕާއަށް އިހުސާސުވި ހިނދު އެ ހަތިޔާރުން ދޭވްރީ އޭނާގެ މޭ ކަފާލައި ދެ އަރިއަށް ފަޅާލައިފިއެވެ.
އެއަށް ފަހު ކަނޑައި ނަގައިގެން ގޮސް އާމިރުއައްޔޫބީގެ އަތަށް އެރުވީ ސަންޕާގެ ހިތެވެ.
ވަގުތު އައިސް ޖެހުނީއެވެ. ދޭވްރީ އާއި އާމިރުއައްޔޫބީގެ އެތައް ހާސް އަހަރެއް ވީ ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ވަނީ އެވެ.
ސަންޕާގެ ހިއްސުތައް ނަގައި ފުޅިތަކުގައި ބަންދުކޮށް އޭނާގެ ލެއިން ކޮއްޗޭބަނޑިޔަލެއް ފުރާލުމަށް ފަހު އެ ހަށިގަނޑުގެ ތެރެއަށް ލީ ދިރޭ ނާގަ ހަރުފައެކެވެ. އެ ހަރުފައާ އެކު ސަންޕާގެ ހަށިގަނޑު ރިހި ފަށުއިން ފަހައި މިހާރު އެ އޮތީ ކުމާރީންގެ ސުވަރުގެއަށް ގުރުބާންކުރަން ތައްޔާރުކޮށްފައެވެ. ނަމަވެސް މި މަރުހަލާ ކާމިޔާބުކުރުމަށް އެންމެ މުހިންމު ވަނީ ސަންޕާގެ ހިތާއި ކުމާރީންގެ ދުނިޔެއަށް ނިސްބަތްވާ އެ ރަންރީނދޫ ފައްޓަރެވެ.
ފައްޓަރު ވިރުވައި އަޅާފައި އެ ވަނީ ސަންޕާގެ ހިތަށެވެ.
މެންދަމުންއަލިވިލުނުއިރު ދޭވްރީ އާއި އާމިރުއައްޔޫބީ ގޮސް ތިބީ ގިރާވަރުގެ ބޮޑު ފަޅުގައެވެ. އާމިރުއައްޔޫބީގެ ނައުކޮޅުގައެވެ. އަދި ސަންޕާގެ ހަށިގަނޑާއި އޭނާގެ ހިއްސުތައް ބަންދުކޮށްފައިވީ ރަންފޮށިގަނޑު ފަޅުތެރެއަށް ދޫކޮށްލުމާ އެކު މުޅި ހިސާބުގަނޑުގައި ރެދަންލައި ދިއްލިއްޖެއެވެ.
އާމިރުއައްޔޫބީ އެ ރެދަންގަނޑުގެ ތެރެއަށް ފުންމާލީ ނައުކޮޅުގެ ދިރުނބާކޮޅުންނެވެ. ކޮއްޗޭބަނޑިޔަލުގައިވީ ސަންޕާގެ ލޭ ބޮއެ ބަނޑުފުރާލައިގެންނެވެ. އޭނާގެ ފަހަތުން ގޮސް ދޭވްރީ ވެސް ރެދަންގަނޑުގެ ތެރެއަށް ފުންމާލައިފިއެވެ.
އެއަށް ފަހު އެ ދެ މީހުން ޖަހައިގަތީ ފުންވެގެންވީ އަނދިރިކަމެއްގެ ތެރެއަށެވެ. އެ އަނދިރިގަނޑުގެ ތެރެއިން ރަން ދޯދިތަކެއް ތޮރުފައި ފައުޅުވާން ފެށީ އިރުގަނޑެއްވީ ފަހުންނެވެ. ނުވަތަ އެއީ ފަޅި ސިކުންތެއްގެ ދަތުރެކެވެ.
މުރަކައިގެ ވާދީތައް ފަޅާލާފައި ނުކުތް ދޯދިތަކުގެ ތެރެއަށް އާމިރުއައްޔޫބީ އާއި ދޭވްރީ ދަމައިގެން ގޮސް ގެއްލިއްޖެއެވެ. ދެން ހީވީ ކުރިމަތިން ހުދު ކަފަހެން ހީވާ ވިލާތަކެއް ފައުޅުވިހެންނެވެ. ހަތްއުޑު މަތިން ވެއްޓި ފަށަލައަކަށް ފަހު ފަށަލައެއް ތޮރުފަން ފެށި ހެންނެވެ.
ވެއްޓިގެން ގޮސް ދޭވްރީ އާއި އާމިރުއައްޔޫބީ ޖެހުނީ ބޮޑުމަހެއްގެ ބުރަކަށިމަތީގައެވެ. އެކަމަކު އެއީ ފަޒާގައިވީ ވިލާތަކުގެ ތެރެއިން ބަރުހެލި ގޮތަކަށް އުދުހެމުން ދިޔަ މާސިންގާ ހައިވާނެކެވެ.
ދެން އިވުނީ ތޫރި ފަޅައިގެންދާ ވަރުގެ ތޫލި އަޑުފަށްގަނޑެކެވެ. އަދި މާ ސިންގާ ދެ ފިޔަގަނޑު ލީ އުދުހޭ ސިފަހުތުރު އެހެން ހައިވާނެއް އައިސް ދޭވްރީ އާއި އާމިރުއައްޔޫބީ ތިބި ބޮޑުމަހަށް ހަމަލާ ދޭން ފެށި ތަނެވެ.
އެޑިޓަރުގެ ނޯޓް:
ޖުމްލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކައިގެ އާ ބައިތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ އަދި ހުކުރުގަ އެވެ.
ކޮމެންޓް (3)
އިވަކް
ސަކީ
ޕަރސަން