ލީޑު ރޯލަށް ލާން ކަމުނުދިޔަ އެކްޓަރުގެ 'ތަފާތު' ކާމިޔާބީ
އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި ގައުމީ އެވޯޑްސް ހާސިލުކޮށް ބައިނަލްއަގުވާމީ ސްޓޭޖުގައި ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ ޝަރަފްވެރި އިނާމު އިނާމު ވެސް ހާސިލުކޮށްފަ އެވެ. އަދި އޭނާގެ މި ދަތުރުގައި ސާކް ފިލްމު ފެސްޓިވަލްގައި ކާމިޔާބުކުރި އެންމެ މޮޅު އެކްޓަރުގެ އެވޯޑަކީ ދިވެއްސެއްގެ ޕާފޯމިން އާޓްސް އަށް ބައިނަލްއަގުވާމީ ސްޓޭޖެއްގައި ލިބުނު އެފަދަ ފުރަތަމަ ރަން ވަނަ ވެސް މެއެވެ.
އެކަމަކު އިސްމާއިލް ރަޝީދުގެ މި ދަތުރު ފަށަން ޖެހުނު ގޮތް އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ. އެފަދަ ދެ ވަނައެއް ނެތް ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި ދިވެހި ސިނަމާގެ ތާރީޚުން މިއަދު އޭނާއަށް ޖާގަ ލިބިފައިވިޔަސް އޭނާގެ ހަނދާނުން ފޮހެވިގެން ނުދާ ދުވަހަކީ ފިލްމެއްގައި ލޯޑް ރޯލު ކުޅެން ޝައުގުވެރިވެގެން އެ ވާހަކަ ދައްކަން ދިވެހި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ގާތަށް ދިޔަ ފުރަތަމަ ދުވަހެވެ.
އެއީ އިސްމާއިލްގެ މޫނުމަތީގައި ވަރަށް ވަރުގަދަ އެތިފަހަރެއް އަޅުވައިލި ދުވަހެކެވެ. ފިލްމީ ދާއިރާގައި އޭރު ވަރަށް ބޮޑަށް އޮތް ސަގާފަތެއްގެ މުޑުދާރު ބޮޑު މަންޒަރެއް އޭނާއަށް ފެނުނު ދުވަހެކެވެ.
"އެއީ ޑްރާމާތައް ކުޅެފައި ފިލްމެއް ހަދައިގެން ބާޒާރުގައި އެ ފިލްމު ވިއްކަން ނުކުމެ ލިބުނު ތަޖުރިބާ އާއި ފިލާވަޅު،" އޮފީސް ޓެލެޑްރާމާ މުބާރާތުގައި 1998 ވަނަ އަހަރު 'ތަފާތު' ޑްރާމާ އިން އެންމެ މޮޅު އެކްޓަރު އަދި އެންމެ މޮޅު ކޮމީޑިއަންގެ އެވޯޑް ހާސިލުކޮށް ރިހި ސްކްރީނުން ފުރުސަތު ހޯދަން ނުކުތް ތަޖުރިބާއިން އިސްމާއިލް ކިޔައިދިނެވެ.
އެއީ އޭނާގެ ހުނަރު، ބޮޑު ސްކްރީނަށް ތައާރަފްކޮށްދިން ފިލްމު 'އެދި އެދި ހޯދީމޭ'ގެ މަސައްކަތެވެ. އެ ފިލްމަކީ އޭނާގެ ބައްޕަ އަދި ކުޅަދާނަ އަދަބީ އުސްތާޒު އަލްމަރްހޫމް ކޮޕީ މުހައްމަދު ރަޝީދު ޕްރޮޑިއުސްކުރެއްވި ފިލްމެކެވެ. އެކަމަކު އެ ހާލުގައި، އަމިއްލަ ޖީބުން އެ ފިލްމު އުފައްދަން މަޖުބޫރުވީ އެ ފިލްމުގެ ލީޑް ރޯލަށް އިސްމާއިލް ރަޝީދު ލައިގެން އެ ފިލްމު 'ގަންނާނެ' ހަމަ އެކަކު ވެސް ނުވުމުންނެވެ.
"ގަބޫލެއް ވެސް ނުކުރާނެ، އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާލަން އަޅުގަނޑަކަށް ގޮސް ވަދެ ނުލެވޭ ފިލްމު ސްޓޫޑިއޯއަކަށް ވެސް. ދޮރުމަތިން ނިންމާލަނީ. ވަރަށް ދެރަކޮށް ދިޔަ ތަޖުރިބާއެއް،" އިސްމާއިލް ކިޔައިދިނެވެ.
"އަޅުގަނޑު އެ ފިލްމުގައި ލީޑު ރޯލު ކުޅޭތީއޭ ކިޔާފައި އެއްވެސް މީހަކު ބޭނުމެއް ނުވި އެ ފިލްމު ޕްރޮޑިއުސްކުރާކަށް ނުވަތަ އެ ފިލްމު އުފައްދާކަށް. ޑައިރެކްޓް ވެސް ކުރާކަށް."
"އަޅުގަނޑު ދިޔައިމަ އެމީހުން އަޅުގަނޑަށް ކިޔައިދޭން ފަށަނީ އެކްޓަރެއް ހުންނަން ޖެހޭ ގޮތް. ނުވަތަ އެމީހުންގެ ނަޒަރުގައި އެކްޓަރަކީ ކޮބައިކަން. ދޮންކޮށޭ ތިބެން ޖެހޭނީ. މިހެން މިހެންނޭ އެކްޓަރުން ތިބޭނީ. ދެން އޭރުގެ މަޝްހޫރު ބައެއް ދިވެހި އެކްޓަރުންގެ ނަންތަކުން މިސާލު ވެސް ޖަހައިދިން."
އޭރުގެ ސުޕަސްޓާރުން ކަމުގައިވީ މަރިޔަމް ނިޝާ އާއި ޔޫސުފް ޝަފީއުއާ އެކު އިސްމާއިލް ކުޅުނު އެ ފިލްމަށް ބެލުންތެރިންގެ މެދުގައި ތަރުހީބު ލިބުނެވެ. ނަމަވެސް ފިލްމީ ދާއިރާއިން ދެން ވެސް އިސްމާއިލް ބަލައިނުގަތެވެ.
"ބައްޕަގެ އެންމެ ބޮޑު ހުވަފެނަކީ އެ ފިލްމު މެދުވެރިކޮށް އަޅުގަނޑު ފިލްމީ ދާއިރާއަށް ނެރެދިނުން. އެންމެ ފަހުން އެއްވެސް ބަޔަކު އެ ފިލްމު ޕްރޮޑިއުސްނުކޮށްދިނީމަ ބައްޕަ އަމިއްލައަށް އެ ފިލްމު އުފެއްދީ. ހަރަދުކުރީ. އެއީ އަޅުގަނޑުގެ ފެށުން،" އިސްމާއިލް ކިޔައިދިނެވެ.
"އެ ފިލްމުގެ ތަޖުރިބާއަކީ އަޅުގަނޑު ގޮސް އެކްޓިންނާއި ފިލްމުގެ ބޮޑު އިންސްޓިޓިއުޝަނަކަށް ވެއްދި ފިލްމެއް. އެ ދުވަހު ކިޔައިދިން އެއްޗެހި، އަޅައިދިން ފިލާވަޅުތައް އަދިވެސް މިއަދު ވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި."
އިސްމާއިލް ބުނީ 'އެދި އެދި ހޯދީމޭ' ގެ ހިތި ތަޖުރިބާއަކީ އޭނާއަށް ނަފުސާނީ އެތައް އުނދަގުލެއް ވެސް ކުރިމަތި ކުރުވި ތަޖުރިބާއެއް ކަމަށެވެ. އެގޮތުން ފިލްމީ މަސައްކަތްތަކާއި ފިލްމީ ދާއިރާ މަތިން މުޅިން ފޫހިވެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން ވެސް އުނދަގޫވި ދުވަސްތަކެއް އޭގެ ފަހުން ކަޑައްތުކުރަން ޖެހުނު ކަމަށް ބުންޏެވެ.
"އޭރު ހުރީ ހަމަ އެއްކޮށް ފޫހިވެފައި. އަނެއްހެން ބުނާ ނަމަ ރާއްޖެ ދޫކޮށް ދާން އޭރު ރެޑީ ވަނީ. މިތަން ދެކެ ވެސް ފޫހިވީ. އެ ފިލްމު ބެލުންތެރިން ބަލައިގަތް. އެކަމަކު އޭރު ފިލްމީ ދާއިރާގައި ތިބި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދެން ވެސް ބޭނުމެއް ނުވި އަޅުގަނޑަށް ފުރުސަތެއް ދޭކަށް،" އިސްމާއިލް ކިޔައިދިނެވެ.
އެގޮތަށް ފޫހިވެ، ޑިޕްރެސްވެފައި ހުއްޓައި އޭނާއާ ބައްދަލުކުރަން ދިޔައީ މޫމިން ފުއާދު އާއި އަލީ ޝިފާއު އެވެ. މިހާރުގެ އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ދެ ފިލްމު ޑައިރެކްޓަރުން ކަމުގައިވިޔަސް އެ ދެ މީހުން އެ ދުވަހު އިސްމާއިލްއާ ބައްދަލުކުރީ އެމީހުންގެ ފިލްމީ ހަޔާތް ބޮޑު ސްކްރީނުގައި ފަށާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.
"އަޅުގަނޑަށް އަހާލެވުނީ، ކީއްކުރަންހޭ މަ ލައްވާ ފިލްމެއް ކުޅުވަންވީ. ޔޫއްޕެ އާއި ސީޒަންމެން ކަހަލަ ތަރިން ތިއްބައި ކީއްކުރަންހޭ އަހަރެން ހޯދަން ތި އައީ. މޫމިން ބުނީ މި ފިލްމަށް ބޭނުންވަނީ އިއްސެއޭ،" މޫމިންގެ އެ ޖަވާބުން އިސްމާއިލްގެ ވިސްނުމާއި އޭނާގެ ފިލްމީ ހަޔާތް ވެސް އެއްކޮށް ބަދަލުކޮށްލީ އެވެ.
"އެ ފިލްމުގެ ސްކްރިޕް އެރޭ ކިޔާފައި އެރޭ އަޅުގަނޑު އެ ފިލްމު ކުޅެން އެއްބަސްވެއްޖައީމު. ހޭލާ އަކީ އަޅުގަނޑުގެ ނަސީބު. މޫމިން ފުއާދުކިޔާ މީހަކާ ދިމާވީ އެ ފިލްމުގެ ތެރެއިން."
އެ ފިލްމުގައި ކުޅުނު ރޯލުން އިސްމާއިލަށް ޝަރަފުވެރި ގައުމީ އެވޯޑްސް ލިބުނެވެ. އޭނާގެ ފިލްމީ ހަޔާތުގެ ފުރަތަމަ ބޮޑު އެވޯޑެވެ. އެއަށް ފަހު ފަސްއެނބުރި ބެލުމެއް ނެތެވެ.
އޭނާ ގައުމީ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ފުރަތަމަ ފަހަރަށް ހޯދީ ވެސް މޫމިންގެ ފިލްމަކުންނެވެ. އެއީ ފިލްމީ ދާއިރާ އިން އިންގިލާބީ އިހުސާސްތަކެއް ގެނެސްދިން 'ލޫދިފާ' އެވެ. އެއަށް ފަހު ރަވީ ފާރޫގް ޑައިރެކްޓްކުރި 'އިނގިލި' އަކީ އިސްމާއިލް ސާކް ފިލްމު ފެސްޓިވަލްގައި އިންޑިއާ އާއި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޕްރޮފެޝަނަލް އެކްޓަރުންނާ ވާދަކޮށް އެންމެ މޮޅު އެކްޓަރުގެ ވަނަ ގެންދިޔަ ތާރީޚީ މަސައްކަތެވެ.
އިސްމާއިލް ރަޝީދު މިއަދު ވެސް ކުރިއަށް ދަނީ ދެގޮތެއް ނުވެ އެވެ. އަދި މިއަދު ވެސް އޭނާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭނާގެ މި މަސައްކަތަށް އެ ހިތުގައި އުފެދިފައިވާ ލޯތްބެވެ. އަދި 'އެކްޝަން' އޭ ގޮވާލުމުން ފިލްމުގެ އެ ރިހި ދުނިޔެއަކަށް އޭނާ ވަދެގެން ގޮސް ގެއްލިދާ ގޮތެވެ.
"އެކްޝަން ގޮވުމަށް ފަހު އެއަށް އެ ވަންނަ ގޮތާއި ކަޓު ގޮވީމަ އެ ކެރެކްޓާ އިން ނުކުމެވޭ ގޮތް ވުން. އެއީ ބުނެދޭން ނޭނގޭ އިހުސާސެއް. ހީވަނީ ގުދުރަތީ ގޮތުން ލިބިފައިވާ ހުނަރުވެރިކަމެއްހެން. އަޅުގަނޑު މީ މޮޅު މީހެކޭ ބުނަނީކީ ނޫން. އެކަމަކު އެކްޝަން ގޮވުމަށް ފަހު ދެން ވާ ގޮތެއް އަޅުގަނޑަކަށް ހަމަ ނޭނގޭ. އެ ކެރެކްޓާގެ ތެރޭގައި އަޅުގަނޑު އުޅޭނީ ކަޓު ގޮވަން ދެން،" އިސްމާއިލް ކިޔައިދިނެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެކްޓިން އަކީ މާތްރަސްކަލާނގެ ދެއްވި ނިއުމަތެއް ކަމަށް."
"މިސާލަކަށް ހެލިކޮޕްޓަރެއްގައި ގޮސް މަތިން ފުންމާލާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެކަމަކު އެއީ އަޅުގަނޑު ކުޅޭ ކެރެކްޓާ ކުރަން ޖެހޭ ކަމެއް ނަމަ ޔަގީން އަޅުގަނޑު ފުންމާލާނެކަން. އެނގިޖެ ދޯ މި ބުނާ އެއްޗެއް."
ކޮމެންޓް (1)
އިބްރާހިމް