'ދަ ނައިޓް އޭޖެންޓް'

ނެޓްފްލިކްސް

ނެޓްފްލިކްސް އިން އެންމެ ގިނައިން ބެލީ ކޯއްޗެއްކަން ހާމަކޮށްފި

'ދަ ނައިޓް އޭޖެންޓް' 812 މިލިއަން ގަޑިއިރު ސްޓްރީމް ކޮށްފައިވާ އިރު، ޖެނިފާ ލޯޕޭޒްގެ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނު
14 ޑިސެމްބަރު 2023

ނެޓްފްލިކްސް އިން އެންމެ ގިނައިން ސްޓްރީމްކޮށްފައިވާ ޝޯތަކާއި ފިލްމުތަކަކީ ކޮބައިކަން ހާމަކޮށް ފުރަތަމަ ފަހަރަށް ރިޕޯޓެއް ނެރެފި އެވެ.

ނެޓްފްލިކްސްގެ 'ވަޓް ވީ ވޮޗްޑް' ރިޕޯޓުގައި އެ ކުންފުނީގެ މުޅި ކެޓަލޮގުގެ %99 ކަމަށްވާ 18،000 ޓައިޓްލްއެއް ހިމަނައި، މީހުން ބަލާފައިވާ ގަޑިއިރުގެ އަދަދަށް ބިނާކޮށް ވަނީ ދަރަޖަކޮށްފަ އެވެ.

އުފެއްދުންތަކަށް ތަރުހީބު ލިބޭ މިންވަރު ރަނގަޅަށް ހާމަނުކުރާތީ ފާޑުކިޔުން އަމާޒުވެފައިވާ ނެޓްފްލިކްސްގެ ފުރަތަމަ އެންގޭޖްމެންޓް ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ޕްލެޓްފޯމުގެ ބެލުންތެރިން އެންމެ ގިނައިން ބަލާފައިވަނީ އެފްބީއައި ތުރިލާ 'ދަ ނައިޓް އޭޖެންޓް' އެވެ. އެ ޝޯގެ އެޕިސޯޑުތައް 812 މިލިއަން ގަޑިއިރަށް ސްޓްރީމް ކޮށްފައިވެ އެވެ.

މިފަދަ މައުލޫމާތު ދިނުމުގައި ސްޓްރީމިން ކުންފުނިތަކުގެ ހާމަކަން ކުޑަކަމުން އެންމެ ބޮޑަށް މައްސަލަ ޖައްސަނީ އެކްޓަރުންނާއި ކޮންޓެންޓް އުފެއްދުމުގެ މަސައްކަތް ކުރާ މީހުންނެވެ. މި އަހަރު ހޮލީވުޑް ހުއްޓުމަކަށް ގެނައި ބޮޑު ހަޅުތާލުގެ މައިގަނޑު އެއް ޝަކުވާއަކީ ވެސް އެއީ އެވެ. ޕްލެޓްފޯމްތަކުގައި ބޮޑަށް މަގުބޫލުވެގެންދާ ކޮންޓެންޓަށް އެކްޓަރުންނަށާއި ލިޔުންތެރިންނަށް ރޯޔަލްޓީ ދޭން ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ.

'ދަ ނައިޓް އޭޖެންޓް'ގެ އިތުރުން މި އަހަރުގެ ޖެނުއަރީ އިން ޖޫންއަށް ނެޓްފްލިކްސް އިން މީހުން އެންމެ ގިނައިން ބެލި 10 ޝޯ ނުވަތަ ފިލްމުގެ ތެރޭގައި ހިމެނެނީ:

  • 'ޖިނީ އެންޑް ޖޯޖިއާ'ގެ ފުރަތަމަ ދެ އެޕިސޯޑު

  • ކޮރެއާ ޑްރާމާ 'ދަ ގްލޯރީ'

  • ޖެނާ އޯޓޭގާގެ 'ވެންސްޑޭ'

  • 'ބްރިޖަޓަން'ގެ ސްޕިންއޯފް 'ކުއީން ޝާލޮޓް'

  • ޕެން ބެޖްލީގެ 'ޔޫ'ގެ ހަތަރުވަނަ ސީޒަން

  • ސްޕެނިޝް ޝޯ 'ލަ ރެއިނާ ޑެލް ސާ'ގެ ތިންވަނަ ސީޒަން

  • 'އައުޓާ ބޭންކްސް'ގެ ތިންވަނަ ސީޒަން

  • އަދި އާނޯލްޑް ޝްވޯޓްޒެނެގާގެ 'ފޫބާ'

އެންމެ ގިނައިން ބަލާފައިވާ ފިލްމަކީ ޖެނިފާ ލޯޕޭޒްގެ 'ދަ މަދާ' އެވެ. އެ ފިލްމު 249 މިލިއަން ގަޑިއިރު ސްޓްރީމް ކޮށްފައިވެ އެވެ.

'ވަޓް ވީ ވޮޗްޑް' ރިޕޯޓު ކޮންމެ ހަ މަހަކުން ނެރޭނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް