
ގަލް ގެޑޮޓް އިޒްރޭލު ސިފައިންނާ ގުޅިއްޖެ ކަމަށް ބުނެ މި ދަނޑިވަޅުގައި ދައުރުވަމުންދާ ފޮޓޯ: މިއީ އޭނާ އިޒްރޭލުގެ މަޖުބޫރު އަސްކަރީ ހިދުމަތަށް ނުކުތް ދުވަސްވަރުގެ ފޮޓޯއެއް
ގަލް ގެޑޮޓް ގާޒާ ހަނގުރާމައަށް އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅިފައެއް ނުވޭ
އިޒްރޭލަށް ނިސްބަތްވާ އެކްޓަރު ގަލް ގެޑޮޓް، ހިނގަމުންދާ ގާޒާ ހަނގުރާމައިގައި އިޒްރޭލުގެ އަސްކަރިއްޔާއާ ގުޅިފައިނުވާކަން ސާފުކޮށްދީފި އެވެ.
ވޮންޑަ ވުމަންގެ ރޯލުން ދުނިޔެއަށް މަޝްހޫރު ގެޑޮޓް އިޒްރޭލުގެ އަސްކަރީ ހިދުމަތަށް ނުކުމެއްޖެ ކަމަށް ބުނެ އޭނާގެ ފޮޓޯއެއް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް ރޮއިޓާސްގެ ފެކްޓް ޗެކް ހަބަރެއްގައި ބުނިގޮތުގައި އެއީ ކުރީގެ ފޮޓޯއެކެވެ.
ގަލް ގެޑޮޓް ކުރިން އިޒްރޭލުގެ އަސްކަރިއްޔާގައި ދެ އަހަރު ދުވަހު ހިދުމަތް ކުރި އެވެ.
އިޒްރޭލުގެ ގިނަ ރައްޔިތުން އުމުރުން 18 އަހަރު ފުރުމުން އަސްކަރީ ހިދުމަތަށް ނުކުތުން މަޖުބޫރެވެ. ފިރިހެނުން މަދުވެގެން 32 މަސް ދުވަހު އަދި އަންހެނުން 24 މަސް ދުވަހު އަސްކަރިއްޔާއަށް ހިދުމަތް ކޮށްދޭން ޖެހެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ނުފެންނަ ކަމަށް ހަދާފައި އިޒްރޭލަށް ތާއީދާއި ހަމްދަރުދީ ފާޅުކުރާތީ ގަލް ގެޑޮޓްއާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ހަމާސް އިން މިދިޔަ މަހު 7ގައި އިޒްރޭލަށް ހަމަލާދިންތާ އެއް ދުވަސް ފަހުން ގަލް ގެޑޮޓް ވަނީ އޭނާ ހުރީ އިޒްރޭލާ އެކު ކަމަށް ބުނެ، އެހެން މީހުން ވެސް އިޒްރޭލަށް ތާއީދުކުރުމަށް ގޮވާލައިފަ އެވެ. އަދި އޭނާގެ ގައުމުގައި ލޭއޮހޮރުވުން ހިންގަމުންދާ ކަމަށް ބުނެ އެކްސްގަަައި ޕޯސްޓްކުރި އެވެ. އޭގެ އިތުރުން، ހަމާސްގެ އަނިޔާވެރިކަމުގެ ވާހަކަ ކަމަށް ބުނެ އިޒްރޭލުގެ އަސްކަރިއްޔާ އިން ތައްޔާރުކޮށްފައިވާ ޕްރޮޕެގަންޑާ ވީޑިއޯއެއް ހޮލީވުޑްގައި ދެއްކުމަށް ގެޑޮޓް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލް ޑިފެންސް ފޯސެސް (އައިޑީއެފް)ގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނީ ދައުރުވަމުންދަނީ ގެޑޮޓްގެ ބާ ފޮޓޯއެއް ކަމަށެވެ. އަދި ގެޑޮޓްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެއީ "ގަލްއަށް 20 އަހަރުގައި" ނަގާފައިވާ ފޮޓޯއެކެވެ.
🚨BREAKING: Israeli actress Gal Gadot who played Wonder Woman in the Hollywood movie turns up at for army service.#Israel #Gaza #Hamas #Hezbollah #GalGadot pic.twitter.com/WZCUv73FVp
— The Geopolitical Index 🌍 (@Geopolitic_Info) November 2, 2023
ރޮއިޓާސް އިން ފާހަގަކުރި ގޮތުގައި ގަލް ގެޑޮޓްގެ އެ ފޮޓޯ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރު ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވެ އެވެ. އަދި އެއީ އޭނާ އުމުރުން 18 އަހަރުގައި އަސްކަރީ ހިދުމަތަށް ފުރަތަމަ ނުކުތް ދުވަހުގެ ފޮޓޯއެއް ކަމަށް އެ ނޫސްތަކުގައި ބުނެފައިވާ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

ގަލް ގެޑޮޓް އައިޑީއެފްގައި ހިދުމަތް ކުރި ދުވަސްވަރު 2006ގެ އިޒްރޭލް-ލުބުނާން ހަނގުރާމައިގައި ބައިވެރިވި އެވެ. އެ ސަބަބަށްޓަކައި ލުބުނާނުން ވަނީ 2017 ގައި ރިލީޒްކުރި 'ވޮންޑަ ވުމަން' ފިލްމު އެ ގައުމުގައި ދެއްކުން މަނާކޮށްފަ އެވެ.
ކޮމެންޓް