'އިންސާނިއްޔަތަށްޓަކައި' އަކީ ފިލްމް އެސޯސިއޭޝަނާއި ފިލްމީ ފަންނާނުން ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް

'އިންސާނިއްޔަތަށްޓަކައި' ފިލްމް ފެސްޓިވަލް: އެކި ޒަމާނުގެ ހިޓުތައް އޮލިމްޕަހުގައި

ފިލްްމީ ފަންނާނުން ފަލަސްތީނަށް އެހީވުމަށް ހިންގާ ކެމްޕެއިނުގައި ހިމެނޭ ތިން ދުވަހުގެ މި ފެސްޓިވަލުގައި ޖުމްލަ ނުވަ ފިލްމެއް ދައްކާ
30 އޮކްޓޯބަރު 2023

ގާޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީގެ ފައިސާ ހޯދުމަށް ދިވެހި ފިލްމް އެސޯސިއޭޝަނާއި ފިލްމީ ފަންނާނުން ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

'އިންސާނިއްޔަތަށްޓަކައި'ގެ ނަމުގައި ހިންގާ މި ކެމްޕެއިންގައި އިއްޔެ އޮލިމްޕަހުގައި ފިލްމް ފެސްޓިވަލެއް ފަށައި މާދަމާގެ ނިޔަލަށް ޖުމްލަ ނުވަ ފިލްމެއް އަޅުވަން ވަނީ ތާވަލުކޮށްފަ އެވެ. އޭގެ ތެރޭގައި އެހާރާއި މިހާރުގެ މަގުބޫލު ފިލްމުތައް ހިމެނެ އެވެ.

އިއްޔެ ތިން ފިލްމެއް ދެއްކި އެވެ. އެއީ 'ވާށޭ މަށާ އެކީ،' 'ބަވަތި' އަދި 'އުދަބާނި' އެވެ.

މިއަދާއި މާދަމާ ދައްކަން ހަމަޖެހިފައިވަނީ:

- 30 އޮކްޓޯބަރު، ހޯމަ ދުވަސް:

  • މެންދުރު 2:30 - އިނގިލި

  • ރޭގަނޑު 8:30 - ޔޫސުފް

  • ރޭގަނޑު 11:45 - އަމާނާތް

- 31 އޮކްޓޯބަރު، އަންގާރަ ދުވަސް:

  • މެންދުރު 2:30 - ދިލަކަނި

  • ރޭގަނޑު 8:30 - ހެހެސް

  • ރޭގަނޑު 11:45 - ފަތިސްހަނޑުވަރު

'އިންސާނިއްޔަތަށްޓަކައި' ފިލްމް ފެސްޓިވަލްގެ ތާވަލު.

މި ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. 

މީގެ އިތުރުން، ފިލްމީ ފަންނާނުން މި ހަފްތާ ތެރޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެއަށާއި ވިޔަފާރިތަކަށް، ފަންޑް ރެއިޒް ކުރުމުގެ ހަރަކާތެއްގެ ގޮތުން މަސައްކަތް ހޯދުމަށް ޒިޔާރަތް ކުރެ އެވެ. ފަންނާނުންގެ ޓީމުތައް މަސައްކަތަށް ދަނީ ފަންޑް ފޮއްޓެއް ހިފައިގެންނެވެ. 

އަދި އެ ނިމުނީއެއް ނޫނެވެ.

އަންނަ ހުކުރު ދުވަހު މަސް ރޭހެއް ވެސް ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ. ހުޅުމާލޭ ރަށު މާރުކޭޓު ކުރިމަތީ ޖެޓީ އިން ހުކުރު ދުވަހު ހެނދުނު ފަށާ މަސް ރޭހުގައި ބާނާ މަސް ވިއްކުން އެ ރޭ ރަށު މާރުކޭޓު ކުރިމަތީގައި ކުރިއަށްދާނެ އެވެ. 

އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު ބުނިގޮތުގައި މި ކެމްޕެއިނުން ލިބޭ ހުރިހާ ފައިސާއެއް ވެސް ސީދާ ދާނީ ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ފަންޑަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް