ދިވެހި ފިލްމީ ފަންނާނުން ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ އެއް ހަފްތާގެ ހަރަކާތަކަށް ތައްޔާރުވަނީ (ފޮޓޯ/ފޭސްބުކް/މުހައްމަދު ރިފްޝާން)

އިންސާނިއްޔަތަށްޓަކައި: ފިލްމީ ފަންނާނުން ފަލަސްތީނަށް އެހީ ހޯދުމަށް ނުކުންނަނީ

އަންނަ ހުކުރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތުގައި ފަންނާނުން ތަންތަނަށް ގޮސް މަސައްކަތްކޮށްދިނުމާއި އާއްމުންނަށް ހުޅުވާލާފައިވާ މަސް ރޭހެއް ވެސް ހިމެނޭ
24 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

މާލެ އާއި ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރު ބާއްވާނެ

އޮލިމްޕަހުގައި މަދުވެގެން 100 ރުފިޔާއަށް ޓިކެޓު ވިއްކައިގެން ދިވެހި ހިޓް ފިލްމުތައް އަޅުވާނެ

މަސް ރޭހުގައި ބާނާ މަސްތައް ވިއްކުމުގެ ހަރަކާތެއް އޮންނާނެ

ދުނިޔެ މިވަގުތު މި ދެކެނީ އިހާނެތި، އަނިޔާވެރި ދުވަސްވަރެކެވެ. މުޅިއަކުން އާ ކަމެއް ވެސް ނޫނެވެ. އިޒްރޭލުގެ ޖަރީމާތަކެވެ. މިހާތަނަށް އައިއިރު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ ގާޒާގެ ކުޑަކުދިންނެވެ.

އިޒްރޭލުން، ދެ މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ގާޒާއަށް ބޮން އަޅަމުން ދަނީ، ހަމާސް ގްރޫޕުގެ މީހުންތޯ ނުވަތަ އާންމު ރައްޔިތުންތޯ ނުބަލަ އެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ބަޔަކު އަންނަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަމުންނެވެ. އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް ޝުއޫރު ފާޅުކުރެ އެވެ. ދިވެހިރާއްޖޭގައި ވެސް މެ އެވެ. ހިނގާލުންތަކާއި ފަލަސްތީނު މީހުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތްތަކުން، މުޅި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާ އެކުކަން ވަރަށް ސާފެވެ. 

ދިވެހި ފިލްމް އެސޯސިއޭޝަންގެ މެމްބަރުންނާއި ދިވެހި ފަންނާނުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ އިވެންޓެއް ކުރިއަށްގެންދަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަންނަ ހުކުރުދުވަހު ފަށާ އިވެންޓު އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާއިރު ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ހަމަޖެހިފަ އެވެ. 

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) 'ދައުރު'އަށް ބުނިގޮތުގައި މި އިވެންޓަކީ ފަންނާނުން އަމިއްލައަށް އެއްވެސް އެއްޗެއް ނުނަގައި، ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް އެހީގެ ގޮތުގައި ހަދިޔާ ކުރަން ބާއްވާ ހަރަކާތެކެވެ. 

ފިލްމް އެސޯސިއޭޝަނާއި ފިލްމީ ފަންނާނުން ގުޅިގެން ކުރިއަށްގެންދާ 'އިންސާނިއްޔަތަށްޓަކައި' ހަރަކާތަށް ފަހު ހަދިޔާ ދިނުމުގެ އިވެންޓެއް ވެސް ބާއްވާނެ.

'އިންސާނިއްޔަތަށްޓަކައި' އިވެންޓުގެ ތާވަލް:

  •  27 އޮކްޓޯބަރު، ހުކުރު - މާލޭ އާޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ހަވީރެއް

  •  28 އޮކްޓޯބަރު، ހޮނިހިރު - ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް. 

  • 29، 30، 31 އޮކްޓޯބަރު، އާދީއްތަ، ހޯމަ، އަންގާރަ - އޮލިމްޕަސް ސިނަމާގައި ދިވެހި ހިޓު ފިލްމުތައް އެޅުވުން. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ. ނަމަވެސް އެ މީހަކު ބޭނުން ނަމަ 100 ރުފިޔާ އިން މަތި ކޮންމެ އަގެއް ވެސް ދެވިދާނެ. ހުރިހާ ފައިސާއެއް ސީދާ ދާނީ ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ފަންޑަށް. 

  • ފިލްމުތައް އަޅުވަން ތާވަލުކޮށްފައިވާ ގަޑިތަކަކީ މެންދުރު 2، ރޭގަނޑު 8 އަދި ރޭގަނޑު 11 

  •  29، 30، 31 ވަނަ ދުވަހު، ފިލްމީ ފަންނާނުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގެތަކަށާއި ފިހާރަތަކަށާއި ކެފޭތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި މަސައްކަތްތައް ހުރިތޯ ބަލައި އެ މަސައްކަތް ކުރަން ވަނީ ތާވަލުކޮށްފައި. އެ މީހުން މަސައްކަތް ކުރާނީ އުޖޫރައެއް ނުކިޔާ. ނަމަވެސް، އެ ތަންތަނުގެ ވެރިފަރާތުން އުޖޫރައެއް ދޭ ނަމަ އެ ފައިސާ ދާނީ ފަލަސްތީނު ފަންޑަށް

  •  3 ނޮވެމްބަރު، ހުކުރުދުވަސް - މަސް ރޭސް: އާންމުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި މަސް ރޭހުގައި ބައިވެރިވުމަށް ގުޅާނީ 7978825، އިސްމާއިލް ޝަފީގަށް، ނުވަތަ 7782530، ހަސަނަށް.

  • މަސް ރޭސް ފަށާނީ ހުޅުމާލެ ރަށު މާރުކޭޓް ކުރިމަތިން

  • 3  ނޮވެމްބަރު، ހުކުރު - މަސް ރޭހުގައި ބާނާ މަސްތައް ވިއްކުމުގެ އިވެންޓު. މަސް ވިއްކުން ވެސް އޮންނާނީ ހުޅުމާލެ ރަށު މާކެޓް ކުރިމަތީގައި

"މި އިވެންޓުތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުން އެންމެ ބޮޑު އަމާޒަކީ. މިކަމުން ލިބޭ އެއްވެސް ފައިސާއެއް މިކަމުގައި އުޅޭ އެއްވެސް ފަންނާނަކަށް ނުވަތަ ފިލްމް އެސޯސިއޭޝަނަކަށް ނުލިބޭނެ، ހުރިހާ ފަންޑެއް ވެސް ދާނީ ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ފަންޑަށް،" ޔޫސުފް ބުންޏެވެ.

އޭނާ ބުނީ ހުރިހާ ހަރަކާތެއް ނިންމާލުމަށް ފަހު، 4 ނޮވެމްބަރުވާ ހޮނިހިރު ދުވަހު، ހާއްސަ ހަދިޔާ ދިނުމުގެ ހަރަކާތެއް ވެސް ބާއްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް