މިލީ ބޮބީ ބްރައުން: ހޮލީވުޑްގައި މިވަގުތު އެންމެ ވިދުންގަދަ ޒުވާން ފަންނާނުންގެ ތެރޭގައި ހިމެނޭ

ހޮލީވުޑް

ހޮލީވުޑްގައި މި 6 ޒުވާނުންގެ ވިދުން ފަނޑުވުމެއް ނެތް

ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ މުއްސަނދި ފިލްމު އިންޑަސްޓްރީއަށް ކޮންމެ އަހަރަކު ވެސް ޒުވާން އާ ފަންނާނުން ނުކުމޭ، ނަމަވެސް އެ އެންމެންގެ ތެރެއިން ފުރޭނިގެން އުހަށް އެރެނީ މަދު ބަޔަކަށް
4 އޮކްޓޯބަރު 2023

ހޮލީވުޑަކީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ތާރީހުގައި އެންމެ ދުވަސްވީ، އަދި އާމްދަނީގެ ގޮތުން އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އެވެ. އެމެރިކާގެ ފިލްމު އިންޑަސްޓްރީގެ އާމްދަނީ 2020 ވަނަ އަހަރު އުޅުނީ 21 ބިލިއަން ޑޮލަރުގަ އެވެ. ބޮޑެތި އެހެން ގައުމުތަކާ އަޅާބަލާއިރު އެއީ މާސިންގާ އަދަދެކެވެ. އެ އަހަރު ޗައިނާގެ ފިލްމު އިންޑަސްޓްރީއަށް ލިބުނީ 7 ބިލިއަން ޑޮލަރެވެ. ޖަޕާނުގެ އިންޑަސްޓްރީއަށް 3.4 ބިލިއަން ޑޮލަރެވެ.

ހޮލީވުޑުގެ އެންމެ މަޝްހޫރު ފިލްމު ސްޓޫޑިއޯތައް އަހަރެމެންގެ ތެރެއިން މަދު ބައެއްގެ ކަންފަތަށް ނޫނީ ބީރައްޓެހި ނަންތަކަކަށް ނުވާނެ އެވެ.

އެ ސްޓޫޑިއޯތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން ތަނަކީ:

  • 1-

    މެޓްރޯ-ގޯލްޑްވިން މޭޔާ

  • 2-

    ޓުވެންޓިއެތު ސެންޓަރީ ފޮކްސް

  • 3-

    ޕެރެމައުންޓް ޕިކްޗާސް

މުނިފޫހިފިލުވުމުގައި ހޮލީވުޑު ވަރު ތަނެއް ނެތެވެ. އެހެން ބުނުމަށް މަގުފަހިވަނީ އެ އިންޑަސްޓްރީއިން ފެންނަ ފަންނާނުންގެ ހުނަރުގެ ސަބަބުންނެވެ. ރޮބާޓް ޑި ނީރޯ، މެރިލް ސްޓްރީޕް އަދި އަލް ޕަޗީނޯ ފަދަ ތަރިންގެ ފަރާތުން ފެނުނު، އަދި މިހާރު ވެސް ފެންނަމުންދާ ދެވަނައެއް ނެތްވަރުގެ ދައްކާލުންތައް ބަލާބަލާ ފޫހިނުވެ އެވެ. ތާރީހުގެ ފަތްފުށްތަކުން އެމީހުންގެ ނަންތައް ފަނޑުވެގެން ދިޔުން ވަރަށް ނާދިރެވެ.

މެރިލް ސްޓްރީޕް: ހޮލީވުޑު ދުށް އެންމެ މޮޅު، އެންމެ އަސަރުގަދަ، އަދި އެންމެ ކާމިޔާބު ފަންނާނުންގެ ތެރެއިން ވިދުންގަދަ ތަރިއެއް.
ރޮބާޓް ޑި ނީރޯ (ކ) އަދި އަލް ޕަޗީނޯ: ގިނަ ފިލްމުތަކަކުން އެކުގައި ފެންނަ، ގިނަ ބައެއްގެ ފޭވަރިޓް ދެ އެކްޓަރުން

ހޮލީވުޑުގެ މިހާރުގެ ފިލްމުތަކުން ފެންނަ ޒުވާން ފަންނާނުން ވެސް ހަމަ އެފަދަ އެވެ. އެމީހުންގެ އެކްޓިންގެ ފުރަތަމަ ނަޒަރުން ވެސް ބެލުންތެރިންގެ ހިތްތައް ފުރާލަ ދެނީ ނުހަނު ވަރުގަދަ ޖަޒުބާތުތަކުންނެވެ. ކުޅޭ ރޯލުގެ އިހުސާސްތަކާއި އާދަތަކާއި ޝަހުސިއްޔަތު ގެނެސްދޭން އެމީހުންް ކުރާ މަސައްކަތުގެ ސަބަބުން، މިހާރުގެ ޒުވާން ފަންނާނުންތަކެއްގެ ނަން ދޫދޫމަތިން ދައުރުވުން ނުހުއްޓެ އެވެ. އެމީހުން އުޅޭ ފިލްމެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބެވެ އެވެ. ތަފާތުު އެކި ރޯލުތަކުން އެ އެކްޓަރުންގެ ހުނަރު ބަލާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އެދެ އެވެ.

ހޮލީވުޑުގެ އާ ޖީލުގެ ކާމިޔާބީތައް އަދަދުނުކުރެވެ އެވެ. ނަމަވެސް އެ ހުރިހާ ފަންނާނުންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ޒުވާނުންތަކެއްގެ ނަމާއި މޫނު ދައުރުވުން މެދުނުކުނޑެ އެވެ. އެއިގެ ތެރެއިން ހަ ފަންނާނެއްގެ ކުރު ތައާރަފަކަށް ޖެހިލަމާ ހިނގާށެވެ.

1. ސިއެޝާ ރޯނަން (29 އަހަރު)

ސިއެޝާ ރޯނަން: ފިލްމު 'އެޓޯންމެންޓް' އިން 2007ގައި ފެނުނު އޭނާގެ އަންތަރީސްކޮށްލި އެކްޓިންގަށް، އުމުރުން އެންމެ 14 އަހަރުގައި އޮސްކާ އެވޯޑަކަށް ނޮމިނޭޓުވި.

އުމުރުން އެންމެ 14 އަހަރުގައި ފަހުރުވެރި އޮސްކާ އެވޯޑަށް ނޮމިނޭޓުވި ސިއެޝާއަކީ އެމެރިކަން-އައިރިޝް އެކްޓަރެކެވެ. ފިލްމު 'އެޓޯންމެންޓް' ގައި އޭނާ ދެއްކި އަންތަރީސްކޮށްލި އެކްޓިންއަށް އޮސްކާއަކަށް ނޮމިނޭޓްވި ފަހުން ވެސް ތިން ފަހަރު އެ އެވޯޑަށް ނޮމިނޭޓުވި އެވެ. އެއީ، 29 އަހަރުގެ ސިއެޝާ މިހާރު ރިޓަޔާކުރިޔަސް، އޭނާގެ ޖީލުގެ އެންމެ މޮޅު އެއް ތަރީގެ ގޮތުގައި ތަތްގަނޑުޖެހިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އޭނާ ކުޅުނު އެހެން ފިލްމުތަކުގެ ތެރޭގައި 'ބްރުކްލިން' (2015)، 'ލޭޑީ ބާޑް' (2017)، އަދި 'ލިޓްލް ވުމަން' (2019) ހިމެނެ އެވެ.

2. ޖެނާ އޯޓެގާ (23 އަހަރު)

ޖެނާ އޯޓެގާ: ޖެނާގެ ހުނަރު އެންމެ ބޮޑަށް ފާހަގަވެ، ކުއްލި މަގުބޫލުކަމެއް ލިބުނީ ނެޓްފްލިކްސްގެ 'ވެނިސްޑޭ' ޝޯގައި ލީޑު ރޯލު ކުޅުމުން.

ނެޓްފްލިކްސްގެ 'ވެނިސްޑޭ' ސިލްސިލާއިން މަގުބޫލްކަން ހޯދި ޖެނާއަށް އަދި ފުރުނީ އެންމެ 23 އަހަރެވެ. ކުރިން ޑިޒްނީ ޗެނަލްގެ ތަފާތު ޝޯތަކުގައި އެކި ރޯލުތައް ކުޅެ، ފިލްމީ ހަޔާތް އެހާ ޒުވާން އުމުރުގައި ފަށައިގަނެ ގިނަ ބައެއްްގެ ތައުރީފު ލިބެމުން އަންނަ ޖެނާގެ ބިރުވެރިހެން ހީވާ ތަބިއްޔަތުގެ ސަބަބުން، 'ސްކްރީމް' ފިލްްމް ސިލްސިލާއިންނާއި 2024 ވަނަ އަހަރު ނެރެން ހަމަޖެހިފައިވާ، 1988 ވަނަ އަހަރުގެ ފިލްމް 'ބީޓްލްޖޫސް'ގެ ދެވަނަ ބައިން މުހިއްމު ރޯލުތަކެއް ކުޅެން ވަނީ ލިބިފަ އެވެ.

3. ޒެންޑާޔާ (27 އަހަރު)

ޒެންޑާޔާގެ އެންމެ ފާހަގަަކޮށްލެވޭ ރޯލަކަށް ނެގޭނީ ހަމަގައިމު ވެސް އެޗުބީއޯގެ 'ޔޫފޯރިއާ' ސިލްސިލާގައި އޭނާ ކުޅުނު ރޯލު. އެ ރޯލުގައި އޭނާގެ އެކްޓިންގަށް ދެ އެމީ އެވޯޑު ލިބުނު.

ޖެނާ ފަދައިން، ޒެންޑާޔާގެ އެކްޓިން ހަޔާތް ވެސް ފެށުނީ ޑިޒްނީ ޗެނަލުންނެވެ. ނަމަވެސް މި ލިސްޓުގައި ޒެންޑާޔާގެ ނަން ހިމެނޭ މައިގަނޑު ސަބަބަކީ އޭނާއަށް ދެ އެމީ އެވޯޑު ލިބުން ހައްގުވި، އެޗުބީއޯގެ ޓީނޭޖް ޑްރާމާ ސިލްސިލާ 'ޔޫފޯރިއާ'ގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުރި މީހެއްގެ ރޯލު އަދާކުރި ފެންވަރުންނެވެ. ކޮންމެ ފިލްމަކާ އެކު އޭނާގެ ހުނަރު ތަރައްގީ ކުރަމުން އަންނަ ޒެންޑާޔާ ވަނީ 2017 ގައި ނެރުނު 'ދަ ގްރޭޓަސްޓް ޝޯމޭން'ގައި ވެސް އިސް ރޯލެއެް އަދާކޮށްފަ އެވެ.

4. މިލީ ބޮބީ ބްރައުން (19 އަހަރު)

މަޝްހޫރު ސިލްސިލާ 'ސްޓްރޭންޖާ ތިންގްސް'ގައި އުޅޭ އާދަޔާހިލާފު ކެރެކްޓާ އިލެވެންގެ ރޯލު މިލީ ބޮބީ ބްރައުން ކުޅުނުލެއް ފުރިހަމަކަމުން އޭނާ މުޅި ދުނިޔޭގައި މަގުބޫލުވީ ވަރަށް ފުޅާކޮށް، ވަރަށް އަވަހަށް.

ޔަގީނުން ވެސް މި ލިސްޓުގައި އެންމެ ފާހަގަކޮށްލެވޭ ފަންނާނަކީ 19 އަހަރުގެ މިލީ ބޮބީ ބްރައުން އެވެ. ނެޓްފްލިކްސްގެ ވަރަށް މަގުބޫލުވި 'ސްޓްރޭންޖާ ތިންގްސްް' ސިލްސިލާގެ މައިގަނޑު އެއް ރޯލު، އިލެވެންގެ އާދަޔާހިލާފު ކެރެކްޓާގެ އެކްސްޕްރެޝަންތަކާއި އަޑުތަކާއި ތަބިއްޔަތާއި އިހުސާސްތައް އޭނާ ގެނެސްދިން ފެންވަރު ރަނގަޅުކަމުން، މިހާރު އޭނާގެ ނަމާއި މޫނު ނުދަންނާނީ މަދު ބައެކެވެ. 

ހޮލީވުޑުގައި މަސައްކަތް ކުރާ ޒުވާން ފަންނާނުންގެ ތެރެއިން މިލީގެ މޫނަކީ އެކި ކަހަލަ މާޗަންޑައިޒްތަކުގައި އެންމެ އާންމުކޮށް ޖަހާ މޫނެވެ. އިލެވެންގެ ކެރެކްްޓާ އެހާމެ މޮޅަށް ދައްކަައިދިނުމަށް ފަހު ކުޅުނު ރޯލުތަކުން އޭނާގެ އެކްޓިން ހުނަރުގެ ފުޅާކަން ވަރަށް ރަނގަޅަށް ސާފުވި އެވެ. 

އިނގިރޭސިވިލާތުގެ މަޝްހޫރު ހިޔާލީ ކެރެކްޓާ ޝާލޮކް ހޯމްސްގެ އަންހެން ކޮއްކޮއާ ބެހޭގޮތުން ހެދި 'އިނޯލާ ހޯމްސްް'ގެ ލީޑް ރޯލާއި 'ގޮޑްޒިލާ' ފިލްމުގެ ވެސް މައިގަނޑު ރޯލެއްގެ ޒިންމާ މިލީއަށް ދިނީ އޭނާގެ ތަފާތު، މޮޅު ހުނަރުގެ ސަބަބުންކަމާ މެދު ޝައްކެއް ނެތެވެ.

5. ޓިމޮތީ ޝަލަމޭ (27 އަހަރު)

ޓިމޮތީ ޝަލަމޭގެ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ 'ކޯލް މީ ބައި ޔޯ ނޭމް' ގައި އޭނާ ކުޅުނު އަސަރުގަދަ ބައި. އެ ފިލްމުގައި އޭނާ ދެއްކި ހުނަރަށް އޮސްކާ ނޮމިނޭޝަނެއް ލިބުނު.

ޓިމޮތީ އުޅޭ އެންމެ މަޝްހޫރު ފިލްމަކީ 2021 ވަނަ އަހަރުގެ 'ޑޫން' އެވެ. ނަމަވެސް، ޓިމޮތީއަކީ 2017 ވަނަ އަހަރު ނެރުނު 'ކޯލް މީ ބައި ޔޯ ނޭމް' ގައި ދައްކާލި އަސަރުގަދަ އެކްޓިންގަށް އޮސްކާއަކަށް ނޮމިނޭޓުވި ޒުވާނެކެވެ. 

އާޓްހައުސް ފިލްމުތަކުންނާއި ބްލޮކްބަސްޓާ ފިލްމުތަކުން ވަރަށް ގިނައިން ފެންނަ ޓިމޮތީގެ ހުނަރު ފިލްމަކަށް ފަހު ފިލްމެއްގައި ދަނީ އިންތިހާއަށް ކުރިއަރަމުންނެވެ. 

'ލޭޑީ ބާޑް،' 'އިންޓަސްޓެލާ،' 'ވޮންކާ،' އަދި 'ބޯންސް އެންޑް އޯލް' ފަދަ މޮޅެތި ފިލްމުތަކުގައި ވެސް ޓިމޮތީގެ ހުނަރު ހިމަނާފައިވެ އެވެ. 

6. ޓޮމް ހޮލެންޑް (27 އަހަރު)

އެންމެ ފަހުގެ 'ސްޕައިޑަ މޭން' ފިލްމުތަކުން ބައިނަލްއަގުވާމީ ފެންވަރެއްގައި މަގުބޫލުކަން ހޯދި ޓޮމް ހޮލެންޑް އެންމެ ފަހުން ފެނުނީ 'ދަ ކްރައުޑެޑް ރޫމް' ކިޔާ ޑްރާމާ ސިލްސިލާއަކުން.

ޓޮމް ހޮލެންޑަކީ މިހާރުގެ ސްޕައިޑާ މޭން އެވެ. އޭނާގެ ހުންނަ ކުޑަކޮށް ލަދުރަކި، ލޯބި، ހިތްހެޔޮ، އަދި އެހެނިހެން ގަޔާވާ މިޒާޖުތަކާ އެކު ޕީޓާ ޕާކާގެ ރޯލުން އެންމެ ފުރަތަމަ އޭނާ ފެނުނީ ސްޕައިޑާ މޭން ފިލްމަކުންނެއް ނޫނެވެ. 'ކެޕްޓަން އެމެރިކާ- ސިވިލް ވޯ' ފިލްމުގައި ދި އެވެންޖާސް ދެބަޔަކަށް ބެހި، 'އަޔަން މޭން'ގެ ޓީމުގައި ބައިވެރިވުމަށް ސްޕައިޑާ މޭން ހޯދަން ދާއިރު ފެންނަނީ ޓޮމް ހޮލެންޑެވެ.

އޭނާގެ ރޯލަކަށް އެންމެ މަގުބޫލުވި ސްޕައިޑާ މޭންގެ ގޮތުގައި ޓޮމް ހޮލެންޑް ފެނުނު ފުރަތަމަ ފިލްމަކީ 2017 ވަނަ އަހަރު ނެރުނު 'ސްޕައިޑާ މޭން - ހޯމްކަމިން' އެވެ. އެ ފިލްމަށް ފަހުގައި އޭނާގެ ނަމާއި މޫނު މަގުބޫލުވެ ފެތުރިގެންދިޔައީ އަލިފާންގަނޑެއް ހިކި ދަރުބޮނޑިއެއްގައި ހިފާލާ ބީދައިންނެވެ.

ޓޮމް އުޅޭ ފާހަގަކޮށްލެވޭ އެހެން ފިލްމުތަކަކީ 'އަންޗާޓާޑް،' 'ދަ ޑެވިލް އޯލް ދަ ޓައިމް' އަދި 'ޗެރީ' އެވެ.

ކުރިއެރުމުގެ ފަހަތުގައި އޮތީ ހީވާގި މަސައްކަތް

ކޮންމެ މީހަކަށް ވެސް އެކްޓު ކުރެވިދާނެ އެވެ. ނަމަވެސް، އެ ކުޅޭ ކެރެކްޓާއެއްގެ ރޯލު ފުރިހަމައަށް ދަސްވެގެން، އެ ކެރެކްޓާގެ މިޒާޖުތަކާއި ވައްޓާފާޅި އާއި ބަސްމޮށުންތެެރިކަމާއި އަހުލާގު، ބެލުންތެރިންގެ ޝައުގު ދަމައިގަނެ ތައުރީފު ރައްދުވާ ފެންވަރަކަށް ތަމްސީލް ކުރެވޭނީ މަދު ބަޔަކަށެވެ. މަތީގައި އެވާ ލިސްޓަކީ އެފަދަ މީހުންގެ ތެރެއިން ޒުވާން ބައެއް ފަންނާނުންނެވެ.

އެއީ ތަފާތު ތަމްރީނުތަކުގައި ގިނަ ވަގުތު ހޭދަނުކޮށް، ތިމާގެ އިހުސާސްތަކާއި ބުއްދި ރަަނގަޅަށް ދަސްނުވެ ހާސިލްކުރެވޭނެ ފެންވަރެއް ނޫނެވެ.

އެ އެކްޓަރުންގެ ފަރާތުން ސްކްރީނުން ފެންނަ ހުނަރާއި ހިތް ޖަހައިގަންނަ އަސަރުގަދަ ދައްކާލުންގަނޑަކީ އެތައް ގަޑިއިރެއްގެ، އެތައް ދުވަހެއްގެ ހީވާގި މަސައްކަތާއި ތައްޔާރީގެ ފޮނި މޭވާކަން ހަނދާންކޮށްލުމުން، އެމީހުން އެކުރާ ކަންތަކުގެ އަގުވަޒަންކޮށްލަން ފަސޭހަވެގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް