ޝާހު ރުކް ހާން އާއި އަމީތާބު ބައްޗަން 17 އަހަރު ފަހުން އެކުގައި ސްކްރީނުން ފެނުނު އިޝްތިހާރުގެ މަންޒަރެއް
ޝާހު ރުކް އާއި އަމީތާބު އެކުގައި: މިފަހަރު ހަވާދު އިޝްތިހާރަކުން
އަމީތާބު ބައްޗަންއާ އެކު "ހާއްސަ ޕްރޮޖެކްޓެއް" ގައި މަސައްކަތްކޮށްފައިވާނެ ކަމަށް ޝާހު ރުކް ހާން މިފަހުން ވަނީ ބުނެފަ އެވެ. އޭނާގެ ފިލްމު 'ޖަވާން' އާ އެކުއެކީގައި އެ "ހާއްސަ ޕްރޮޖެކްޓް" ވެސް މިހާރު ފެނިއްޖެ އެވެ.
އެއީ އަމީތާބުއާ އެކު އިޝްތިހާރުކުރާތާ އަހަރުތަކެއް ވެފައިވާ އެވަރެސްޓް ބްރޭންޑުގެ ހަވާދެއްގެ ޓީވީ އިޝްތިހާރެކެވެ.
މިއީ ބޮލީވުޑްގެ އެންމެ ފުންނާބުއުސް ދެ އެކްޓަރުން 17 އަހަރަށް ފަހު އެކުގައި ސްކްރީނުން ފެނުނު ފުރަތަމަ ފަހަރެވެ.
ބިރިޔާނީ ހަވާދެއްގެ މި އިޝްތިހާރުގައި އަމީތާބު އާއި ޝާހު ރުކް ފެންނަނީ ހަމަ އެ ދެ މީހުންގެ ގޮތުގަ އެވެ. ދެ ތަރިން އެއް ދުވަހަކު މަސައްކަތް ނިންމާލުމަށް ފަހު ގެއަށްދާ ވަގުތު ޖެހުމުން ވަކިވަކިން ވޭނިޓީ ވޭނުން ނުކުންނަން ދޮރު ހުޅުވާލާ އިރަށް ޕަޕަރާޒީން ގޮސް އެ މީހަކު ވަށާލަ އެވެ. ދެ މީހުން ވެސް ބޭނުންވަނީ ގޭގައި ތައްޔާރުކުރަމުން ދިޔަ ބިރިޔާނީ ކާން އަވަހަށް ގެއަށް ދާށެވެ. އެހެންވެ، ޕަޕަރާޒީންގެ ކިބައިން ސަލާމަތްވުމަށް އަނެއް މީހާގެ ނަން ބުނެފައި އޭނާގެ ވޭން ދޮށަށް ޕަޕަރާޒީން ފޮނުވާލަ އެވެ. އެންމެ ފަހުން ދެ މީހުން އެކުގައި ސަލާމަތްވެ ގެއަށް ދާން ދުއްވައިގަންނަނީ އެތާ ކައިރީ އާލިއާ ބަޓް އެބައުޅޭ ކަމަށް ޕަޕަރާޒީން ގާތު ބުނެފަ އެވެ.
އިޝްތިހާރުގައި އަމީތާބާއި ޝާހު ރުކް ދުވެފައިދާ މަންޒަރުގެ ފޮޓޯއެއް މީގެ ކުރިން އާއްމުކޮށްފައިވެ އެވެ.
އެކުގައި ތިން ފިލްމެއް ކުޅެފައިވާ ޝާހު ރުކް އާއި އަމީތާބު 2006ގެ 'ކަބީ އަލްވިދާ ނާ ކެހެނާ' އަށް ފަހު މިހާތަނަށް އެކުގައި ސްކްރީނުން ފެނިފައެއް ނުވެ އެވެ. އޭގެ ކުރިން ދެ ތަރިން އެކުގައި ކުޅުނީ 2000 ވަނަ އަހަރުގެ 'މޮހައްބަތޭން' އާއި 2002ގެ 'ކަބީ ހުޝީ ކަބީ ގަމް' އެވެ.