
ފްރެޑީ މާކިއުރީ ޝޯއެއްގައި ލަވަކިޔަނީ
ފްރެޑީ މާކިއުރީގެ ޕިއާނޯ ރެކޯޑް އަގަކަށް ވިއްކާލައިފި
އިނގިރޭސި ރޮކް ބޭންޑް ކުއީންގެ އެންމެ މަޝްހޫރު ބައެއް ލަވަތަކުގެ ރާގު ހެދުމަށް ލީޑް ވޯކަލިސްޓް ފްރެޑީ މާކިއުރީ ބޭނުންކުރި ޕިއާނޯ 1.7 މިލިއަން ޕައުންޑަށް ނީލަމުގައި ވިއްކާލައިފި އެވެ.
އެއީ ޔަމަހާ ބްރޭންޑުގެ އެ ޕިއާނޯ ވިއްކާލަން ބޭނުންވި އަގަށް ވުރެ ދަށް އަގެކެވެ. ނަމަވެސް ފްރެޑީގެ ޕިއާނޯ އާއި އެހެން ބައެއް ތަކެތީގެ ނީލަން ކުރިއަށް ގެންދިޔަ ސޮދެބީސް އިން ބުނިގޮތުގައި އެ ޕިއާނޯ ވިކުނީ މިހާތަނަށް ކޮމްޕޯޒަރެއްގެ ޕިއާނޯ ވިކުނު އެންމެ ބޮޑު އަގުގަ އެވެ.

ފްރެޑީ 'ބޮހީމިއަން ރެޕްސޮޑީ'ގެ ރާގު ހެދީ ވެސް އެ ޕިއާނޯ ބޭނުންކޮށްގެނެވެ. އަދި އޭނާގެ އަތުލިޔުމުން އޮތް އެ ލަވައިގެ ލިރިކްސްއަށް ނީލަމުގައި 1.38 މިލިއަން ޕައުންޑް ލިބުނެވެ.
އެ ނީލަމުގައި ފްރެޑީގެ އެހެން ބައެއް އެއްޗެހި ވެސް ބޮޑެތި އަގުތަކުގައި ވިކި، ޖުމްލަ 12.2 މިލިއަން ޕައުންޑް ލިބުނެވެ.
ފްރެޑީގެ ޒަމާންވީ ގާތް އެކުވެރިޔާ މޭރީ އޮސްޓިން ވަނީ ފްރެޑީގެ 1،500 އެއްހާ ތަކެތި ހަ ނީލަމެއްގައި ވިއްކާލަން ނިންމައިފަ އެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ލަވަކިޔުންތެރިޔާގެ ގޮތުގައި ފާހަގަކުރެވޭ ފްރެޑީ މާކިއުރީ މަރުވީ 1991ގަ އެވެ.
ކޮމެންޓް