
ޑެނީ މާސްޓަސަން
'ދެޓް ސެވެންޓީސް ޝޯ'ގެ އެކްޓަރު ޑެނީ މާސްޓަސަން ރޭޕްގެ ކުށުގައި މަދުވެގެން 30 އަހަރަށް ޖަލަށް
މަޝްހޫރު ޓީވީ ސިލްސިލާ 'ދެޓް ސެވެންޓީސް ޝޯ' އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ޑެނީ މާސްޓަސަން އެ ސިލްސިލާ ކުޅެމުންދިޔަ ދުވަސްވަރު ދެ މީހަކު ރޭޕްކުރުމުގެ ކުށުގައި 30 އަހަރާއި އޭނާގެ މުޅި އުމުރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.
އޭނާ އެ އަމަލުތައް ހިންގީ އޭނާ އެންމެ މަޝްހޫރުވި ދުވަސްވަރު 2001 އާއި 2003އާ ދެމެދުގަ އެވެ.

މާސްޓަސަންގެ މައްޗަށް ޖިންސީ އަނިޔާގެ ތުހުމަތުތަކެއް ފެންމަތިވީ 'މީޓޫ' ހަރަކާތުގެ ތެރޭގައި 2017ގަ އެވެ. ވަކިވަކިން ތިން އަންހެނަކު ރޭޕްކުރި ކަމަށް އޭނާގެ މައްޗަށް ކުރި ތިން ދައުވާގެ ތެރެއިން ދެ ދައުވާއެއް ލޮސް އެންޖެލިސްގައި މިދިޔަ މޭ މަހު ސާބިތުވުމުން، ފިލާފާނެތީ، އޭނާ ހުރީ ހައްޔަރުކޮށް ޖަލު ބަންދުގައި ބަހައްޓާފަ އެވެ.
އެ މައްސަލަތަކުގެ އަދަބު ކަނޑައެޅުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި، މާސްޓަސަންގެ ޝިކާރައަކަށްވި އަންހެނުންނަށް ވާހަކަދައްކަން ފުރުސަތު ދިނެވެ. އެކަކު ބުނީ އޭނާއަށް ލިބުނު އަނިޔާ އެއަށް ވުރެ އަވަހަށް ފުލުހަށް ރިޕޯޓުކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށެވެ. އެހެން އަންހެނަކު ބުނީ މާސްޓަސަންގެ މުޑުދާރު އަމަލުގެ ބުރަ އޭނާ އަމިއްލައަށް އިތުރަށް އުފުލަން ބޭނުންނުވާތީ "އަހަރެން ކަލެއަށް މައާފުކޮށްފިން" ކަމަށެވެ.
މާސްޓަސަން، 47، އެއްޗެކޭ ނުބުނެ ހިމޭނުން އިނީ އެވެ.
މި މައްސަލައިގައި ފަނޑިޔާރު ކަނޑައެޅީ ދެވެން އޮތް އެންމެ ބޮޑު އަދަބެވެ. އެ ހުކުމް އިއްވުމާ އެކު، ކޯޓުރޫމް ތެރޭ އިން މާސްޓަސަންގެ އަންހެނުން ބިޖޫ ފިލިޕްސް ވަނީ ރޯން ފަށައިފަ އެވެ.

މާސްޓަސަން ހޮލީވުޑްގައި އޭނާގެ ގޭގައި އެމީހުން ރޭޕް ކުރީ މަސްތުވާތަކެތި ދީގެން ކަމަށް އެ އަންހެނުން ހެކިބަސްދީފައިވެ އެވެ.
ފޮކްސް އިން 1998 އާއި 2006އާ ދެމެދު އަށް ސީޒަން ދެއްކި 'ދެޓް ސެވެންޓީސް ޝޯ' އަކީ އެ ދުވަސްވަރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ޓީވީ ސިލްސިލާ އެވެ. މާސްޓަސަން ސްޓީވެން ހައިޑްގެ ގޮތުގައި ފެނުނު އެ ޝޯގެ ތަރިންގެ ތެރޭގައި އޭޝްޓަން ކުޗާ އާއި މީލާ ކޫނިސް ވެސް ހިމެނުނެވެ.

ތިން އަހަރުގެ ތަހުގީގަކަށް ފަހު މާސްޓަސަން އެންމެ ފުރަތަމަ ހައްޔަރުކުރީ 2020ގަ އެވެ. އެއް ދައުވާ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ނަމަވެސް، ޖޫރީއަށް ވަކި ކޮޅަކަށް މައްސަލަ ނިންމަން އެއްބަސްނުވެވުމުން އެ ޝަރީއަތް ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލައިގައި އަލުން ދައުވާނުކުރަން ޕްރޮސެކިއުޓަރުން ވަނީ ނިންމައިފަ އެވެ.
އެ ތިން މައްސަލައިގެ އިތުރުން ވެސް ދެ މައްސަލައެއްގެ ތުހުމަތު މާސްޓަސަންގެ މައްޗަށް ކުރެވުނެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނާއި ދައުވާކުރުމުގެ މުއްދަތު ފާއިތުވެފައިވާތީ ދައުވާކޮށްފައެއް ނުވެ އެވެ.

މާސްޓަސަން އައީ އޭނާ އެ އަންހެނުންނާ ގުޅުން ބޭއްވީ އެމީހުންގެ ރުހުމުގައި ކަމަށް ބުނެ، ދައުވާތަކަށް އިންކާރުކުރަމުންނެވެ. އަދި އިއްޔެ އަދަބު ކަނޑައެޅުމުން އޭނާގެ ވަކީލުން ބުނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށާއި އިސްތިއުނާފު މަރުހަލާގައި އެ ހުކުމް ބާތިލްކުރާނެކަން ޔަގީންވާ ކަމަށެވެ.
މާސްޓަސަން އާއި ކުޗާ އެކުގައި ނެޓްފްލިކްސްގެ ސިލްސިލާ 'ދަ ރޭންޗް' އިން 2016 އިން ފެށިގެން ފެނުނެވެ. ނަމަވެސް ރޭޕްގެ ތުހުމަތުތައް ފެންމަތިވި ދަނޑިވަޅުގައި ނެޓްފްލިކްސް އިން ވަނީ އެ ޝޯ އިން އޭނާ ބާކީކޮށްފަ އެވެ. އޭރު މާސްޓަސަން ވަނީ އެކަމާ ހިތާމަކުރާ ކަމަށް ބުނެ ވާހަކަދައްކައިފަ އެވެ.
ކޮމެންޓް