ޝިލްޕާ ޝެޓީ އޭނާގެ އާ ފިލްމު 'ސުކީ'ގެ ޓްރެއިލާ ލޯންޗުކުރުމުގެ އިވެންޓުގައި

ޝިލްޕާ ޝެޓީ

ސުކީ: ޝިލްޕާގެ 30 ވަނަ އަހަރުގެ ހާއްސަ ފިލްމު

'ސުކީ'ގައި ޝިލްޕާއަކީ އަތްނބަކާއި މައެއްގެ ބުރަ ޒިންމާތައް ނޫން ކަމެއް ނެތް ހަޔާތަކަށް އުފާވެރިކަން ގެންނަން ސްކޫލް ރީޔޫނިއަންއަކަށް ދާ އަންހެނެއް
7 ސެޕްޓެމްބަރު 2023

ޝާހު ރުކް ހާންއާ އެކު ކުޅުނު 'ބާޒީގަރް' އިން 1993ގައި ބޮލީވުޑަށް ތައާރަފްވި ގޮތަށް ބޮޑު މަގުބޫލުކަމެއް ހޯދި ޝިލްޕާ ޝެޓީ އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް ޓައިޓްލް ރޯލަކުން ފެންނަ 'ސުކީ'ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ނުވަދިހައިގެ އަހަރުތަކުގެ އެންމެ މަޝްހޫރު އެއް ބަތަލާ ބޮލީވުޑްގައި 30 އަހަރު ހަމަކުރާ މި އަހަރު ރިލީޒްކުރާ 'ސުކީ' އަކީ އަންހެނެއްގެ ވަށައިގެން އެނބުރޭ ފިލްމެކެވެ. ފިލްމުގެ ނަމަކީ ޝިލްޕާގެ ކެރެކްޓާގެ ވެސް ނަމެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ފިލްމު ފަށާ އިރު ޝިލްޕާއަކީ ގެވެހި އަތްނބަކާއި މައެއްގެ ގޮތުގައި އަވަދިވަމުންދާ އަންހެނެކެވެ.

ގޭތެރޭގެ މަސައްކަތްތައް ފިޔަވައި އެހެން އެއްވެސް ކަމެއް ހަޔާތުގައި ނެތި ތާއަބަދު ވަރުބަލިކަންމަތީ ދުވަސްތައް ހޭދަކުރަނިކޮށް، އޭނާގެ ސްކޫލް ދައުރުގެ ރައްޓެހިން އެއްތަންވާ ރީޔޫނިއަންއެއްގެ ދައުވަތު އިންޓަނެޓުން ފެނެ އެވެ. ވެރިރަށް ދިއްލީގައި ބާއްވާ އެ ޕާޓީއަށް އޭނާ ދިޔުމާ މެދު ފިރިމީހާ ނުރުހުނަސް ސުކީ ރޭލުގައި ނައްޓާލަނީ އެވެ. ދެން ފެންނަނީ ސުކީގެ ފިރިމީހާއަށް ބަދިގޭގެ ކަންކަން ކުރަން ނޭނގިގެން އުޅޭ ތަނެވެ.

ދިއްލީއަށް ދިޔުމުން މައެއްގެ ޒިންމާ އަދާކުރުމުގައި އިހުމާލުވެވުނު ކަމުގެ އިހުސާސް ސުކީއަށް ކުރެވެ އެވެ. އެކަމާ ދެރަވެގެން އުޅުނަނުދީ ސަލާމަތްކުރަނީ ރައްޓެހިންނެވެ. އެއާއެކު ސުކީ މަޖާކުރަން ފަށަ އެވެ.

ޝިލްޕާ ޝެޓީ ސުކީގެ ގޮތުގައި

ޓްރެއިލާއާ އެކު ހިމަނާފައިވާ ތައާރަފްގައި ބުނެފައިވާ ގޮތުގައި މި ފިލްމުން ފެންނާނީ ޕަންޖާބުގެ "ހައުސްވައިފް" ސުކްޕްރީތު ކަލްރާ ނުވަތަ ސުކީ، 38، އޭނާގެ އުމުރުން 17 އަހަރުގެ ދުވަސްތަކަށް އެނބުރި ގޮސް، ހަތް ދުވަސް ތެރޭ މުޅިން ތަފާތު ތަޖުރިބާތަކެއް ކޮށް، "އަލުން އުފަންވެގެން" އަތްނބަކާއި މައެއްގެ މަގާމުން އަނެއްކާވެސް އަންހެނަކަށް ބަދަލުވެގެން އަންނަ ގޮތެވެ.

މިއީ ފިރިމީހާ ގަދަކަމުން ކުޅުވި ފިލްމެއް: ޝިލްޕާ

ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ޝިލްޕާ ބުނިގޮތުގައި މި ފިލްމު ކުޅުނީ ފިރިމީހާ ރާޖް ކުންޑްރާގެ ބާރުއެޅުމުގެ މަތިންނެވެ.

ޝިލްޕާ ބުނީ އޭނާއަށް މި ފިލްމު ކުޅެވެން ނެތްކަމަށް ބުނެ ޕްރޮޑިއުސަރަށް ޖަވާބުދީ، އޭނާގެ ބަދަލުގައި ފިލްމަށް ނަގަން ރަނގަޅުވާނެ ދެތިން މީހެއްގެ ނަން ވެސް ފާހަގަކުރި ކަމަށެވެ. ނަމަވެސް އޭނާ އާނ ބަސް ބުނަންދެން ޕްރޮޑިއުސަރުން އަށް މަސް ދުވަހު މަޑުކުރީ ކަމަށް ޝިލްޕާ ބުންޏެވެ.

ޝިލްޕާ ޝެޓީ (ކ) އާއި ފިރިމީހާ ރާޖް ކުންޑްރާ

ޝިލްޕާ ބުނީ ފިލްމުގެ ވާހަކަ ކިތަންމެ ސަޅި ނަމަވެސް އޭނާ އޭރު ހުރީ މިފަދަ ރޯލެއް ކުޅެން ތައްޔާރު ހާލަތެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ގޭގައި ނޫޅޭ ވަގުތެއްގައި ފިރިމީހާ ރާޖު ސްކްރިޕްޓް ކިޔާފައި، މިއީ ޝިލްޕާ ކޮންމެހެން ވެސް ކުޅެން ޖެހޭ ފިލްމެއް ކަމަށް ބުނެ، އެކަން ކުރަން "މަޖުބޫރުކުރީ" ކަމަށް ޝިލްޕާ ބުންޏެވެ.

'ސުކީ'ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ޝިލްޕާ ވާހަކަދައްކަނީ

'ސުކީ' އުފެއްދީ ވެސް އަންހެނުންގެ ޓީމަަކުންނެވެ. މިއީ ސޮނާލް ޖޯޝީ ޑައިރެކްޓްކޮށް ރާދިކާ އާނަންދުގެ ވާހަކައަކަށް ޕައުލޮމީ ދައްތާ ސްކްރީންޕްލޭ ލިޔެފައިވާ ފިލްމެކެވެ.

ބޫޝަން ކުމާރުގެ ޓީ-ސީރީޒް އާއި ވިކްރަމް މަލްހޯތުރާގެ އެބަންޑެންޝިއާ އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ 'ސުކީ' މި މަހު 22ގައި ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ.

'ސުކީ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް