
ދަ ރޯލިން ސްޓޯންސްގެ މެމްބަރުން މިދިޔަ އަހަރު ޝޯއެއްގައި ލަވައެއް ހުށަހަޅަނީ
ރޯލިން ސްޓޯންސް އިން 2005 އަށް ފަހު ފުރަތަމަ ފަހަރަށް އާ ލަވަތަކެއް ނެރެނީ
އިނގިރޭސިވިލާތުގެ ދަ ރޯލިން ސްޓޯންސް އިން 2005ގެ ފަހުން އާ ލަވަތަކަކާ އެކު ނެރޭ ފުރަތަމަ އަލްބަމް 'ހެކްނީ ޑައިމަންޑްސް' ލޯންޗު ކޮށްފި އެވެ.
ޓީޒާއެއްގެ ގޮތުގައި މިދިޔަ މަހު ނޫހެއްގައި ޖެހި އިޝްތިހާރަކަށް ފަހު އިއްޔެ ލަންޑަންގެ ހެކްނީގައި އެމެރިކާގެ ޓޯކް ޝޯ ހޯސްޓް ޖިމީ ފެލަންއާ އެކު ބޭއްވި އިވެންޓެއްގައި މިކް ޖެގާ އާއި ކީތު ރިޗަޑްސް އަދި ރޮނީ ވުޑް އިއުލާންކުރި ގޮތުގައި 12 ލަވައެއް ހިމެނޭ އާ އަލްބަމް އަންނަ މަހު 20ގައި ރިލީޒް ކުރާނެ އެވެ.

ރޮކް މިއުޒިކްގެ ޒަމާންވީ މަޝްހޫރު ބޭންޑުން އާ އަލްބަމްގެ ކުރިން ލީޑް ސިންގަލްގެ ގޮތުގައި ލަވައެއް އިއްޔެ ވަނީ ނެރެފަ އެވެ. 'އެންގްރީ'ގެ ނަންދީފައިވާ އެ ލަވައިގެ ވީޑިއޯ އިން 'ދަ ވައިޓް ލޮޓަސް'ގެ އެކްޓްރެސް ސިޑްނީ ސްވީނީ ފެނެ އެވެ.
ޓެލެގްރާފް ނޫހުން 'އެންގްރީ' ރިވިއު ކުރުމަށް ފަހު ބުނެފައިވަނީ މިއީ ރޯލިން ސްޓޯންސް އިން 40 އަހަރު ތެރޭ ނެރުނު އެންމެ މޮޅު ސިންގަލް ކަމަށެވެ.
'ހެކްނީ ޑައިމަންޑްސް' އަކީ ބޭންޑުގެ ޑްރަމަރު ޗާލީ ވޮޓްސް ކެންސަރު ބަލީގައި 2021ގައި މަރުވި ފަހުން ރޯލިން ސްޓޯންސް އިން ނެރޭ ފުރަތަމަ އަލްބަމެވެ. އޭނާގެ ބަދަލުގައި އާ އަލްބަމްގެ ލަވަތަކަށް މިއުޒިކް ކުޅެފައިވަނީ ސްޓީވް ޖޯޑަން އެވެ. އެކަމަކު ވޮޓްސްއާ އެކު 2019ގައި ރެކޯޑް ކުރި ދެ ލަވައެއް ވެސް އަލްބަމްގައި ހިމެނޭނެ ކަމަށް މިކް ޖެގާ ބުންޏެވެ.

ރޯލިން ސްޓޯންސް އިން 2005ގެ ފަހުން އޮރިޖިނަލް ލަވަތަކެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް ކަވާ ލަވަތަކަކާ އެކު، 'ބްލޫ އެންޑް ލޯންސަމް'ގެ ނަމުގައި، 2016 ވަނަ އަހަރު އަލްބަމެއް ނެރުނެވެ.
ކޮމެންޓް