ޖޯ ޖޯނަސް އާއި ސޯފީ ޓާނާ
ސޯފީ ޓާނާ އާއި ޖޯ ޖޯނަސް ވަރިވަނީ
ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އާއި އެކްޓްރެސް ސޯފީ ޓާނާ "ސުލްހަވެރިކަމާ އެކު" ކައިވެނި ރޫޅާލަން އުޅޭކަން ހާމަކޮށްފި އެވެ.
ޖޯނަސް ބްރަދާސްގެ ޖޯ ،34، ވަނީ ވަރިވުމަށް ފްލޮރިޑާގެ މަޔާމީ-ޑޭޑް ކައުންޓީ ކޯޓަށް އަންގާރަ ދުވަހު މައްސަލަ ހުށަހަޅައިފަ އެވެ.
'ގޭމް އޮފް ތުރޯންސް'ގެ ސަންސާ ސްޓާކްގެ ރޯލުން ބޮޑަށް މަޝްހޫރުވެގެންދިޔަ ސޯފީ ޓާނާ، 27، އާއި ޖޯ ޖޯނަސް ނެރުނު ބަޔާނެއްގައި ބުނީ ހަތަރު އަހަރުގެ އުފާވެރި ކައިވެންޏަކަށް ފަހު ސުލްހަވެރިކޮށް ކައިވެނި ނިމުމަކަށް ގެނައުމަށް ދެ މީހުން އެއްބަސްވެފައިވާ ކަމަށެވެ.
ކުޑަ ދެ ކުދިން ތިބި ދެމަފިރިން ބުނީ ވަރިވާ ސަބަބަކާ ގުޅޭގޮތުން އެކި ވާހަކަތައް ދެކެވުނު ނަމަވެސް، އެއީ ދެ މީހުން ގުޅިގެން އެކުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ މީހުންނާއި ދަރިންގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އިހުތިރާމްކުރުމަށް ވަނީ އެދިފަ އެވެ.
އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ވަރީގެ މައްސަލައިގެ ލިޔެކިޔުންތަކުގައި ބުނެފައިވަނީ ސޯފީ އާއި ޖޯގެ ކައިވެނީގެ ގުޅުން އިއާދަނުކުރެވޭ ވަރަށް ކެނޑިފައިވާ ކަމަށެވެ.
ނަމަވެސް ޖޯ ޖޯނަސް ސޯޝަލް މީޑިއާގެ ފޮޓޯތަކުން ފެންނަނީ ކައިވެނީގެ އަނގޮޅި އަޅައިގެން ހުއްޓަ އެވެ. މިހާރު ޓުއާގައި އުޅޭ ޖޯނަސް ބްރަދާސްގެ ޝޯއެއް އާދީއްތަ ދުވަހު ޓެކްސަސްގައި ނިންމާލުމަށް ފަހު ޖޯ އިންސްޓަގްރާމްގައި ޝާއިއު ކުރި ފޮޓޯއަކުން ވެސް އެކަން ފާހަގަވި އެވެ.
އޮކްޓޯބަރު 2017ގައި އެންގޭޖްމެންޓް އިއުލާން ކުރުމަށް ފަހު ސޯފީ އާއި ޖޯ 1 މޭ 2019 ގައި ލަސް ވޭގަސްގައި ކައިވެނި ކުރީ ސިއްރު ރަސްމިއްޔާތެއްގަ އެވެ. އޭގެ އެއް މަސް ފަހުން ފްރާންސްގައި ރައްޓެހިންނާއި އާއިލާއާ އެކު ކައިވެނީގެ ދެވަނަ ރަސްމިއްޔާތެއް ބޭއްވި އެވެ.
އެ ދެމަފިރިންގެ ދެ އަންހެން ކުދިން އުފަންވީ 2020 ވަނަ އަހަރާއި މިދިޔަ އަހަރެވެ. ވަރީގެ ހުށަހެޅުމުގައި ޖޯ ވަނީ ދަރިންގެ ހަލޯނަތު ދެ މީހުންނަށް ވެސް އޮންނަ ގޮތަށް ކަނޑައަޅައިދޭން އެދިފަ އެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ސޯފީ ޓާނާ 'ގޭމް އޮފް ތުރޯންސް'ގެ އިތުރުން ޑްރާމާ ސިލްސިލާ 'ދަ ސްޓެއާކޭސް' އިންނާއި 'އެކްސް-މެން' ފިލްމުތަކުން ވެސް ފެނިފައިވެ އެވެ.
ޖޯ އޭނާގެ އެއްބަނޑު އެއްބަފާ ނިކް ޖޯނަސް އާއި ކެވިން ޖޯނަސްއާ އެކު ބޭންޑުގައި މަސައްކަތްކުރުމުގެ އިތުރުން ސޯލޯ ލަވަތަކެއް ވެސް ނެރެފައިވެ އެވެ.