ޝާހު ރުކް ހާން ފިލްމު 'ޖަވާން'ގެ މަންޒަރެއްގައި

ޝާހު ރުކް ހާން

'ޖަވާން'ގެ ޓްރެއިލާ: ޝާހު ރުކް އެކި ސިފަސިފައިގައި ފެންނަ އެކްޝަން ފިލްމަށް ތައުރީފު

ގިނަ ބަޔަކަށް ޓްރެއިލާ ކަމުގޮސްގެން ވާހަކަދައްކަމުން އަންނަ އިރު، ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައި
1 ސެޕްޓެމްބަރު 2023

ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ މީހުން ބަލާލަން ކެތްމަދުވެފައި ތިބި 'ޖަވާން' ރިލީޒް ކުރަން ހަފްތާއަކާ ގާތްކޮށްފައި ޓްރެއިލާ ނެރެފި އެވެ. އެކްޝަން މަންޒަރުތަކުން ފުރިގެންވާ އެ އިޝްތިހާރުން ދޭހަވަނީ ވަރުގަދަ ހާދިސާތަކަކުން ނިކަން ރަނގަޅަށް މުނިފޫހިފިލުވައިދީފާނެ ފިލްމެއް ކަމެވެ.

އިންޑިއާގެ ދެކުނު ސިނަމާ އިން ބޮލީވުޑަށް ތައާރަފްވާ ނަޔަންތަރާ އާއި ޝާހު ރުކް ހާން އެކުގައި ފެންނާނެ 'ޖަވާން'ގެ ލަވަތައް ރިލީޒް ކުރަން ފެށުމާ އެކު ސޯޝަލް މީޑިއާގައި އެ ފިލްމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އިއްޔެ ޓްރެއިލާ ނެރުމުން އެތައް ބަޔަކު އާޝޯހުވެ ތައުރީފުގެ ޝުއޫރުތައް އަންނަނީ ބަންޑުން ކުރަމުންނެވެ.

އަޓްލީ ކުމާރު ޑައިރެކްޓްކޮށްފައިވާ 'ޖަވާން'ގައި ޝާހު ރުކް ތަމްސީލްކޮށްދެނީ ސިފައިންގެ މީހެއްގެ ގޮތުގައި ކުރިން އުޅެފައިވާ ކެރެކްޓާއެކެވެ. އޭނާއަކީ، އެކި ތަންތަނުން ވައްކަން ކުރާ އަންހެނުންގެ ގްރޫޕެއް އޮޕަރޭޓް ކުރާ ނުބައިބައި މީހެކެވެ. އެ މީހުން ރޭލެއް ހައިޖެކް ކުރުމުން އެ މައްސަލަ ބަލާ އިސް ފުލުސް އޮފިސަރަކީ ނަޔަންތަރާގެ ކެރެކްޓާ އެވެ. 

ނަމަވެސް، ޓްރެއިލާ އިން ދޭހަވާ ގޮތުގައި މާޒީގައި ޝާހު ރުކްގެ ކެރެކްޓާ އާއި ނަޔަންތަރާގެ ކެރެކްޓާއަކީ ދެމަފިރިންނެވެ. އެ މީހުންގެ ލޯބީގެ މަންޒަރުތަކެއް ދައްކަ އެވެ.

ނަޔަންތަރާ 'ޖަވާން'ގެ މަންޒަރެއްގައި

ދީޕިކާ ޕަޑުކޯން ހާއްސަ ފެނިލުމެއްގައި އައިސް ޝާހު ރުކް ރެސްލިން މެޗަކުން ބަލި ކުރާތަން ވެސް ޓްރެއިލާ އިން ދައްކާލަ އެވެ.

ޝާހު ރުކް 'ޖަވާން' އިން ފެންނަނީ އެކި ސިފަސިފައިގަ އެވެ. އޭނާ ބޯ ތަލަކޮށް ހުންނަ މަންޒަރުތަކާއި، މޫނުގެ އެއް ފަޅީގައި ފޮތި އޮޅައި ނިވާކޮށްގެން ހުންނަ ތަނާއި އައިނު އަޅައިގެން ހުންނަ ސީންތައް އަދި ސިފައިންގެ ޔުނިފޯމްގައި ހުއްޓާ ފެންނަ އިރު މުޅިން ތަފާތެވެ.

އެކި ސިފަސިފައިގައި ފެންނަ ވިޖޭ ސެތުޕަތީގެ ކެރެކްޓާގެ ތައާރަފަކީ "ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު ހަތިޔާރު ޑީލަރު" ކަމެވެ.

ޝާހު ރުކް (ކ، މ) އާއި ވިޖޭ ސެތުޕަތީ (ވ) 'ޖަވާން'ގައި

ޓްރެއިލާގެ މަންޒަރެއްގައި ނަޔަންތަރާ ޝާހު ރުކް ގާތު، ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން، "ބޭނުންވަނީ އާލިއާ ބަޓް" ކަމަށް ޝާހު ރުކް ބުނެ އެވެ. އެ ޑައިލޮގަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، އެންމެ ފަހުން އާލިއާ ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފަ އެވެ. އާލިއާ އިންސްޓަގްރާމް ސްޓޯރީއެއްގައި ޓްރެއިލާއަށް ތައުރީފްކުރަމުން ބުނީ "އަދި މުޅި ދުނިޔެ ބޭނުންވަނީ ހަމައެކަނި ޝާހު ރުކް ހާން" ކަމަށެވެ.

ޝާހު ރުކް ހާން 'ޖަވާން'ގެ މަންޒަރެއްގައި

'ޖަވާން' އަކީ ބްލޮކްބަސްޓާ ހިޓް 'ޕަޓާން'އަށް ފަހު މި އަހަރު ނެރޭ ޝާހު ރުކްގެ ދެވަނަ ފިލްމެވެ. ޓްރެއިލާ ބަލާފައި ބައެއް ފޭނުން ލަފާ ކުރަނީ މި ފިލްމު 'ޕަޓާން'އަށް ވުރެ ވެސް ސަޅިވާނެ ކަމަށެވެ. އެއާއެކު، މިއީ ޝާހު ރުކްގެ ފިލްމުތަކުގެ ފުރަތަމަ ދުވަހުގެ އާމްދަނީގެ ރެކޯޑު މުގުރާލާނެ ފިލްމެއް ކަމަށް ވާހަކަދެކެވެން ވަނީ ފަށައިފަ އެވެ.

ޝާހު ރުކް އާއި އަންހެނުން ގޯރީ ހާންގެ ރެޑް ޗިލީ އެންޓަޓެއިންމެންޓުން ޕްރޮޑިއުސް ކޮށްފައިވާ 'ޖަވާން' އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި އަޅުވާނެ އެވެ.

'ޖަވާން'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް