މާހިރާ ހާން (ވ) 'ރައީސް'ގައި ޝާހު ރުކް ހާންއާ އެކު

މާހިރާ ހާން 'ރައީސް' ކުޅުމުން ލިބުނު އިންޒާރުތަކާ އެކު ޑިޕްރެޝަނަށް ވެއްޓި ނަފްސާނީ ބަލީގައި

ޕާކިސްތާނުގެ އެކްޓަރު ބުނީ އިންޑިއާ މީހުންގެ ބިރުދެއްކުންތަކާއި ފާޑުކިޔުންތަކުގެ ސަބަަބުން އޭނާގެ ނަފްސާނީ މައްސަލަތައް ހިލި، ބޭސް ބޭނުންކުރާތާ ހައެއްކަ އަހަރު ވެފައިވާ ކަމަށް
30 އޯގަސްޓު 2023

އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމު 'ރައީސް' ނެރުމާ އެކު އިންޑިއާ މީހުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުމާއި އިންޒާރުތަކާ ހެދި އާއި އޭނާ ރަންބީރު ކަޕޫރާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައި ވަނިކޮށް ދެ މީހުން އެކުގައި ސިނިގިރޭޓް ބޯން ތިއްބާ ހޮޓަލެއްގެ ބޭރުން ފެނުނު ހާދިސާއާ ގުޅިގެން، ޑިޕްރެޝަނަށް ވެއްޓި ނަފްސާނީ ބައްޔަށް ފަރުވާ ފަށަން ޖެހުނުކަން ޕާކިސްތާނުގެ އެކްޓަރު މާހިރާ ހާން ހާމަކޮށްފި އެވެ.

ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުން ބަލަހައްޓާ ދެ ފަޅި ވަކިކުރާ ރޮނގު ކައިރީގައި އޮންނަ އޫރީގައި އިންޑިއާ ސިފައިންނަށް ސެޕްޓެމްބަރު 2016ގައި ދިން ހަމަލާއަކާ ގުޅިގެން، ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުން މަނާ ކުރި އެވެ. އެއީ މާހިރާ ޝާހު ރުކް ހާންއާ އެކު 'ރައީސް' ކުޅެ ނިންމާލައި ފިލްމު ޕްރޮމޯޓްކުރަން ތައްޔާރުވި ދަނޑިވަޅެވެ. ނަމަވެސް ޕާކިސްތާނުގެ އާޓިސްޓުން އިންޑިއާއިން ބޭރުވުމަށް އިންޒާރުދިނުމާ ގުޅިގެން، މާހިރާއަށް ފިލްމު ޕްރޮމޯޓްކުރުމުގައި ބައިވެރިއެއް ނުވެވުނެވެ.

ފިލްމު ރިލީޒްކުރީ އޫރީއަށް ދިން ހަމަލާއަށް ހަތަރު މަހެއްހާ ދުވަސް ފަހުން، ޖެނުއަރީ 2017ގަ އެވެ. މާހިރާ އާއި ރަންބީރު ނިއު ޔޯކް ސިޓީގެ ހޮޓަލެއްގެ ބޭރުގައި ސިނގިރޭޓް ބޯން ތިބިތަން ފެންނަ ފޮޓޯތަކެއް އާއްމުވެ ބޮޑު ހާދިސާއަކަށް ވެގެންދިޔައީ ވެސް ހަމަ އެ އަހަރު އެވެ.

މާހިރާ ހާން

މާހިރާ 'އެފްވައި ޕޮޑްކާސްޓް' އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި 'ރައީސް' ކުޅުމުން ކުރިމަތިވި ކަންތައްތަކާ ގުޅިގެން އޭނާގެ ނަފްސާނީ މައްސަލަތައް ހިލި، ޑޮކްޓަރަށް ދެއްކުމުން، އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަން އެނގިގެންދިޔަ އެވެ.

މާހިރާ ހާން 'ރައީސް'ގައި ޝާހު ރުކް ހާންއާ އެކު

މާހިރާ ބުނީ އޭރު އޭނާއަށް ހުއްޓުމެއްނެތި އިންޒާރުގެ ޓުވީޓުތަކާއި ފޯން ކޯލުތައް ލިބެމުންދިޔަ ކަމަށެވެ. އަދި އިންޑިއާގެ ޓީވީ ޗެނަލްތަކުން ވެސް އޭނާ ކުޑައިމީސްކޮށް ވާހަކަދެއްކި ކަމަށް މާހިރާ ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި އެކަމާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް އެންޒައިޓީއާ ކުރިމަތިލާން ޖެހި އެންމެ ފަހުން އެއް ދުވަހަކު ޕެނިކް އެޓޭކެއް އައިސް ހަބަރު ހުސްވި އެވެ. ނަފްސާނީ ފަރުވާ ހޯދަން ފެށި އެ ހިސާބުން ކަމަށާއި އެކިއެކި ތެރަޕިސްޓުންގެ ގާތަށް ދާން ޖެހި، ނުނިދި، އަބަދު ދެ އަތް ތުރުތުރުއަޅާ ހާލު ވޭތުކުރަން ޖެހުނީ ވަރަށް އުނދަގޫ އަހަރެއް ކަމަށް މާހިރާ ބުންޏެވެ.

މާހިރާ ހާން

މާހިރާ ކިޔައިދިން ގޮތުގައި އޭނާ ފާއިތުވި 6-7 އަހަރު އައީ ޑިޕްރެޝަނަށް ބޭސް ކަމުންނެވެ. އެ މުއްދަތުގެ މެދު ތެރެއިން ބޭސް ހުއްޓާލި ކަމަށާއި ނަމަވެސް އެއާ އެކު އޭނާ ދިޔައީ "ވަރަށް، ވަރަށް އަނދިރި" ހިސާބަކަށް ކަމަށް ބުންޏެވެ.

މާހިރާ ބުނިގޮތުގައި އޭނާ އައީ ސިއްހީ އެހީތެރިކަން ހޯދުމަށް ދޭތެރެދޭތެރެ އިން ހޮސްޕިޓަލުގައި ދުވަސްތައް ހޭދަކުރަމުންނެވެ.

މާހިރާ ހާން 'އެފްވައި ޕޮޑްކާސްޓް' އަށް ދިން އިންޓަވިއު

އިތުރު އާޓިކަލް

އިތުރު އާޓިކަލް