މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ތައުފީގު ޕްރޮޑިއުސް ކުރާ 'ނޮވެމްބަރު'ގެ ލީޑް ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި މުހައްމަދު ޖުމައްޔިލް

ސިންގަޕޫރާއި އެކި ރަށްރަށުގައި ނެގި 'ނޮވެމްބަރު': 1.6 މިލިއަން ހަރަދުވި

ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ފިލްމުގެ ޝޫޓިން 2020ގެ ކުރީކޮޅުގައި ނިމިފައި ރިލީޒް ކުރުން ލަސްވުމަށް ފަހު އަންނަ ޑިސެމްބަރުގައި ބޮޑު ސްކްރީނުގައި އަޅުވާނެ
26 އޯގަސްޓު 2023

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު 'ނޮވެމްބަރު'ގެ ޝޫޓިން 2020ގެ ކުރީކޮޅުގައި ނިންމާލި ނަމަވެސް، އެކި ސަބަބުތަކާ ހެދި، ފިލްމު ރިލީޒްކުރުން އޮތީ ލަސްވެފަ އެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހު ފިލްމު ނެރެން ނިންމައި އެކަމަށް އަންނަނީ ތައްޔާރުވަމުންނެވެ.

'ނޮވެމްބަރު' ޕްރޮޑިއުސްކުރީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ތައުފީގެވެ. ފިލްމު ލިޔެފައިވަނީ އަހުމަދު ތޮލާލް އާއި އައިޝަތު އެވެ. މީގެ އިތުރުން އަލީ ޝިފާއުއާ އެކުގައި ފިލްމް ޑައިރެކްޓް ކުރުމުގައި ވެސް އައިޝަތު ބައިވެރިވި އެވެ.

މުހައްމަދު އަލީ 'ނޮވެމްބަރު' ސިފަކުރަނީ އޭނާގެ "ޑްރީމް ޕްރޮޖެކްޓެއް"ގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި ފިލްމުގެ ޕްރޮޑަކްޝަނަށް 1.6 މިލިއަން ރުފިޔާ ހަރަދުވި އެވެ.

އެ ބޮޑު އަދަދު ނާރާނެ އެއްވެސް ސަބަބެއް ނެތެވެ. ފިލްމު ނެގި ލޮކޭޭޝަންތަކާއި ފިލްމުގައި ބައިވެރިވި މީހުންގެ އަދަދު ހަމަ އެހާވެސް ގިނައީ އެވެ.

"މަގޭ ޑްރީމްއެއް އެއީ އަސްލު ސިންގަޕޫރުގައި ފިލްމު ހެދުމަކީ. އެތަނަކީ ވަރަށް ސިސްޓަމެޓިކް ތަނަކަށް ވީމަ، ރަނގަޅަށް ފިލްމުގެ ޝޫޓިން ދާނެ ކަމުގެ ގެރެންޓީ އޮތް. އަދި ފިލްމުގެ ކާސްޓު ވެސް ނެގީ އެގޮތަށް ވަރަަށް ބަލާފައި،" މުހައްމަދު ބުންޏެވެ.

ސިންގަޕޫރުގެ އިތުރުން ރާއްޖޭގެ ހަ ތަނެއްގެ މަންޒަރުތައް 'ނޮވެމްބަރު'ގައި ހިމެނެ އެވެ. އެއީ އައްޑޫ، ލ. ފޮނަދޫ، ލ. މާންދޫ، ދ. ކުޑަހުވަދޫ، ކ. ތުލުސްދޫ، ވިލިމާލެ އަދި މާލެ އެވެ.

'ނޮވެމްބަރު'ގެ މަންޒަރެއް ސިންގަޕޫރުގައި ނަގަނީ

މި ފިލްމުގެ މުހިއްމު ބޮޑު ބައެއް ސިންގަޕޫރުގައި ޝޫޓްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވީތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ޑާކް ރެއިން އިން ބޮޑު ޝުކުރެއް އަދާކުރެ އެވެ.

މި ފިލްމު 2019 ގައި ޝޫޓްކުރަން އުޅުނު ދުވަސްކޮޅުގައި މައުސޫމް ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމުގަ އެވެ. މުހައްމަދު އަލީ ބުނިގޮތުގައި މައުސޫމް ވަނީ ސިންގަޕޫރުގެ ޖުވެލް އެއާޕޯޓުގައި ހިލޭ ޝޫޓްކުރުމުގެ ހުއްދަ ހޯއްދަވައިދެއްވައިފަ އެވެ. އޭނާ ބުނީ އާންމު އުސޫލުގެ މަތިން އެތަނުގައި ޝޫޓު ކުރަން އިންޝުއަރެންސަށް އެކަނި ވެސް 3 ލައްކަ ޑޮލަރު އަރާ ކަމަށެވެ.

"އަހަރެމެން ވަރަށް ލަކީ އަސްލު އެތަން ލިބުނީމަ،" މުހައްމަދު އަލީ ބުންޏެވެ.

'ނޮވެމްބަރު'ގެ ގިނަ މަންޒަރުތަކެއް ސިންގަޕޫރުގައި ނެގީ، ފިލްމުގެ އެއް ޕްރޮޑިއުސަރު މުހައްމަދު އަލީގެ (މޮގާ) ވަރަށް ކުރީއްސުރެން ކުރަމުން އައި އުއްމީދެއްގެ މަތިން

ޖުމައްޔިލްގެ މައްޗަށް ތުހުމަތު އައި އިރު ފިލްމު ނިންމާފައި

މި ފިލްމުގެ ކާސްޓުގައި މުހައްމަދު ޖުމައްޔިލް ހިމެނުމާ މެދު ބައެއް ބެލުންތެރިން ހިތްހަމަނުޖެހުން އެކަށީގެންވެ އެވެ. ޖުމައްޔިލްގެ މައްޗަށް މީގެ ކުރިން ވަނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތު ކުރެވިފަ އެވެ. އެ މައްސަލަ ފެންމަތިވުމުން، އޭނާއާ އެކު މަސައްކަތް ކުރަމުން އައި ފިލްމު އުފެއްދުންތެރިން ޖުމައްޔިލްއާ ގުޅުން ކަނޑާލި އެވެ. އޭގެ ތެރޭގައި ޑާކް ރެއިން އެންޓަޓެއިންމެންޓް ވެސް ހިމެނޭކަން މުހައްމަދު ފާހަގަކުރި އެވެ. އެއާއެކު އޭނާ އާ ކުރީ މި ފިލްމްގެ ފަހުން ޖުމައްޔިލްއާ އެކު އެއްވެސް ޕްރޮޖެކްޓެއް ނުހިންގާނެ ކަމުގެ ޔަގީންކަމެވެ.

"އަހަރެމެން [އޭރު] ޖުމައްޔިލްއާ ގުޅިގެން ބަޔާނެއް ވެސް ނެރުނިން އަދި އެއަށް ފަހުގައި އެހެން ޕްރޮޖެކްޓެއްގައި ބައިވެރިނުކުރާ ގޮތަށް ނިންމިން،" މުހައްމަދު ބުންޏެވެ.

ޖުމައްޔިލް މި ފިލްމުގެ ކާސްޓްގައި ހިމެނުމާ ބެހޭގޮތުން ވާހަކަދައްކަމުން މުހައްމަދު ބުނީ ތުހުމަތު ފެންމަތިވި އިރު ފިލްމު އޮތީ ހުރިހާ މަސައްކަތެއް ނިންމައި ހަފްތާއެއް ތެރޭ ރިލީޒްކުރަން ތައްޔާރުވެފައި ކަމަށެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ ހަމައެކަނި ޖުމައްޔިލް ނޫންކަން ފާހަގަކޮށް އޭނާ ބުނީ އެތައް ބައެއްގެ ވަގުތާއި ފައިސާއާ ގުޅިފައި އޮތް ފިލްމަކަށް ވެފައި، ޖުމައްޔިލް މެއިން ކާސްޓުގައި ހިމެނޭ އެހެން ދިވެހި ފިލްމެއް ވެސް (އިލްޔާސް ވަހީދުގެ 'ނީނާ') މިފަހުން ރިލީޒްް ކުރުމާ ގުޅިގެން 'ނޮވެމްބަރު' ވެސް ރިލީޒް ކުރުމަށް ނިންމީ ކަމަށެވެ.

ދައްކާނީ އަންހެނުންގެ ބާރުވެރިކަން

މި ފިލްމު ދައުރުވަނީ ޖުމައްޔިލްގެ ޔަމާންގެ ކެރެކްޓާ އާއި އޭނާއާ އެކު ލީޑް ކާސްޓްގައި އުޅޭ މަރިޔަމް މަޖުދާ (މަޖޫ)ގެ އަމީރާގެ ލޯބީގެ ވާހަކަ ވަށަ އެވެ. ޓްރެއިލާއިން ވެސް ފެންނަނީ އެ ދެ މީހުން ލޯބީގައި އެކުގައި އުޅޭ ތަނެވެ. ނަމަވެސް، ކޯ-ޕްރޮޑިއުސަރު ބުނިގޮތުގައި ފިލްމުގެ މައިގަނޑު ތީމަކީ މަޖުދާ ދައްކުވައިދޭ، އަންހެނުންގެ ބާރުވެރިކަމެވެ.

"މި ފިލްމަކީ އަސްލު ވިމެން އެމްޕަވަމެންޓްގެ ތީމަށް ހަދާފައިވާ، އަންހެނެއް ތަހައްމަލު ކުރާ ތަކުލީފުތަކުން އަރައިގަންނަތަން ދައްކާ، އަންހެނުން ސެލެބްރޭޓް ކުރާ ފިލްމެއް،" ފިލްްމުގެ ވާހަކަ ހުލާސާކޮށްދެމުން މުހައްމަދު އަލީ ބުންޏެވެ.

'ނޮވެމްބަރު'ގެ ތަރި މަރިޔަމް މަޖުދާ (މަޖޫ)

ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ ކުރީގެ މޫނެއް ވެސް 'ނޮވެމްބަރު' އިން ފެނިގެންދާނެ އެވެ. އެއީ އިސްމާއިލް ވަޖީހު އެވެ. އޭނާ މި ފިލްމުގައި ސޭމްގެ ނަންދީފައިވާ ކެރެކްޓާއެއް ތަމްސީލްކޮށްދޭ އިރު، އޭނާގެ ދަރިފުޅު ތަރީޝް އިސްމާއިލް ވެސް މި ފިލްމުގައި އުޅެ އެވެ.

އިސްމާއިލް ވަޖީހު: އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ 'ނޮވެމްބަރު' އިން އަންނަ ޑިސެމްބަރު މަހު އެނބުރިއަންނާނެ

ފިލްމުގެ ކާސްޓުގައި އައިޝާ އަލީ، އައިޝަތު ޔާދާ، އައިމިނަތު ސިލްނާ، އަދި މޫސާ ވަސީމް ވެސް ހިމެނެ އެވެ. އަދި ހާއްސަ ފެނިލުންތަކެއް ވެސް ފިލްމުގައި ދައްކާލާނެ އެވެ. އެއީ މޭނާ ހައްސާން، ޝަލަބީ އިބްރާހިމް އަދި އަބްދުﷲ ސާދިގު (ސޯދުބެ) އެވެ.

'ނޮވެމްބަރު'ގެ ކާސްޓްގައި ހިމެނޭ ބައެއް ތަރިން (ކ-ވ): އައިޝާ އަލީ، މަރިޔަމް މަޖުދާ އަދި އައިޝަތު ޔާދާ
'ނޮވެމްބަރު' ފިލްމުގެ ޝޫޓިން ތެރެއިން، (ކ-ވ) އަބްދުﷲ ސާދިގު (ސޯދުބެ)، މޫސާ ވަސީމް، އަދި އައިޝަތު ފުވާދު ތައުފީގު

'ނޮވެމްބަރު' އޮލިމްޕަހުގެ ބޮޑު ސްކްރީންގައި އަޅުވާނީ 4 ޑިސެމްބަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް