ޑޮންގެ ގޮތުގައި މިހާތަނަށް ފެނުނު ޝާހު ރުކް ހާން (ކ) އާއި އަމީތާބު ބައްޗަން (ވ) އަދި ދެން ފެންނާނެ ރަންވީރް ސިންގް ކުޑައިރު
ރަންވީރް ކުޑައިރުންސުރެ ޑޮންގެ ރޯލަށް ތައްޔާރު
އަޑުއަރާފައި އޮތް ގޮތަށް، އާ ޑޮންއަކީ ރަންވީރް ސިންގްކަން މިހާރު ވަނީ ހާމަކޮށްފަ އެވެ. އެއާއެކު، މި ވަގުތު ބޮލީވުޑްގެ އެންމެ ނަންހިނގާ އެއް އެކްޓަރު އިއްޔެ ނެރުނީ އުފަލާއި ޝުކުރާއި ތައުރީފުގެ އެތަކެއް ޖަޒުބާތުތަކުން ފުރިގެންވީ ބަޔާނެކެވެ. އަދި އެ އަސަރުހުރި ބަސްތަކާ އެކު އާއްމުކުރި ކުޑައިރުގެ ފޮޓޯތަކުން ދައްކައިދެނީ މިއީ ރަންވީރް މުޅި އުމުރުގައި ވެސް ކުޅެން ތައްޔާރުވެގެން ހުރި ރޯލެއް ކަމެވެ.
އަމީތާބު ބައްޗަން އާއި ޝާހު ރުކް ހާން މީގެ ކުރިން ތަމްސީލްކޮށްދިން މަޝްހޫރު ގޭންގްސްޓާރު 'ޑޮން 3' ގައި އަލުން ފާޅުވެގެން އަންނާނީ ރަންވީރްގެ ސޫރައިންކަން އިއުލާންކުރުމަށް ބުދަދުވަހު ވަނީ ޓީޒާއެއް ނެރެފަ އެވެ.
އޭގެ އެއް ދުވަސް ފަހުން ކުޑައިރުގެ އުފާވެރި ފޮޓޯތަކެއް އިންސްޓަގްރާމްގައި އާއްމުކޮށް، ރަންވީރް ބުނިގޮތުގައި އެއީ އޭނާ "ވަރަށް، ވަރަށް ދިގު މުއްދަތަކަށް" ދެކެމުން އައި ހުވަފެނެކެވެ.
ރަންވީރު ވަނީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ދެ ބަތަލުންނަށް ތައުރީފާއި ޝުކުރު އޮއްސާލައިފަ އެވެ. އޭނާ ބުނިގޮތުގައި އޭނާ އެކްޓަރަކަށް ވާން ބޭނުންވި ސީދާ ސަބަބަކީ ވެސް އަމީތާބާއި ޝާހު ރުކް އެވެ. އަދި އެ ތަރިންގެ ލެގަސީ ކުރިއަށް ގެންދިޔުމަކީ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށްވުން ކަން ފާހަގަކޮށް، ރަންވީރް ބުނީ އަމީތާބާއި ޝާހު ރުކް ފަހުރުވެރިކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެއާ އެކު ރަންވީރް ބުނީ 'ޑޮން' ހާންދާނާ ގުޅުމަކީ ކިހާ ބޮޑު ޒިންމާއެއްކަން ވެސް ދެނެހުރި ކަމަށެވެ. އަދި އޯޑިއެންސުން އޭނާއަށް ފުރުސަތެއް ދީ ލޯބި ބަންޑުންކޮށްލާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.
ޑޮންއަކީ ސަލީމް ހާން އާއި ޖާވިދު އަހްތަރް އުފެއްދި ކެރެކްޓާއެކެވެ. ޑޮންގެ ގޮތުގައި އެންމެ ފުރަތަމަ އަމީތާބު ފެނުނު 1978ގެ ފިލްމުގެ ޖާދޫގައި އެތައް ބަޔަކު ޖެއްސިތާ ޒަމާންގަނޑެއް ފަހުން 2006 ގައި ޝާހު ރުކް ޑޮންގެ އާ ވާހަކައަކަށް ދިރުން ގެނެސްދިނެވެ. އަދި 2011ގެ 'ޑޮން 2'ގެ ބަތަލަކީ ވެސް އޭނާ އެވެ. ޕްރިޔަންކާ ޗޯޕްރާ ވެސް ފެނުނު އެ ދެ ފިލްމު ވެސް ލިޔެ ޑައިރެކްޓްރީ 'ޑޮން 3'ގެ ވެސް ޑައިރެކްޓަރު ފަރްހާން އަހްތަރް އެވެ.
'ޑޮން 3' ނެރޭނީ 2025ގަ އެވެ.