'މިޝަން އިމްޕޮސިބަލް - ޑެޑް ރެކަނިން ޕާޓް ވަން'
ޑެޑް ރެކަނިން: މިޝަން އިމްޕޮސިބަލް ސިލްސިލާގެ 'އެންމެ ގަދަ' ފިލްމު
'މިޝަން އިމްޕޮސިބަލް - ޑެޑް ރެކަނިން ޕާޓް ވަން' އެންމެ ފަހުން ޕްރިމިއާކޮށްފި އެވެ.
ދުނިޔޭގެ ޕްރިމިއާ ބޭއްވީ މިދިޔަ ހޯމަ ދުވަހު އިޓަލީގެ ރޯމްގަ އެވެ. ޓޮމް ކްރޫޒް ފަހު ވަގުތު އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ ބައްދަލުކުރަން ޖެހި، ޕްރިމިއާ އިވެންޓުގައި ފިލްމު އެޅުވުން 90 މިނިޓަށް ލަސްވެގެންދިޔަ އެވެ. އެކަމާ ހެދި އިވެންޓަށް ހާޒިރުވެ ތިބި މީހުން ހިތްހަމަނުޖެހުނު ނަމަވެސް ފިލްމު ދައްކަން ފެށުމުން ބޮޑު ތަރުހީބެއް ދިނެވެ.
'މިޝަން އިމްޕޮސިބަލް' ފްރެންޗައިޒްގެ ހަތްވަނަ ފިލްމު މިހާރު ވަނީ ލަންޑަންގައި ވެސް ޕްރިމިއާކޮށްފަ އެވެ. ލަންޑަން ޕްރިމިއާގައި ޓޮމް ކްރޫޒް ބުނިގޮތުގައި 'ޑެޑް ރެކަނިން ޕާޓް ވަން' އަކީ މި ފްރެންޗައިޒްގައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ފިލްމެވެ.
ދެ ބަޔަކަށް ބަހާލާފައިވާ ފިލްމުގައި އޭނާގެ ހުރިހާ ހުނަރުތަކެއް ޖަމާވެފައިވާ ކަމަށާއި މިއީ 'މިޝަން އިމްޕޮސިބަލް' ސިލްސިލާ ނުދަންނަ މީހުންނަށް ވެސް ވަރަށް ވަރުގަދަ "އެޑްވެންޗާއަކަށް" ވާނެ ކަމަށް ޓޮމް ކްރޫޒް ބުންޏެވެ.
ޓޮމް ކްރޫޒް އާދައިގެ މަތިން މި ފިލްމުގައި ވެސް ފުރާނައަށް ނުރައްކާތެރި އެތައް ސްޓަންޓެއް ހަދާފައިވަނީ އަމިއްލައަށެވެ. އޭގެ ތެރޭގައި ސައިކަލެއްގައި ފަރުބަދަމަތީ އުސް ތަނަކުން ފުންމާލުން ހިމެނެ އެވެ. "ސިނަމާގެ ތާރީހުގައި ވެސް ހެދި އެންމެ ބޮޑު ސްޓަންޓު"ގެ ގޮތުގައި ސިފަކޮށްފައިވާ އެ ސްޓަންޓަކީ، ކްރޫޒް ބުނިގޮތުގައި، އޭނާ ކުޑައިރުންސުރެ ވެސް ކުރަން ބޭނުންވި ކަމެކެވެ. އެ ސްޓެންޓަށް ތައްޔާރުވާން އެތައް އަހަރެއް ވަންދެން ތަމްރީންތައް ހެދި އެވެ.
'ޑެޑް ރެކަނިން ޕާޓް ވަން' ގައި ދައްކަނީ 2018ގެ 'ފޯލްއައުޓް' ގައި ހިނގި ކަންތައްތަކުގެ ފަހެވެ. އީތަން ހަންޓްގެ ގޮތުގައި ޓޮމް ކްރޫޒް އުޅެނީ އިމްޕޮސިބަލް މިޝަން ފޯސް (އައިއެމްއެފް)ގެ ފަރާތުން ނުރައްކާތެރި އާ ހަތިޔާރެއް އަތުލައިގަތުމުގެ މަސައްކަތުގަ އެވެ.
ކްރޫޒްއާ އެކު ސައިމަން ޕެގް، ހޭލީ އެޓްވެލް، ރެބެކާ ފާގަސަން އަދި ވެނެސާ ކާބީ މި ފިލްމުން ފެންނާނެ އެވެ.
'ފޯލްއައުޓް' އަކީ މިހާތަނަށް މި ފްރެންޗައިޒްގައި އެންމެ ގަދަޔަށް ހިނގި ފިލްމެވެ. އެ ފިލްމުގެ ދުނިޔޭގެ ބޮކްސް އޮފީސް އާމްދަނީ 800 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.
'މިޝަން އިމްޕޮސިބަލް - ޑެޑް ރެކަނިން ޕާޓް ވަން' އަންނަ މަހު ސިނަމާތަކުގައި އަޅުވާނެ އެވެ.