Majlis 2024

ވާހަކަ: މަގޭ ދުނިޔެ

ވާހަކަ

ވާހަކަ: މަގޭ ދުނިޔެ

21 އޭޕްރީލު 2023
3

އަހަރެންގެ ދުނިޔެއަކީ އަހަރެންގެ ކުޑަކުޑަ އާއިލާއެވެ. އެއީ އަހަރެންނާއި އަންހެނުން ޒަހުރާ އާއި 7 އަހަރުގެ ދަރިފުޅު ޒަހާއެވެ. ޒަހާގެ މައުސޫމް މޫނު ފެނުމުން ހިތުގެ އުދާސްތައް ފިލައިދެއެވެ. ދުވަހުގެ ވަރުބަލިކަން އެއްފަރާތް ކޮށްލެވެއެވެ. ޒަހާއަށްޓަކައި ނުކޮށްދެވޭނެ ކަމެއް ނުހުންނާނެއެވެ. ބުނި ތަނަކުން ބުނި އެއްޗެއް ގެނެސްދެމެވެ. ބުނި ކޮންމެ ކަމެއް ވަގުތުން ވަގުތަށް ފުރިހަމަ ކޮށްދެމެވެ.

ބޮޑުދައިތައަކީ ހުވަފަތް އަންހެނެކެވެ. ފަސް ކުދިން ތިބެއެވެ. އެ ހުރިހާ ކުދިންނާ އެކު އަހަރެން ބަލާބޮޑުކުރީ ނުހަނު ދަތި ހާލުގައެވެ.

އަހަރެން ބޭނުންވީ ޅަ އުމުރުގައި އަހަރެންނަށް ނުލިބުނު ލޯބި ޒަހާއަށް ހޯދައިދިނުމެވެ. އެއްވެސް އެއްޗެއް މަދުވިޔަ ނުދިނުމެވެ. އެއްވެސް ކަމެއް އުނިވިޔަ ނުދިނުމެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް ޒަހާގެ ވިސްނުން ތޫނެވެ. އެއީ އަހަރެންގެ ފަރާތުން ވާރުތަވެފައި ހުރި ކަމެކޭ ޒަހުރާ ބުނެއެވެ. އަހަރެން އެކަމާ އުފާވެއެވެ. އަންހެން ކުއްޖެއް ނަމަވެސް އަހަރެންނާ ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ބުނާތީ އެކަމާ ހިތްހަމަޖެހެއެވެ.

ޒަހާ ދެރަވާ ފަދަ ބަހެއް ނުބުނަމެވެ. އަޑު ގަދަކޮށް އެއްޗެއް ނުބުނަމެވެ. ޒަހުރާ ހިތްހަމަނުޖެހިގެން އެއްޗެއް ބުނި ނަމަވެސް އަހަރެން އެކަން ކުށްވެރި ކުރަމެވެ. އަހަރެން ދެކޭ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ އެ ކުދިން ރުއްސައިގެންނެވެ. ހަޅޭއްލަވައި އެއްޗެހި ގޮވުމުން އެ ކުދިންގެ މައުސޫމުކަން ދާނީ ގެއްލެމުންނެވެ. ގޯސް ކަމެއް ކުރުމުން ރަނގަޅު ގޮތް ބުނެދޭނީ ރީތިކޮށެވެ. މަޑުމައިތިރި ކޮށެވެ. އޭރުން އެކުދިންގެ ލޯތްބާއި އިހުތިރާމް މައިންބަފައިންނަށް ލިބޭނެއެވެ.

އަހަރެން އުޅެނީ އުތުރުގެ ރަށެއްގައެވެ. ތަރައްގީވެފައިވާ ރަށެކެވެ. އަހަރެން ދިރިއުޅޭ ގެ ހުންނަނީ މޫދު ކައިރީގައެވެ. އެއީ އަހަރެންނަށް ގެވަޅު ލިބުނު ހިސާބެވެ. ގެވަޅެއް ލިބުމުން ލޯނެއް ނަގާފައި ގެއެއް އެޅީމެވެ. އޭރު ޒަހުރާ އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. ޒަހާއަށް 1 އަހަރު ވީ އިރު ލޯނު ދައްކައި ނިމިއްޖެއެވެ. ދިރިއުޅުން ދިޔައީ އުންމީދު ކުރިގޮތަށް އުފާވެރިކޮށެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް އަހަރެންގެ ވަޒީފާ މަތިވިއެވެ. ދިރިއުޅުމުގެ ކާމިޔާބުގެ އަސްލަކީ ޒަހާ ކަމުގައި އަހަރެން ދެކެމެވެ.

ޒަހާއަކީ މަޑުމައިތިރި ކުއްޖެކެވެ. އެ އުމުރުގެ އެހެން ކުދިން އުޅޭހެން ހަލަނިކޮށެއް ނޫޅެއެވެ. އެކަމަކު މޫދު ކައިރީ އުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ދަޅަމައްޗަށް ބޭރަށް ނުކުތުމަކީ އަހަރެން އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. އެކަމަކު ޒަހުރާ ކޮންމެ ދުވަހަކު ވެސް ޒަހާ ގޮވައިގެން އެ ގަޑިއަށް އަތިރިމައްޗަށް ނުކުމެއެވެ. އެތައް ފަހަރަކު ބުނުމުން ވެސް އެކަމެއް ނުހުއްޓުނެވެ. ކޮންމެ ކަމެއް ވާނީ ތިމާ އެންމެ ބޭނުންވާ ނުވަތަ ހިތް އެދޭ ގޮތަކަށް ނޫނެވެ. ބައެއް ފަހަރު ކަންކަން ކުރަން ޖެހެނީ ހިތް ނޭދޭ ގޮތަކަށެވެ. އެއީ ތިމާއާ ގާތް މީހުންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވާތީއެވެ.

އަހަރެން ދިރިއުޅޭ ގޭގައި، ބޮޑު ކުންނާރު ގަހެއް ހުރެއެވެ. އެ ގަހުގައި އުނދޯއްޔެއް އެލުވާފައި ހުންނާނެއެވެ. އެއީ ޒަހާ އުނދޯލި ހެއްލާ ހިތުން އުޅޭތީއެވެ. ކުންނާރު ގަސް ހުންނާނީ އަތިރި ފަޅިއަށް ވާގޮތަށެވެ. އެއީ ހުޅަނގުފަރާތެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް އެތަނުގައި ޒަހާ ހޭދަ ކުރެއެވެ. ގޭތެރޭގެ މަސައްކަތުގައި ޒަހުރާ އުޅޭ ވަގުތުގައި ވެސް ޒަހާ އުޅެނީ އެތަނުގައެވެ.

ޒަމާން ބަދަލުވި ނަމަވެސް އަހަރެންގެ ވިސްނުން ތަފާތެވެ. ދިރިއުޅުމަށް ކޮންމެ ކަހަލަ ބަދަލެއް އައި ނަމަވެސް ވިސްނުން ބަދަލެއް ނުކުރެވުނެވެ. އިރުއޮއްސޭ ވަގުތުގައި ކުޑަކުދިން ބޭރަށް ނުނެރެ ގޭތެރޭގައި ތިބުމަކީ އަހަރެން ގަބޫލު ކުރާ ކަމެކެވެ. ބިސްމި ކިޔާފައި ދޮރުތައް ލެއްޕުމާއި ކާތަކެތީގައި ބިސްމި ކިޔާފައި މަތިޖެހުން އެއީ ކުރަން ޖެހޭނެ ކަންކަމެވެ. ހަށިގަނޑުން އަންނައުނު ވަކި ކޮށްލެވޭ ހިނދު ކިޔަން ޖެހޭ ދުއާތައް ވެސް ކިޔުން އާދަ ކުރަން ޖެހެއެވެ. އިރުއޮއްސޭ ވަގުތުގައި ގަސްތަކުތެރޭގައި ކުޑަކުދިން އަދި ބޮޑެތި މީހުން ވެސް ނުތިބުމަކީ ރައްކާތެރި ގޮތެކެވެ. އެއީ އަހަރެން ގަބޫލު ކުރާ މިންގަނޑުތަކެކެވެ. އަމަލުކުރާ އުސޫލުތަކެކެވެ.

އޮފީސް ނިންމާފައި ގެއަށް އާދެވޭ އިރު ގިނަ ދުވަސް ދުވަހު ހުންނަނީ އިރުއޮއްސި 6 ޖަހާފައެވެ. ދަރިފުޅާ އެކު ވަގުތު ހޭދަކޮށްލަން ބޭނުންވާ ވަގުތަކީ އެއީއެވެ. ނަމަވެސް ޒަހުރާ އެ ގަޑީގައި އިންނާނީ އަތިރިމަތީގައެވެ. ޒަހާ އުޅޭނީ ބޮލި ހޮވަން ނޫނީ މޫދަށް ގާ އުކާށެވެ. ގިނަ ދުވަސް ދުވަހު ގެއަށް އަންނަ އިރު އާ ވައްތަރެއްގެ ބޮއްޔެއް ގެންނާނެއެވެ. އެ އެއްޗެހި އަޅަނީ ފުޅިއަކަށެވެ. ގެއަށް ވަދެވޭ އިރު ހުންނަނީ އަނދިރި ވެފައެވެ.

ޒަހާގެ އުމުރުން 5 އަހަރުގައި އަހަރެންނަށް ކަމެއް ފާހަގަވާން ފެށިއެވެ. ގޭގައި އުޅޭ ވަގުތުތަކުގައި މާ ގިނައިން ވާހަކަ ދެއްކުމެވެ. އުނދޯއްޔަށް އަރަމުން ވެސް އެހެން މީހަކަށް ތަން ދައްކާތަން ފެނެއެވެ. ހީވަނީ ގާތުގައި އެހެން މީހަކު އުޅޭ ހެންނެވެ. ގެންގުޅޭ ކުޅޭ ތަކެތި ވެސް މީހަކަށް ދިއްކުރާ ގޮތަށް ދިއްކުރާތަން ފެނެއެވެ. "ޝެއާ ކުރަން ވާނެ،" މިއީ އާންމުކޮށް ޒަހާ ކިޔަން ފެށި ބަސްތަކެކެވެ. ފަސްއޮށް ކުޅެން އިންނަ އިރު ވެސް އެހެން މީހަކަށް ދޭ ގޮތަށް ދޭތަން ވެސް ފެނެއެވެ. ޒަހުރާއަށް މި މަންޒަރު ފެންނަން ފެށިއެވެ. އަހަރެމެން ދެ މީހުން ގަބޫލު ކުރި ގޮތުގައި އެއީ ކުޑަކުދިން އުޅޭ ގޮތެވެ. ކުޅޭ ކުޅުމުގައި ހިޔާލީ އެކުވެރިން ގެންގުޅުމަކީ ކުޑަކުދިންގެ އާދައެކެވެ. ވުމާއެކު އެކަން މާބޮޑު ކަމަކަށް ނުހަދަމެވެ.

އެކަން ކަމަކަށް ނުހަދައި ހުއްޓައި އެހެން ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. އެއީ ޒަހާ އެކުވެރި "ޒުހާ" އެއް ގެންގުޅެން ފެށުމެވެ. ނިދާ އިރު ވެސް އެ ބުނާ ޒުހާއަކަށް ތަން ދައްކައެވެ. ލަވަ ކިޔައިދެއެވެ. ޒަހާ ބުނާގޮތުގައި ޒުހާއަށް އެންމެ ކަމުދަނީ އިނގިރޭސި ލަވަތަކެވެ. ޒުހާ ހުންނަނި އިސްތަށިގަނޑު ކޮށާލަފައެވެ. އެއީ ވަރަށް ރަނގަޅު "ފްރެންޑެއް" ގޮތުގައި ޒަހާ ސިފަކޮށްދިނެވެ. ކައިބޮއި ނިދާ އިރު ވެސް ޒުހާ ކައިރީގައި އުޅޭ ކަމުގައި ޒަހާ ބުނެއެވެ. އެ ވަރުން ވެސް އަހަރެން ބެލީ އެއީ ހިޔާލީ އެކުވެރިއެއްގެ ގޮތުގައެވެ.

ދުވަސްކޮޅެއް ނުވެ އަހަރެންގެ ސަމާލުކަން އަތުލީ އެހެން ކަމެކެވެ. އެއީ ގުރުއާން ކިޔަވަން އުޅޭ އިރު ޒަހާ ބޮޑާހާކަން ފެށުމެވެ. ޒުހާ ރުޅި އަންނާނެއޭ ކިޔަން ފެށިއެވެ. ޒުހާ އެއްޗެހި ގޮވާނޭ، ޒުހާ ދެރަވާނޭ، އުނދަގޫ ވެއޭ ކިޔަން ފެށިއެވެ. މަދުމަދުން ނަމަވެސް ކެއުމާ ދުރަށް ދާން ފެށިއެވެ. ބަލި ވިޔަސް ބޭސް ނުބޯން ވެސް އުޅެއެވެ. އެއީ ކުރިން އަހަރެންގެ ދަރިފުޅު އުޅުނު ގޮތްގޮތެއް ނޫނެވެ.

ދެން ވާން ފެށި ގޮތަކީ ޒަހާ އަހަރެމެން ދެކެ ރުޅި އަންނަން ފެށުމެވެ. އަހަރުމެން ކުރާ އެއްވެސް ކަމެއް ޒަހާއަށް ކަމަކު ނުދެއެވެ. ޅަ ސިކުނޑިއަށް ވިސްނެމުން ދަނީ އެހެން ކަމެއް ހެން އަހަރެންނަށް ޝައްކުވިއެވެ. ޒަހާއަކީ ތޫނުފިލި ކުއްޖެކެވެ. ހިތް އައްޔެވެ. ވަރަށް ރީތިކޮށް ލިޔާނެއެވެ. ފަރިތަކޮށް ދިވެއްސާއި އިނގިރޭސި ކިޔާނެއެވެ. ޒަހާގެ ބަހުރުވަ ހުންނަ ގޮތުން އެއީ ބޮޑު މީހެއްގެ ބަހުރުވަހެން އަހަރެންނަށް ހީވާން ފެށިއެވެ. ދައްކާ ވާހަކަ އާއި އުޅޭ އުޅުން ތަފާތު ވާން ފެށިއެވެ.

ޒަހާ އުޅެން ފެށީ އޭނަގެ އަމިއްލަ ދުނިޔެއެއްގައެވެ. ކަނީ ވެސް ޒުހާ ބުނީމައެވެ. ކާން ބޭނުން ވަނީ ވެސް ޒުހާ ބޭނުންވާ އެއްޗެކެވެ. ނިދަނީ ވެސް ހަމަ އެ ގޮތަށެވެ. ހޭލަނީ ވެސް ޒުހާ ބޭނުންވާ ގަޑިއެއްގައެވެ. އެހާ ހިސާބުން އަހަރެންނަށް ވިސްނާލަން މަޖުބޫރު ވިއެވެ. ޒަހާގެ ދިރިއުޅުމަށް އެހެން ބާރެއްގެ އަތްގަދަ ވާހެން ހީވިއެވެ.

އަހަރެންނާއި ޒަހުރާއަކީ ގަވާއިދުން ނަމާދު ކުރާ ދެ މީހުންނެވެ. ޒަހުރާ ނަމާދު ކުރާ ގަޑިތަކުގައި ޒަހާ ވެސް އެކުގައި ނަމާދަށް އެރުވުމަށް ބުނީމެވެ. މުސައްލައަކާއި ނަމާދު ދޮޅިއެއް ވެސް ގަނެދިނީމެވެ. ނަމަވެސް ޒަހާ އެކަމެއް ނުކުރިއެވެ. ގުރުއާން ކިޔެވުން ވެސް ހުއްޓާލިއެވެ. ބުނަނީ ޒުހާ ބިރުގަންނަނީ ކަމުގައެވެ. އޭނާ ރުޅި އަންނަނީ ކަމުގައެވެ. އަހަރެން އެތައް ފަހަރަކު ބުނުމުން އިރުއޮއްސޭ ވަގުތު ބޭރަށް ދިޔުން ހުއްޓުނެވެ. އަދި ގޭގައި ގުރުއާން ޖަހައި ޒަހުރާ ގުރުއާން ކިޔަވަން ފެށިއެވެ. އެ ވަގުތުތަކުގައި ޒަހާ އިންނަނީ ކޮޓަރީގައެވެ. ބޭރަށް ނެރެފި ނަމަ ދެ ކަންފަތުގައި އަތްއަޅައި ރޯން ފަށައެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. ޒަހާއެއް ނުހޭލިއެވެ. ޒަހާ ނިދަނީ ވަކިން ކޮޓަރިއެއްގައެވެ. އެއީ ކުޅޭ އެއްޗެއްސާ އެކު ޒަހާއަށް ކަމުދާނެހެން ތައްޔާރު ކޮށްފައިވާ ކޮޓަރިއެކެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. އެއީ ދުވަހަކު ވެސް ވީ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސް ވިއެވެ. ތަޅުދަނޑި ނަގާފައި ދޮރު ހުޅުވާލީމެވެ. ޒަހާއެއް އެނދަކު ނެތެވެ. ފާހާނާގައި ވެސް ނެތެވެ. ކުޑަދޮރު ހުރީ ހުޅުވާފައެވެ. ކުޑަދޮރަކީ ވަރަށް ތިރިކޮށް ހަދާފައިވާ ދޮރެކެވެ. އެތަނުން ކުޑަކުއްޖަކަށް ވެސް ނުކުމެވޭނެއެވެ. އަހަރެން ގޮސް ބޭރު ބަލައިލީމެވެ. ކުޑަ ކުއްޖެއްގެ ފިޔަވަޅުތައް ހުރީ އަތިރިއާ ދިމާލަށް ހިނގާފައި ގޮސްފައިވާ ހެންނެވެ. އަހަރެންނާއި ޒަހުރާ އެކުގައި އެ ދިމާލަށް ދިޔައީމެވެ. ޒަހާއެއް ނުފެނުނެވެ. ފިޔަވަޅު ހުރީ ރާޅު ޖަހާ ހިސާބަށެވެ. މޫދުގައި ވެސް އެކަހަލަ އެއްވެސް ނިޝާނެއް ނެތެވެ. މޫދަށް އެރިގެން ވެސް އަހަރެން ބެލީމެވެ. ފުލުހުންނަށް ވެސް އެންގީމެވެ. އެ ގޮތުގައި ތިން ހަފުތާ ހޭދަވި ފަހުން އަހަރެންނަށް ޒަހާ ފެނުނެވެ. ހެޔޮ ހާލުގައި ހުއްޓައެވެ. ހީވަނީ ހަށިގަނޑު ރަނގަޅުވެ ރޫފަ ރަނގަޅު ވެފައި ހުރި ހެންނެވެ. އޭގެ ހަފުތާއެއް ފަހެވެ. ޒަހާގެ އުޅުމަށް ބަދަލުއައެވެ. އަހަރެމެންނާ ދޭތެރޭ ގާތްކަން އުފެދެން ފެށިއެވެ. ކުރިން އުޅުނު މަޖާ ގޮތަށް އުޅެން ފެށިއެވެ. ގެއްލެން ދިމާވި ސަބަބެއް އަހަރެން ނާހަމެވެ.

"ކީއްވެތަ އަބަދު ޒަހާ ކޮޓަރިއަށް ތި ވަންނަނީ؟" އަހަރެންގެ އަންހެނުން ޒަހުރާ އަހާލިއެވެ. "އޭނައެއް މި ދުނިޔެއަކު ނެތޭ. އެކަން ގަބޫލް ކޮށްބަލަ."

އަހަރެންނަށް އެކަން ބަލައިގަތުން ވީ އުނދަގޫ ކަމަކަށެވެ.

"ތިހެން ބުނާ އިރު ޒަހުރާ ވެސް މިދުނިޔެއަކު ނެތް. އެކަމަކު އަހަރެންގެ ދުނިޔޭގައި ތި ދެމައިން ވެސް އެބަ އުޅޭ،" އަހަރެން އެހެން ބުނުމުން ޒަހުރާ ހިނިތުންވެލިއެވެ.

ރަށު މީހުން ކިޔާ ގޮތުގައި ޒަހާ ވީ މޫދަށް ގެއްލިފައެވެ. ޒަހާ ގެންގުޅުނު ހިޔާލީ އެކުވެރިޔާ އެ މީހުންގެ ދުނިޔެއަށް ޒަހާ ގެންދިޔައީއެވެ. އެކަމުގެ ހިތާމައިގައި އަހަރެންގެ އަންހެނުން އަމިއްލައަށް މަރުވީއެވެ. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. އެ ދެމައިން ވެސް އަހަރެންނާ އެކުގައި އުޅެއެވެ. މީހުންނަށް ނުފެނުނަސް ނޭނގުނަސް އަހަރެން އެކަން ގަބޫލް ކުރަމެވެ. އެކުގައި ވަގުތު ހޭދަކޮށް އެކުގައި ނިދަމެވެ. ކައިބޮއި ހަދަމެވެ. މަޖާކޮށް ސަކަރާތް ޖަހަމެވެ. މީހުން ގަބޫލު ކުރާގޮތުގައި އަހަރެން ހުރީ މޮޔަވެފައެވެ. އަނބިދަރިން ނެތުމުންނެވެ. އެ މީހުން ކުއްލި ގޮތަކަށް ވަކިވުމުންނެވެ. ނަމަވެސް އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެންގެ އަނބިދަރިން އެބަ އުޅެއެވެ. އަހަރެންގެ ގޭގައެވެ. އަހަރެންގެ ގާތުގައެވެ. އަހަރެންގެ ދުނިޔޭގައެވެ.

- ނިމުނީ -

އިތުރު ވާހަކަ

ކޮމެންޓް (3)

ޜާޣީި

21 އޭޕްރީލު 2023
ޜާޣީި ވާހަކަ ނުނިންމަ މި ކޮން ކަމެއް
2 0

ފާރަލާ

21 އޭޕްރީލު 2023
@ޜާޣީި ރާގީ ވާހަކަ އާ ގުޅުން ހުރި ކަމެއް ނޫން އަދި މީކީ ދޯ.
0 0

ނަމަނަމަ

21 އޭޕްރީލު 2023
@ޜާޣީި މި ވާހަކަ އައުމުން ރާގީ ވާހަކަ ނިމުނީ ކަމަށް ބުނެފައި އެބަ ވޭތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް