
ފޮޓޯ އާއި ރީޓަޗިން: ސުހެއިލް | ސްޓައިލިން: ނޯނި | މޭކަޕް އެންޑް ހެއާ: މައިކް | ވޯޑްރޯބް: ފަންކް
މަލް އާއި ރޯމަންގެ ދެމެދުގައި ވީ ޗާރާކަމާއި ޗާލޫކަން
ފިލްމީ ތަރިއަކަށް ވުމުގެ ހުވަފެނެއް، މަލީހާ ވަހީދު (މަލް) ގެ ދުވަހަކު ވެސް ނެތެވެ. އެކަމަކު މުހައްމަދު ވިޝަލް (ރޯމަން) އަބަދުވެސް ބޭނުންވީ ފިލްމީ ތަރިއަކަށް ވާށެވެ. މި ދެ އެކުވެރިންގެ މިޖާޒާއި އުޅުމާއި ހިލްމާއި ހުވަފެނުގައި ތަފާތެއް ވިޔަކަސް، ދެ ހުނަރުވެރިން ވެސް ފިޔަޖަހައިގަތީ އެކުގަ އެވެ. އަދި ފިލްމީ ތަރިންގެ ދުނިޔެއެއްގަ އެވެ.
މި ފޮޓޯޝޫޓް އާއި ވީޑިއޯ އިންޓަވިއުގައި ދެ މީހުންގެ އެކުވެރި ގުޅުމާއި ސަކަ މިޒާޖާއި ހަޔާތުގެ ވާހަކަ ހިމަނައި ފައިލުކުރަން ދައުވަތު ދިނުމުން ޒުވާން ދެ އެކްޓަރުން 'ދައުރު' ގެ ޓީމަށް ދިނީ ދެ މީހުންގެ ހަޔާތުން ދުވަހެކެވެ. އެއީ ކަޅު ބޯވިލާތަކުން ބައްދާލާފައި އޮތް ދުވަހެކެވެ. އައުޓްޑޯ ފޮޓޯޝޫޓަކާއި އިންޓަވިއުއަކަށް އެއްގޮތަކަށް ވެސް ކަމުދާ މާހައުލަކާއި ދުވަހެއް ނޫނެވެ. ނަމަވެސް ދެ އެކްޓަރުންގެ ދެމެދުގައި ވީ އެކުވެރިކަމާއި ވަކިން ހާއްސަކޮށް ދެ މީހުން ވެސް ފޮޓޯޝޫޓަށް ދިން 100 ޕަސެންޓާ އެކު 'ޗާރާ' ޝޯގެ އަލަތު އެޕިސޯޑް މި އޮތީ ވިދައި ބަބުޅައިލަ އެވެ.


ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ޖެހެނީ ފޮޓޯޝޫޓްގެ ވޯޑްރޯބް ޕާޓްނަރު، ފަންކަށެވެ. އެއަށް ފަހު، ކުޅަދާނަ ސްޓައިލިސްޓް ނޯނި އަށެވެ. ފޮޓޯގްރާފަރު ސުހެއިލްގެ ކުޅަދާނަ ލޮލަށެވެ. އަދި އެ ލޮލަށް ނުވަތަ އަހަރެމެންގެ ލޯތަކަށް ވެސް ތިރީގައި މި ފެންނަ ފޮޓޯތަކާއި މަންޒަރުތައް މި ފުރިހަމަކަމުގައި ކުލަކޮށް ސިފަކޮށްދިން ކުޅަދާނަ މޭކަޕް އާޓިސްޓް މައިކަށެވެ. އޭނާއާ ނުލައި ވާނީ ސުމަކަށެވެ.


މިހާ ޗާލު ފޮޓޯތަކެއް، ކުލަ ހަނދާންތަކެއްގެ ގޮތުގައި ގެނެސްދިނީތީ މި އެންމެނަށް ވެސް ފިނިފެންމަލުގެ ތައުރީފެވެ.
އޯކޭ އެވެ! މިހާ ހިސާބުން، ފޮނިތޮށި ކާފޫރުތޮޅިލުން ނިމުނީ އެވެ. ފޮޓޯތަކާއި މި ދެ އެކުވެރިންގެ ހާއްސަ އިންޓަވިއުއަށް ވަޑައިގަންނަވާށެވެ. އެކަމަކު އަދިވެސް މަލް އާއި ރޯމަންގެ ވާހަކައިން ތަޅުވަމުން އަޅުގަނޑު ސައްތައެއް ހަމަކޮށްލާނަމެވެ.


ފިލްމު ކުޅެން ބޭނުން ނުވިޔަސް، ފުރާވަރުގައި މަލްގެ އެކްޓިން ކެރިއަރު ފެށިއްޖެ އެވެ. އޭނާގެ އަލަތު މަސައްކަތަކަށް ވީ 'ނޭނގި ޔާރު ވަކިވީ' އެވެ. ވަރަށް ކުޑަކުޑަ ރޯލަކުންނެވެ. އެކަމަކު އުފާވެރި ޚަބަރަކަށް ވީ ފިލްމީ ދާއިރާއާ ވަކިވެ ދިއުމެއް ނެތް ގޮތަށް ހިތާއި ހިތުގެ ގުޅުމަކުން ޒުވާން އެކްޓްރެސް ރިހި ސްކްރީނުގައި ބަނދެވިގެން ދިއުމެވެ.
އޭނާގެ ހުނަރުވެރިކަން ބެލުންތެރިންނަށް ސާބިތުކޮށްދިން ފިލްމަކީ އަލީ ސީޒަންއާ އެކު ލީޑް ރޯލު ކުޅުނު، 'ވަފާތެރި ކެހިވެރިޔާ' އެވެ. އެއަށް ފަހު ފިލްމީ ހަޔާތުގައި ވަފާތެރި އެތައް ފިޔަވަޅަކާއި ކެހިވެރި ބައެއް ފިޔަވަޅު ވެސް އަޅައިފި އެވެ. އެކަމަކު މަލީހާ ވަހީދަކީ އަދިވެސް ފިލްމީ ދުނިޔޭގައި ފޮޅިފައި ހުރި އެންމެ ފަރި މަލެވެ.


މިހާ ހިސާބުން ރޯމަންގެ ކުރު ތައާރަފެއް ވެސް ދޭނަމެވެ. ނަމަވެސް މިއީ އޭނާގެ ތައާރަފަށް ވުރެން ބޮޑު ކެރެކްޓާއެކެވެ. އެއަށް ވުރެން ބޮޑު ހުނަރުވެރިއެކެވެ. ފިލްމީ ދާއިރާގައި ތަޖުރިބާތައް ކިތަންމެ ކުޑަވިޔަސް، ރޯމަން އަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ތިބި އެންމެ ތަޖުރިބާކާރު، އެންމެ ހުނަރުވެރި އެކްޓަރުންނާ ފައި ހަމަކޮށްލެވޭ ވަރުގެ ޓެލެންޓެކެވެ. ހަގީގަތުގައި ވެސް ވަރަށް އަންޑަރޭޓެޑް އެކްޓަރެކެވެ.
މަލްއާ އެކު ކުޅުނު 'ވީޑިއޯ ލަވަ' އަށް ފަހު ފިލްމީ ދާއިރާގައި 'ބްރޭކް އައުޓް' ވުމަށް އޭނާއަށް ދޮރު ހުޅުވާލަދިނީ އެކްޓްރެސް އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ އެވެ. ރިޝްމީއަށް ރޯމަންގެ ހުނަރުވެރިކަން އެންމެ ފުރަތަމަ ފެނުނީ ޓިކްޓޮކުންނެވެ. އާނއެކެވެ. ރޯމަން އަކީ ޓިކްޓޮކުން ފިލްމީ ދާއިރާއަށް ބަންޑުންކޮށްލި އެކްޓަރުންގެ ތެރެއިން އެންމެ ދޮށީ އަދި އެންމެ ހުނަރުވެރި އެކެކެވެ.


ރިޝްމީއަށް ރޯމަންގެ ހުނަރުވެރިކަން ފާހަގަކުރެވިގެން އޭނާއަށް ދައުވަތު ދިނީ 'އެހެނަސް' ނަމަކަށް ކިޔާ ޑްރާމާ ސިލްސިލާއެއްގެ ލީޑް ރޯލުގެ އޮޑިޝަނަކަށެވެ. އެއަށް ފަހު ދެން ވީ ގޮތަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ތާރީހުގެ ވަރަށް ސަޅި ސަފުހާއެކެވެ.
ބައިސްކޯފުން ގެނެސްދިން 'އެހެނަސް' ޑްރާމާ ވެގެންދިޔައީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ ހޭލައްވާލި މަސައްކަތަކަށެވެ. އަދި ވިޝަލް ބުނަނީ އޭނާގެ ކިބައިގައި ވީ ހުނަރުވެރިކަމަށް އަމިއްލަ ނަފުސު ވެސް ހޭލައްވާލި މަސައްކަތަކީ އެ ޑްރާމާ ސިލްސިލާ ކަމަށެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ސުހެއިލްގެ މި ފޮޓޯތައް ނަލަކަމުން، ރޯދައަށް ހުރެގެން މި ހުރިހާ ވާހަކައެއް ލިޔާހިތެއް ވެސް ނެތެވެ.
އެހެންވީމަ ޓާޓާ އެވެ.
ޗާރާ އެވެ.
ކޮމެންޓް (1)
އަލިފުޅު