ބެން އެފްލެކް
ބެން އެފްލެކް ފަރިތަކޮށް ސްޕެނިޝް ބަހުން ވާހަކަދައްކާތަން ފެނި މީހުން އަޖައިބުވެއްޖެ
ބެން އެފްލެކް މީގެ ކުރިން ވެސް އިންޓަވިއުތަކާއި ރެޑް ކާޕެޓްގައި އަދި ޕަޕަރާޒީންނާ ސްޕެނިޝް ބަހުން ވާހަކަދައްކާފައިވެ އެވެ. އެކަމަކު މިކަން ނޭނގޭ ނުވަތަ ހަނދާން ނެތިފައިވާ މީހުންނަށް އޭނާގެ އާ އިންޓަވިއުއެއް ފެނި އަޖައިބުވެގެން އިންޓަނެޓުގައި އަންނަނީ ކޮމެންޓުކުރަމުންނެވެ.
މިހާރު ވައިރަލްވެގެން އުޅެނީ އެފްލެކް އޭނާގެ އާ ފިލްމު 'އެއާ'އާ ބެހޭގޮތުން ސްޕެއިންގެ ރޭޑިއޯ ނެޓްވޯކަކަށް ދިން އިންޓަވިއުއެއްގެ ވީޑިއޯއެކެވެ. އެ ފިލްމު އުފެއްދުމުގައި ވިސްނުން ބެހެއްޓި ގޮތް ސްޕެނިޝް ބަހުން ފަރިތަކޮށް ކިޔައިދީފައިވާ އިންޓަވިއުގެ ތަންކޮޅެއް ޓިކްޓޮކަށް ލުމުން އެތައް ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ. އެކަކު ސަމާސާ ކުރަމުން ފާހަގަކުރީ "ބެން ބެނީތޯ އަށް ބަދަލުކޮށްލި ގޮތް" ފުރިހަމަކަމެވެ.
އެކްޓަރު، ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އެފްލެކްގެ އަންހެނުން ޖެނިފާ ލޯޕޭޒް ނިސްބަތްވަނީ ސްޕެނިޝް ބަހުން ވާހަކަދައްކައި އުޅޭ ޕުއެޓޮ ރީކޯ އަށެވެ. ނަމަވެސް އެފްލެކް ސްޕެނިޝް ބަސް ދަސްކުރީ މާ ކުރިން ޅަފުރައިގަ އެވެ. އޭނާ ކެލީ ކްލާކްސަންގެ ޝޯގައި ބުނެފައިވާގޮތުގައި އެ ބަސް ދަސްވީ އުމުރުން 13 އަހަރުގައި ޓީވީ ޝޯއެއް ކުޅެން އެއް އަހަރު ވަންދެން މެކްސިކޯގައި ދިރިއުޅުނު އިރެވެ.
އެފްލެކް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ އާއި ކުރީގެ އަންހެނުން ޖެނިފާ ގާނާގެ ދަރިފުޅު ވަޔަލެޓް ސްކޫލުގައި ސްޕެނިޝް ބަސް ކިޔަވައި އެ ބަހަށް މޮޅުވެގެންދިޔަ ވަރުން އޭނާ އަށް ވަނީ ސްޕެނިޝް ބަސް ކުރިއަށް ވުރެ ބޮޑަށް ދަސްކޮށް ފަރިތަކުރަން މަޖުބޫރު ވެސް ވެފަ އެވެ.