ހެއިލީ ބީބާ އަދި ސެލީނާ ގޯމޭޒް
ހެއިލީ ބީބާއަށް ކުރާ ފުރައްސާރަ ހުއްޓާލަން ސެލީނާ ގޯމޭޒް ގޮވާލައިފި
ހެއިލީ ބީބާއާ މެދު އޯގާވެރިވުމަށް ސެލީ ގޯމޭޒް އަނެއްކާވެސް އޭނާގެ ފޭނުންގެ ކިބައިން އެދިއްޖެ އެވެ.
ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއެއްގައި ބުނިގޮތުގައި މަރުގެ އިންޒާރާއި ނަފްރަތުގެ ބަސްތައް އަމާޒުވަމުންދާތީ ހެއިލީ ވަނީ އޭނާއާ ވާހަކަދައްކައިފަ އެވެ.
"މިއީ އަހަރެން ތާއީދުކުރާ ކަމެއް ނޫން،" ސެލީނާގެ ނޯޓުގައި ލިޔެފައިވެ އެވެ. "ނަފްރަތާއި ހަނގާކުރުމަކީ އެއްވެސް މީހަކަށް ތަޖުރިބާކުރަން ޖެހިގެންވާނެ ކަންކަމެއް ނޫން. އަހަރެން އަބަދުވެސް ވަކާލާތުކުރަނީ އޯގާވެރިކަމަށް އަދި ހަގީގަތުގައި ބޭނުންވަނީ މި ހުރިހާ ކަމެއް ހުއްޓެން."
ސެލީނާ ގޯމޭޒް އާއި ހެއިލީ ބީބާއާ ދެމެދު ބޮޑު ދެކޮޅުވެރިކަމެއް އޮތް ކަމަށް އެ ދެ މީހުންގެ ފޭނުން ދެކެ އެވެ. އަދި އަބަދުވެސް ސޯޝަލް މީޑިއާގައި އަނެއް މީހާއާ ދިމާކޮށްލައި ފުރައްސާރަކޮށް ހަދަ އެވެ. މި މައްސަލައިގެ އަސްލަކީ ސެލީނާ އާއި ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާގެ ވަކިވުމާއި ޖަސްޓިން ބީބާ އާއި ހެއިލީ ކައިވެނިކުރުމެވެ.
ހެއިލީއަށް ފުރައްސާރަކުރުން ހުއްޓާލަން ސެލީނާ މި ގޮވާލީ، ޖަސްޓިން ބީބާ އާއި އޭނާގެ އެކުވެރިޔާ ކައިލީ ޖެނާ މިފަހުން ޕޯސްޓްތަކެއް ނެރުނީ ސެލީނާއަށް އަމާޒުކޮށްގެން ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާ ކެކެން ފެށިތާ މަހެއް ފަހުންނެވެ.
ސެލީނާގެ ފޭނުންގެ ފަރާތުން ކުރިމަތިވާ ކަންކަމާ ބެހޭގޮތުން ހެއިލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕޮޑްކާސްޓެއްގައި ވާހަކަދައްކާފައިވެ އެވެ. އެ އިންޓަވިއުއާ ގުޅިގެން ވެސް ސެލީނާ ވަނީ ހެއިލީއާ މެދު އޯގާތެރިކޮށް ހިތުމަށް ގޮވާލައިފަ އެވެ. ސެލީނާ އޭރު ޓިކްޓޮކްގައި ބުނެފައިވަނީ އެކަމުގައި އެއްވެސް އިންސާފެއް ނެތް ކަމަށާއި އެފަދަ މޭރުމަކުން އެއްވެސް މީހަކާ މުހާތަބުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ ހަފްތާތަކެއް ފަހުން ސެލީނާ އާއި ހެއިލީ، ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓަކުން ދިމާވެ އެކުގައި ފޮޓޯ ނަގައިފައިވެ އެވެ.