ވާހަކަ: ހަޔާތުގެ ސިއްރު
އެޕިސޯޑް 20
"ދަރިފުޅުމެން ބޭނުންވަންޏާ، ގޭގެ މަތީ ފްލޯ ވެސް ހުސްކޮށްލެވިދާނެ. ތި ތިންމައިން އުޅެން. މިއައީ ވެސް މިހިޔާލު ދޭން. މަންމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ތި ތިންމައިން މަންމައާ އެހާ ދުރަށް ދާކަށް. ކީކޭ ބުނަނީ؟"
ރަމްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންމަގެ އެ ކަންބޮޑުވުންތައް ހުންނާނެކަން ރަމްލާއަށް އެނގެއެވެ. ނަމަވެސް ރަމްލާއަށް ވެސް ޔަގީންވާ ކަމަކީ، ރަމްލާ އެ ހުރި ހާލަތުގައި މަންމަ ހުރި ކަމުގައި ވީނަމަވެސް ކަންތައް ކުރާނީ އެހެން އެންމެންނަށް ބަލައިގަނެވޭ ފަދަ ގޮތަކަށް ނޫން ކަމެވެ. ރަމްލާއާ ދޭތެރޭ މަންމަގެ ހިތުގައި ވާ ޝަކުވާތައް ފުހެލަން ރަމްލާ ކިތަންމެ ބޭނުން ވިޔަސް، ރަމްލާއަކަށް ހަގީގަތަށް ވާހަކަ ދެއްކޭކަށް ނެތެވެ. ރަމްލާއާ ހެދި އެ އާއިލާ ތެރޭގެ މަސްލަހަތު ގެއްލެން ބޭނުން ނުވާތީއެވެ. އަދި ރަމްލާއަށް އެ މަންމަގެ ހިތުގައި ކިތަންމެ ލޯތްބާއި އޯގާތެރިކަމެއް އޮތް ކަމުގައި ވިޔަސް، އެ މަންމަގެ ދަރިއެއްގެ ނުބައި ވާހަކަ ބުނެގެން އެކަން ގަބޫލު ކުރާނެ ކަމުގެ އެއްވެސް އުންމީދެއް ރަމްލާގެ ނެތެވެ. ހާއްސަކޮށް، މަންމަ އެ ދަރި ސިފަކުރަނީ ވަރަށް ބަސްމަދު، މީހުންގެ ކަންކަމާ ނުބެހޭ، އަހުލާގު ރަނގަޅު ދަރިއެއްގެ ގޮތުގައިކަން ރަމްލާއަށް އެނގިފައިވާތީ އެފަދަ މީހެއްގެ ނުބައި ވާހަކަ ބުނެގެން އެކަން ގަބޫލު ކުރާނެ ކަމަށް ދެކޭނީ ކިހިނެއް ހެއްޔެވެ؟
ރަމްލާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން، މަންމަ އުންމީދު ކަނޑާލިއެވެ. އަދި ރަމްލާގެ ނިންމުން ބަދަލު ނުވާނެކަން މަންމައަށް ޔަގީންވިއެވެ. "ރަމްލާ ކޮންމެ ގޮތަކަށް ނިންމިޔަސް، މަންމައާ މަންމަގެ ދަރިފުޅު ވަކި ނުކުރުން އެދެން. ދަރިއަކު އެހެން ވަކި ކުރީމަ މަޔަކަށް އެކަން ބަލައެއް ނުގަނެވޭނެ. އެކަމުގެ ހިތާމައަށް ކެތް ކުރަން ފަސޭހައެއް ނުވާނެ. މަންމަ ފައިސަލް ގާތުގަ ވެސް ބުނިން، ރަމްލާއާއި ދަރިފުޅު ވަކި ނުކުރައްޗޭ. އެއީ އެކަމުގެ ސަބަބުން ރަމްލާއަށް ކުރެވޭނެ އިހުސާސް މަންމައަށް އެނގޭތީ. އެހެންވެ މަންމަ ވެސް މިއެދެނީ މަންމަގެ ދަރިފުޅު މަންމައާ ވަކި ނުކުރަން."
ރަމްލާގެ މުސްތަގުބަލަށްޓަކައި ދެން އަޅަން ގަސްތު ކުރާ ފިޔަވަޅާ މެދު އެކި މީހުންގެ ހިޔާލު ރަމްލާއަށް އެދަނީ ލިބެމުންނެވެ. ފައިސަލް ހުރީ ރަމްލާ ބުނި ކޮންމެ ގޮތަކަށް ވެސް ރުހޭ ގޮތަށެވެ. ފައިސަލްގެ މަންމަ ރަމްލާ ރަށަށް ދާން ގަބޫލެއް ނޫނެވެ. ފައިސަލް އެ މަންމައާ ދުރުވެދާނެތީއެވެ. ދެން ހުރީ ދޮންތައާއި މަންމައެވެ. ދޮންތަގެ ވިސްނުން ވެސް ރަމްލާއާ އެއްކޮޅެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެހީތެރިވެދެމުން އައި ދޮންތަ ވެސް ރަމްލާގެ މި ނިންމުމާ ދެކޮޅެވެ. ރަށަށް ދާން އުޅޭ ކަމުގެ ވާހަކަ ދޮންތައަށް އަޑުއިވުމުން، ފާޅުގައި އެކަމާ ދެކޮޅަށް ނަސޭހަތް ދިނެވެ. ވިސްނައިދޭން މަސައްކަތް ކުރިއެވެ. ފައިސަލްގެ ދިރިއުޅުމާއި ވިޔަފާރި ދޫކޮށް ފައިސަލް ގޮވައިގެން ރަށަށް ދިއުމުން ދިރިއުޅުން އަލުން ޖެހޭނީ ފަށަން ކަމާއި އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަން ވިސްނައިދިނެވެ. އެފަދަ ތަކުލީފެއް ފައިސަލަށް ޖެއްސުމުގެ ބޭނުމެއް ދޮންތައަކަށް ވެސް ނުވިސްނެއެވެ.
ދެން ހުރީ މަންމައެވެ. މަންމަ ގާތަށް ދާން ވިސްނާއިރު މަންމަ އެކަމާ ދެކޭނީ ކިހިނެއް ހެއްޔެވެ؟ ރަމްލާ ވިހަން ކައިރިވެފައި އިން ދުވަސްވަރު މާލެ އައިސް ރަމްލާއަށް ވަރަށް ނަސޭހަތްދީ ނުރުހުން ވެސް މަންމަ ފާޅު ކުރިއެވެ. ނަމަވެސް އެއީ މަންމައެވެ. ދެން ވެސް ބަލައިގަންނާނެ ކަން ރަމްލާއަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ދޮންތަގެ ވިސްނުން ހުރީ އެގޮތަކަށް ނޫނެވެ. ފައިސަލްގެ އާއިލާއާ ރުޅިހަދާލާފައި ފައިސަލް ގޮވައިގެން މަންމަ ގާތަށް ދިޔަޔަސް މަންމަ ރަމްލާއާ ދޭތެރޭ ރަނގަޅު ނަޒަރަކުން ނުދެކޭނެ ކަމަށް ދޮންތަ ވިސްނައިދިނެވެ. ރަމްލާއަށް އޮތް ހަމައެކަނި ގޮތް ކަމަށް ބެލެވުނު މަގު ވެސް ބަންދުވީ ކަމަށް ރަމްލާ އަށް ހީވިއެވެ.
ރަމްލާގެ އަރުތެރެ ބެދުނެވެ. އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ރީޝާއާ ކުރިމަތިލިއެވެ. ލޮލުން އޮހޮރޭ ކަރުނަތަކުން ކޯތާފަތް ވަނީ ރަތްވެފައެވެ. ރީޝާއަށް ރޮވުނެވެ. މަންމަގެ ކަރުނަތައް ފޮހެދިނެވެ. މަންމަގެ ވާހަކަތަކުން ރީޝާއަށް ޖަވާބު އަދި ނުލިބޭ އެއް ސުވާލު ކޮށްލަން ބޭނުންވިއެވެ. "މަންމާ. އެއީ މަންމަގެ ފުރަތަމަ ދަރިފުޅު ދޯ؟ މަންމަ ވަރަށް ލޯބިވިން ދޯ އެ ދަރިފުޅު ދެކެ؟ ކޮބާ މިހާރު އެ ކޮއްކޮ؟"
"އާނ ދަރިފުޅާ! ކޮންމެ ގޮތަކުން ލިބުނު ކުއްޖެއް ކަމަށް ވިޔަސް އެކަމުގައި އެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތް. މަންމަ ވަރަށް ލޯބިވިން އެ ދަރިފުޅު ދެކެ. އެ ދަރިފުޅަށް ޓަކައި މަންމަގެ ހުރިހާ ވަގުތެއް ހުސްކުރިން. މި އުނގުގަ ގެންގުޅެ ބޮޑު ކުރީ. އެ ދަރިފުޅު މިހުރީ،" ރީޝާގެ ބޮލުގައި ފިރުމާލަމުން ރަމްލާ ބުންޏެވެ.
ރީޝާ ހައިރާންވިއެވެ. އެ ހުރިހާ ވާހަކައެއް އަޑުއެހި އިރު ވެސް އެ ކިޔަނީ ރީޝާގެ ވާހަކަ ކަމެއް ރީޝާއަކަށް ހިއެއް ނުވެއެވެ. އެވާހަކަ ގަބޫލު ކުރަން ދަތިވިއެވެ. "ބައްޕަ" ކަމަށް ހީކޮށް ބައްޕައާ ބައްދަލުކޮށް ހެދި ފަހުން އެއީ އަދި ބައްޕައެއް ނޫނޭ ބުނާ އަޑު އަހަން ފަސޭހައެއް ނުވާނެއެވެ. މަންމަގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ސަބަބު ގޮސް ގުޅެނީ ރީޝާއާ ކަން އެނގުމުން ރީޝާގެ ހިތުގެ ވަރަށް ފުނަށް އެކަމުން އަސަރު ކުރިއެވެ. މަންމައާއި ބައްޕަ އަލުން ގުޅުވަން ރީޝާ ދެކެމުން އައި ހުވަފެން ކުލަވާނެ ގޮތެއް ނެތްކަން ގަބޫލުކުރަން ރީޝާއަކަށް ފަސޭހައެއް ނޫނެވެ. ރީޝާގެ އެ ހުރިހާ އިހުސާސްތަކެއް ރަމްލާއަށް ފެނުނީ ރީޝާގެ މަޑުމޮޅިކަމާއި ރުއިމުންނެވެ. ރީޝާ އިނީ ބަސް ހުއްޓިފައެވެ.
"ދަރިފުޅާ. ތިއީ މަންމަގެ ލޭ. އެ މީހަކު ކުރި ފާފައެއް އެމީހަކަށް. ތިއީ މިކަމުގަ އެއްވެސް ބަދުނާމެއް ރައްދުވާން ޖެހޭ ކުއްޖެއް ނޫން. މަންމަ މި ކިޔައިދިން ގޮތަށް، މުޅި ދުނިޔެއާ ވެސް ދެކޮޅަށް ތެދުވެ، ދަރިފުޅު އެމީހާގެ ކިބައިން ސަލާމަތް ކުރިން. މި ވީހާ ދުވަހު ވެސް އެ ވާހަކަތައް ދަރިފުޅަށް ކިޔައިނުދިނީ ތިގޮތަށް ދަރިފުޅަށް އިހުސާސް ކުރެވޭނެތީ. އެ ވާހަކަތައް އަޑުއަހަން ދަރިފުޅަށް ފަސޭހަނުވާނެކަން މަންމަ އަށް އެނގޭތީ،" ރީޝާއަށް ކޮށްފައިވާ އަސަރު ފެނި ރީޝާ ހަމައަކަށް އެޅުވޭތޯ ރަމްލާ މަސައްކަތް ކުރިއެވެ.
"ދެން އެހެންވިއްޔާ ކީއްވެ މާމަ ކައިރިއަށް ރަށަށް ނުދިޔައީ؟ ބައްޕަ. މި ބުނީ މަންމަގެ ހަސްބެންޑް. ކޮންމެ ގޮތެއް ވިޔަސް އަހަރެން ކިޔާނީ ބައްޕަ. ބައްޕަ ވެސް ރަށަށް ދާން ގަބޫލުވެފަ ހުއްޓާ ކީއްވެ ނުދިޔައީ؟" ރީޝާ ސުވާލު ކުރިއެވެ.
ރަށަށް ދާން ބޭނުންވި ނަމަވެސް، މަންމަގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން، އަދި ފައިސަލްގެ މަންމަގެ އާދޭހަށް ގޮންޖަހަން ރަމްލާ ބޭނުންނުވީއެވެ. ރީޝާއަށް ވެސް ރަމްލާ އެކަން ވިސްނައިދިނެވެ. އަދި މޭޒު ކައިރިއަށް ގޮސް، ފެން ތައްޓެއް ބޯލިއެވެ. އަދި ރަމްލާގެ ހަޔާތުގެ ސޮފްހާތަކުން ރީޝާއަށް އިތުރަށް އޮޅުންފިލުވައިދިނެވެ.
- ނުނިމޭ -
ކޮމެންޓް (2)
ފާތުން
ފާތުން