ޝަކީރާ (ކ) ކުރީގެ ބައިވެރިޔާ ޖެރާޑް ޕީކޭއާ އެކު

މިއުޒިކް

ހިތްހަލާކުވެގެން ލަވަކީ ކޮންމެހެން ކިޔަން ޖެހިގެން: ޝަކީރާ

ކުރީގެ ބައިވެރިޔާ ޕީކޭގެ ބޭވަފާތެރިކަމަށް ރައްދު ދިން އެ ލަވަ ނުހެދި ނަމަ އެ ހިތާމައިގައި އޭނާ ހުންނާނީ މުޅިން އެހެން ހިސާބެއްގައި ކަމަށް ޝަކީރާ ބުނި
2 މާރިޗު 2023

ކުރީގެ ބައިވެރިޔާ ޖެރާޑް ޕީކޭއާ ވަކިވާން ޖެހުމުގެ ހިތްހަލާކުގައި އޭނާއަށް ވަރުގަދަ ރައްދެއް ދިން ލަވައަކީ އެ ވޭނުން އަރައިގަތުމަށް ކޮންމެހެން ކިޔަން ޖެހުނު ލަވައެއް ކަމަށް ޝަކީރާ ބުނެފި އެވެ.

ޝަކީރާ މިފަހުން ނެރުނު ދެ ލަވައިގެ ތެރެއިން އާޖެންޓީނާގެ ޕްރޮޑިއުސަރު ބިޒާރެޕްއާ އެކު 11 ޖެނުއަރީގައި ރިލީޒްކުރި 'ބިޒާރެޕް މިއުޒިކް ސެޝަންސް ވޮލިއުމް 53' އަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޕީކޭގެ ބޭވަފާތެރިކަމާ ބެހޭގޮތުން ކިޔާފައިވާ ލަވައެއްކަން ދޭހަވެ އެވެ. ޔޫޓިއުބުގައި 24 ގަޑި އިރު ތެރޭ އެންމެ ގިނަ ބަޔަކު ބެލި ލެޓިން ލަވައިގެ ރެކޯޑް މުގުރާލި އެ ލަވައާ ގުޅިގެން ޝަކީރާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބި އޭގެ އަނެއްކޮޅުން ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ކޮލަމްބިއާގެ ޝަކީރާ މެކްސިކޯގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ލަވަ ނުހެދި ނަމަ އަދި އުދާސްތައް ބޭރުކޮށްލައި އޭނާގެ ވޭނާ މެދު ވިސްނާލަން ފުރުސަތު ނުލިބުނު ނަމަ އޭނާ ހުރީހީ މުޅިން އެހެން ހިސާބެއްގައި ކަމަށެވެ.

"ބިޒާރެޕްއާ އެކު އަހަރެން ސެޝަން 53ގެ މަސައްކަތް ކުރި ދުވަހު އެކަން ކުރުމުގެ ކުރި އާއި ފަހުގެ ފޮޓޯ ކޮންމެވެސް މީހަކު ނަގާފައި ހުންނަންވާނެ. އަހަރެން ސްޓޫޑިއޯއަށް ވަތް އިރު ހުރީ ވަކި ގޮތަކަށް، ސްޓޫޑިއޯއިން ނުކުތް އިރު ހުރީ އެހެން ގޮތަކަށް،" ސްޕެނިޝް ބަހުން ކިޔާފައިވާ ލަވައާ ބެހޭގޮތުން ޝަކީރާ ބުންޏެވެ.

ޝަކީރާ

ހިތުގެ ކެކުޅުން ބަންޑުންކޮށްލަން ދިން ފުރުސަތަށްޓަކައި ބިޒާރެޕްއަށް ޝުކުރު އަދާކުރަމުން ޝަކީރާ ބުނީ އެ ލަވަ ކިޔާލުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި އެއީ ހިތްދަތިކަމުން އަރައިގަތުމުގެ ފަރުވާއެއްގެ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހުނު ކަމެއް ކަމަށެވެ.

ޝަކީރާ ބުނިގޮތުގައި ބިޒާރެޕްއާ އެކު ލަވައެއް ހެދުމުގެ ހިޔާލު ދިނީ 10 އަހަރުގެ ފިރިހެން ދަރިފުޅު މިލާން އެވެ.

ހިތްހަލާކުވުމުން ފަރުވާއަކަށް އެފަދަ ލަވައެއް ބޭނުންކުރުމުން ފާޑުކިޔުން އަމާޒުވެފައިވާ އިރު، އިންޓަވިއުގައި ޝަކީރާ ބުނީ އޭނާ އަބަދުވެސް އުޅުނީ "ޖަޒުބާތީގޮތުން ފިރިހެނުންނަށް ބަރޯސާވެގެން" ކަމަށާއި އަންހެނެއްގެ އަމިއްލަ ނަފްސު ފުރިހަމަވާން ފިރިހެނަކު ބޭނުންވާނޭ ކަމުގެ ވިސްނުން ވެސް ބަލައިގަނެވުނު ކަމަށެވެ.

އެކަމަކު މިހާރު ނަފްސު ފުރިހަމަވެފައިވާ ކަމުގެ އިހުސާސްކުރެވޭ ކަމަށާއި ސަބަބަކީ މިހާރު ބަރޯސާވަނީ އަމިއްލަ ނަފްސަށް ކަމުގައިވުން ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް ބަރޯސާވާ ދެ ދަރިން ތިބުމުން، ސިންގާއަކަށް ވުރެ ވެސް ހިތްވަރުގަދަވާން ޖެހޭ ކަމަށް ޝަކީރާ ބުންޏެވެ.

ޝަކީރާ

އޭނާ ބުނިގޮތުގައި އެފަދައިން ހިތްވަރު ލިބުނީ ހިތާމަ ފާޅުކޮށް، ހީކުރާ ގޮތަށް ހުރިހާ ކަމެއް ނުވާނެކަން ގަބޫލުކުރުމުންނެވެ. ކުދިންގެ މަންމަ އާއި ބައްޕަ އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ އާއިލާއެއްގެ ހުވަފެން އޭނާ ވެސް ދުށްކަން ފާހަގަކޮށް ޝަކީރާ ބުނީ ހަޔާތުގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ނުވާ ކަމަށާއި އެކަމަކު އޭގެ ބަދަލެއްގެ ގޮތުގައި އެހެން އުފަލެއް ކޮންމެވެސް ގޮތަކުން ލިބޭ ތަން އަންނަ ކަމަށެވެ.

ޕީކޭއާ އެކު 12 އަހަރު ވަންދެން ހޭދަކުރި ދިރިއުޅުން ރޫޅިގެންދިޔަކަން ދެ މީހުން އިއުލާންކުރުމުން އޭނާއަށް އެންމެ ބޮޑަށް ހިތްވަރުދިނީ އަންހެނުންކަން ވެސް ޝަކީރާ ފާހަގަކުރި އެވެ. އޭނާ ބުނީ މިއީ މުޖުތަމައުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމު ދަނޑިވަޅެއް ކަމަށާއި އަންހެނުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ބޭނުންތެރިކަމާއި މުހިއްމުކަން ވަރަށް ބޮޑު ވެފައިވާ ކަމަށެވެ.

'ބިޒާރެޕް މިއުޒިކް ސެޝަންސް ވޮލިއުމް 53' ލަވަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް