ވިކީ ކޯޝަލް
ވިކީ ފިލްމުތަކަށް އާނ ބަސް ބުނާ ގޮތް ކިޔައިދީފި
ވިކީ ކޯޝަލް ފިލްމެއް ކުޅެން އެއްބަސްވާއިރު ބަލާ ކަންތައްތައް ކިޔައިދީފި އެވެ.
ޝެހެނާޒް ގިލްގެ ޔޫޓިއުބް ޗެނަލްގައި ގެނެސްދޭ ޓޯކް ޝޯ، 'ދޭސީ ވައިބްސް'ގެ ތިންވަނަ އެޕިސޯޑުގައި ބައިވެރިވެ ވާހަކަ ދައްކަމުން ވިކީ ބުނީ އޭނާ އަށް ފިލްމެއްގެ ސްކްރިޕްޓު ލިބުމުން އެ ކިޔަނީ އޯޑިއަންސްގެ ނަޒަރުން ކަމަށެވެ.
"އަހަރެން ސްކްރިޕްޓު ކިޔާއިރު ބަލާ ކަމަކީ، އޭތި ފިލްމަކަށް ހަދައިފިއްޔާ އަމިއްލަ ޖީބުން 300 ނޫނީ 500 ރުޕީސް ހަރަދުކޮށްގެން އެ ބަލަން ދާ ވަރުތޯ. އޯޑިއަންސްގައި ފިލްމު ބަލަން އިންނަ މީހާގެ ނަޒަރުން އަހަރެން ސްކްރިޕްޓު ކިޔަނީ. އެ ފައިސާ ދީފައި އަހަރެން އެ ފިލްމެއް ބަލަންދާނެ ވަރުގެ ފިލްމެއް ވިއްޔާ އެއަށް އާނ ބަސް ބުނަނީ،" އޭނާ ބުންޏެވެ.
ވިކީ ވަނީ އޭނާ އިންޖިނިއަރިން ކިޔަވައިގެން އެކްޓިން އަށް ވަތް ގޮތް ވެސް ކިޔައިދީފަ އެވެ. އެގޮތުން ކޮލެޖުގައި އުޅުނު އިރު، އެއް ދުވަހަކު ކްލާސް ކުދިން އޮފީހަކަށް ގެންގޮސް އެ ތަނުގައި ކަންހިނގާ ގޮތް ދެއްކި ކަމަށާއި، މުޅި އުމުރު އެގޮތަށް އޮފީހެއްގައި މަސައްކަތް ކުރަން ބޭނުން ނުވާކަން އެ ދުވަހު އިހުސާސްވި ކަމަށް ވިކީ ބުންޏެވެ.
"އަހަރެން ހިތަށް އެރީ އުމުރުން 40 އަހަރު ވާއިރު މިސާލަކަށް އެ ނޫން ކަމެއް ކުރަން ބޭނުންވެދާނެއޭ. އޭރުން އަހަރެން ހުންނާނީ މުސްކުޅިވެފައި،" އޭނާ ބުންޏެވެ.
ވިކީ ބުނީ އަބަދުވެސް އެކްޓިން އަށް ޝައުގު ހުންނަ ކަމަށާއި ސްކޫލުގައި އުޅުނު އިރު ވެސް ކޮއްކޮ ސަނީ ކޯޝަލް އާއެކު ކޮންސެޓުތަކުގައި ނަށައި ޑްރާމާ ތަމްސީލު ކުޅުނު ކަމަށެވެ.
ވިކީ އެންމެ ފުރަތަމަ ފެނުނު ފިލްމަކީ 2012 ވަނަ އަހަރު ނެރުނު 'ގޭންގްސް އޮފް ވާސިޕޫރް' އެވެ. އޭގެ ފަހުން 'ރާޒީ' ، 'ސަރުދާރު އުދަމް' އަދި 'ސަންޖޫ' ފަދަ ފިލްމުތަކުގައި އުޅުނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 16 ވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާގައި ރިލީޒް ކުރާ 'ގޯވިންދާ ނާމް މޭރާ' އެވެ.