ކިމް އާއި ކާންޔޭ

ކިމް ކާޑޭޝިއަން

ކާންޔޭ ދަރިންގެ ހަރަދަށް މަހަކު 2 ލައްކަ ޑޮލަރު ދައްކަން ޖެހޭ

ކާންޔޭ އާއި ކިމް ކާޑޭޝިއަން ވަރިވީ އަށް އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު
1 ޑިސެމްބަރު 2022

ކިމް ކާޑޭޝިއަން އާއި ކާންޔޭ (ޔޭ) ވެސްޓުގެ ވަރީގެ ކަންތައް ނިމި، ދެ މީހުންގެ ދަރިންގެ ހަރަދަށް މަހަކު 200،000 ޑޮލަރު ދޭން ކޯޓުން ކާންޔޭ އަށް އަމުރުކޮށްފި އެވެ.

ރެޕާ ކާންޔޭ އާއި ވިޔަފާރިވެރިޔާ އަދި ރިއަލިޓީ ތަރި ކިމް އަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އެ ކުދިންގެ ސްކޫލު ހަރަދާއި އެހެނިހެން ހަރަދުތައް ދެ މީހުން ބަހާލައިގެން ކުރާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

އަގުބޮޑު ވަރިއާ އެކު، ދެ މީހުން ކައިވެނިކޮށްގެން އުޅުނު އިރު އެކުގައި ގަނެފައިވާ ގެދޮރު ވެސް ދެ މީހުންގެ މެދުގައި ބެހުމަށް ވަނީ ނިންމައިފަ އެވެ. އަދި ދަރިންގެ ހަޟާނަތު ދެ މީހުންނަށް ވެސް އޮންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެ އެވެ. ދަރިންގެ ހަރަދު ފިޔަވައި ދެ މީހުން އެކަކު އަނެކަކަށް އެއްވެސް ހަރަދެއް ނުކުރާނެ އެވެ.

ވަރީގެ އެއްބަސްވުމުގައިވާ ގޮތުން ކުދިންގެ އުމުރުން 19 އަހަރު ވުމުގެ ކުރިން ކިމް ދިިރިއުޅޭ ހިޑެން ހިލްސް ސަރަހައްދާ 100 ކިލޯ މީޓަރަށް ވުރެ ދުރަށް އެ ކުދިން ދިރިއުޅޭކަށް ނުދާނެ އެވެ.

ކާންޔޭ އާއި ކިމް ވަރިވީ އަށް އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު އެވެ. އެ ކައިވެނި ކޯޓުން ރޫޅާލީ ކިމްގެ އެދުމަށް މި އަހަރުގެ މާޗު މަހު އެވެ. ވަރިއާ ގުޅިގެން ދެން ފުރިހަމަކުރަން ޖެހޭ ގާނޫނީ ކަންކަން އެއްކޮށް ނިންމާލަން އަދި އެއް އަޑުއެހުން ބާއްވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް