ސްލައިސްގެ އިޝްތިހާރެއްގައި ކެޓްރީނާ
ކެޓްރީނާގެ ބަދަލުގައި ސްލައިސްގެ އާ މޫނަކަށް ކިއާރާ
އިންޑިއާގެ މަޝްހޫރު އަނބު ޖޫސް ބްރޭންޑު 'ސްލައިސް'ގެ އާ މޫނަކަށް ކިއާރާ އަދަވާނީ ހަމަޖައްސައިފި އެވެ.
އެތައް އަހަރެއް ވަންދެން ސްލައިސްގެ އެމްބެސެޑަރުކަން ކުރީ ކެޓްރީނާ ކެއިފް އެވެ. އަނބު މޫސުން ފެށޭއިރު ސްލައިސްގެ އިޝްތިހާރުތަކުން ކެޓްރީނާ ފެނެ އެވެ.
އޭނާ ވަނީ މި އަހަރުގެ ހޫނު މޫސުން ފެށުމާ ދިމާކޮށް ސްލައިސްގެ އިޝްތިހާރެއް ކުޅެން ރާއްޖެ ވެސް އައިސްފަ އެވެ.
ސްލައިސް އިން ބުނީ އެ ބްރޭންޑުގެ މޫނުގެ ގޮތުގައި ކެޓްރީނާ ފެންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިއީ ބަދަލަކަށް އެންމެ އެކަށޭނަ ވަގުތު ކަމަށެވެ. ކިއާރާ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ތަރިކަން ސްލައިސް އިން ފާހަގަކުރި އެވެ.
ކިއާރާ އާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އަދި އެއްވެސް ޓީވީ އިޝްތިހާރެއްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ސްލައިސް އިން ބުންޏެވެ.
ކިއާރާ އަކީ މިހާރު ވެސް ގިނަ ބްރޭންޑުތަކެއްގެ އެމްބެސެޑަރެވެ. ގިނަ ފިލްމުތަކަކާ އެކު މި އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފަންނާނަކީ ވެސް ކިއާރާ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ގޯވިންދާ ނާމް މޭރާ' އާއި 'ސަތުޔަޕްރޭމް ކީ ކާތާ' ހިމެނެ އެވެ.