ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ރަހުމަތްތެރިއެއްގެ ލަފަޔާ އެއްގޮތަށް އަޒްފާ ރާގީއެއްގެ އެހީ ހޯދިއެވެ. ޝަމާން މާ ގަބޫލު ކުރާ ކަމަކަށް ނުވިޔަސް، އެކަމާ ޝަމާން ވެސް ދެކޮޅެއް ނުހަދައެވެ. ކޮންމެ ގޮތަކުން ވިޔަސް، ދަރިފުޅަށް ވެގެން އުޅޭ ގޮތެއް ސާފުވާން ބޭނުން ވާތީއެވެ.
24 ނޮވެމްބަރު 2022

އެޕިސޯޑް 7

ހުރިހާ ފޮތެއް ވަކި ވަކިން ބެލިއެވެ. ނުފެނުނެވެ. ދެން ހަދާނެ ގޮތެއް ނުވިސްނުނެވެ. ކޮޓަރި ތެރޭގައި އަޅާފައިވާ ދޫލައިގެ ދަށް ވެސް ބެލިއެވެ. އެނދާއި ބާލީސްތައް ހިއްލައިގެން ވެސް ބެލިއެވެ. ނުފެނުނެވެ. ކުނިވަށިގަނޑު ކޮޓަރިތެރެއަށް އޮއްސާލިއެވެ. އެކި ކަރުދާސްކޮޅު ވަކިވަކިން ބެލިއެވެ. އެއްވެސް ތަނަކުން ނުފެނުނެވެ. ނިތްކުރީގައި އަތް އަޅައިގެން ހުރެވުނީއެވެ.

"މިއީ ކޮން ކަމެއް؟" ރަފްހާ ސިއްސައިގެން ދިޔައީ އަޝްރަފް އައިސް ސުވާލު ކުރުމުންނެވެ. އަޝްރަފް ބަލަހައްޓައިގެން ހުރީ ކޮޓަރީގައި ހާވާލާފައި އޮތް ކުނިތަކާ ދިމާލަށެވެ.

"މިތަނަށް ސުނާމީއެއް އަރާފަތަ މި އޮތީ؟" ދެން ވެސް ވާހަކަ ދެއްކީ އަޝްރަފެވެ. ރަފްހާ އިނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ.

"އަޝްރަފް ދުށިންތަ މި ކޮޓަރިން ކުޑަކުޑަ ޕެކެޓެއް؟ ރަބަރު ޕެކެޓެއް އެއީ،" ރަފްހާ އެހިއެވެ.

"ނޫން. މަށެއް ނުދެކެން. ކިހިނެއްވީތަ؟ ކޯއްޗެއް ހުރި ޕެކެޓެއް އެއީ؟" އަޝްރަފް އައިސް ކަރުދާސްތައް ހާވަމުން ބުންޏެވެ.

"އެއީ އަހަރެން އެއްޗެއް އަޅައިގެން ގެންގުޅުނު އެއްޗެއް. ގެއްލިގެން މިއުޅެނީ. އަނެއްކާ ޒުކާން އޭތި ނެގީ ކަންނޭނގެ،" ކޮޓަރިން ބޭރަށް ހިނގައިގަންނަމުން ރަފްހާ ބުންޏެވެ.

ޒުކާންއާ ސުވާލު ކުރިއެވެ. ނަމަވެސް ރަފްހާ އެ ބުނާ އެއްޗެއް ޒުކާން ނުދެކޭ ކަމުގައި ބުންޏެވެ. ރަފްހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކާ އެއްލައިލެވުނީ ބާވައެވެ. ނުވަތަ މީހަކު އޭތި ނެގީ ހެއްޔެވެ؟ އެކަމަކު ކާކު ހެއްޔެވެ؟ ވީ ގޮތް ނައުމާއަށް ކިޔައިދިނެވެ. އެ ކަމާއި އިޝްފާއަށް ދިމާވެގެން އެ އުޅޭ ކަންތަކާ އެއްވެސް ގުޅުމެއް ވޭތޯ ވެސް ސުވާލު އުފެއްދިއެވެ.

އަޒްފާ ވިސްނަމުން ދިޔައީ އިޝްފާއާ މެދުގައެވެ. ދަރިފުޅަށް އައި ބަދަލުގެ ސަބަބުން ހަދާނެ ގޮތެއް ނުވިސްނެއެވެ. އަޒްފާއަކީ މާ ގިނައިން ބޭރަށް ދާ މީހެއް ނޫނެވެ. ގިނަ ވަގުތު ހޭދަ ކުރަނީ އިޝްފާއާ އެކުގައެވެ.

ޒާރާއަކީ އިޝްފާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޒާރާގެ މަންމަ ޒައިނާއަކީ އަޒްފާގެ ވެސް ގާތް އެކުވެރިއެކެވެ. ދެ ކުދިން ދިމާނުވާތާ ގިނަ ދުވަސްތަކެއް ވުމުން ޒައިނާ އައީ އިޝްފާއަށް ގޮވާލާށެވެ.

"ޒާރާ ބުނި އިޝްފާ އުޅެނީ ކުޑަކޮށް ބަލިކޮށޭ. އަސްލު ކިހިނެއްތަ ވީ؟" ޒައިނާ އާއި އަޒްފާ ތިބީ ސިޓިން ރޫމުގައެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

"ނޭނގެ މަށަކަށް. މަގޭ ދަރި މުޅިން ހަލާކުވެއްޖެ. ޑޮކްޓަރުންނަށް ވެސް ވާނުވާއެއް ނޭނގެ. ޓެސްޓްތައް ހެދިއްޖެ. އެކަމަކު ހަމަ އެއްވެސް ކަމެއް ނުފެނޭ. މުޅި ހަށިގަނޑުގެ ހުރިހާ ބައިތަކެއް ބެލިއްޖެ. ޑޮކްޓަރުންނަށް އެއްވެސް ކަމެއް ނުފެނޭ. އެކަމަކު ކުއްލި ކުއްލިއަށް ވަރުގަނޑެއް އަރައިގަންނަނީ. ފާޑެއްގެ އަޑެއް ވެސް ލައްވާލާނެ. ބައެއް ފަހަރު އަހަރެންނާއި ޝަމާންއާ ދިމާލަށް ނަމުން ވެސް ގޮވާފާނެ. އެއީ އޭނަ ދުވަހަކު ވެސް ކުރި ކަމެއް ނޫން. އަހަރެން ހިތަށް އަރަނީ މިއީ ކޮން ކަހަލަ ކަންތައް ގަނޑެއް ބާއޭ." އަޒްފާގެ ވާހަކަ މެދުކެނޑުނެވެ. ދެރަވެގެން ލޮލުން ކަރުނަ އަންނަން ފެށީ ބޭއިހުތިޔާރުގައެވެ. ވާހަކަތައް އަޑުއަހަން އިން ޒައިނާ އިނީ ވިސްނާލާށެވެ.

"އަޒޫ. އަހަރެން ވާހަކައެއް ބުނަންތަ؟ އަޒޫ ތި ދެއްކި ވާހަކައަށް ބޭސް ކޮށްފައި އަހަރެން މި ބުނާ އެއްޗެއް މި ބުނަނީ. ތިއީ ހީވަނީ ފަންޑިތަވެރިކަމެއް ހެން." ޒައިނާ އެހެން ބުނުމުން އަޒްފާގެ ދެ ލޯ ބޮޑުވިއެވެ.

"ތި ދެއްކި ވާހަކައިން އޭނައަށް އެ ވަނީ އެ ކަހަލަ ގޮތްތަކެއްނު؟ އެއީ އެ ކަހަލަ ބައެއް ކަންކަމުގެ އަލާމާތްތައް. ޑޮކްޓަރުންނަކަށް ވެސް އެއްވެސް ކަމެއް ނުފެންނާނެ. އެކަމަކު އެ މީހަކު އަބަދު ބަލިވެ އުޅޭނެ. ނުފެންނަ ހުރިހާ ބައްޔަކީ ސިހުރެކޭ އަހަރެން ނުބުނަން. އެކަމަކު އިޝްފާއަށް ތި ވަމުން ދާ ގޮތްތައް ކިޔައިދިނީމަ އެހެން މި ބުނީ،" ޒައިނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ބުނީތީ ޝަމާންއާ ވާހަކަ ދައްކާލާފަ ތިކަން ބަލާލަބަލަ. އަހަރެން އަތުގައި އޮންނާނެ ރުގްޔާ ކުރާ މީހެއްގެ ނަންބަރު، ފޮނުވާލާނަން އިނގޭ."

އަޒްފާ ހިތަށް އެރިއެވެ. ދަރިފުޅަށް އެވަރުގެ އަނިޔާއެއް ދޭނީ ކާކު ހެއްޔެވެ؟ އެފަދަ ކަމެއް ކުރަން ކެރުނީ ކާކަށް ހެއްޔެވެ؟ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ބަދަލެއް ހިފުން ނޫނީ ދެރައެއް ދިނުން ހެއްޔެވެ؟ އަހަރެން ނުވަތަ ޝަމާންގެ ކިބައިން ހެއްޔެވެ؟ ހިތުގައި އުފެދެމުން ދިޔަ އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުލިބުނެވެ. އޮތީ އެންމެ ގޮތެކެވެ. އެއީ ޒައިނާ އެ ބުނާ ނަންބަރަކަށް ގުޅާލުމެވެ. އެ މީހަކާ މަޝްވަރާ ކޮށްލުމެވެ.

"އެކަމަކު ތިއީ ކިހިނެއް ވާނެ ކަމެއް؟ އަހަރެމެންގެ ދަރިފުޅަށް އެފަދަ ކަމެއް ކުރާނީ ކާކު؟ އަނެއްކާ ކިހިނެއް؟" ޝަމާން ވިސްނާލަމުން ބުންޏެވެ.

"ނޭނގެ. އެނގެން ބޭނުންވާތީ މި ބުނަނީ ޝަމާން މި ނަންބަރަށް ގުޅާބަލާށޭ،" އަޒްފާ ބުންޏެވެ.

"އެކަމަކު..." ޝަމާންގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"ޝަމާން ނުގުޅަންޏާ އަހަރެން ގުޅާފާނަން،" އަޒްފާ ބުންޏެވެ.

"އުހުނ. ދީ ނަންބަރު. މަ މި ގުޅަނީއޭ،" ފޯނު ނަގަމުން ޝަމާން ބުންޏެވެ.

އަނެއް ދުވަހުގެ ހެނދުނެވެ. ރުގްޔާ ކުރާ މީހަކު ގެއަށް ގެނައެވެ. އެ ކަހަލަ ކަންކަމަކީ ޝަމާން މާ ގަބޫލު ކުރާ ކަންކަމެއް ނޫނެވެ. އެއީ މާ ބޭނުންވެގެން ކުރި ކަމެއް ވެސް ނޫނެވެ. ނަމަވެސް އަޒްފާގެ ހިތްހަމަޖެހުމަށެވެ. ކަމުގެ ހަގީގަތް އެ ގޮތަށް ވެސް އެނގޭތޯއެވެ. ދަރިފުޅު އުފުލަމުންދާ ވޭނުގެ ހަގީގަތް އެނގޭތޯއެވެ. އަދި އެއީ އެފަދަ ކަމެއް ނަމަ އެ ކަން ކުރީ ކާކުތޯ ބެލުމަށެވެ.

ފުރަތަމަ ވެސް ސަލާމް ކޮށްލައި ތައާރަފު ވެލިއެވެ. ޝަމާން އެންމެ ބޭނުންވާ ކަންތައް ބުންޏެވެ. އެއީ ކާކު ކުރި ކަމެއްތޯ ބުނެދިނުމެވެ. ރާގީންނަކީ އާންމުކޮށް ސިހުރު ހެދުވި މީހާގެ ނަން ބުނެ އުޅޭ ބައެއް ނޫނެވެ. އެއީ މަސްލަހަތަށްޓަކައެވެ. ފިތުނައަށް މަގުފަހިވެ ބަދަލު ހިފާނެތީއެވެ.

"އަހަރެންގެ ޝަރުތަކީ ބަދަލު ނުހިފުން. ބަދަލު ހިފައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ. އާންމުކޮށް މި ކަހަލަ ކަންކަން ކުރަނީ އާއިލާ މީހުން ނުވަތަ ދެކެ ފަރިތަ ރައްޓެހިން،" ރާގީ ފަހުދު ބުންޏެވެ.

"އެ ކަހަލަ ކަމެއް ކުރި މީހަކަށް އަދަބު ލިބެން ޖެހޭނެއެއްނު؟" ޝަމާންގެ ހިޔާލު ހުށައެޅިއެވެ.

"އާނ. އަދަބު ލިބެން ވާނެ. އެކަމަކު ބަދަލު ހިފައިގެންނެއް ނޫން،" ފަހުދު ބުންޏެވެ.

ފަހުދު ކިޔަވަން ފެށިއެވެ. އިޝްފާއަށް އެއްވެސް ބަދަލެއް އާދޭތޯ ވަރަށް ގާތުން ބަލަމުން ދިޔައެވެ. ވަކި ހިސާބަކުން ކިޔެވުން މެދުކަނޑާލިއެވެ.

"ސިހުރެއްކަން މަށަށް ޔަގީން. އެކަމަކު މި ރެއަށް މި ނިމުނީ. އަހަރެން އަންނާނަން މާދަން ރޭ އިޝާ ނަމާދު ކޮށްގެން. މާމުއިކޮޅަކާއި ކަޅު ދިރިކޮޅެއް ހޯދާފައި ބަހައްޓާ. އަދި ދެ ލުނބޯ ވެސް ފެނު ކައްކާލާފަ ބަހައްޓާތި،" ފަހުދު ތެދުވަމުން ބުންޏެވެ.

ގޭތެރޭގައި ހިނގަމުން ދާ ކަންކަން ބަލަން ރަފްހާ އުޅެނީ ދުރުދުރުންނެވެ. ނުފެންނަ ކަމަށް ހަދައިގެންނެވެ. ނަމަވެސް ވާނުވާ ވަރަށް ގާތުން ބަލަމުންނެވެ. ކަމުގެ ހަގީގަތާއި ދެކެވޭ ވާހަކަތައް އަޑުއަހަނީ ސިއްރުންނެވެ.

"ކަން ކުރުވި މީހާ އެނގިއްޖެ. އަދި އެ މީހާގެ ނަން ބުނެފާނަން. އެކަމަކު ކުރިން ވެސް އަހަރެން ބުނިހެން ބަދަލު ހިފައިގެން ނުވާނެ،" ދެވަނަ ރޭ އައިސް ފަހުދު ބުންޏެވެ. "އަދި އެ މީހަކަށް މިކަން އަންގައިގެން ވެސް ނުވާނެ. އެއްބަސްތަ؟"

އަޒްފާ އާއި ޝަމާން އެކަކު އަނެކަކަށް ބަލާލިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް