ވިރާޓު އަދި އަނުޝްކާ
ވިރާޓުގެ ކޮޓަރީގެ ވީޑިއޯއެއް އާންމުވުމުން އަނުޝްކާ ނުުރުހުން ފާޅުކޮށްފި
އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ޓީ 20 ކްރިކެޓް މުބާރާތުގެ އިންޑިއާ ޓީމުގައި ހިމެނޭ ވިރާޓު ކޯލީ ހުރި ކޮޓަރީގެ ވީޑިއޯއެއް އާންމުވުމުން އަނުޝްކާ ޝަރުމާ ނުރުހުން ފާޅުކޮށްފި އެވެ.
އޮސްޓްރޭލިއާގެ ޕާތުގައި އިންޑިއާ ޓީމުން މެޗު ކުޅުނު އިރު މަޑުކޮށްގެން ތިބީ ކްރައުން ހޮޓެލްގަ އެވެ. ބޮޑަށް ބެލެވެނީ އެ ވީޑިއޯ އަކީ އެ ހޮޓަލުގެ މުވައްޒަފަކު ނަގައި އާންމުކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.
ވިރާޓުގެ ކޮޓަރީގައި ހުރި އޭނާގެ ސާމާނު ފެންނަ ގޮތަށް މީހަކު ނަގާފައިވާ އެ ވީޑިއޯ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށް ވިރާޓު ބުނީ މިއީ އޭނާގެ ޕްރައިވަސީއާ މެދު ހިތުގައި ބިރުވެރިކަން އުފެދޭ ކަމެއް ކަމަށެވެ. ވިރާޓު ބުނީ އެ މީހަކަށް އެންމެ ކަމުދާ ކުޅުންތެރިންނާ ދިމާވުމުން މީހުން ވަރަށް އުފާވެ ހިތްއަވަސްވާކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އޭނާގެ ޒާތީ ތަކެތި ފެންނަ ގޮތަށް ވީޑިއޯއެއް ނަގައި އެ އާންމު ކުރުމަކީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދި ހިތްބިރުގަންނަ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އޭނާގެ އަންހެނުން، ފިލްމީ ތަރި އަނުޝްކާ ބުނީ ކޮންމެ ކަމެއްގައި ވެސް ވަކި ހައްދެއް އޮންނަންވާނެ ކަމަށާއި މިއީ އިންސާނެއްގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
ވިރާޓުގެ ކޮޓަރީގެ ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ އެކަން ކުށްވެރިކުރަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ފިލްމީ ތަރިންނާއި ވްލޮގަރުން އަދި އިންފުލުއެންސަރުން ހިމެނެ އެވެ. އެ ހުރިހާ އެންމެން ވެސް ބުނަނީ އަނެކާގެ ޒާތީ ދިރިއުޅުމަށް އިހުތިރާމު ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް (1)
ޙިއްތި