ސެލީނާ (ވ) އަދި ހެއިލީ ބީބާ
ސެލީނާ އާއި ހެއިލީ އެކުގައި ފެންނަ ފޮޓޯއަކަށް ސަމާލުކަން
ސެލީނާ ގޯމޭޒް އާއި ޖަސްޓިން ބީބާގެ ލޯބީގެ ގުޅުމުގެ ވާހައަކީ އެ ދުވަސްވަރުގެ އެންމެ ހިޓު ވާހަކަ އެވެ. އަށް އަހަރު ފަހުން އެ ދެ މީހުންގެ ގުޅުން 2017 ވަނަ އަހަރު ނިންމާލިތާ މާ ގިނަ ދުވަހެއް ނުވެ ޖަސްޓިން ވަނީ ހެއިލީއާ ރައްޓެހިވެފަ އެވެ. އޭގެ އަހަރެއް ފަހުން 2018 ގައި އެ ދެ މީހުން ކައިވެނި ކުރި އެވެ.
ޖަސްޓިންގެ އަންހެނުން ހެއިލީ އާއި ކުުރީގެ ލޯބިވެރިޔާ ސެލީނާ އިވެންޓެއްގެ ތެރެއިން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމުވެ އެ ފޮޓޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އެކެޑެމީ މިއުޒިއަމް ގާލާ އިވެންޓުގެ ތެރެއިން ނަގާފައިވާ އެ ފޮޓޯގެ ފޮޓޯގްރާފަރު އިންސްޓަގްރާމުގައި ފޮޓޯ އާންމު ކުރުމުން މީޑިއާގެ ސަމާލުކަން ފޮޓޯ އަށް ލިބުނެވެ.
އެއީ "އިންޓަނެޓް ބްރޭކް ކޮށްލާނެ" ފޮޓޯއެއް ކަމަށް ބުނެ ބައެއް މީހުން ކޮމެންޓު ކޮށްފައިވާއިރު، މިއީ ތާރީހީ ފޮޓޯއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނެފައިވަނީ، ސެލީނާ އާއި ހެއިލީ އެކަކު އަނެކަކު ދެކެ ރުޅިއައިސްފައި ތިބޭނެ ކަމަށް ހީކުރާ މީހުން އެބައުޅޭ ކަމަށާއި އެކަމަކު އެމީހުން އެ ގޮތް ބޭނުންވަނީ ކީއްވެބާއޭ ސުވާލު އުފެދޭ ކަމަށެވެ.
މި ފަހުން ބައިވެރިވި ޕޮޑްކާސްޓެއްގައި ހެއިލީ ވަނީ، ބީބާ އާއި އޭނާގެ ގުޅުން ފެށުނީ ބީބާ ސެލީނާއާ ރައްޓެހިވެގެން އުޅެނިކޮށް ކަމަށް ބުނެ ފެށުނީއްސުރެ ދެކެވެމުން އައި ވާހަކަ ދޮގުކޮށްފަ އެވެ. އެއާއެކު ސެލީނާގެ ފޭނުންގެ ރުޅިވެރިކަން އަނެއްކާވެސް އޭނާއަށް އަމާޒުވި އެވެ. ނަމަވެސް ސެލީނާ ވަނީ ހެއިލީއަށް ފުރައްސާރަ ނުކުރުމަށް ނުސީދާކޮށް އިލްތިމާސްކޮށް ޓިކްޓޮކް ވީޑިއޯއެއްގައި ވާހަކަދައްކައިފަ އެވެ.