ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

"ދެ ލޯ މެރިޔަސް ފެންނާނީ އަހަރެން،" އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑަކުން ބުންޏެވެ.
28 ޖުލައި 2022

އެޕިސޯޑް 9

އެ ވަގުތު ކޮޓަރީގައި ދިއްލާފައި ހުރި ބޮކި ނިވުނެވެ. އަހަރެން ބިރުގަތެވެ. މޫނުމަތިން ކިތަންމެ ހަމަޖެހިފައި ހުރިކަން ފެނުނަސް ހިތުގައި ވަނީ ބިރުވެރިކަމެވެ. އަހަރެން ކުރިމަތިލައިގެން ހުރި ދިމާއިން ހިޔަންޏެއް ފެނުނެވެ. އަންހެނެއްކަން އެނގެނީ ވިހުރެމުން ދިޔަ އިސްތަށިގަނޑުންނެވެ. އަހަރެން ހުރީ ބިރުން ގުޑިލަން ވެސް ނުކެރިފައެވެ. އަތުގައި އޮތް، ދިއްލިފައިވާ ގިގުނީގެ އަލިކަން ނޫން އަލިކަމެއް ފެންނާކަށް ނެތެވެ. އެއީ އޭނާއެވެ. އަހަރެންނާ ދިމާލަށް އޭނާ އަންނަން ފެށިއެވެ. އަހަރެން ލޯ މެރީ އޭނާއާ ދިމާލަށް ނުބަލަން ވެގެންނެވެ. އޭނާ އައިސް އަހަރެންގެ މޫނާއި މޫނު ޖެހޭހާ ކައިރިވިއެވެ. ހަށިގަނޑާއި ހަށިގަނޑު ޖެހުނެވެ. އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އޮށްސާލިހެންނެވެ. އިހުސާސްވީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތް ކަމެވެ.

"ދެ ލޯ މެރިޔަސް ފެންނާނީ އަހަރެން،" އަހަރެންގެ ކަންފަތްދޮށުގައި ވައި އަޑަކުން ބުންޏެވެ. ގެންފައިވާ ބިރުން ހުރެވުނު ތަން ވެސް ނޭނގުނެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނެވެ.

"ކަލޯ މި އުޅެނީ މި ސަރަހައްދުން ކަރަންޓް ގޮސްގެން. ކީއްވެތަ ދޮރު ނުހުޅުވަން ތި ހުންނަނީ؟ އަހަރެން ކޮން އިރެއް ޓަކި ޖަހާތާ؟ އަޑެއް ނީވޭތަ؟" ދޮރުމަތީގައި ބައްތިއެއް ހިފައިގެން ހުރީ ވާހިދެވެ. ހަގީގަތުގައި ވާހިދު ޓަކި ޖެހި ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަޑެއް ވެސް ނީވެއެވެ. އެއްޗެއް ބުނުމަށް ވުރެ ހިނިތުންވުމަކުން ފުއްދާލަން ހިތަށް އެރިއެވެ. ޖަވާބެއް ދެވޭ ވަރަށް ވުރެ ގެންފައިހުރި ބިރު މާ ބޮޑެވެ.

އަނެއް ދުވަހު ހެނދުނު އެންމެ ފުރަތަމަ ކުރި ކަމަކީ ފޯނެއް ގަތުމެވެ. ރަށުގައި ހުރި ފިހާރައަކުން އަހަރެން ފޯނެއް ގަތީމެވެ. ކުރިން ގެންގުޅުނު ކަހަލަ ފޯނެއް ނޫނެވެ. އެއަށް ވުރެ މޮޅު ފޯނެކެވެ. ނެގީ ވެސް ހަމަ އެ ނަންބަރެވެ. އަހަރެންގެ ނަސީބު ރަނގަޅެވެ. ގިނަ ނަންބަރުތައް ސޭވް ވެފައި ހުރީ އެކައުންޓަކަށެވެ. އަވަސްވެގަތީ އެ ބޭބެގެ ނަންބަރު ހޯދުމަށެވެ.

އަހަރެން ހުރީ ރަށުގެ ގޮނޑުދޮށުގައެވެ. ވިސްނަމުން ދިޔައީ ހަޔާތަށް ބަނަ ކުރަމުން މިދާ ވިލާގަނޑު ދާނެ ދުވަހަކަށެވެ. ވިލާގަނޑު ދާނީ ވާރޭ ވެސް ވެހިފައެވެ. އަލިކަމެއް އަންނާނީ އެއަށް ފަހުއެވެ.

"ރޭގައި ރަނގަޅަށް ނިދުނުތަ؟" ފަހަތުން މީހަކު ބުނި އަޑު އިވިގެން ބަލާލީމެވެ. ހުރީ އެ ބޭބެއެވެ.

"އާނ. ދެން ފާޑަކަށް." އަހަރެން ހިނގައިގަތީ ރަށުގެ ގޮނޑުދޮށުގައި ހުރި އަށްޓަކާ ދިމާލަށެވެ. އަހަރެންނާއެކު ބޭބެ ވެސް ހިނގައިގަތެވެ.

"ބޭބެ ބުނެބަލަ އަހަރެން ހަދަން ވީ ގޮތެއް. އެކަމަކު ނަމަނަމަ މި ވާހަކަ އެއްވެސް މީހެއް ގާތުގައި ނުބުނާތި،" އަހަރެން އަށީގައި އިށީންނަމުން ބުނީމެވެ.

"ފުރަތަމަ ކަމަކަށް ގަވާއިދުން ނަމާދުތައް ކުރަން ފަށާ." ބޭބެ އެހެން ބުނީ އަހަރެންނާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުންނެވެ. ތެދެކެވެ. އަހަރެން ނަމާދު ކުރުން ވަރަށް މަދު ވެއްޖެއެވެ.

"ދެވަނަ ކަމަކަށް ތިމާގެ ހަށިރައްކަލަށް ކިޔަވަން ޖެހޭ ދުއާތައް ކިޔަވަން އާދަ ކުރޭ. ޖިންނި ޝައިތާނުންނަށް އިންސާނުންނާ ކައިރިވެވެނީ ގިނަ ފަހަރު އިންސާނުން އެވެރިންނަށް އެ ފުރުސަތު ދޭތީ. އެވެރިންނަކީ ވަކި ސިފައަކަށް ތިބޭ ބައެއް ނޫން. ހިތު ހުރި ސިފައަށް ބަދަލުވުމުގެ ކުޅަދާނަކަން ދެއްވާފައިވާ ބައެއް އެއީ. އިންސާނުންގެ ވިސްނުމާ ކުޅުމުގެ ބާރު ވެސް އެ ސޮރުމެން އަތުގައި ވާނެ. ޖިންނި އަވަލީމާ އިންސާނާގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތަކާ ވެސް ކުޅޭނެ. ތިމާގެ ރުހުން ހޯދަން އަންނަ އިރު ހުންނާނީ ތިމާ އެންމެ ހިތް އެދޭ ސިފާގައި. ބިރުގަންނުވަން އަންނަ އިރު ހުންނާނީ ތިމާ އެންމެ ބިރު ގަންނަ އެއްޗަކާ ވައްތަރުކޮށް. އެ ސޮރުމެން ކިބައިން ސަލާމަތް ވެވޭނީ އަހަރެމެން ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން ގަވާއިދުން ކޮށްގެން." ބޭބެ ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަދި އަހަރެންނާ ދިމާލަށް ރަނގަޅަށް ބަލާލިއެވެ.

"ފަވާޒަށް ފުރަތަމަ އޭނާ ފެނުނީ ނޫނީ އަވަލީ ކޮންތާކުން؟ ކޮން އިރަކު؟" ބޭބެ އެހިއެވެ.

"އެއީ ވަރަށް ކުރިން. މީގެ ހައެއްކަ އަހަރު ކުރިން. އަހަރެން ރަށުގެ ކުޅި ކައިރީ ހުންނަ ގަސްތަކެއްގެ ތެރެއަށް ކުޑަކަމުދާން ވަނީ. އެ ހިސާބުން ފެށިގެން އުޅޭ ކަމެއް މިއީ." އެހާ ހިސާބުން ރެއާ ހިސާބަށް ދިމާވި ހުރިހާ ކަމެއް ތަފުސީލުކޮށް އަހަރެން ކިޔައިދިނީމެވެ.

"ހޫމް. އެހެންވީމާ އެހާ ދުވަހުން ފެށިގެން ތި އެއްޗެއް އެ އުޅެނީ އަބަދުވެސް ފަވާޒް ކައިރީ. އެ ސޮރުމެން ފައްސާލެވެނީ ވަރަށް މަސައްކަތް ކޮށްގެން. އެހެންވިއްޔާ ބުނެބަލަ. އޭނާ ފަވާޒަށް އެއްވެސް ގޯނާއެއް ކުރިތަ؟" ވިސްނާލަމުން ބޭބެ ބުންޏެވެ.

"ނޫން. އޭނަ ފެންނަނީ ދުރުން. އަހަރެން ދޮގެއް ހެދީމެވެ. ހަގީގަތަށް ކިޔައިދޭކަށް ނުކެރުނެވެ.

"ބުނަން. ކަމެއް ސިއްރު ނުކުރާތި. ކޮންމެ ކަމެއް ވެފައި އޮތަސް އަހަރެން ގާތު ބުނާތި." ދައްކާ ވާހަކައިން އެނގެނީ ބޭބެއަކީ އެ ކަމުގައި ތަޖުރިބާ ހުރި މީހެއް ކަމެވެ. އެކަމަކު ވެސް ހަގީގަތަށް ބުނަން ޖެހިލުންވިއެވެ. އަހަރެން އުނދަގުލުން ހިންދިރުވާލާފައި ހިނިތުންވީމެވެ. އޭރު ވެސް ބޭބެ އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހީވަނީ އަހަރެން ހެދި ދޮގު އެނގިގެން އިންހެންނެވެ.

ބޭބެ ބުނި ގޮތަށް އަހަރެން ނަމާދުތައް ކުރަން ފެށީމެވެ. ގުރުއާން ވެސް ކިޔަވަން ފެށީމެވެ. ގަވާއިދުން ދުއާތަކާއި ޒިކުރުތައް ވެސް ކިޔަމެވެ. ދުވަސްތައް ފާއިތު ވަމުން ގޮސް އަހަރެންގެ ރަށަށް އެނބުރި ދާން ޖެހޭ ދުވަހެވެ. މިވީ ދުވަސްތަކުގައި އަހަރެންނަށް "އޭނާ" ފަރާތުން އެއްވެސް އުނދަގުލެއް ނުވަތަ ބިރުވެރި ކަމެއް ކުރިމައްޗެއް ނުވެއެވެ. ނުވެސް ފެނެއެވެ. އަޑެއް ވެސް ނީވެއެވެ.

ރަށަށް އައި ފަހުން ނަމާދަށް ފަރުވާކުޑަކުރެވެން ފެށިއެވެ. އަނެއްކާ ވެސް އެ ފަދަ ހާދިސާތައް ތަކުރާރު ވާން ފެށިއެވެ. ފެންވަރާއިރު ލޯ ނުމަރާ ހުންނަން ފެށީމެވެ. ގައިގާ އަތްލާހެން ހީވާތީއެވެ. ކޮޓަރީގައި އުޅޭ ވަގުތުގައި އަބަދުވެސް ފޭރާން ލައިގެން އުޅެމެވެ. ބޭރަށް ނުކުންނަމުން އަހަރެން ފަހަތް ބަލާލަމެވެ. މީހަކު ހުންނަހެން ހީވެގެންނެވެ. އަނެއްކާވެސް ނަމާދު ކުރަން ފެށީމެވެ. އަހަރެން ހިތަށް އެރިއެވެ. ނަމާދަކީ ހާދަ ވަރުގަދަ ހަތިޔާރެކެވެ. ދީނީ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ނުދެވުމުން ދިރިއުޅުމުގައި ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހެއެވެ. ކިތަންމެ ކަމެއް ދިރިއުޅުމުން އުނިވެއެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ.

ކިރިޔާ ވެސް ނަމާދާއި ގުރުއާން ކިޔެވުމާ ދުރުވެލާ އިރަށް އަހަރެންނަށް އޭނާ އުނދަގޫ ކުރެއެވެ. އެއަށް ވުރެ އަހަރެންނަށް އުނދަގޫ ކަމަކީ އެކަންކަން ކުރަން އާދަ ނުވުމެވެ. އަހަރެންގެ އަޒުމަކީ އަޅުކަންތައް ކުރެވޭ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމެވެ. އަހަރެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށެވެ. މިހާރު ވެސް މެންދަމު އަހަރެންނަށް ހޭލެވެއެވެ. އެންމެން ނިދާ ހަމަހިމޭންވާ ވަގުތު އަހަރެންނަށް ނިދަން އުނދަގޫވެއެވެ. އެކަމަކު އޭނާއެއް ނުފެނެއެވެ. އަޑެއް ވެސް ނީވެއެވެ. އޭނާއަށް އަހަރެން ފަރުދާ ކުރެވިފައި މި ވަނީ ދީނީ ކަންކަން ކުރާތީ ކަމަށް ހިތް ބުންޏެވެ. މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. ހަގީގަތެކެވެ.

- ނިމުނީ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް