ވާހަކަ: މެންދަން ވީމާ ހިމޭން
ވާހަކަ: މެންދަން ވީމާ ހިމޭން
އެޕިސޯޑް 8
އަހަރެން ދެ ލޯ މެރީ ލޮލަށް ޝޭމްޕޫ އެޅިދާނެތީއެވެ. ލޯ ނުމެރުނު ނަމައޭ ފަހުން ހިތަށް އެރިއެވެ. ހޯނު ޓައް ކަނޑާ ކަހަލަ އަޑެއް އިވުނެވެ. އިވުނީ ފަހަތުންނެވެ. އަހަރެން މޫނު ދޮވެލުމަށް މާގަނޑު ދޫކޮށްލީމެވެ. ނަމަވެސް ފެނެއް ނައެވެ. އެތައް އިރަކު ވޭލަށް އަނބުރައިގެން ވެސް ފެނެއް ނައެވެ. ފާހާނާގައި ހުރި އެހެން އިސްކުރަކުން ފެން އާދޭތޯ އުޅުނީމެވެ. ދެ ލޯ ނުހުޅުވޭތީ އިސްކުރު ހުރި ދިމާ އޮޅުމެއް ނުފިލިއެވެ. އެކި ތަންތަނުގައި އަތް ކާއްތައިގެން ވެސް އިސްކުރުގައި އަތެއް ނުލެވުނެވެ. މަޑު އެއްޗެއްގައި އަތް ލެވުނެވެ. ރަނގަޅަށް އަތް ކާއްތާލުމުން އެއީ މީހެއްގެ މޫނުކަން އެނގުނެވެ. އަހަރެން ވަގުތުން ލޯ ހުޅުވާލީމެވެ. ލޮލަށް ޝޭމްޕޫ އެޅުނުކަމުގައި ވިޔަސް ހެޔޮ ކަމުގައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ވަގުތު މާގަނޑުން ފެން ދޫވިއެވެ. އަހަރެން އަވަހަށް ފެންވަރައިގެން ނުކުތީމެވެ.
އަހަރެން ތެޅެމުން ފޮޅެމުން ނުކުތް އިރު ކޮޓަރީގައި ނަދާ އުޅެއެވެ. ނަދާ ހުރީ ފޯނެއްގައެވެ. އެހެން ކަމުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އަހަރެން ފެނުމުން ކޮޓަރިން ނުކުތެވެ. ނަދާއާ އަހަރެން ކައިވެނި ކުރީ މައިންބަފައިން ކިޔާ ވަރުންނެވެ. އެކަމަކު ނަދާ ދެކެ އިންތިހާއަށް ލޯބި ވެސް ވެ އެވެ. ނަދާ ކިބައިން އަހަރެންނަށް ފެންނަމުން ދަނީ ރަނގަޅު ސިފަތަކެވެ. އަހަރެންގެ މައިންބަފައިން ދެކެ ލޯބިވެއެވެ. އެ މީހުންނަށް އިހުތިރާމް ކުރެއެވެ. އަތްނބެއްގެ ފަރާތުން ފިރިއަކަށް ލިބޭނެ އެހީތެރިކަން ދެއެވެ. އޭނައާ އަޅާބަލާ އިރު އަހަރެންގެ ނޭދެވޭ ސިފަ ގިނައެވެ. އެކަމަކު އެންމެ ފަހަރަކު ވެސް ޝަކުވާއެއް ނުކުރެއެވެ. އަހަރެން ނުރުހޭ ގޮތަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ކަމެއް ވެސް ނުކުރެއެވެ. އަހަރެންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. މީހުން ބުނެއެވެ. ބަހަނާއަކީ ދެ ހާލަތެއްގައި މީހުން ދައްކާ އެއްޗެކެވެ. އެއް ހާލަތަކީ ބޭނުންވެގެން އަންނަ މީހަކު ތިމާއާ ގާތްވާން ދައްކާ ވާހަކަތަކެވެ. އަނެއް ހާލަތަކީ ތިމާ ދޫކޮށް ދާން ބޭނުންވާ މީހުން ތިމާއާ ދުރުވާން ދައްކާ އުޒުރުތަކެވެ.
ދުވަސްކޮޅެއް ފަހެވެ. އަހަރެން އެހެން ރަށަކަށް ދާން ޖެހުނެވެ. އެއީ ވެސް އަހަރެންގެ ރަށާ އެއް އަތޮޅެއްގެ ރަށެކެވެ. ދާން ޖެހެނީ ހަ މަސް ދުވަހަށެވެ. އަހަރެން ނުދިޔުމަށް ނަދާ އެދުނެވެ. މިއީ އަހަރެން ގާތު ނަދާ ކަމަކު އެދުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އެކަން ކޮށްދެވޭކަށް ނެތެވެ. އަހަރެން ވިސްނާލީމެވެ. އިތުރު ގޮތެއް އަހަރެންނަކަށް ނެތެވެ. އަހަރެން މިތަނުގައި ހުންނަން ކަނޑައަޅާފައިވާ މުއްދަތު ހަމަވެއްޖެއެވެ. ވަޒީފާ ބޭނުން ނަމަ ޖެހޭނީ ދާށެވެ.
އަހަރެން ފުރީ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖެހި އިރުއެވެ. އަހަރެންނާ އެކު ލޯންޗުގައި މުޅި އެކު ތިބީ ފަސް މީހުންނެވެ. ދެމަފިރިންނާއި ލޯންޗުގެ ފަޅުވެރިއަކާއި އަހަރެންގެ އިތުރުން ދުވަސްވީ ފިރިހެނެކެވެ. އަހަރެންނަށް ކަމެއް ފާހަގަވިއެވެ. ލޯންޗަށް އެރީއްސުރެ، ދުވަސްވީ އެ މީހާ އަހަރެންނާ ދިމާލަށް ބަލަނީއެވެ. އުނދަގޫވިއެވެ. އެކި ފަރާތް ފަރާތަށް އެނބުރުނީމެވެ. އެންމެ ފަހުން އިން ސީޓް ވެސް ބަދަލު ކުރީމެވެ. އެ ވަރުން ވެސް އެ ބޭބެ ބެލުމެއް ނުހުއްޓިއެވެ. އެންމެ ފަހުން އަހަރެން އޭނާ ގާތަށް ދިޔައީމެވެ.
"އައްސަލާމް އަލައިކުމް،" ސަލާމަށް އަތް ދިއްކޮށްލަމުން އަހަރެން ބުނީމެވެ.
"ވައަލައިކުމް ސަލާމް،" ސަލާމް ކޮށްލަމުން އޭނާ ބުންޏެވެ. އަދި އަހަރެން އިށީންނަން ތަން ދެއްކިއެވެ. އަހަރެން ބޭބެ ގާތުގައި އިށީނީމެވެ.
"ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟" އޭނާ އެހިއެވެ.
"ފަވާޒް. އަހަރެން އުޅެނީ ޕޮލިހުގައި،" ކުޑަކޮށް ތައާރަފްވެލީމެވެ. ޕޮލިހަށް ވަތް ފަހުން މީހުންނާ ގިނައިން ވާހަކަ ދައްކަން ފަރިތަވިއެވެ.
"ފަވާޒް ތި ދަނީ ކޮން ތަނަކަށް؟" އަނެއްކާވެސް ސުވާލެއް ކުރިއެވެ.
"މި ދަނީ ބޭބެ ވެސް ތި ދާ ރަށަށް،" ހިނިތުންވެލަމުން އަހަރެން ބުނީމެވެ. ލޯންޗުގެ އިންޖީނުގެ އަޑުގަދަކަމުން ވާހަކަ ދައްކަން ޖެހެނީ އަޑުގަދަކޮށެވެ.
"ފަވާޒްއަށް އެއްވެސް ކަހަލަ އުނދަގުލެއް ވޭ ތަ؟" ނުވެސް ދަންނަ މީހަކު ކުއްލިއަކަށް އެކަހަލަ ސުވާލެއް ކުރުމުން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އަނެއްކާ މިއީ ކާކު ބާވައޭ ހިތަށްއެރިއެވެ. ދެވަނަ ފަހަރަށް އޭނާއާ ދިމާލަށް ބަލާލާކަށް ނުކެރުނެވެ.
"ބިރު ނުގަނޭ. އަހަރެން މިއީ ފަވާޒް ފަދަ އިންސާނެއް. އެކަމަކު ފަވާޒްއާ އެއްކޮށް އެބަ އުޅޭ އެހެން މަހުލޫގެއް. ދޮގެއްތަ މި ބުނީ؟ އަހަރެންނަށް ޔަގީން އެކަން ނޭނގިއެއް ނުހުންނާނެކަން." އެ ބޭބެ ކިޔާދިން އެއްޗެހިން އަހަރެން ހައިރާންވިއެވެ.
"ބައެއް ފަހަރު ފެނޭ ދޯ؟ އަނެއް ބައި ފަހަރު ނުފެންނާނެ. އިހުސާސް ވެސް ވޭ." އެ ބޭބެ އިނީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.
"އަހަރެންނަކީ ފަންޑިތަ ހަދާ މީހެއް. މި ލޯންޗަށް އެރުމާއެކު ފަވާޒަށް ކަމެއް ވެފައި ހުރިކަން އަހަރެން ދެނެގަތިން. އިތުރަށް ޔަގީން ކުރުމަށް އަހަރެން މި އިނީ ފަވާޒްއާ ދިމާލަށް ބަލަހައްޓައިގެން. މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ ގޮތް ވަރަށް ރަނގަޅަށް އަހަރެން ދެނެގެންފިން. އެއީ އަންހެން ޖިންނިއެއް. އޭތި ހުރީ ވަރަށް ރަނގަޅަށް އަޅައިގެންފައި. ފަވާޒް އުޅެނީ މީހަކާ އިނދެގެންތަ؟" އަހަރެން އިނީ ބިރުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކި ފަރާތަށް ބެލުނީ އެ ބުނާ އެއްޗެއް އަހަރެން ފެންނަ ހިސާބުގައި އިންތޯއެވެ.
"އާނ. ވަރަށް ފަހުން މީހަކާ އިނީ. އެކަމަކު ތިޔަ ބުނާ އެއްޗެއް..." އަހަރެންނަށް ބުނެވުނީ އެ ހިސާބަށެވެ. ލޯންޗުގެ އިންޖީނު މަޑުވިއެވެ. ފަޅަށް ވަނީއެވެ. އަންނަން ބޭނުންވި ރަށަށް އާދެވުނީއެވެ.
"ބޭބެގެ ނަންބަރު ލިޔެލާ." އެ ބޭބެ ކިޔާދިން ނަންބަރު އަހަރެންގެ ފޯނުގައި ސޭވް ކުރީމެވެ. އެންމެ ފަހުން ލޯންޗުން ފޭބުނީ އަހަރެންނަށެވެ. ސަލާމަ ކޮށްލާފައި ބޭބެ ދިޔައެވެ. އެ ވަގުތު ހަނދާން ވީ ދަބަސް ނުނެގޭ ކަމެވެ. އަނެއްކާ ލޯންޗަށް އެރީ ދަބަސް ނެގުމަށެވެ. ލޯންޗުން ފައިބަނިކޮށް އަތުގައި އޮތް ފޯނު ވެއްޓުނެވެ. ވެއްޓުނީ މޫދަށެވެ. ޗޮކެއް ކަނޑާލެވުނީ ހިތްހަމަނުޖެހިގެންނެވެ. ދެރަވީ ފޯނު ވެއްޓުނީމައެއް ނޫނެވެ. އޭގައި ހުރި މުހިންމު ނަންބަރުތައް ގެއްލޭނެތީއެވެ. އެ ވަގުތު ހަނދާންވީ މީގެ ހިނދުކޮޅެއް ކުރިން ބޭބެގެ ނަންބަރު ސޭވް ކުރިކަމެވެ. ފޯނަކީ އަގު ބޮޑު ފޯނެއް ނޫނެވެ. އެ ނަގާކަށް މިހާ ރޭގަނޑު މޫދަށް ފުންމާލާކަށް ބޭނުމެއް ނުވިއެވެ.
އަހަރެން ބަލާ އައިސް ހުރީ މި ރަށުގެ ޕޮލިހުގައި އުޅޭ މީހެކެވެ. އުމުރުން އަހަރެންނަށް ވުރެ ދޮށިވާނެއެވެ. ނަމަކީ ވާހިދެވެ. އަހަރެންނާ ވާހިދު ސަލާމް ކޮށްލާފައި ހިނގައިގަތީ ސްޓޭޝަނަށް ދިޔުމަށެވެ. އަހަރެން ހުންނަނީ އެ ތަނުގައެވެ. ދެ މީހުން ހިނގަމުން ދިޔައީ ރަށުގެ ބޮޑު މަގުންނެވެ. އެކަން އެނގުނީ ވާހިދު ބުނުމުންނެވެ. ދެ މީހުން އެކި ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެންގެ ހިނގުން ހުއްޓުނީ އަހަރެންގެ ނަމުން މީހަކު ގޮވާލުމުންނެވެ. އޭރު ތިބީ ރަށުގެ ވަރަށް ބޮޑު ރުއްވަލަކާ ކައިރީގައެވެ. އަހަރެން މި ރަށަށް އައީ އަލަށެވެ. މި ރަށުގައި އަހަރެން ދަންނަ މީހަކު ނޫޅޭނެކަން ޔަގީނެވެ. ވާހިދު އަހަރެންނާ ދިމާލަށް ބަލާލުމުން ހިނގައިގަތީމެވެ. އަނެއްކާވެސް އެ އަޑު ތަކުރާރުވިއެވެ. އަންހެން އަޑެކެވެ. އަހަރެން ދަންނަ އަޑެވެ. ކިތަންމެ ދުވަހެއް ކޮށްފައި އެ އަޑު އިވުނަސް އޮޅުވާ ނުލެވޭނެ އަޑެވެ. އަހަރެން ޖެހިލުންވެ ހުރެ ފަހަތް ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރު ވެސް އެ އަޑު އިވިއިވި ހުއްޓެވެ. އަހަރެން ބިރުގަތެވެ. އެކަމަކު ފިނޑިވާކަށް ބޭނުމެއް ނޫނެވެ. އެކި ދިމަދިމާލަށް ބަލާލާފައި އަހަރެން ހިނގައިގަތީމެވެ. ވީ ކިހިނެއްތޯ ވާހިދު އެހިއެވެ.
ބާރަ ވަރަކަށް މިނެޓް ހިނގި ފަހުން ސްޓޭޝަނަށް އާދެވުނެވެ. އަހަރެން ވަނުމާއެކު ތަނުގައި އުޅޭ އެކި މީހުން ސަލާމްކޮށް މަރުހަބާ ކިއެވެ. ވެފައި ހުރި ވަރުބަލިކަމުން އަހަރެން ބޭނުންވީ ފެންވަރާލާށެވެ. އަހަރެން ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަދެ ދަބަސް އެނދު ކައިރީގައި ބެހެއްޓީމެވެ. އެ ވަގުތު ކޮޓަރީގައި ދިއްލާފައި ހުރި ބޮކި ނިވުނެވެ.
- ނުނިމޭ -