ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ޓެކްސީތައް ކިއުގައި މަޑުކޮށްގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެކްސީ

ދެކޮޅު ނުޖެހޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން އަގުބޮޑު ކުރަން މަސައްކަތް ފަށައިފި

ބައެއް ޑްރައިވަރުން މިހާރު ވަނީ ފިއުލް ސާޗާޖުގެ ނަމުގައި ދަތުރުގެ އަގަށް އަމިއްލައަށް 5ރ. އިތުރުކުރަން ވެސް ފަށާފައި

ރާއްޖޭގައި ތެޔޮ ވިއްކާ އަގު މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް ބޮޑު ކުރުމާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ، އެ ހިދުމަތުގެ އަގު ބޮޑުކުރުމުގެ މަސައްކަތް ޑްރައިވަރުން ފަށައިފި އެވެ. ބައެއް ޑްރައިވަރުން މިހާރު ވަނީ ފިއުލް ސާޗާޖުގެ ނަމުގައި ދަތުރުގެ އަގަށް އަމިއްލައަށް 5ރ. އިތުރުކުރަން ވެސް ފަށާފަ އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯ އިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު އެންމެ ފަހުން ބޮޑު ކުރީ މިދިޔަ މަހުގެ 24ގަ އެވެ. އެ ފަހަރު ގެނައި ބަދަލާ އެކު ޕެޓްރޯލް އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 2ރ. ވަނީ ބޮޑުކޮށްފަ އެވެ. މިހާރު އެސްޓީއޯ އިން ތެޔޮ ވިއްކަނީ:

  • ޕެޓްރޯލް ލީޓަރެއް: 16.55ރ.

  • ޑީސެލް ލީޓަރެއް: 16.77ރ.

ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބަޔަކު ތެޔޮ އަޅަން ކިއުގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - ތެލުގެ އަގުބޮޑުވުމާ ގުޅިގެން ޑްރައިވަރުންގެ ފަރާތުން 'ދައުރު'އާ ކަންބޮޑުވުން ހިއްސާކުރި މީހަކު ބުނީ ތެލަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން ލިބޭ އާމްދަނީން ދިރިއުޅުމުގެ ހަރަދުތައް މިހާރު ދެކޮޅު ނުޖެއްސޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި، މިހާރު ތެލުގެ އަގު ހުރި ގޮތުން ޑްރައިވަރުންނަށް ދުވާލަކަށް 500-700ރ. ލިބިގެން ހަރަދަށް ކަނޑާފައި އެއްޗެއް ނޯވެ އެވެ.

"މިސާލަކަށް ޓަޔަރެއް ފަޅައިގެން ދިޔައީ ނޫނީ އިންޖީނަށް މައްސަލައެއް ދިމާވީ، އެކަން ރަނގަޅު ކުރަން ހޭދަކުރާ ވަގުތަކީ ލިބޭ އާމްދަނީ ހަމަ ހުއްޓިފައި އޮންނަ ވަގުތު،" އޭނާ ބުންޏެވެ.

"ކާރުގެ އޭސީއަށް މައްސަލައެއް ދިމާވެއްޖެއްޔާ 8،000ރ. ނޫނީ 12،000ރ. ވަރު އެބަދޭ އެކަން ރަނގަޅު ކުރަން."

ބައެއް ޑްރައިވަރުން ބުނާ ގޮތުގައި، އެ މައްސަލަ ހައްލުކުރަން 16،000ރ. ވެސް ބައެއް ފަހަރު ހަރަދުވެ އެވެ.

ޑްރައިވަރުން ފާހަގަކުރި ދެ ވަނަ ކަމަކީ ކާރުގެ ވެރިފަރާތަށް ކޮންމެ ދުވަހަކު ދައްކަން ޖެހޭ ފައިސާ އެވެ.

"ހުރިހާ ޓެކްސީ ޑްރައިވަރުން ދުއްވަނީ އަމިއްލަ ކާރެއް ނޫން. އެހެންވެ، ކޮންމެ ދުވަހަކު ވެސް ކާރަށް އަރާފައި ފުރަތަމަ ހަމަކުރަނީ ވެރިފަރާތަށް ދޭން ޖެހޭ އަދަދު،" ޑްރައިވަރަކު ބުންޏެވެ.

"ވެރިފަރާތަށް އެބަ ޖެހޭ ދުވާލަކު [އާންމުކޮށް] 300-350ރ. ދޭން. އެ ފައިސާ އާއި ތެލަށް ހަރަދުވާ ފައިސާ ހަމަކޮށްފައި އަސްލު އެ މީހަކަށް އެއްޗެއް ލިބެނީ."

އޭނާ ބުނި ގޮތުގައި، ކާރެއްގެ ޕެޓްރޯލް ޓޭންކް ފުރަން:

  • ކުރިން: 250-300ރ. ހަރަދުވޭ

  • މިހާރު: 350-400ރ. ހަރަދުވޭ

އެހެން ޑްރައިވަރަކު ބުނި ގޮތުގައި، މިހާރު ތެލުގެ އަގު ހުރި ގޮތުން ޓެކްސީ ހިދުމަތުގެ އަގުބޮޑު ނުކޮށް އެކަން ކުރެވޭނެ ގޮތެއް ނެތެވެ.

"އަގުބޮޑު ނުކޮށް ވޯތެއް ނޫން މިކަން ކުރާކަށް. އެހެންވެ މިހާރުވެސް ބައެއް ޑްރައިވަރުން، ކަސްޓަމަރުންނާ ވާހަކަ ދައްކައިގެން ދެ ފަރާތުން އެއްބަސްވެގެން [ސަރުކާރުން ކަނޑައެޅި ރޭޓަށް ވުރެ] ބޮޑު އަގެއް ނަގާ،" އޭނާ ބުންޏެވެ.

އޭނާ ވެސް ބުނީ މި ހިދުމަތް ދޭން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފަހު މާ ރަނގަޅު އާމްދަނީއެއް މިހާރު ނުލިބޭ ކަމަށެވެ.

"އިއްޔެ ހަވީރު 5 އިން ފަތިހު 5އާ ހަމައަށް ލިބުނީ ގާތްގަނޑަކަށް 1،100ރ. އޭގެން 500ރ.އަށް ޕެޓްރޯލް އެޅިން. ވެރިމީހާއަށް 250ރ. ދޭން ޖެހޭ ދުވާލަކަށް،" އޭނާ ބުންޏެވެ.

މާލޭގެ މަގެއްގެ މަތިން މީހަކު ޓެކްސީއަކަށް އަރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

ޓެކްސީ ޑްރައިވަރުން ތަމްސީލު ކުރާ 'ޓެކްސީ ޑްރައިވާސް އެސޯސިއޭޝަން'ގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޓެކްސީ ހިދުމަތުގެ އަގަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަން ރާވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓެކްސީ ހިދުމަތުގެ އަގުތަކަށް އަދި އެއްވެސް ބަދަލެއް ގެނެސްފައިވާ ނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޓެކްސީ ޑްރައިވަރުން ތަމްސީލު ކުރަން މިދިޔަ މަހުގެ 13ގައި 'ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް'ގެ ނަމުގައި ޖަމިއްޔާއެއް ވެސް ވަނީ އުފައްދާފަ އެވެ. އެ ޖަމިއްޔާގެ ވަގުތީ ހިންގީ ކޮމެޓީގެ އިންތިޒާމު ސެކެޓްރީ އަހްމަދު ޝަމާލް ވިދާޅުވީ ޓެކްސީ ހިދުމަތުގެ އަގާ މެދު ޖަމިއްޔާ ފެންވަރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ކުރިން [މާޗު މަހު] ތެޔޮ އަގުބޮޑުވެގެން ކުރި މަޝްވަރާތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނި އަގަށް ރަނގަޅު ބަދަލެއް ހަމަޖައްސައިދޭނަމޭ. އެކަން ނުކޮށްދީ އޮއްވައި މިފަހަރު އަނެއްކާ ތެލުގެ އަގު މި ބޮޑުވީ،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - މީގެ ކުރިން މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ތެލުގެ އަގު އުފުލުމުން ޓެކްސީ ހިދުމަތުގެ އަގަށް ބަދަލު ގެންނަން ޑްރައިވަރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން:

  • ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމައި ޑްރައިވަރުންގެ ޑިމާންޑުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި

  • އަގުތައް ބޮޑުކުރަން މިނިސްޓްރީން ހުއްދަ ނުދިން

  • އެއާ އެކު ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރުމަށް ފަހު އަމިއްލައަށް ހިދުމަތުގެ އަގު ބޮޑުކުރި

  • ސަރުކާރުން ކަނޑައަޅާފައި އޮތް އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރުކުރާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓްރީން ދިން

  • އިންޒާރު ދިން ފަހުން ވެސް ބައެއް ޑްރައިވަރުން ބޮޑު އަގުގައި ދަތުރުކުރި؛ މިގޮތަށް ދަތުރުކުރި ބައެއް ޑްރައިވަރުންނާ މެދު ފިޔަވަޅުތަކެއް ވެސް އެޅި

ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިދިޔަ މާޗު މަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިދިޔަ މާޗު މަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - މިދިޔަ ހަފްތާގައި ތެލުގެ އަގު ބޮޑުކުރުމާ އެކު އެކި ދާއިރާތަކުން ހިދުމަތްތަކުގެ އަގުތައް ދަނީ އުފުލެމުންނެވެ. އެގޮތުން:

  • ކަނޑުދަތުރުފަތުރު (ބޯޓުފަހަރުން ނަގާ ނާލު އަދި ފެރީ ޓިކެޓު)ގެ އަގުތައް ވަނީ ބޮޑުވެފައި

  • ނާލު ބޮޑުވުމާ އެކު އަތޮޅުތެރޭގައި ވެސް މުދަލުގެ އަގު ދަނީ ބޮޑުވަމުން

  • ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އަގު ދަނީ އުފުލެމުން

ތެލުގެ އަގާ އެކު އެހެން ދާއިރާތަކުން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެންނަމުން ދާއިރު، ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި އެ ހިދުމަތަށް ހިނގާ ހަރަދަށް ނުބަލައި އެ ހިދުމަތުގެ އަގު ކޮންޓްރޯލް ކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ކޮމެންޓް (1)

އުދުހޭ

3 ޖުލައި 2022
ހަގީގަތަކީ އެކަނި ޓެކްސީ އަގު ކޮންޓްރޯލް ކުރިއަސް ނުވާނެ، އަހަންނަކީވެސް އަބަދު ދަތުރު ކުރާ މީހެއް ހަރަދު ބޮޑު އެހެނަސް ވިސްނޭ ހުރިހާ އެހެން އިނޑަސްޓްރީ ސެލްފް ރެގިއުލޭޓް، އެކަމަކު ޓެކްސީ ވިއްޔާ އަގަށް ބަދަލެއް އައިސްގެން ނުވޭ؟ މަޖާ ކަމެއް. އެހެންވިއްޔާ ސަރުކާރުން ސަބްސިޑައިޒް ކުރަންވީ ނޫންތޯ ޓެކްސީތެޔޮ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް