ރަސްފަންނު ޕެވިލިއަން: ބަންދުކުރުމުގެ ކުރިން ޕެވިލިއަންގައި ހިންގަމުން އައީ ގްލޯރިއާ ޖީންސް، ޗިކިން އަދި މޯޓީ މަހަލްގެ އައުޓްލެޓުތައް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ރަސްފަންނު ޕެވިލިއަން ދިވެހި ބްރޭންޑުތަކާ އެކު އަލުން ހުޅުވަނީ
ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ރަސްފަންނުގައި ތަރައްގީކުރި ޕެވިލިއަން އަލުން ހުޅުވަން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ރަސްފަންނުގައި 2016ގައި ތަރައްގީކުރި ޕެވިލިއަން ހިންގަން ސިބްކޯ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމުން، އެ ތަން ބަންދުކޮށްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެގޮޮތުން:
-
އެމްޑަބްލިއުއެސްސީން ސިބްކޯއާ އެކު ވެފައި އޮތް އެއްބަސްވުން ބާތިލުކުރީ އެ ކުންފުނިން ކުލި ނުދައްކާތީ
-
އެއާ އެކު، އެ ތަނުގައި ހިދުމަތް ދެމުންދިޔަ ބޭރުގެ މަޝްހޫރު ފްރެންޗައިސް ބްރޭންޑުތައް ވަނީ އެ ތަން ދޫކޮށް ގޮސްފައި
-
އެ މައްސަލައިގައި ދެ ފަރާތުން ކޯޓަށް ވެސް ދިޔަ
-
އެމްޑަބްލިއުއެސްސީގެ ވެސް މައްސަލަތަކެއް ހުރުމާ އެކު ފަހުން ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކޮށް، އަނެއްކާ ވެސް ސިބްކޯއާ އެ ތަން ވަނީ ހަވާލުކޮށްފައި
ވީ ކިހިނެއް؟ - އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު 'ދައުރު'އަށް ވިދާޅުވީ އަންނަ މަހުގެ 1ގައި ޕެވިލިއަން އަލުން ހުޅުވޭނެ ކަމަށެވެ. މިހާރު ކުރިއަށް ދަނީ، އޭނާ ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ ތައްޔާރީތަކެވެ.
"ބަންދުކުރި ފަހުން ވަރަށް ބޮޑަށް އެ ތަން ހަލާކުވެފައި ހުރީމާ އެއްކޮށް މަރާމާތުކޮށްފައި ހުޅުވަނީ. ތަނުގެ ޑިޒައިނަށް ބަދަލެއް ނުގެނޭ،" އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ޕެވިލިއަން އަލުން ހުޅުވި ނަމަވެސް، ޝާހު ވިދާޅުވީ ބޭރުގެ ފްރެންޗައިސް ބްރޭންޑުތަައް އެ ތަނުގައި ނުހުންނާނެ ކަމަށެވެ.
"ދިވެހި، ހައި އެންޑް ވިޔަފާރިތައް އެ ތަނަށް ގެންނަ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ.
ބަންދުކުރުމުގެ ކުރިން ޕެވިލިއަންގައި ހިންގަމުން އައީ ގްލޯރިއާ ޖީންސް، ޗިކިން އަދި މޯޓީ މަހަލްގެ ތަންތަނެވެ އެވެ.
ކޮމެންޓް (1)
އަތޯލާ