ބޭރުގެ ބޯޓުތައް ރާއްޖެ ވަދެ ތެޔޮ ވިއްކައި ބަންކަރިން ހިދުމަތް ދިނުން ހުއްޓުވަން ޖެހޭ: ޝިމާދު
ބަންކަރިންގެ ހިދުމަތް އިތުރަށް ފުޅާކުރަން ބޭރުގެ އުޅަނދުތަކުން ރާއްޖެ އައިސް ތެޔޮ ވިއްކުން ފަދަ ކަންކަން ރާއްޖޭގެ ސަރަހައްދުގައި ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި އެކަމަށް ގާނޫނުތަކާއި ގަވައިދުތައް ހަރުކަށި ކުރުމަށް އިދާރާތަކާ އެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އެސްޓީއޯއިން އެމްޕީއެލްއާ ގުޅިގެން ދެ އުޅަނދެއް ބޭނުންކޮށްގެން އޮފްޝޯ ބަންކަރިންގެ ހިދުމަތް ހއ. ހޯރަފުށި ހިމެނޭ އިހަވަންދިއްޕޮޅު ސަރަހައްދުގައި ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން:
-
އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ އެސްޓީއޯއިން
-
އެސްޓީއޯއިން ފުރަތަމަ ހިދުމަތް ދޭނީ ދެ ބާވަތެއްގެ އުޅަނދުތަކަކަށް؛ އެއީ ލަގްޒަރީ ޔޮޓާއި ބޯޓުތަކަށް ބޭނުންވާ މެރިން ގޭސް އޮއިލް (ޑީސަލް) އާއި ބޮޑެތި އާގުބޯޓުފަހަރަށް ބޭނުންވާ 'ވެރީ ލޯ ސަލްފާ ފިއުލް އޮއިލް'
-
ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދޭނީ އެމްޕީއެލްއިން
-
ހިދުމަތް ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުންކޮށްގެން
ބުނީ ކީކޭ؟ - އެ ހިދުމަތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު 'ދައުރު'އަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ހޯދުމަށް މިހާރު ވެސް ވަރަށް ބޮޑެތި އިންކުއަރީތައް އަންނަ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ހިދުމަތް ދެނީ އޮފްޝޯ އުޅަނދުތަކެއް ބޭނުންކޮށްގެން ކަމަށްވުމުން އެސްޓީއޯއިން އެންމެ ބޭނުންވާ ވަރަށް ހިދުމަތް ދޭން ދަތިތައް ހުރި ކަމަށް ޝިމާދު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މުސްތަގުބަލިގައި ބަންކަރިންއަކީ ރަނގަޅު ނަފާއެއް ލިބޭނޭ ސިނާއަތެއްގެ ގޮތުގައި ފުޅާކުރެވޭނެ އެވެ.
"ކޮންމެ އިންވަސްޓްމަންޓެއްގައި ވެސް އޮންނަ ލައިފް ސައިކަލެއް. [ބަންކަރިންގައި] އަޅުގަނޑުމެން މިހާރު މި ތިބީ ހަމަ އެންމެ އާލީ އިންޓްރޮޑަކްޝަން ސްޓޭޖުގައި. މި ޑިވެލޮޕްވެގެން ގުރޯ ވެގެން ދެން ޕީކަށް ދާއިރު ހަގީގަތުގައި މިއީ ހަމަ ރާއްޖޭގައި އޮތް ލޮކޭޝަނަށް ބަލާއިރު ވަރަށް މުހިންމު ސިނާއަތަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝިމާދު ވިދާޅުވި އެވެ.
މިހާރު ބަންކަރިން ހިދުމަތަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ އެ ހިދުމަތަށް އިންވެސްޓްކޮށްގެން ތިބި ދިވެހި ކުންފުނިތަކުގެ ވިޔަފާރި މިހާރު ހިމާޔަތް ނުކުރެވޭ ކަމަށެވެ. އަދި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ ތެޔޮ އަޅައިދިނުން ފަދަ ބަންކަރިންގެ ހިދުމަތްތައް ދޭތީ ގެއްލުންތައް ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުން އެސްޓީއޯ ފަދަ ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް ޝިމާދު ގަބޫލުކުރައްވަ އެވެ.
"ބަންކަރިން އެންމެ ބޮޑު ޗެލެންޖަކީ ޝިޕްޓުޝިޕް ޓްރާންސްފާގެ ނަމުގައި ހަމަ ބަންކަރިން އެބަ ޖައްސާ އެހެން ބޭރުގެ ވެސެލްތަކުން މި ތަނަށް އައިސްލާފައި ހުއްދަ ނެތި. ތެޔޮކޮޅު ވިއްކާލާފައި އެ މީހުން ދަނީ ރާއްޖޭގައި ފްރީ ވަކި މުއްދަތެއްގައި ތިބެވޭތީ. އަނެއްހެން ގްރޭ އޭރިޔާ ވީމާ މި އިންނަ ލޫޕްހޯލް މިކަން ކުރަނީ. މިކަން ގާނޫނާ ގަވައިދު ތެރެއިން ހުއްޓުވާލަން ޖެހޭ،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން ހައްލުކުރަން ކަސްޓަމްސް އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޓްރާންސްޕޯޓް އޮތޯރިޓީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި އެކަމަށް ހައްލު ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބަންކަރިން އެންމެ ބޮޑު ޗެލެންޖަކީ ޝިޕްޓުޝިޕް ޓްރާންސްފާގެ ނަމުގައި ހަމަ ބަންކަރިން އެބަ ޖައްސާ އެހެން ބޭރުގެ ވެސެލްތަކުން މި ތަނަށް އައިސްލާފައި ހުއްދަ ނެތި. ތެޔޮކޮޅު ވިއްކާލާފައި އެ މީހުން ދަނީ، ރާއްޖޭގައި ފްރީ ވަކި މުއްދަތެއްގައި ތިބެވޭތީ. އަނެއްހެން ގްރޭ އޭރިޔާ ވީމާ މި އިންނަ ލޫޕްހޯލް މިކަން ކުރަނީ. މިކަން ގާނޫނާ ގަވައިދު ތެރެއިން ހުއްޓުވާލަން ޖެހޭ
ބޭރުން އަންނަ ބޯޓުތަކުން ބަންކަރިންގެ ހިދުމަތް ދިނުމުގެ އެހެން ނުރައްކަލެއް ވެސް ޝިމާދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ ބޯޓުތަކުގައި ގެންނަ ތެލަކީ އެންމެ ރަނގަޅު ކޮލިޓީގެ ތެޔޮކަން ވެސް ޔަގީން ނުކުރެވޭ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ރާއްޖެއިން ދޭ ބަންކަރިން ހިދުމަތާ މެދު ޝިޕިންލައިންތަކުގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"ވަރަށް ސަލްފާ ލެވަލް ހައި ފިއުލް މިހެން އަންނަ ބޯޓުތަކުން އެބަ ގެނޭ. އެ ތެޔޮ އަގުހެޔޮ ވީމާ އެހެން އެ ހަދަނީ. ދެން އެ މި ވިއްކަނީ. އަޅުގަނޑުމެން އެސްޓީއޯއިން މި ގެނެސް ވިއްކަނީ ވަރަށް ސަލްފާ ލެވަލް ދަށް ތެޔޮ. މި ރެގިއުލޭޓް ކުރެވޭނީ މެކޭނިޒަމެއް ދިވެހިރާއްޖެ ނެތް. އެކަން އެބަ ޖެހޭ އަންނަން،" ޝިމާދު ވިދާޅުވި އެވެ.
ބަންކަރިން ހިދުމަތް ފުޅާކުރަން އިންވެސްޓްކުރަނީ
ޝިމާދު ވިދާޅުވީ ބަންކަރިން ހިދުމަތް އިތުރަށް ފުޅާކުރަން ސްޓޯރޭޖް ފެސިލިޓީއަކާ އެކު ބޮޑެތި އުޅަނދުތަކަށް ކައިރި ކުރެވޭ ގޮތަށް ބަނދަރެއް ހެދުމުގެ މަޝްރޫއެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންޓަގްރޭޓަށް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގާ އެ މަޝްރޫއަކީ ބޯޓުތަކުން މީހުން ބަނދަރަށް ފައިބާ އެ މީހުންނަށް ބޭނުންވާނޭ އެކިއެކި ހިދުމަތްތަކާ އެކު ތަރައްގީކުރާ ތަނަކަށް ވާނޭ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"ދުނިޔޭގެ މަޝްހޫރު ފަންޑަކާ އެއްކޮށް ފުރޭމްވޯކް އެގްމަންޓެއްގައި ވަނީ ސޮއިކޮށްފައި އެ މަޝްރޫއު ހިންގަން. އެ އެގްރިމަންޓުގެ ދަށުން އަޅުގަނޑުމެން ރަސްމީ އެގްރީމަންޓެއް އިރާދަކުރެއްވިއްޔާ ހަ މަސް ތެރޭ ދާން އޮންނަނީ. އެޔަށްވުރެ އަވަހަށް ދެވޭތޯ މިހާރު މަސައްކަތް މި ކުރަނީ،" ޝިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފަރާތުން މިހާރު އެ މަޝްރޫއުގެ ޑިޒައިނިން އާއި ފީސިބިލިޓީގެ މަސައްކަތް ކުރަމުން އަންނައިރު ދެން އޮތީ ކޮންޓްރެކްޓް އެވޯޓް ކުރުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ބަންކަރިންގެ އަމަލީ މަސައްކަތް މިހާރު މި ކުރާ ވަރަށް ވުރެ އެތައް ގުނައެއް ރަނގަޅުވެގެންދާނެ އަދި މިހާރު ރާއްޖެއަށް މި ކޯލް ކުރާ ވެސެލްގެ އިތުރުން ވަރަށް ގިނަ ވެސަލްތައް ރާއްޖެއަށް ކޯލް ކުރާނެ،" ޝިމާދު ވިދާޅުވި އެވެ.
ކޮމެންޓް (3)
ދެތަނޑި
ހިތަދޫ
ސިކުނޑި