ދިރާގުގެ އާ އިންޓަނެޓް ޕެކޭޖުތައް މިރޭ ތައާރަފްކުރަނީ. (ފޮޓޯ/ދިރާގު)
ދިރާގުން ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު 'ލިމިޓެއް ނެތް' އިންޓަނެޓް ޕެކޭޖުތައް ތައާރަފްކޮށްފި
ދިރާގުގެ މުޅިން އާ 'ލިމިޓެއް ނެތް' އިންޓަނެޓް ޕެކޭޖްތަކެއް މިރޭ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އާ ޕެކޭޖްތައް ދިރާގުން ތައާރަފް ކުރީ ދިރާގު މައި އޮފީހުގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
ތަފްސީލް - ދިރާގުގެ 'ލިމިޓެއް ނެތް' ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއް ނެތި ސްޓްރީމްކޮށް، ގޭމް ކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ. އެގޮތުން:
-
ދިރާގު ކަސްޓަމަރުންނަށް ލިމިޓެއް ނެތް 20 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީއެމްޕީއެސް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކާ ހަމައަށް، ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް ލިބޭނެ
-
އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބޭނެ
ބުނީ ކީކޭ؟ - "ރާއްޖެ ޑިޖިޓަލް ޒަމާނުގައި ކުރިއަރަމުން އަންނައިރު، ހުއްޓުމެއް ނެތް، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ބޭނުންވަނީ އިތުރުވެފައި. އެގޮތުން، ރާއްޖެ މުވާސަލާތީ ގޮތުން ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ކަމެއް،" މިރޭ ބޭއްވި ހަފްލާގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް. އަދި ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ހަމައަށް އިޖާދީ، ޑިޖިޓަލް ހައްލުތައް ގެނެސްދީ އެފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމަށް."
އަލަށް ތައާރަފްކުރި ޕެކޭޖްތަކާ އެކު ދިރާގުން ކަސްޓަމަރުންގެ ބޭނުންތަކަށް ކުރިއަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. އެގޮތުން:
-
ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިން ރާއްޖެގައި އިފްތިތާހުކޮށްފައި
-
މިއާ އެކު، ދުނިޔޭގެ މައި އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާވާނެ
-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ
އެނގުން މުހިންމު - ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވޯކެވެ. އެގޮތުން، ދިރާގުގެ އިންޓަނެޓް ހިދުމަތް މިހާރު ވަނީ ރާއްޖޭގެ %95އަށް ވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދެ އެވެ.
ކޮމެންޓް