މިއޮޓްގެ އެމްޑީ ޑރ. ޕްރިތުވީގެ އިންޓަވިއު: ކުޑަ ސާޖަރީއަކުން ކަކުލު ހުޅުގެ ތަދު ކަނޑުވާލާނެ ގޮތް

މިއޮޓްގެ ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން (ޖީއޭއީ) އަކީ ކަކުލު ހުޅުގެ ތަދު 2 ވަރަކަށް ދުވަހުގެ ތެރޭގައި ކަނޑުވާލަދޭ، 'މިނިމަލީ އިންވޭސިވް' ކުޑަ އެހެން ނަމަވެސް ނަތީޖާ ރަނގަޅު ޕްރޮސީޖާއެއް
28 ނޮވެމްބަރު 2024

ޗެންނާއީގެ މިއޮޓް އިންޓަނޭޝަނަލްއަކީ 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ، 63 ސްޕެޝަލިޓީއަކުން ފަރުވާ ދޭ ހޮސްޕިޓަލެކެވެ.

ސަރުކާރާ ގުޅިގެން މިހާރު ވެސް ރާއްޖޭގައި ބައެއް ހިދުމަތްތައް ދެމުން އަންނައިރު، މިއޮޓްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަރުވާ ހޯދުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދިނުމެވެ.

މިއޮޓްއިން ފޯރުކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް ފަރުވާއަކީ ވަރަށް ކުޑަކުޑަ ޕްރޮސީޖާއަކުން ކަކުލު ހުޅުގެ ތަދު ކަނޑުވާލަދޭ ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން (ޖީއޭއީ) އެވެ. ދިވެހިންގެ މެދުގައި ވެސް ކަކުލު ހުޅުގެ މައްސަލަތައް އާންމުވެފައިވާއިރު، ޖީއޭއީއަކީ 'މިނިމަލީ އިންވޭސިވް' އަދި ދެ ދުވަހުގެ ތެރޭގައި ތަދު ކަނޑުވާލަދޭ، ވަރަށް ކުޑަ އެހެން ނަމަވެސް ނަތީޖާ ރަނގަޅު ޕްރޮސީޖާއެކެވެ.

ޖީއޭއީ އާއި މިއޮޓްގެ އެހެނިހެން ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް 'ކަނެކްޓް މިއޮޓް'ގެ ނަމުގައި ހޮޓެލް ޖެންގައި މިދިޔަ ހަފްތާގައި ސެމިނާއެއް ވަނީ ބާއްވާފަ އެވެ.

ތިރީގައި މި ހިމަނާލަނީ އެ ސެމިނާގެ ހަވާސާގައި މިއޮޓް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތުވީ މޮހަންދަސް 'ދައުރު'އަށް ދެއްވި އިންޓަވިއުގެ ހުލާސާއެކެވެ.

މިއޮޓް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތުވީ މޮހަންދަސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއޮޓް ހޮސްޕިޓަލްސް ފެށިގެން އައި ގޮތާއި 130 ގައުމަށް ސިއްހީ ހިދުމަތް ފުޅާކުރި ގޮތް

މިއޮޓް ހޮސްޕިޓަލްސްގެ ފުރަތަމަ ކެމްޕަސް ހުޅުވީ 1999ގައި ޗެންނާއީ އެއާޕޯޓު ކައިރީގަ އެވެ. އޭރު އެއީ 40 އެނދުގެ އޯތޮޕީޑިކް ހޮސްޕިޓަލެކެވެ. އާންމުކޮށް ފަރުވާ ދެނީ މަގުމަތީގެ އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށެވެ. ފަށައިގަތްއިރު ދުވާލަކު ފަރުވާ ދޭ މީހުންގެ އަދަދު 16 އަށްވުރެ ގިނައެއް ނުވާނެ އެވެ. ހަފްތާއަކު 5-10 ސާޖަރީ ކުރެ އެވެ.

"މިވީ 25 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ހިދުމަތްތައް ފުޅާކުރެވިއްޖެ. މިހާރު 3،000 މުވައްޒަފުން އެބަތިބި. އަދި 1،000 އެނދުގެ ޖާގަ އާއި އެންމެ ސެޕްޝަލިޓީއަކުން 63 ސްޕެޝަލިޓީއަށް ހިދުމަތްތައް ފުޅާކުރެވިއްޖެ،" ޑރ. ޕްރިތުވީ ވިދާޅުވި އެވެ.

މިއޮޓް އިންޓަނޭޝަނަލް.

މިއޮޓް އިންޓަނޭޝަނަލް އާއި އެހެން ހޮސްޕިޓަލްތަކާ ތަފާތު ވަނީ ކިހިނެއް؟ މި ތަނުގެ ހިދުމަތަށް އެތައް މިލިއަން މީހުން އިތުބާރު ކުރަނީ ކީއްވެ؟

ޑރ. ޕްރިތުވީ ވިދާޅުވާ ގޮތުގައިި ގިނަ ހޮސްޕިޓަލްތަކުގައި ބައްލަވާ ޑޮކްޓަރުންނަކީ ވިޒިޓިން ޑޮކްޓަރުންނެވެ. ކޮންމެ ޑޮކްޓަރަކު ވެސް 3، 4 ނުވަތަ 5 ހޮސްޕިޓަލަކަށް ޒިޔާރަތްކުރެ އެވެ. އެއާ ހިލާފަށް މިއޮޓްގެ 3،000 މުވައްޒަފުން ވެސް މަސައްކަތް ކުރަނީ ފުލް ޓައިމްކޮށެވެ.

އަނެއް ކަމަކީ މިއޮޓްގެ މެނޭޖްމަންޓުގެ ބޭފުޅުން ސީދާ އެ ތަނުގެ ކެމްޕަހުގައި ދިރިއުޅުމެވެ. މިސާލަކަށް މިއޮޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާ ޑރ. ޕްރިތުވީ ވެސް މިވީ 12 އަހަރުގެ މުއްދަތުގައި ދިރިއުޅުއްވަނީ މިއޮޓްގެ ބިލްޑިންއެއްގަ އެވެ. މީގެ ސަބަބުން ބަލިމީހުން ބަލައި، ފަރުވާ ދިނުމުގައި އެ ތަނުގެ ވެރިންނަށް ވެސް އުޅެވެ އެވެ.

މިއޮޓްގެ 'އެކްސެޕްޓެންސް، އެފޯޑެބިލިޓީ އަދި އެކްސެޕްޓެންސް' ކޮންސެޕްޓަކީ ކޮބާ؟

ތަޖުރިބާގެ އަލީގައި ޑރ. ޕްރިތުވީ ވިދާޅުވީ ފަރުވާ ހޯދާ މީހުންނަށް މިއަދު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއް ކަމަކީ ފަރުވާ ދޭ ގޮތެވެ. އިންވޭސިވް ޓްރީޓްމަންޓުތަކާއި ގިނަ ދުވަހު ބަލި އެނދުގައި އޮންނަން ޖެހޭ ފަދަ ޓްރީޓްމަންޓުތައް ގިނަ ޕޭޝަންޓުން ބޭނުމެއް ނުވެ އެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ހިދުމަތަށް ކުރަންޖެހޭ ހަރަދު. އިންޑިއާގައި ވެސް އަދި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް. އަހަރުން އަހަރަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބި، ފަރުވާގެ އާ ގޮތްތައް ތައާރަފް ކުރަމުން އަންނައިރު އަގުތައް ދަނީ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

ފަރުވާގެ އަގު ބޮޑުވުމަކީ ހޮސްޕިޓަލްތަކަށް ވެސް ހައި-ޓެކް ފަރުވާ ހުރިހާ ރައްޔިތުންނަށް ދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމެކެވެ.

މިއޮޓްއިން މަސައްކަތް ކުރަނީ ސިއްހީ ފަރުވާ އަގުހެޔޮ ކުރުމާ އެކު ފަރުވާއަކީ ބަލިމީހާއަށް ވެސް ބަލައިގަނެވޭ، ވީހާ ވެސް ތަދު ކުޑަ، ސައިޑް އެފެކްޓްސް މަދު އަދި އާންމު ދިރިއުޅުމަށް ވީހާ ވެސް އަވަހަށް ރުޖޫއަވެވޭ ފަދަ ފަރުވާއަކަށް ހެދުމަށެވެ.

މިއޮޓްއިން ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތަމްރީންކުރަން ކުރާ މަސައްކަތްތަކަކީ ކޮބާ؟

އިންޑިއާގެ ނެޝަނަލް ބޯޑުން ބޭސިކް އެމްބީބީއެސް ކޯސް ފުރިހަމަކުރާ ޑޮކްޓަރުންނަށް ސްޕެޝަލިސްޓު ޑިގްރީ ހެދުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

އޭގެ ތެރެއިން ތަފާތު 17 ސުޕަ ސްޕެޝަލިޓީގެ ތަމްރީންތައް ކުރިއަށްދަނީ، ޑރ. ޕްރިތުވީ ވިދާޅުވާާ ގޮތުގައި މިއޮޓްގެ ތެރެއިންނެވެ.

މިއޮޓްގެ އިންފްރާސްޓްރަކްޗާ، ފަރުވާގައި ބޭނުންކުރާ ޒަމާނީ ގޮތްތައް

ހޮސްޕިޓަލްތަކުން އިންވެސްޓު ކުރުމުގައި ހާއްސަ އަހަމިއްޔަތުކަމެއް ދޭން ޖެހޭ އެއް ކަމަކީ، ޑރ. ޕްރިތުވީ ވިދާޅުވާަ ގޮތުގައި ފަރުވާއަށް ތަނަވަސް މާހައުލެއް އުފެއްދުމެވެ. އެއީ ދިގު މުއްދަތުގެ ފަރުވާ ނުވަތަ އެއްފަހަރާ ގިނަ ފަރުވާ ހޯދާ ބަލިމީހުންނަށް ވެސް ފަރުވާ ލިބި، ބަލިން ގަދަވުމަށްޓަކައި މުހިންމު ކަމެކެވެ.

މިއޮޓްގެ އިންވެސްޓްމަންޓަކުގައި އިސްކަންދެނީ، އޭނާ ވިދާޅުވި ގޮތުގައި:

  • ފެސިލިޓީތަކުގައި ތޮއްޖެހުން ކުޑަކުރުން

  • ބަލިމީހުންގެ ޕްރައިވެސީ ކަށަވަރުވާ ގޮތަށް ފަރުވާ ދޭ ތަންތަނާ ދެމެދު ހާއްސަ ޕާތުވޭތަކެއް ހެދުން

  • ފަރުވާ ނިމި، ރީހެބިލިޓޭޝަނާއި ރިކަވަރީއަށް ހިތްފަސޭހަ މާހައުލެއް އުފެއްދުމަށް

"ޓެކްނޮލޮޖީއަށް އިންވެސްޓު ކުރާއިރު ވެސް ބަލަން ޖެހެނީ ޕޭޝަންޓުންނާއި އެ ތަނެއް ހުންނަ ގައުމަކުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ. ބޭނުންވަނީ ސައިޑް އެފެކްޓްތައް މަދު، ސިމްޕަލް ޓްރީޓްމަންޓް ހެދޭ ފަދަ ޓެކްނޮލޮޖީތައް. ހަމަ އެގޮތަށް ފަރުވާގެ އަގު ކުޑަކޮށްދޭ ޓެކްނޮލޮޖީ ވެސް އެބަ ބޭނުންވޭ. އެހެންވީމަ މި ދެ ކަންތައް ވެސް ހާސިލުވާ ފަދަ ޓެކްނޮލޮޖީތަކަށް އަޅުގަނޑުމެން އިންވެސްޓު ކުރަނީ،" ޑރ. ޕްރިތުވީ ވިދާޅުވި އެވެ.

  • މިއޮޓް އިންޓަނޭޝަނަލްގައި ތެރަޕިއުޓިކް ފަރުވާ ހޯދާ ބަލިމީހުންނަށް ހާއްސަ ހީލިން ގާޑަން
  • މިއޮޓް އިންޓަނޭޝަނަލްގެ ކޮޓަރިއެއް
  • މިއޮޓް އިންޓަނޭޝަނަލްގެ އެޓްރިއަމް.

އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ކޮބާ؟

މިއީ މިއޮޓްއިން ދޭ ފަރުވާގައި ހިފަހައްޓަން އަމާޒުހިފާ ދެ ލަނޑުދަނޑި ހާސިލުވާ ފަދަ ޓްރީޓްމަންޓެކެވެ. އެ ދެ ކަމަކީ:

  • 1-

    ސައިޑް އެފެކްޓަކާ ނުލައި އަވަސް ރިކަވަރީއެއް ލިބޭ ފަރުވާއަކަށް ވުން

  • 2-

    އަގުހެޔޮވުން

މިއީ ފަރުވާ ކުރުމުގައި ހަށިގަނޑު ބޮޑު ބައެއް ކަފާލަން ނުޖެހި، ރޭޑިއޮލޮޖީގެ އެކި ގޮތްތައް (މިސާލަކަށް އެކްސްރޭ، ސީޓީ އަދި އަލްޓްރާސައުންޑް ފަދަ އެކި ކަހަލަ ސްކޭންތައް) ބޭނުންކޮށްގެން ބަލިތައް ދެނެގަނެ ފަރުވާ ކުރާ ޓްރީޓްމަންޓެކެވެ.

ޖެނިިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން (ޖީއޭއީ) އަކީ ކޮބާ؟ މިއީ ކިހާ ކާމިޔާބު ޕްރޮސީޖާއެއް؟

މިއީ (އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ބޭނުންކޮށްގެން) ކަކުލު ހުޅުގެ ތަދުތަކަށް ފަރުވާކުރާ 'އިންވޭޝަން' ކުޑަ ގޮތެކެވެ. މި ޓްރީޓްމަންޓުގައި ޕިންހޯލްއެއް (ޕިނެއްހާ ހަނި ލޯވަޅެއް) މެދުވެރިކޮށް ކަކުލަށް ތަދު އިހުސާސްވާން މެދުވެރިވާ ނާރުތައް ބްލޮކްކޮށްލަ އެވެ.

ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ޕްރޮސީޖާ

ޑރ. ޕްރިތުވީ ވިދާޅުވީ ޖީއޭއީގެ ފަރުވާ ވަރަށް ގިނަ މީހުން ހޯދާ ކަމަށެވެ.

"މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 100އަށް ވުރެ ގިނަ ޕޭޝަންޓުންނަށް މި ފަރުވާ އަޅުގަނޑުމެން ދީފިން،" އޭނާ ވިދާޅުވި އެވެ.

"ކޭސް ސްޓަޑީތަކަށް ބަލާއިރު ވަރަށް ޒުވާނުން ޕޭޝަންޓުން ވެސް އެބަތިބި. އާތުރައިޓިސްގެ ކުރީ ސްޓޭޖުތަކުގައި ގަދަ ވޭން އިހުސާސްކުރަމުންދާ، އާންމު ދިރިއުޅުމަށް ދާން ބޭނުންވާ މީހުން އެއީ. އެ މީހުން ބޭނުމެއް ނުވޭ އާޓިފިޝަލް ޖޮއިންޓެއް. އެހެންވީމަ ޖީއޭއީއަކީ މިކަމަށް އޮތް ހައްލެއް."

ޑރ. ޕްރިތުވީ ވިދާޅުވީ މި ފަރުވާއާ އެކު ވަގުތުން ތަދު ކެނޑި، ދެ ދުވަހުގެ ތެރޭގައި ކަކުލުގެ މޫވްމަންޓް އަނބުރާ ލިބެ އެވެ.

ޒުވާނުންގެ އިތުރުން މި ފަރުވާ އެކަށީގެންވާ މީހުންގެ ތެރޭގައި:

  • ބޮޑު ސާޖަރީއެއް ކުރަން ބޭނުންނުވާ/ ޖެނެރަލް އެނަސްތީސިއާ ބޭނުންނުވާ މީހުން

  • ނޭވާލުމުގެ މައްސަލަތައް ހުންނާތީ ބޮޑެތި ސާޖަރީތައް ހަދަން ބިރުގަންނަ މީހުން

  • ބޮޑެތި ހިތުގެ ބަލިތައް ހުންނަ މީހުން

ޖީއޭއީއަކީ އެހެން ސާޖަރީތަކާއި ބަލިތަކަށް ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ކާންޖެހޭ ބޭސްތައް ހުއްޓާނުލައި ކުރިއަށްގެންދަމުން ވެސް ހެދޭ ޕްރޮސީޖާއެކެވެ.

މިއޮޓް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތުވީ މޮހަންދަސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއޮޓްއިން ރާއްޖޭގައި ދެނީ ކޮން ހިދުމަތްތަކެއް؟

މިދިޔަ ހަތް އަހަރުގެ ތެރޭގައި ސަރުކާރާ ގުޅިގެން މިއޮޓްއިން އަންނަނީ ރާއްޖޭގައި ވެސް ހިދުމަތްތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގަި ލިބެން ނެތް ހިދުމަތްތައް ވެސް ހިމެނެ އެވެ.

"އައިޖީއެމްއެޗްގައި އަޅުގަނޑުމެން ނިއުރޯސާޖަރީ، މެޑިކަލް ގެސްޓްރޯއެންޓެރޮލޮޖީ އަދި އެނެސްތީސިއޮލޮޖީގެ ހިދުމަތްތައް ދެން. އަދި ކުޅުދުއްފުއްޓާއި އައްޑޫއަށް ވެސް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" ޑރ. ޕްރިތުވީ ވިދާޅުވި އެވެ.

ސަރުކާރާ ގުޅިގެން މި ހިދުމަތްތައް ދެމުން އައި ނަމަވެސް، އޭނާ ވިދާޅުވީ ދިވެހިން ފަރުވާއަށް ބޭރަށް ދާން ޖެހޭ ދިއުން މަދުކުރުމަށްޓަކައި ބައެއް ހިދުމަތްތައް ތައާރަފް ކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭން ބޭނުންވަނީ ސްޓްރޯކްގެ ފަރުވާ އާއި ސްޓްރޯކް ރީހެބިލިޓޭޝަނަށެވެ.

މިއޮޓްގެ ހިދުމަތްތައް ހޯދާނީ ކިހިނެއް؟

ހިދުމަތް ހޯދުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ހިނގާނެ ހަރަދު ހޯދުމަށްފަހު އާސަންދައަށް އެދުމެވެ. މިއޮޓްއަކީ އާސަންދައިން ބަލައިގަންނަ ހެލްތުކެއާ ހިދުމަތް ދޭ ތަނެކެވެ. އެހެންކަމުން ފަރުވާގެ ހަރަދުތައް އާސަންދައިން ކަވަރުކޮށްދޭނެ އެވެ.

މިއޮޓްއަށް ދިއުމުގެ ކަންކަމާއި އެޑްރެހާއި ލޯކަލް ރެޕްރެޒެންޓޭޓިވްސް އާއި އެހެނިހެން މައުލޫމާތު އެ ހޮސްޕިޓަލުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

މިއޮޓްގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޑރ. ޕްރިތުވީ ވިދާޅުވީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމި، އިއުލާންކުރައްވާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް